...

Support Us

ކޮލަމް ކޯދު: އިންސާފުގެ އަޑުގެ ގޮވުން

އިންސާފުގެ އަޑު، އާދެ، އިންސާފުކީ އާވާޒު، މި ލަވައަކީ 1986ގައި ނިކުތް، އިންސާފުކީ އާވާޒުގެ މައުޟޫއީ ލަވައެވެ. އާދެ، ފިލްމުގެ މައިގަނޑު މައުޟޫއަށް އިޝާރާތްކޮށް، ފިލްމުގެ ވާހަކަ ޚުލާސާކޮށްލެވިފައިވާ ލަވައެވެ.

މި ފިލްމުގައި ބަލާލެވިފައިވަނީ ސަރުކާރުގެ އަދި މުޖުތަމައީ ފަސާދައިގެ މައްޗަށެވެ. މުޖުތަމައުގެ ބޮޑުން، ގާނޫނުތަކާއި ގަވާއިދުތަކަށް ބެލުމެއް ނެތި، އަދި، ރީތި އަޚުލާގީ ހަމައެއްގެ މައްޗަށް ވެސް ބެލުމެއް ނެތި، އެމީހުންގެ އަމިއްލަ މަސްލަހަތުތައް އިސްކޮށްގެން މަސައްކަތް ކުރަމުން ގެންދާ ތަނެވެ. މިކަމަށް މީހަކު ހައްގު ބަސް ބުނެ ހުރަސް އަޅައިފި ނަމަ، އެމީހަކުގެ ގަނެލަން މަސައްކަތް ކުރެއެވެ. އެކަން ނުވެއްޖެ ނަމަ، އެމީހެއްގެ ދުވަސް ދުއްވާލެވެއެވެ. މިކަމުގައި ފާސިދު ސިޔާސީވެރިންނާއި އަދި ފާސިދު ސިފައިން ވެސް ބައިވެރިވެއެވެ. މިވާހަކަ، ކުރިން ވެސް ނަންގަތް ފަދައިން، އިންސާފުކީ އާވާޒު މި ލަވައިގައި ޚުލާސާކޮށްލެވިފައި ވެއެވެ. މި ފިލްމުގެ ލިންކެއް ތިރީގައި އޮންނާނެއެވެ. އިނގިރޭސި ތަރުޖަމާއާ އެކުގައެވެ. ލަވައިގެ ސިޔާގު ރަނގަޅަށް ސާފުވެ، ލަވައިގެ މާނަ ވެސް އިތުރަށް ސާފުވެ ދިޔުމަށްޓަކައެވެ.

ދެން ތިރީގައި ލަވައިގެ މާނައިގެ ޚުލާސާއެއް ލިޔެލާނަމެވެ.

ޝައިތާނުން އެކުވެ، އެއްވެ،

އަމާނާތްތެރިކަމާއި ތެދުވެރިކަން މަރައި ކަފުންކޮށް،

ޚިޔާނަތްތެރިކަމާއި ދޮގުވެރިކަމުގެ ތާޖު އަޅައި،

ތެދުވެރިކަމުގެ މެޔަށް ޚަންޖަރު ހަރައި

މައުސޫމު މީސްތަކުން މަރަމުންދާ އިރު

ގާނޫނު ނިދާފައި އޮތީ ކޮންތާކު ހެއްޔެވެ؟

އަދުލު އިންސާފު ގެއްލިދިޔައީ ކޮންތަނަކަށް ހެއްޔެވެ؟

މި ސުއާލުގެ ޖަވާބަކަށް އެދި،

އަދުލު އިންސާފުގެ ގަދަފަދަ އަޑު އެބަ ގޮވައެވެ!

ބައެއް އެކުވެރިންގެ ވިހަ، ވިހަ ޒަހަރަށް ވުރެ ވެސް ގަދައެވެ.

އެމީހުންގެ ރަހުމަތްތެރިންނާ އެއްކޮށް، އެއްތާކު ނޭވާލަން އުޅެފައި

އެ ރަހުމަތްތެރިންގެ ދުޝްމަނުންނާ އަތާ އަތްޖޯޑުކޮށް ސަލާން ކުރެއެވެ.

އަދި، އެ ދުޝްމަނުން އެދުމުން،

އަމިއްލަ ރަހުމަތްތެރިންނަށް ލަނޑުދީ އެމީހުންނަށް ބޭވަފާތެރިވެއެވެ!

ދެން، އާންމު މީސްތަކުންގެ ހެވަށްޓަކައި،

އެމީހުންނަށް ހެޔޮ ނަސީބެއް ލިޔެދެވޭތޯ ގަދައަޅައި މަސައްކަތް ކުރި މީހާ،

އޭނާގެ ބަރު، ބުރަ މަސައްކަތުގެ ބަދަލުގައި ލިބެނީ ކޮން އެއްޗެއް ހެއްޔެވެ؟

އޭނާގެ މަރުގެ ހަދިޔާ ނޫން އެހެން އެއްޗެއް ނޫނެވެ!

ކަން މިމަގުން ހިނގަމުންދާ އިރު،

ގާނޫނު ނިދާފައި އޮތީ ކޮންތާކު ހެއްޔެވެ؟

އަދުލު އިންސާފު ގެއްލިދިޔައީ ކޮންތަނަކަށް ހެއްޔެވެ؟

މި ސުއާލުގެ ޖަވާބަކަށް އެދި،

އަދުލު އިންސާފުގެ ގަދަފަދަ އަޑު އެބަ ގޮވައެވެ!

ހައްގުގެ މަގުގައި ހުންނަ މީހާ، ހިތާމަތަކާ ކުރިމަތިލާން ޖެހުނަސް،

ކަރުނަ ތިކެއް ވެސް ލޮލުން އޮހޮރުވާ ނުލައި، ހައްގުގެ މަގުގައި އޭނާ ހުރެއެވެ.

ޒުވާން އުމުރުގައި އޭނާ ހުވަފަތް ވިޔަސް ވެހެއެވެ.

އޭނާގެ ލޮލުން ކަރުނަ ނޭޅި ކަމުގައި ވިޔަސް،

އޭނާގެ ހިތް އޭނާގެ ހަށީގެ އެތެރެ އެތެރޭގައި ރޮއި ރޮއި އޮވެއެވެ.

ނަމަވެސް، ހައްގުގެ މަގުގައި މަސައްކަތް ކުރާ މީހާއަށް މަރު ނޫން އެއްޗެއް ހަމަ ނެތީ ހެއްޔެވެ؟

ކަން މިމަގުން ހިނގަމުންދާ އިރު،

ގާނޫނު ނިދާފައި އޮތީ ކޮންތާކު ހެއްޔެވެ؟

އަދުލު އިންސާފު ގެއްލިދިޔައީ ކޮންތަނަކަށް ހެއްޔެވެ؟

މި ސުއާލުގެ ޖަވާބަކަށް އެދި،

އަދުލު އިންސާފުގެ ގަދަފަދަ އަޑު އެބަ ގޮވަައެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.