...

Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކައެއް

މަތީގައިވާ ތަސްވީރު ބުނެދޭ ވާހަކައަކީ ކޮބައިހެއްޔެވެ؟ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމުގެ އެއްވެސް އެދުމެއް ނެތި، އަދި އެހެންވެ، އެކަމާ މަސައްކަތެއް ނުކޮށް، ވެރިކަމުގެ އިސް ސަފުގައި ތިބޭ މަދު ބަޔަކު ރައްޔިތުންގެ ފައިސާ ބޭނުން ކުރަމުންދާ ވާހަކައެވެ.

މިފަދައިން ކަންތައް ވަމުން ދަނީ ކީއްވެ ހެއްޔެވެ؟ އެފަދަ ވެރިން ދައްކާ ކޮންމެ ވާހަކައެއް، އެ ވާހަކައާ މެދު ތިމާމެންގެ އަމިއްލަ ސިކުނޑި ބޭނުންކޮށްގެން ނުވިސްނާތީއެވެ. މިހެން ވުމުން، ވެރިންނާއި ވެރިންގެ ސަންގު ގޮއްވަން ތިބޭ މީހުން، ރައްޔިތުން ގުނބޯ ހައްދައި ވާވެއްދުމުގައި ދެމި ތިބެއެވެ. އެމީހުންގެ ބާލީސްތަކަށް ބަންޑާރަ ކަފަ އެޅުމުގެ ފުރުސަތު ދަމަހައްޓުވާށެވެ.

މި ސިލްސިލާގެ އެންމެ ފަހުގެ ބޮޅަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކައެވެ. ތިމާގެ އަމިއްލަ ޕާޓީ ވެރިކަމުގައި އޮވެމެ، އަދި ހުރިހާ ބާރެއްހެން ތިމާގެ ޕާޓީއަށް ލިބިފައި އޮތް އިރު، ކަންކަން އިސްލާހުކުރަން ނޫޅެވެންވީ ކީއްވެހެއްޔެވެ؟ ތިމާގެ ޕާޓީއާ އިދިކޮޅަށް ނިކުންނަ ވާހަކަ ދެއްކެނީ ކީއްވެ ހެއްޔެވެ؟ ހަމަ ގައުމަށް ހެޔޮ އެދޭތީ ހެއްޔެވެ؟ ނޫނީ ތިމާއަކީ ނަރުގިސީ (ނާސިސިސްޓް) ޝަޚުސިއްޔަތެއްގެ ވެރިއަކަށްވެ، ތިމާއަށް ފެންނަ ގޮތް ނޫން އެހެން ގޮތެއް ކަމުނުދާތީ ހެއްޔެވެ؟ އެހެންވުމުގެ ހަމައެކަނި ބޭނުމަކީ ކޮބައި ހެއްޔެވެ؟ ހަމަ ގައިމުވެސް ގައުމަށް ހެޔޮ އެދޭތީ އެއް ނޫނެވެ؟ އެހެން ކަމަށްވާ ނަމަ، ކަންކަން އިސްލާހުކުރުމުގެ ފުރުސަތު ލިބިފައި މިހާރު ވެސް އެބަ އޮތެވެ. އަދި، އެކަން ކުރާ ނަމަ، އަދި އިތުރު ފަސް އަހަރު ވެސް ލިބުމަކީ ދުރުކަމެއް ނޫނެވެ. ނަމަވެސް، ބޭނުމަކީ އިސްލާހެއް ނޫނެވެ. ވެރިކަމުގެ ގޮނޑިއެވެ. ތިމާގެ އަމިއްލަ ގޮތް ފަތުރާލުމުގެ ބޭނުމުގައެވެ. އާދެ، ކޮންމެ ފަދަ ނިޒާމެއް އޮތަސް، ތެދުވެރިކަމާއި އިޚުލާސްތެރިކަން ނެތިއްޖެ ނަމަ، ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން މަސައްކަތެއް ނުކުރެވޭނެއެވެ. ކޮންމެ ފަދަ ހެދުމެއް އެޅުވިޔަސް، ހިޔަޅުވާނީ ހިޔަޅަކަށެވެ. މިނިކާވަގެއް ވާނީ ވަގަކަށެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.