Support Us

ތާރީޚުގެ ލުއި ކިޔާލުމެއް

މަތީގައިވާ ތަސްވިރުން އެ ފެންނަނީ އޮސްޓްރިޔާގެ ވަލިޔުއްލް އަހުދު ފްރޭންޒް ފާޑިނަންޑާއި އޭނާގެ އަނބިކަނބަލުން، 1914 ވަނަ އަހަރުގެ ޖޫން 28 ވަނަވި ދުވަހު އަވަހާރަކޮށްލި މަންޒަރެވެ. އެ ދެބޭފުޅުން އަވަހާރަކޮށްލީ ސާރބުންގެ ގައުމިއްޔަތައްޓަކައި މަސައްކަތްކުރި ގެވްރީލޯ ޕްރިންސިޕްއެވެ. އާދެ، މިއީ ތާރީ ހަގީގަތެކެވެ. ދެން، މި ގެވްރީލޯ ޕްރިންސިޕްގެ ސިޔަރަތުން ތަންކޮޅަކާއި އޭނާގެ ގާތިލީ މިއަމަލުން ކުރި އަސަރުގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟

ބުނެވޭ ގޮތުގައި ގެވްރީލޯ ޕްރިންސިޕް ބޭނުންވީ ސާރބުންގެ އަސްކަރީ ޖަމާއަތާ ގުޅިގެން، ސާބުންގެ މިނިވަންކަން ހޯދުމުގެ ހަނގުރާމައިގައި ބައިވެރިވުމެވެ. ނަމަވެސް، ގެވްރީލޯ ޕްރިންސިޕްއަކި ކުޑަ މީހަކަށް ވުމުން، އޭނާއަށް އެ ޖަމާއަތުގައި ބައިވެރި ނުވެވުނެވެ. ދެން، އޭނާ ގަސްދުކުރީ އޭނާގެ ހިއްވަރާއި ކެރުން ސާބިތުކޮށްދޭށެވެ. އާދެ، އެކަމަކީ މީހާގެ ކުޑަ ބޮޑު މިނާ ގުޅޭ ކަމެއް ނޫންކަން އެންމެނަށް އަންގައިދޭށެވެ. މިކަން އަންގައިދިނުމުގެ ގޮތުން އޭނާ ކުރީ ކީއްހެއްޔެވެ؟ އޮސްޓްރިޔާގެ ވަލިޔުއްލް އަހުދު ފްރޭންޒް ފާޑިނަންޑާއި އޭނާގެ އަނބިކަނބަލުންގެ ގައިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލުމެވެ. ދެން، ކަންތައް ވެގެން ދިޔައީ ކިހިނެއް ހެއްޔެވެ؟

އޮސްޓްރިޔާއިން ސާބިޔާއާ ދިކޮޅަށް ހަނގުރާމަ އިއުލާނު ކުރުމެވެ.

މި އިއުލާނުކުރުމާ ވިދިގެން، ރޫސީން ނުރުހި، އޮސްޓްރިޔާއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރިއެވެ.

ދެން، މިކަމާ ނުރުހި، ޖަރުމަނުގެ ފަރާތުން ރޫސީންނާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރިއެވެ.

މިކަމާ ވިދިގެން ފަރަންސޭސީން ނުރުހި، ޖަރުމަނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރިއެވެ.

ދެން، ޖަރުމަނުން ނިންމީ އެންމެ ފުރަތަމަ ފަރަންސޭސީންގެ ބާރު ދުއްވާލާށެވެ. އެ ކަން ހާސިލުކުރުމުގެ ގޮތުން، ޖަރުމަނުން ބެލްޖިއަމަށް އަރައިގަތެވެ.

މިކަމާ ނުރުހި، އިނގިރޭސިން، ޖަރުމަނާ އިދިކޮޅަށް ހަނގުރާމަ އިއުލާނުކުރިއެވެ.

ދެން، އުސްމާނީން ޖަރުމަނާ ބައިވެރިވެ، ޖަރުމަނާ އިދިކޮޅު އެންމެނާ ހަނގުރާމަކުރަން ނިންމިއެވެ.

އާދެ، ފުރަތަމަ ބޮޑު ހަނގުރާމަ ފެށުނީއެވެ. އަދި، އެ ހަނގުރާމައިގެ ސަބަބުން، 16 މިލިޔަން މީހުން މަރުވެ، އެތައް މިލިޔަން މީހުންނަށް ވީނުވީ ގޮތެއް ނޭނގި ގެއްލި އަދި ޒަޚަމްވެސް ވިއެވެ. މީގެ އިތުރުން، މުޅި ޔޫރަޕުހެން ފުނޑުފުނޑުވިއެވެ.

މި ހުރިހާ ކަމެއް ދިމާވީ ކީއްވެ ހެއްޔެވެ؟ އެއްކަލަ ގެވްރީލޯ ޕްރިންސިޕްއަށް ސާބުންގެ އަސްކަރީ ޖަމާއަތާ ނުގުޅުނު ކަމެވެ. ކީއްވެގެންތޯ ހަނދާންކޮށްލާށެވެ! އޭނާއަކީ ތަންކޮޅެއް ކުޑަ މީހަކަށް ވުމެވެ. އާދެ، ދުނިޔޭގެ ބޮޑު ހަނގުރާމައެއް ފެށި، މުޅި ދުނިޔެ ފުނޑުފުނޑުވާން ދިމާވީ މީހެއްގެ ކުޑަކަމުގެ ސަބަބުންނެވެ. އެހެންވެ، ކުދިކޮށް ތިބޭ މީހުން ދެކެ ބިރުގަންނަން ޖެހެއެވެ! އެމީހުން އެދޭ ކަންތައް ކޮށްދޭން ޖެހެއެވެ!؟ މި ލިޔުނީވެސް އެ ކަހަލަ މީހެކެވެ.