Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އިލްމުވެރިކަމަށްވުރެ ނެށުމުގެ އަގު ބޮޑުވުން

 

މިއީ މިސުރުގެ މަޝްހޫރު ދެ މީހެއްގެ ވާހަކައެވެ. އެކަކީ މަޝްހޫރު އިލްމުވެރިއެކެވެ. ޑރ. ހާމިދު ޖައުހަރެވެ. އޭނާގެ އިލްމީ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އޭނާއަށް ދައުލަތުގެ ފަރާތުން ޚާއްސަ އިނާމުތައް އަރުވައިފައި ވެއެވެ. އަނެކަކީ މަޝްހޫރު ނެށުންތެރިއެކެވެ. ނަމަކީ ސަހީރު ޒަކީއެވެ.

މި ދެ މީހުންނަކީ ވެސް މިސުރުގެ ޓީވީގައި މަސައްކަތް ކުރާ ދެމީހުންނެވެ. ޑރ ޖައުހަރަކީ ޓީވީގައި 'ކަނޑުގެ ދުނިޔެ' މި އިލްމީ ޕުރޮގުރާމެއް ހުށަހަޅާ އިލްމުވެރިއެކެވެ. ސަހީރަކީ ނަށައި މުނިފޫހިފިލުމުގެ ޕުރޮގުރާމެއް ހުށަހަޅާ ފަންނާނެކެވެ.

މި ދެ މީހުން ވެސް 1980ގެ ކުރީކޮޅުގެ އަހަރެއްގައި އެ މީހުންގެ މަސައްކަތުގެ އުޖޫރަ ހޯދަން ދިޔައެވެ. ޑރ. ޖައުހަރަށް ލިބެނީ ގާތްގަނޑަކަށް މިސުރުގެ ފަންސަވީހަކަށް ޕައުންޑެވެ. ސަހީރަށް 250 ޕައުންޑެވެ. ސަހީރު އޭނާގެ އުޖޫރަ ނަގައިފައި ބުންޏެވެ. "ފަނަރަ މިނެޓުގެ ނެށުން ހުށަހަޅާލީމާ ލިބެނީ ހަމައެކަނި 250 ޕައުންޑު ހެއްޔެވެ؟"

ދެން، ޑރ. ޖައުހަރު، ސަހީރާ މުޚާތަބުކޮށް ބުންޏެވެ. "އެތައް ފޮތެއް ބަލައި، ކިޔައި، ލިޔުންތައް ލިޔެ، އެތައް ވަގުތެއް ހޭދަކުރީމާ އަހަންނަށް ލިބެނީ 25 ޕައުންޑެވެ. އެކަމާ އަހަރެންގެ ޝަކުވާއެއް ނެތެވެ."

ދެން، ޑރ. ޖައުހަރަށް، ސަހީރު ބުންޏެވެ. "ބައްލަވާ ޑރ. އެވެ. މަނިކުފާނު ނައްޓަވަން ވަޑަައިނުގަތުމަކީ އަޅުގަނޑުގެ މައްސަލައެއް ހެއްޔެވެ؟"

އެހެންވީމާ، ލިޔެ ކިޔުމުގެ ސަގާފަތެއް ނެތް، ދިހަ ވަރަކަށް ފޮޅުވަތް ކިޔާލުމަކީ ވެސް ބޮޑު ބުރައެއް ކަމެއްގެ ގޮތުގައި ދެކި، ކޮންމެ އެއްޗެއް ދެ ލަފްޒުން ޚުލާސާކުރަން ބޭނުންވާ ބައެއްގެ ތެރޭގައި، ބޮޑެތި މުސާރަތައް ދީފައި، މަސްތުގެ ހާލަތުގައި ޖެހި، ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ މީހުންނާއި، ރަނގަޅަށް ލިޔަންކިޔަން ވެސް ނޭނގޭ މީހުން މަޖުލިހުގައި ތިބުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ!

(ޚުލާސާ ތަރުޖަމާއެއް)