Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ- ރައްޔިތުން ވާވެއްދުން

މަތީގައި އެ ފެންނަ ތަސްވީރު ބުނެދެނީ ކޮން ވާހަކައެއް ހެއްޔެވެ؟ ބޮޑެތި އެއްވުންތައް ބާއްވައި، ހޮޅި ވާހަކަތައް ދައްކައިގެން ރައްޔިތުން ވާވައްދައި ގުނބޯ ހެއްދުމުގައި ބައެއް ސިޔާސީ ވެރިން ދެމިތިބެއެވެ. މުޖުތަމައުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ނުކޮށް، މި ފަދަ ސިޔާސީ ވެރިން، އެމީހުންގެ ބޮޑުކަން ދައްކައި އެ މީހުންގެ އަމިއްލަ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން، ރައްޔިތުންގެ ޖީބާށް އަތް ބާނައިގެން ފައިސާ ނެގުމުގައެވެ. ނަމަވެސް، މިކަން މި ގޮތަށް ވާން މެދުވެރިކުރުވަނީ ކޮން ބައެއް ހެއްޔެވެ؟ އެފަދަ މީހުންގެ ހޮޅި ވާހަކަތައް އަޑުއަހައި، ތިމާމެންގެ ޖީބަށް އަތްލާން ދޫކޮށްލައިގެން ތިބެ، އެ މީހުންގެ ފައިސާ ނެގުމުން، އަތްޖަހަމުން ދާ، ވާވެއްދުމާއި ގުނބޯ ހެއްދުމުގެ އެކަށޭނަކަން ލިބިގެން ތިބި އާންމު ރައްޔިތުންނެވެ.

އެ ފަދަ ބޭކާރު ސިޔާސީ އެއްވުންތަކަށް ނުގޮސް، ހުރިހާ ސިޔާސީވެރިން ވެސް އެމީހުންގެ ގައުމީ ވާޖިބު، ގައުމަށް ކުރިމަތިވެފައިވާ ބޮޑެތި ގައުމީ މައްސަލަތައް، ހައްލުކުރުމުގެ މަސައްކަތް ކުރުމަށް ގޮވާލައި އެކަން އެ މީހުންނަށް ހަނދާން ކޮށްދިނުމުގައި އާންމުން ތިބެއްޖެ ނަމަ، އެ ފަދަ ސިޔާސީ ވެރިންނަކަށް ކުރިން ބުނި ގޮތަށް ކަންތައް ކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. ތަސްވީރުން ދައްކާ ގޮތަށް، ސިޔާސީ ވެރިންގެ، ނިޒާމީ ވާހަކަތައް ފަދަ، ތާކުންތާކު ނުޖެހޭ ބޭކާރު ވާހަކަތައް އަޑުއަހަން ނުދާ ނަމަ، އެމީހުން ކޮޅަށް ތިބޭނޭ ފިލައެއް ނޯންނާނެއެވެ!

ބޭކާރު ވާހަކައޭ ބުނަން ޖެހެނީ، މުޖުތަމައުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ވަކި ކަހަލަ ވެރިކަމުގެ ނިޒާމެއް ބޭނުމްއް ނުވެއެވެ. މީގެ ކުރިން ވެސް، ރާއްޖެއަށް ކުރިމަތިވާ ބޮޑެތި މައްސަލަތައް ހައްލުކުރަމުން ދިޔައެވެ. މިކަން ކުރުމަށް ބޭނުންވަނީ ގާބިލު، ކެރޭ ސިޔާސީ މީހުންނެވެ. އެހެންވެ، އެމީހުންގެ މަސްއޫލިއްޔަތު އަދާނުކޮށް ބޭކާރު އެއްވުންތައް ބާއްވައި ރައްޔިތުން ފައިސާ އިސްރާފުކުރާ ސިޔާސީވެރިންނާ ދުރަށް ދާން ކޮންމެ މީހަކަށް ވެސް ޖެހެއެވެ! އެހެން ހަދައިފި ނަމަ… ތަސްވީރުން އެފަންނަ ފިލާމަތިން އާންމުން ދުރަށް ޖެހިލައިފި ނަމަ، އަމިއްލަ އެދުމައިގެން އުޅޭ ސިޔާސީވެރިންނަށް ވެސް ވާނީ އެ ފިލާގެ އަނެއްކޮޅުގައި ހުރި މީހާއަށް ވާނޭ ގޮތެވެ!

މި މަގާމުގައި ހަނދާންކޮށްލުން މުހިއްމު އެހެން ކަމެއް ވެސް އެބަ އޮތެވެ. މި ނަންގަތް ފަދަ ސިޔާސީވެރިންނަށް އެމީހުންނަށް އެ ތިބެވޭ ސިިޔާސީ ފިލާގެ ކޮޅު ނޭނގޭ ކަމެވެ. އެ މީހުން ހީކުރަނީ އެ މީހުން އައިސް ތިބި ހިސާބަކަށް އައިސް އެ ތިބީ އެ މީހުންގެ އަމިއްލަ މޮޅުކަމާއި ބާރުން ކަމެވެ. ކީރިތި ގުރުއާނުގައި އެފަދަ މީހުންގެ ބޮޑާ ބަސް އިބާރާތް ކުރެވިފައި ވަނީ މިފަދައިންނެވެ. "إني أوتيته على علم…" އަހުރެންނަށް މި ކަންކަން ލިބިގަނެވިފައިވަނީ އަހަރެންގެ ކިބައިގައި ހުރި އިލްމުވެރިކަމާއި ހުނަރުގެ ސަބަބުންނެވެ…" އެމީހުންނަށް އެ މަގާމަށް އާދެވުނީ، އެބަޔަކަށް އެމީހުން މިހާރު ޚިޔާނަތްތެރިވަމުންދާ އާންމު ރައްޔިތުންގެ ސަބަބުންކަމެއް އެއްގޮތަކަށް ވެސް ހަނދާނެއް ނުހުރެއެވެ!