...

Support Us

ކޮލަމް ކޯދު: މާޒީގެ ސޫރައެއް ހިތަށް ގެނުވާ ވާހަކައެއް

މަތީގައި އެވާ ސުރުޚީއަށް ބަލާލާށެވެ! ދައުލަތުގެ ދަރަނި ބަލަހައްޓަން މީހުން ހޯދަން އުޅޭ ވާހަކަ އޮތް ސުރުޚީއެވެ. މީހުން ހޯދާނީ ކޮންތާކުން ހެއްޔެވެ؟ ބޭރުން ނޫން ހެއްޔެވެ؟ އާދެ، އިންޑިޔާއިން ކަމާ މެދު ޝައްކުކުރެވޭ ހެއްޔެވެ؟

ކޮންމެ އަކަސް މި ސުރުޚީ ފެނުމުން، ހަނދާނަށް އަންނަނީ މީގެ ދޮޅު ގަރުނެއްހާ ދުވަސް ކުރިން މިސުރުގައި ކަންތައް ހިނގި ގޮތެވެ. ނަވާރަ ވަނަ ގަރުނުގެ މެދެއްހާ ހިސާބު މިސުރު ދަރަނިވެރިވެ، އިފުލާސްވާން ކައިރިވުމުން، އިނގިރޭސީންނާއި ފަރަންސޭސީން މިސުރުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަނެވެ. މިސުރުގެ އޭރުގެ ކެބިނެޓުގައި އިނގިރޭސިއަކާއި ފަރަންސޭސިއަކު ހިމަނަން ޖެހުނެވެ. އާޚިރު ނަތީޖާއަކަށްވީ އިނގިރޭސީންގެ އަތްދަށަށް މިސުރު ދިޔުމެވެ! (މިކަން ހިނގަން މެދުވެރިވި ސަބަބުގެ ޚުލާސާއެއް މި ލިންކުން)

އާދެ، ތާރީޚު އިއާދަވަނީ ބާވައެވެ؟ ރާއްޖެ ދަރަނިވެރިވެ، އިފުލާސްވާން ކައިރިވުމުން، އިންޑީޔާގެ ބެލުމުގެ ދަށަށް ރާއްޖެ ގެންގޮސް، ދަރަނީގެ ސަބަބުން، އިނގިރޭސީންގެ އަތްދަށަށް މިސުރު ދިޔަ ފަދައިން، އިންޑިޔާގެ އަތްދަަށަށް ރާއްޖެ ދާން އުޅެނީ ބާވައެވެ؟ ލަފާ ކުރެވެނީ ސުރުޚީގައި އެ އޮތް ކަންތައް ކުރާނީ ކޮންމެ ވެސް ބޭރު ބައެއްގެ ލަފާގެ މަތިންނެވެ! އެ ލަފާ ދޭނީ ކޮން ބައެއްކަން އެންމެނަށް ވެސް ލަފާކޮށްލަން އެނގޭނެއެވެ! ނިޒާމު ބަދަލުވެއްޖެ ނަމަ، މިކަން ކުރަން އިތުރަށް ފަސޭހަ ވެގެންދާނެއެވެ. ސަބަބަކީ އޭރުން ބޮޑުވަޒީރަކަށް އަންނާނެ ކަމަށް ލަފާކުރެވިފައި އޮތް މީހާގެ ވަލާއު އޮތީ ރާއްޖެއަށް ނޫން ކަމަށްވާތީއެވެ! އާދެ، އޭނާގެ ވަލާއު އޮތީ އެ ބައެއްގެ ކިބައިން އޭނާ ހިމާޔަތް ހޯދި ބަޔަކަށެވެ!

ދެން ހެއްޔެވެ؟ މިސުރުގައި އެ ދުވަސްވަރުގެ ސަރުކާރުން ބޭރު ބަޔަކު މިސުރުގެ ދާޚިލީ ކަންތައްތަކާ ބެއްސުމުން، މިކަމާ ދެކޮޅުވެރި ހަރަކާތެއް ފެށުނެވެ. އާދެ 'އުއްރާބީގެ ބަޣާވަތުގެ' ނަމުން މަޝްހޫރުވި ދެކޮޅު ހެދުމެވެ. ނަމަވެސް، އެމީހުން ބަލިކޮށް، މިސުރުން ވެސް ބޭރުކޮށްލިއެވެ! ނަމަވެސް، ރާއްޖެ ފަދަ، ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، މާނައެއް ނެތް ހަފްލާތަކާއި އެއްވުންތައް ބޭއްވުން ނޫން، މާ ބޮޑު ގައުމީ ހޭލުންތެރިކަމެއް ނެތް ތަނެއްގައި ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ގުނބޯ ހެދިގެން ތިބެ އަތްތިލަބަޑިޖެހުން ފިޔަވައެވެ! މީހުންގެ ސަމާލުކަން އަތުލައިގަތުމަށްޓަކައި 'މޮޅެތި' ސުރުޚީތައް އެޅުން ވެސް ފިޔަވައެވެ!