Support Us

ކޮލަމް ކޯދު: ކައިވެނީގެ ތަޖުރިބާތަކުގެ ތެރެއިން އިވޭ ބައެއް ލުއި އަޑުތައް

ތިރީގައި މި ވަނީ ކައިވެނީގެ ތަޖުރިބާތަކުގެ ތެރެއިން އިވޭ ބައެއް ލުއި އަޑުތަކެވެ.

  1. ވިސްނުންތެރި ފިރިއަކު ބުނެފައި އޮވެއެވެ. ކައިވެންޏަކީ ވަރަށް ވެސް ވަރުގަދަ ގުޅުމެކެވެ. އެ ގުޅުމުގައި ހިމެނޭ އެކަކު އަބަދުވެސް ހުންނާނީ ރަނގަޅު ކޮޅުގައެވެ. އަނެއް ކޮޅުގައި އަބަދުވެސް ހުންނާނީ ފިރިމީހާއެވެ.
  2. ފިރިމީހާ (އޭނާގެ ރަހުމަތްތެރިއާއަށް): ރޭ ވަރަށް ބޮޑަށް އަހަރެންގެ އަންހެނުންނާ ދެބަސްވެ، ޒުވާބު ކުރެވުނެވެ. ނަމަވެސް ފަހުން، އަންހެނުން ގުދުވެ، ދެކަކޫ ޖަހައިގެން ފިރުކިފައި އަހަރެން ކައިރިއަށް އައެވެ.

ރަހުމަތްތެރިޔާ: ވަރަށް ރަނގަޅުތާއެވެ! ދެން، އަނބިކަނބުލޭގެ ބުނީ ކީކޭ ހެއްޔެވެ؟

ފިރިމީހާ: އޭނާ ބުނީ މިހެންނެވެ: އޭ މި އޮތް ބޮޑު ފިނޑިއާއެވެ! އެނދު ދަށުން ހަމަ މިހާރު ނިކުންނާށެވެ!

  1. އޭނާގެ ރަހުމަތްތެރިޔާ ގާތު މީހަކު ބުންޏެވެ. "މިއުޅެނީ ވަރަށް ބޮޑު ކަމެއް ދިމާވެގެންނެވެ. ކުރީ ދުވަހު، އަންހެނުން އޭނާގެ ތުންފަތުގެ ކުލަލާ ދަނޑިކޮޅު ދިއްކޮށްލަން ބުނީމާ މަށަށް އޮޅިގެން ދިއްކޮށްލެވުނީ ތެރަސް ދަނޑިކޮޅެވެ. އޭގެ ފަހުން، މިހާރު، އޭނައަށް އަހަންނަކާ ވާހަކައެއް ނުދެއްކެއެވެ.
  2. ބާޒާރު މަތިން ދިމާވި ވަރަށް ރީތި ޒުވާން އަންހެން ކުއްޖެއް ކައިރިއަށް ޖެހިލާފައި މީހަކު ބުންޏެވެ. "ކަމަނާއެވެ! އަހަރެން މިއުޅެނީ އަހަރެންގެ އަންހެނުން ވީނުވީ ތަނެއް ނޭނގި މިތަނަށް ގެއްލިގެންނެވެ!" ދެން، އެ ޒުވާން އަންހެން ކުއްޖާ ބުންޏެވެ. "ދެން ތިކަމާ އަހަންނަށް ކޮށްދެވޭނީ ކޮން ކަމެއް ހެއްޔެވެ؟" ޖަވާބުގައި ފިރިހެން މީހާ ބުންޏެވެ. "ކުޑަ އިރުކޮޅެއް ވަންދެން މިތާ އަހަރެން ކައިރީ ވާހަކަދައްކާލަން މަޑުކޮށްލަންވީއެވެ. ޒުވާން އަންހެން ކުއްޖަކާ އަހަރެން ވާހަކަ ދައްކާލާ ތަނުން، އޭނައަށް އެތަން ފެންނާނެއެވެ. ދެން، ހުރި ތަނަކުން ނިކުމެގެން، ވަރަށް އަވަހަށް އަހަރެން ކައިރިއަށް އޭނަ އަންނާނެއެވެ!"
  3. ފިރިމީހާ އަންހެނުން ގާތު ވަރަށް ލޯބިން އެއްސެވެ. "އަހަރެން މަރުވުމުން، އެހެން މީހަކާ ކައިވެނި ކުރާނަން ހެއްޔެވެ؟" އަންހެނުން ވެސް ހަމަ އެހާ ލޯބިން ބުންޏެވެ. "ނޫނެކެވެ. އޭރުން އަހަރެން އުޅޭނީ އަހަރެންގެ ހަގު އުޚުތާ އެކުގައެވެ."

ދެން، އަންހެނުން ވެސް ހަމަ އެ ސުއާލު ފިރިމީހާއާ ކުރިއެވެ. "އަހަރެން މަރުވުމުން އެހެން މީހަކާ އިންނާނަން ހެއްޔެވެ؟

ޖަވާބުގައި ފިރިމީހާ ބުންޏެވެ. "އޭރުން، އަހަންނަށް ވެސް، ކަލާގެ ހަގު އުޚުތާއެކު އުޅެވިދާނެ ނޫން ހެއްޔެވެ؟"

  1. ގާޒީ: އިނބަ، އިނބަގެ ފިރިމީހާއާ ދިމާއަށް ގޮނޑި އެއްލާލީ ކީއްވެގެން ހެއްޔެވެ؟

އަނބިމީހާ: އެތާ ހުރި މޭޒު، އަހަންނަށް އުފުއްލާލެވޭ ވަރަށް ވުރެ މާ ބަރުވީމައެވެ!"

  1. ޕޮލިސް އޮފިސަރު: ކުރެޑިޓު ކާޑު ވަގަށް ނެގި ވާހަކަ ކުރިން ރިޕޯޓު ނުކުރީ ކީއްވެ ހެއްޔެވެ؟

ކާޑުގެ ވެރި މީހާ: ކާޑު ވަގަށް ނެގި ވަގު ކަލޭގެ ކާޑު ބޭނުންކޮށްގެން ކުރާ ޚަރަދު، އަޅުގަނޑުގެ އަންހެނުން އެ ކާޑު ބޭނުން ކޮށްގެން ކުރާ ޚަރަދަށް ވުރެ ކުޑަވީމައެވެ.

ޕޮލިސް އޮފިސަރު: ދެން، މިހާރު ކާޑު ވަގަށް ނެގި ވާހަކަ ތި ރިޕޯޓުކުރަނީ ކީއްވެގެން ހެއްޔެވެ؟

ކާޑުގެ ވެރި މީހާ: މިހާރު، އެ ކާޑު ބޭނުން ކުރަނީ ވަގުކަލޭގެ އަންހެނުންނެވެ!

  1. ހަކީމަކު ބުންޏެވެ. "މީހަކާ ނީނދެ ހުންނަ އިރު، އަބަދުވެސް ކަލެއަށް ފެންނާނީ ކައިވެނި ކޮށްގެން އުޅޭ އުފާވެރި ކައިވެނީގެ ޖޯޑުތަކެވެ. ނަމަވެސް، ކައިވެނި ކުރުމަށް ފަހު، ދެން އަބަދުވެސް ކަލެއަށް ފެންނާނީ ކައިވެނި ނުކޮށް އުޅޭ އުފާވެރި ވަކި ވަކި ފަރުދުންނެވެ!"
  2. ޑޮކްޓަރު: އިނބަ އެއްވެސް ކަހަލަ ނުރައްކާތެރި، ހަށިގަނޑަށް ގެއްލުން ލިބިދާނޭ ކަހަލަ، ކުޅިވަރެއް ކުޅެމުހެއްޔެވެ؟

ބަލިމީހާ: އާދޭހެވެ. ބައެއް ފަހަރު، އަޅުގަނޑު، އަޅުގަނޑުގެ އަންހެނުން ބުނާ އެއްޗަކާ އިދިކޮޅު ހަދަމެވެ.

10. ބުއްދިވެރި ހަކީމަކު ކުރެން، އެއްދުވަހަކު، މީހަކު އެއްސެވެ. "އޭ ބުއްދިވެރިޔާއެވެ! އަހަރެންގެ ހުރި ނަމަ ހުރި އައިބެއް އަހަރެން ފިލުވާލައި އިސްލާހުވާން އަހަރެން ބޭނުމެވެ. އެހެންވީމާ، އަހަރެންގެ އައިބުތައް އެންމެ ފަސޭހައިން އަހަންނަށް އެނގޭނޭ ގޮތެއް ބުނެދީފާނަން ހެއްޔެވެ؟"

ބުއްދިވެރި ހަކީމު: ތިއީ ދާދި ފަސޭހައިން އެނގިގަނެވިދާނޭ ކަމެކެވެ. އިނބަގެ އަންހެނުންގެ ހުރި އެންމެ އައިބެއްގެ ވާހަކަ އޭނާ ގާތު ބުނާށެވެ! އޭރުން އިނބަގެ ހުރި ހުރިހާ އައިބުތަކާއި އަދި އިނބަގެ އާއިލާގެ ހުރިހާ އެންމެންގެ ހުރި ހުރިހާ އައިބުތަކާއި އިނބަގެ ހުރިހާ ރައްޓެހިންގެ ހުރި ހުރިހާ އައިބުތަކާއި އިނބަގެ އަވަށްޓެރިޔާގެ ހުރި ހުރިހާ އައިބުތަކާއި އަދި، އޭގެ އިތުރުން، އިނބަގެ އަވަށްޓެރި ގައުމުތަކުގެ މީހުންގެ ހުރި ހުރިހާ އައިބުތަކުގެ ވާހަކަ ވެސް އިނބަގެ އަންހެނުން އިނބައަށް ކިޔައިދޭނެއެވެ.