...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އެނދި ރޮށި

އޭނާގެ އާދައިގެ މަތިން، ބުރަ ދުވަހެއްގެ މަސައްކަތްތައް ނިންމާލުމަށް ފަހު، ރޭގަނޑުގެ ކެއުން މޭޒުމަތީގައި އަތުރާލިއެވެ. އޭނާގެ ފިރިމީހާއާއި ދަރިފުޅު ވެސް ކާން އައިސް އިނެވެ.

މިއަދު އޭނަ ތައްޔާރުކޮށްފައި ހުރި ރޮށި ހުރީ ކުޑަކޮށް އަނދައިފައެވެ. ފިރިމީހާއަށް މުރަނަ ރޮށި މީރުވުމުން، ރޮށި މުރަނަ ކުރަން އުޅުމުގެ ތެރޭގައި، އެހެން އެތައް ކަމެއް ވެސް ކުރަމުން ގެންދިޔައީތީ، ރޮށި ކުޑަކޮށް އެނދީއެވެ.

ފިރިމީހާ ކާންފެށިއެވެ. ރޮއްޓާއި އަދި ރޮއްޓާ އެއްކޮށް ކާން ހަދާފައި ހުރި މަސްހުންޏާއި ކުޅި ރިހައާ ޖަހައިގެންނެވެ.

އެ ވަގުތު އަންހެނުން، ކުޑަކޮށް ޖެހިލުންވެ ހުރެ، ބުންޏެވެ. "މިއަދު، ރޮށި ކުޑަކޮށް އަނދާ ގޮތް ވީއެވެ. މުރަނަ ކުރަން އުޅުމުގައި އެހެން ކަމެއް ވެސް ކުރަން އުޅެން ހަދައިގެންނެވެ." ދެން، ހިނިތުންވެލާފައި ފިރިމީހާ ބުންޏެވެ. "އެކަމާ އެއްގޮތަކަށް ވެސް އަޅާނުލާށެވެ! އެހެނީ، އަހަންނަށް މުރަނަ ރޮށި މީރީ ރޮށި ކުޑަކޮށް އަނދާފައި ހުރީމައެވެ."

ދެން، ދަރިފުޅު ވެސް ކައި ނިމުމުން، ބައްޕަ، ދަރިފުޅު ނިންދަވަން ކޮޓަރިއަށް ގެންދިޔައެވެ. ކޮޓަރިއަށް ގޮސް އެނދުގައި އޮށޯވެފައި ދަރިފުޅު ބައްޕައަށް ބުންޏެވެ. "ބައްޕާއެވެ. ބައްޕަ ބުނުއްވީ ހަމަ ރަނގަޅަށް ހެއްޔެވެ؟ ބައްޕަ އަށް ބޮޑަށް ގަޔާވެލައްވަނީ އެނދި ރޮށި ހެއްޔެވެ؟"

ދެން، ހީނލައްވާފައި ބައްޕަ ބުނުއްވިއެވެ. "މަންމަ އުޅެނީ އަބަދުވެސް، ކިހާ ބުރަކޮށް ހެއްޔެވެ؟ އެހެން އުޅޭއިރު ބައެއް ފަހަރު ރޮށި އަނދަން ވެސް ދިމާވެދާނެ ނޫން ހެއްޔެވެ؟ އެއީކީ އެހާ ބޮޑު މައްސަލައެއް ނޫނެވެ. ކުޑަކޮށް އަނދާފައި ހުރި ރޮއްޓެއް އެއްފަހަރު ކާލައިގެން ގެއްލުމެއް ވެދާނެ ހެއްޔެވެ؟ ނުވާނެ ނޫން ހެއްޔެވެ؟ ހަޔާތަކީ އުނި ކަންކަމުން ފުރިފައިވާ އެއްޗެކެވެ. ދުނިޔޭގައި ހުރިހާ ކަމެއް އަބަދު ފުރިހަމައަށް ކުރެވޭ އެކަކު ވެސް ނުހުންނާނެއެވެ. އެހެންވީމާ، އޮޅިގެން އެހެންވާ ކަންތައް ފެންނަ ކަމަށް ހަދައިގެން ނުވާނެއެވެ. ދަރިފުޅު ނިކަން ބޭރުގައި ހުރި ބޮޑު ޖަނބުރޯލު ގަހަށް ބަލާލަ ބަލާށެވެ. އެގަހަށް ކެނޑިނޭޅި އަބަދު ގަދަ ވައި ޖެހޭ ކަމަށް ވަންޏާ ގަހުގެ ފަތްކޮޅާއި ޖަނބުރޯލުތަކާއި އޮފިތައް ވެސް ފައިބައިފާނެ ނޫން ހެއްޔެވެ؟ އެހެންވެ، ފެންނަ ކުދިކުދި ކަންތަކާ މެދު، އަބުދު ޝަކުވާކޮށް އެއްޗެހި ކިޔައި، މީހުން ހިތުގައި ޖައްސަން ވެއްޖެ ނަަމަ، ގުޅުންތައް ދެމެހެއްޓޭނެ ހެއްޔެވެ؟ ގަހަށް ގަދައަށް ވައިޖެހި، ފަތްކޮޅާއި މޭވާކޮޅު ފައިބައިގެންދާ ފަދައިން، އަބަދު ޝަކުވާކޮށް ކުދި ކިޔަން ވެއްޖެ ނަމަ، ގުޅުންތައް ވެސް ހީނަރުވެ، ކެނޑި، ނެތިދާ ގޮތް ވެދާނެއެވެ!"

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.