ޤުދުރަތުގެ ފެހި ރުއްގަސްގަހާ ފަޅުފަޅު މިއަދު ބޭނުންނުވޭ
ހުދު ދޮންވެލިން ގޮނޑުދޮށް އޮތުން އަމުދުން މިއަދު ބޭނުންނުވޭ
ބޮޑުހިލަ ވަށައި ރަށުގައި ޖެހުން އުފަލެެއްކަމަށް ދެކެވޭކަމުން
ގޮނޑުދޮށު ރިވެތި ދޮންވެލިގަނޑެއް އޮތުމެއް މިއަދު ބޭނުންނުވޭ
ބިޔަ އުސްގެތަކު ބަންދުވެތިބުން ހިތްފަހިކަމެއް ކަމުގައިވުމުން
ބިޔަ ގަސްގަހުން ދޭ ހިޔަލުގައި ތިބުމެއް މިއަދު ބޭނުންނުވޭ
ފެންފޮދު ލޮނުން ފިލިޓަރުވެގެން ހޮޅިހޮޅިތަކުން ލިބުމުންގެޔަށް
ފެންފޮދު ބިމުގެ ލިބުނަސް އެއެއް ކަމަކަށް މިއަދު ބޭނުންނުވޭ
ގޯތީއަޅާ ކޮޓަރީން ލިބޭ ފައިސާ ބޮޑަށް ބޭނުންވުމުން
ގޯތީ ތެރޭން ކާއްޓާ އަނބާ ބަނބުކެޔޮ މިއަދު ބޭނުންނުވޭ
ހަލަބޮލިވެފައި އަޑުގަދަވިޔަސް އިންޖީނު މާ ކަމުދިޔަކަމުން
ނަލަ ރޯޅިޖެހި ވައި ފަހިވިޔަސް ރިޔަލަށް މިއަދު ބޭނުންނުވޭ
ފައްކާކަމަށް "ވެކިއުމް" ކުރާ ކަނޑުމަސްކޮޅާމެދު ދެކެވުމުން
ކައްކާ މަހަށް ދިލަ ޖެއްސުމެއް ދުމަށިން މިއަދު ބޭނުންނުވޭ
ލިބުމަށް އެދޭ ކުރިއެރުމަކީ މިއަދަށް މިގޮތް ކަމުގައި ވުމުން
ޢިބުރަތް އެއިން ލިބުމެއް ސަފުން މީހަކު މިއަދު ބޭނުންނުވޭ
