...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ހާލަކާއި ހިޔަޅެއްގެ ވާހަކަ

އެއް ދުވަހަކު ހާލެއް ބިން ހޮވައި ކާން މަގުމައްޗަށް ނުކުތެވެ. ހާ ބިންހޮވައި ކާން އުޅެނިކޮށް ފަހަތުން ހިޔަޅެއް އަންނަތަން ފެނުނެވެ. ދެން، ހިޔަޅުގެ އަތުޖެހުނަ ނުދިނުމަށްޓަކައި އެ ހާ ދުވެ ގޮސް ކައިރީ ހުރި ގަހަކަށް އެރިއެވެ.

ގަސް ކައިރިއަށް ހިޔަޅު އައިސް ހާލާ މުޚާތަބުކޮށް ވަރަށް އޯގާތެރިކަމާ އެކު ބުންޏެވެ. "އޭ ލޮބުވެތި އަޚާއެވެ! ޖަންގަލީގެ އެންމެ ފަހުގެ ގާނޫނުގެ ވާހަކަ އިނބަ ނާހަމު ހެއްޔެވެ؟ ޖަންގަލީގެ ރަސްގެފާނުގެ އެންމެ ފަހުގެ ގާނޫނަކީ ޖަންގަލީގެ ޖަނަވާރުންގެ މެދުގައި ސުލްހަ މަސަލަސްކަން ގާއިމުކޮށް ޖަންގައްޔަށް ފުރިހަމަ އަމަންއަމާންކަން ގެނައުމުގެ މާތް ގާނޫނެވެ. މި ގާނޫނު ނިޔާކުރާ ގޮތުން، އެއްވެސް ޖަނަވާރެއް އަނެއް ޖަނަވާރަކަށް ގެއްލުމެއް ދީގެން ނުވާނެއެވެ. އަދި، އަމުދުން، އެއް ޖަނަވާރެއް އަނެއް ޖަނަވާރު ކައިގެން ނުވާނެއެވެ. ޖަނަވާރުން ވާން ޖެހޭނީ އެކެތި އަނެކައްޗަށް އިހުތިރާމުކޮށް އަޅާލާ ބަޔަކަށެވެ. އެއް ޖަނަވާރަކީ އަނެއް ޖަނަވާރެއްގެ ކޮއްތަށް ހަދައިގެން ނުވާނެއެވެ."

މިވާހަކަ އަޑުއަހައިފައި، ގަހުގައި އޮތް ހާ ގޮވާލިއެވެ. "ސުލްހަ މަސަލަސްކަމާއި އަމަންއަމާން ކަމަށް، އަހުރެން ވެސް ވަރަށް ލޯބި ކުރަމެވެ. އިނބަ ތިޔަ ބުނަނީ ތެދެއް ކަމަށްވާ ނަމަ، އިނބަ ނިކަން އެނބުރި ފަހަތް ބަލާލަ ބަލާށެވެ! އިނބަ ފަހަތުން އެ އަންނަ ކުއްތާއާ ބައްދަލުކޮށް ސަލާން ގަލާން ކޮށްލަބަލާށެވެ! އޭރުން ތިޔަ ގާނޫނުގެ ތެދުކަން އަހަންނަށް އެނގޭނެއެވެ."

ދެން، ހިޔަޅު އެނބުރި ފަހަތް ބަލާލިއެވެ. އެ ވަގުތު ކުކުޅުތަކާއި ކަންބަޅިތަކަށް ފާރަވެރިވެ، އެ އެއްޗެހި ބަލަހައްޓާ ކުއްތާ އޮވެގެން ހިޔަޅާ ދިމާއަށް އާދެއެވެ. މިތަން ފެނިފައި ހިޔަޅު ބިރުން ދުއްވައިގަތެވެ. އެ ވަގުތު ގަހުގައި އޮތް ހާ އަނެއްކާ ވެސް ގޮވާލިއެވެ. "އޭ ބަލަ ހިޔަޅާއެވެ. ޖަންގަލީގެ ރަސްގެފާނުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަމުގެ ގާނޫނު ކޮބައިހެއްޔެވެ؟"

ހިޔަޅު ދުވެދަމުން ގޮވާލިއެވެ. "އެ ގާނޫނު ފާސްކުރެވިފައި އޮތަސް، ފަހަރެއްގައި ކުއްތާއަށް އެ ގާނޫނުގެ ޚަބަރު ނުލިބި އޮވެދާނެއެވެ!" މިހެން ބުނެފައި، ހިޔަޅު ދުވެ ދިޔައެވެ.

"ކިތަންމެ މޮޅު ހީލަތްތެރި ޖަނަވާރަކަށް ހިޔަޅު ވިޔަސް، ހުރިހާ ވަގުތެއްގައި ހުރިހާ އެންމެނަށް މަކަރު ހަދައި ހިޔަޅަކަށް ވެސް އޮޅުވައެއް ނުލެވޭނެއެވެ!" ހިތާހިތާ ހާ ބުންޏެވެ.