Support Us

ކޮލަމް ކޯދު: ސޫފިޔާނާ ޚިޔާލެއް- ކޮންމެ ކަމެއްގައި ވެސް، މުއުމިނާއަށް ހެވެއް އޮވެދާނެއެވެ!

ބޭސްވެރި ހަކީމަކު، އޭނާގެ ހަނދާނީ ފޮތުގައި ލިޔެފައި އޮތް ނޯޓެއް ކިޔައިލިއެވެ. "މިއަދު، އަލީ އައެވެ. އާންމު ގޮތެއްގައި އޭނާ ދެމަހުން އެއްމަހު އަންނަ ފަދައިންނެވެ. އޭނާގެ ބައްޔަކީ ހަކުރު ބައްޔެވެ. އޭނާ ބަލައި ޗެކުކުރުމަށް ފަހު، ހުރިހާ ކަމެއް ވެސް ކޮންޓުރޯލުކުރެވި، ހިފެހެއްޓިފައިވާ ވާހަކަ ބުނެ، އިތުރު އެއްވެސް އެހެން މައްސަލައެއް އަދި ނެތް ވާހަކަ ވެސް އޭނާ ގާތު ބުނީމެވެ."

މި ނޯޓު އަޑުއަހައިފައި، ކައިރީގައި އިން، ހަކީމުގެ ރަހުމަތްތެރި އަހުމަދު ބުންޏެވެ. "މާތްރަސްކަލާނގެ އަށް ހަމްދާއި ޝުކުރު ހުއްޓެވެ. އަހަންނަށް ހަކުރުގެ ބަލި ޖެހުމުގެ ނިއުމަތް މެދުވެރިކުރެއްވީތީއެވެ."

ހަކީމު ހައިރާންވެފައި، އަހުމަދު ގާތު ބުނީމެވެ. ހަކުރު ބައްޔަކީ ވެސް ވަރަށް ދަތި އުނދަގޫތައް މެދުވެރި ކުރުވާ ބައްޔެއް ނޫން ހެއްޔެވެ؟ އަހަރެން ދެކޭ ގޮތުގައި، ބަލިތަކުގެ ތެރެއިން ފާހަގަކޮށްލަން ޖެހޭ ދެ ބައްޔެއް އޮވެއެވެ. އެއީ އެއިޑުސް ބައްޔާއި ހަކުރު ބައްޔެވެ. މި ދެބަލި ގުޅެނީ ދުނިޔޭގައި އިންސާނާ ދިރިހުރުމަށް އެދުންވެރިކުރުވާ އެންމެ ބޮޑު ދެކަމާއެވެ. އޭނާގެ ޖިސްމާނީ ލައްޒަތާއެވެ. އެއްކަމަކީ ކެއުން ބުއިމެވެ. އަނެއްކަމަކީ ޖިންސީ ލައްޒަތާއި އަރާމެވެ. މި ދެބަލީގެ ސަބަބުން، އިންސާނާ ދުނިޔޭގައި ހުރުން އެދުންވެރިކުރުވާ އެންމެ ބޮޑު މިނަންގަތް ދެ އެދުން އެންމެ ފުރިހަމަ ގޮތުގައި ފުއްދުމަށް ހުރަސް އެޅެއެވެ. މީގެ އިތުރުން، މި ދެބަލި އެހެން އެތައް ނުރައްކާތަކަކަށް ހަށިގަނޑު ހުށަހަޅާލައެވެ. އެއިޑުސްގެ ސަބަބުން ހަށިގަނޑުގެ ތަބީއީ ދިފާއީ ބާރު ދަށްކޮށް، ނެތިކޮށްލައެވެ. އޭގެ ސަބަބުން، އެކިއެކި ބަލިތަކުގެ ޖަރާސީމު ހަށިގަނޑަށް ވަދެ، ހަށިގަނޑު ހަލާކުކޮށްލައެވެ. އާދައިގެ އަރިދަފުސް ރޯގާއެއް ފަދަ، ނިސްބަތުން ދާދި ކުޑަކުޑަ ކަމެއް ދިފާއުކުރުމުގެ ބާރު ވެސް ހަށިގަނޑުގައި ނެތުމުން، އެފަދަ އާދައިގެ ރޯގާއަކީ ވެސް މަރު ބައްޔަކަށް ބަދަލުވެގެން ދެއެވެ. ހަމަ އެހެންމެ ހަކުރު ބައްޔަކީ ވެސް، އެކަން ކޮންޓުރޯލު ނުކުރެވިއްޖެ ނަމަ، މުޅި ހަށިގަނޑު ހަލާކުވުން މެދުވެރިކުރުވާ ބައްޔެކެވެ. ހަށިގަނޑަށް ދިރުން ދޭ ހުރިހާ ގުނަވަންތައް ހަލާކުކޮށްލާ ބައްޔެކެވެ. ހިތާއި ފުރަމޭ ފަދަ ގުނަވަންތަކެވެ. މީގެ އިތުރުން، ހަކުރު ބަލީގެ ސަބަބުން، އެކި އެކި ކެންސަރުގެ ބަލިތަކަށް ވެސް ހަށިގަނޑު ހުށަހެޅިގެން ދެއެވެ. އެހެންވީމާ ހަކުރު ބައްޔަކީ ނިއުމަތެއް ކަމުގައި އަހުމަދު ތިޔަދެކެނީ ކީއްވެކަން އަޅެ، އޮޅުން ފިލުވައިދީފާނަން ހެއްޔެވެ؟

އެންމެ ރަނގަޅެވެ. އަހުމަދު ބުންޏެވެ. ތިކަން ސާފުކޮށްދެވޭތޯ ބަލާނަމެވެ. "އަޅެ ހަކީމު ސާހިބު ނިކަން ވިސްނާ ބަލަވާށެވެ. ހަކުރު ބައްޔަކީ ތިޔަ ބުނި ފަދަ ނުރައްކާތެރި ބައްޔެއް ކަމަށް ވިޔަސް، ނުވަތަ ބޮޑެތި ނުރައްކާތަކުގެ ތެރެއަށް ހަށިގަނޑު ހުށަހަޅާލާ ބައްޔެއް ކަމަށް ވިޔަސް، އެއަށް ވުރެ މާ ނުރައްކާތެރި ބަލިބަލި އެބަ ހުރި ނޫން ހެއްޔެވެ؟ މިސާލަކަށް ކެންސަރުގެ ތަފާތު ވައްތަރުތަކުގެ ބަލިބަލި އެބަ ހުރި ނޫން ހެއްޔެވެ؟ ހަކުރު ބައްޔަކީ އެ ހުންނަ ވަރެއްގައި ބޭހުންނާއި، ކެއުން ބުއިމާއި އަދި ދިރިއުޅުމުގެ ގޮތަށް ބަދަލުގެނެސް، ހަރަކާތްތެރިވެ، މިގޮތަށް ކަންތައް ކުރުމުގެ ސަބަބުން ހިފަހައްޓައި ކޮންޓުރޯލު ކުރެވޭ ބައްޔެއް ނޫން ހެއްޔެވެ؟ ނަމަވެސް، ކެންސަރަކީ އެކަމަށް އަދި އެއްވެސް ޝިފާއެއް ނެތް ބައްޔެއް ނޫން ހެއްޔެވެ؟ އެހެން ވުމުން، މާތްރަސްކަލާނގެ އަޅުގަނޑު ބައްޔަކީ ހަކުރު ބަލި ކަމުގައި މެދުވެރިކުރެއްވުން ނިއުމަތަކަށް ނުވެ ނުދާނެ ނޫން ހެއްޔެވެ؟

"ދެން، އަނެއް ކަމަކީ އެހެން ނުރައްކާ ބަލިތަކާ ޚިލާފަށް، ދެންމެ މިނަންގަތް ގޮތަށް ކަންތައް ކޮށް ހަކުރު ބަލި ހިފެހެއްޓުމުން، އެކަމުގެ ސަބަބުން އަޅަން ޖެހޭ ވޭންތަކެއް ނޯވޭ ނޫން ހެއްޔެވެ؟ ނަމަވެސް، ކެންސަރު ބަލި ފަދަ ބަލިތަކުގައި އިތުރު އެތައް ވޭނެއް އަޅަން ޖެހޭ ނޫން ހެއްޔެވެ؟ އެހެން ވީމާވެސް ހަކުރު ބަލި، އަޅުގަނޑު ދެކޭ ގޮތުގައި، ނިއުމަތަކަށް ވެއެވެ! މީގެ އިތުރުން، ހަކުރު ބަލީގެ ސަބަބުން، އަހަރެންގެ ސިއްހަތާ މެދު ހޭލުންތެރިވެ ހުރުމަށް ވެސް އަހަންނަށް ބާރު ލިބުނެވެ. ގަވާއިދުން، މަހަކު އެއްފަހަރު، ނޫނީ ދެމަހުން އެއްފަހަރު ނޫނީ ތިން މަހުން އެއްފަހަރު ހަށިގަނޑު ޗެކްކޮށްލުން ވެސް އެކަން މެދުވެރިކުރުވިއެވެ. އެހެންވީމާ ހަކުރު ބަލިޖެހުން ވާނި ހަމަ އިލާހީ ނިއުމަތަކަށް ނޫން ހެއްޔެވެ؟" އަހުމަދުގެ ވާހަކަކޮޅު ނިންމާލަމުން ބުންޏެވެ.

ދެން ހަކީމު ހިމޭނުން އިރުކޮޅަކު އިނދެލާފައި ބުންޏެވެ. "ތިއީ ވެސް ތި މައްސަލައާ މެދު، މިހާރު، ބެލެވިދާނޭ ގޮތެކެވެ!"