Support Us

ކޮލަމް ނާރެސް: އަމާނަތްތެރިކަމާއި ނަފުސުގެ ޢިއްފަތްތެރިކަމުގެ ޖަޒާ

مرآة الزمان في تاريخ الأعيان މިފޮތުގައި الحافظ ابن رجب ބަޔާން ކުރައްވާފައިވެއެވެ. ވަރަށް އާދަޔާ ޚިލާފު ޙާދިޘާއެއް ޙަދީޘް ޢިލްމުގެ އިމާމަކަށް ދިމާވިއެވެ. އޭނާގެ ނަމަކީ القاضي محمد بن عبد الباقي الأنصاري البزار އެވެ. މަޝްހޫރު ވެފައިވަނީ قاضي المارستان ނަމުންނެވެ. މިދުނިޔެ ދޫކުރެއްވީ ހިޖުރައިން 535 ވަނަ އަހަރުއެވެ. އޭނާ ބަޔާން ކުރައްވާފައިވެއެވެ. އެއީ ވަރަށް ޢިބުރަތްތެރި ވާހަކައެކެވެ.

ޙައްޖު މޫސުމުގައި އޭނާ ހުންނެވީ މައްކާގައެވެ. ދުނިޔަވީ މަންފަޢަތަކުގެ ތެރެއިން އެއްވެސް އެއްޗެއް އޭނާ އަތުގައި ނެތް މުފުލިސެކެވެ. އެއް ދުވަހަކު ބަނޑުހައިކަން ވަރަށް ބޮޑުވިއެވެ. ހައިކަން ފިލުވާލާނެ އެއްޗެއް ލިބޭތޯ ރަށުތެރެއަށް ނުކުތެވެ. ކާއެއްޗެއް ލިބޭތޯ ތަންތަން ހޯދަމުން ދަނިކޮށް މަގުމަތިން ފަށުވިން ހަދާފައިވާ ކީސާއެއް ފެނުނެވެ. ކީސާ ހުޅުވާ ބަލާލިއިރު އޮތީ ވަރަށް އަގުބޮޑު އަސްރަފީއެކެވެ. އެ އަސްރަފީގެ އަގު ގާތްގަނޑަކަށް ފަންސާސް ދީނާރަށް އަރައެވެ.

އޭނާ ކީސާ ހިފައިގެން ދަނިކޮށް މީސްތަކުންގެ ތެރޭގައި މީހަކު ހުރެގެން ގޮވާއަޑު އިވުނެވެ. އަހަރެން އަތުން ފަށުވިން ހަދާފައިވާ ކޮތަޅެއް ގެއްލިއްޖެއެވެ. އެ ކޮތަޅު ހޯދައިދިން މީހަކަށް ފަންސާސް ދީނާރު ދޭނަމެވެ. އެ ތަނުގައި ތިބި މީހުން އޭނާއާ ސުވާލުކުރި އެވެ. އެކޮތަޅުގައި އޮތީ ކޯއްޗެއް ހެއްޔެވެ؟

އޭނާ ބުންޏެވެ. އެ ކޮތަޅުގައި އޮންނާނީ ވަރަށް އަގުބޮޑު އަސްރަފީއެކެވެ. އެ އަސްރަފީގެ ސިފަތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭގެ ސިފަތައް އޭނާ ކިޔައިދިނެވެ. ސިފަތައް ކިޔައިދިނުމުން القاضي محمد بن عبد الباقي الأنصاري البزار އަސްރަފީ އަޅާފައިވާ ކީސާ ދިއްކޮށްލިއެވެ. އަސްރަފީގެ ވެރިމީހާ ވެފައިވާ ވަޢްދާ އެއްގޮތަށް القاضي محمد بن عبد الباقي الأنصاري البزار އަށް ފަންސާސް ދިނާރު ދިއްކޮށްލެއްވިއެވެ. ފަންސާސް ދީނާރު ދިއްކޮށްލެއްވުމުން ޖަވާހިރުގެ ވެރި މީހާއާ މުޚާޠަބުކޮށް އޭނާ ބުންޏެވެ. މިއީ މަގުމަތިން އަހަންނަށް ފެނުނު ކޮތަޅެކެވެ. އޭގެ ވެރި މީހާ އަށް އެ ރައްދު ކުރުމަށް ބަދަލުގައި އިނާމެއް ބޭނުމެއް ނުވެއެވެ. އަހަރެން އެ އަސްރަފީ ރައްދުކުރީ އެއްވެސް ޙާލެއްގައި އިނާމެއްގެ ހޯދާކަށް ނޫނެވެ. އެކަން އެގޮތަށް ކުރީ އަހަރެންގެ ވެރި ރަސްކަލާނގެ ރުހިވޮޑިގަތުން ހޯދުމުގެ މަޤްޞަދުގައެވެ.

އޭނާ އެ ފައިސާގައި ހިފުމަށް އިންކާރުކުރިއެވެ. އެ ވަގުތު އޭނާ ހުރީ ވަރަށް ބޮޑަށް ބަނޑުގައިވެފައެވެ. ކާނެބޯނެ އެއްޗަކަށް ބޭނުންވެ، އެއްޗެއް ނުލިބިއެވެ. އެމީހާ القاضي محمد بن عبد الباقي الأنصاري البزار ހެޔޮ ދުޢާ ކުރުމަށް ފަހު ދިޔައެވެ.

القاضي محمد بن عبد الباقي الأنصاري البزار މައްކާގައި މުޙައްދިޘެއްގެ ގޮތުގައި ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު މާއްދީ ގޮތުން ތަނަވަސްކަމެއް ލިބޭތޯ ދަތުރެއް ކުރަން ޤަޞްދު ކުރިއެވެ. ދަތުރަށް އަރައިގެން ވަކި ހިސާބަކަށް ދެވުނުތަނާ ކަނޑު ގަދަވިއެވެ. އެންމެ ފަހުން ނައުގެ ފިލާތައް ރޫޅި ކަނޑަށް ޣަރަގުވިއެވެ. القاضي محمد بن عبد الباقي الأنصاري البزار ނަވުގެ ފިލާގަނޑެއްގައި އެލިގެން އެތައް މަސައްކަތުން އައްސޭރިއަކަށް ދެވުނެވެ. އިރުކޮޅެއް ވަންދެން ގޮނޑުދޮށުގައި އޮތުމަށްފަހު މަޑުމަޑުން ހިނގަމުން ގޮސް އޭތާ ކައިރީގައި މިސްކިތަކަށް ވަނެވެ. އަދި މިސްކިތުގެ އެތެރޭގައި މަޑުކޮށްލިއެވެ. އޭރު އެރުނީ ކޮން ރަށަކަށްކަން އެރަށުގެ މީހުންނަކީ ކޮން ކަހަލަ ބައެއްކަން އަދި އެ ރަށުގެ އަހުލުވެރިންގެ ތެރެއިން އެއްވެސް މީހަކު القاضي محمد بن عبد الباقي الأنصاري البزار އަކަށް ނޭނގެއެވެ.

މިސްކިތަށް ވަން މީހަކަށް القاضي محمد بن عبد الباقي الأنصاري البزار ފެނުމުން އޭނާގެ ގާތަށް ގޮސް ޙާލުއަޙުވާލު އޮޅުންފިލުވިއެވެ. އަދި މިސްކިތުން ނިކުމެގެން ގޮސް އައީ ކާބޯތަކެއްޗާއި ފިނިން ސަލާމަތްވުމަށް ބޭނުންވާ ހެނދުމާއި އެއްޗެތި ހިފައިގެންނެވެ. އޭނާ القاضي محمد بن عبد الباقي الأنصاري البزار މުޚާޠަބުކޮށް ބުންޏެވެ. ތިމަންމެން މި މިސްކިތުގައި މުސާރާ ދީގެން، އިމާމުވެ ނަމާދު ކުރާނެ މީހަކު ހޯދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

އޭނާއަކީ ކީރިތި ޤުރްއާންހިތު ދަސް މީހެއް ކަމުގައި القاضي محمد بن عبد الباقي الأنصاري البزار ބުނުމުން މިސްކިތުގައި މުސާރަވެރި އިމާމެއްގެ ގޮތުގައި القاضي محمد بن عبد الباقي الأنصاري البزار ހަމަޖެއްސިއެވެ. އަދި އޭނާ އަކީ ރަނގަޅަށް ލިޔަންކިޔަން ދަންނަ މީހެއްކަން ރަށުގެ މީހުންނަށް އެނގުމުން އެމީހުންގެ ދަރިންނަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ މަސައްކަތް ވެސް ޙަވާލު ކުރިއެވެ.

القاضي محمد بن عبد الباقي الأنصاري البزار ބުނެފައިވެއެވެ. ތިމަންގެ އަތްމަތި ތަނަސްވެގެން ދިޔައެވެ.

އެއް ދުވަހަކު ރަށުގެ މީހުން ތިމަންގެ ގާތަށް އައެވެ. އަދި އެމީހުން ބުންޏެވެ. ތިމަންމެންގެ ތެރޭގައި ޔަތީމު އަންހެން ކުއްޖަކު އެބަހުއްޓެވެ. އޭނާއާ ތިބާ ކައިވެނިކޮށްދޭން ތިމަންމެން ބޭނުންވެއެވެ. އަދި އެމީހުން القاضي محمد بن عبد الباقي الأنصاري البزار ކިބައިން އެކައިވެނި ކުރުމަށް ވަރަށް ބޮޑަށް އެދުނެވެ. އެހެންކަމުން القاضي محمد بن عبد الباقي الأنصاري البزار ކައިވެންޏާ އެއްބަސްވިއެވެ. ކައިވެނި ކުރުމަށްފަހު އަންހެން ކުއްޖާގެ ކޮޓަރިއަށް ވަންއިރު އޭނާގެ ކަރުގައި އަސްރަފީއެއް އަޅާފައި އޮތެވެ. އެ އަސްރަފީއަށް ތިމަންގެ ކަޅި ހުއްޓުނެވެ. އޭރު ތިމަންގެ މޫނުން ފައުޅުވަމުން ދިޔައީ ޢަޖާއިބުވުމައި އަންތަރީސްވުމުގެ ޢަލާމާތްތަކެވެ. އެއީ މައްކާއިން ތިމަންނާއަށް ފެނުނު އަގުބޮޑު އަސްރަފީއެވެ.

ތިމަން ޙައިރާން ކަންމަތީ، ބަސްހުއްޓިފައި އަސްރަފީއަށް ބަލަން ހުއްޓާ، އަންހެން ކުއްޖާ ރޮމުން ކޮޓަރިން ނުކުމެގެން ދިޔައެވެ. އެ އަންހެން ކުއްޖާ ބުނަމުން ދިޔައެވެ. އޭނާ ތިމަންނާއާ ދިމާޔަށް ނުވެސް ބަލައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ތިމަންގެ ކަރުގައި އޮތް އަސްރަފީއަށެވެ.

القاضي محمد بن عبد الباقي الأنصاري البزار ވިދާޅުވެފައިވެއެވެ. ތިމަން ރަށުގެ މީހުންނާ އެކު ފަތިސް ނަމާދުކޮށް ނިމުމުން ރަށުގެ މީހުން ތިމަންނާއަށް އެވާހަކަ ކިޔައިދިނެވެ. ތިމަން ރަށުގެ މީހުންނަށް ببيت الله الحرامގެ ކައިރިން އެ އަސްރަފީ ފެނުނު ގޮތުގެ ވާހަކަ އާއި އަސްރަފީގެ ވެރިޔާއަށް އެ ރައްދުކުރި ވާހަކަ ކިޔައިދިނީމެވެ.

ތިމަން އެ ވާހަކަ ކިޔަދިނުމުން މިސްކިތުގައި ތިބި މީހުން ބާރު އަޑުން ތަކްބީރު ކިޔެއެވެ. އަޑުގެ ބާރުކަމުން ހީވީ މުޅި މިސްކިތް ގުޑައިގެންދިޔަ ހެންނެވެ. ރަށު މީހުން ތިމަންނާއަށް ކިޔައިދިން ގޮތުގައި އެއީ އެ ޔަތީމު އަންހެން ކުއްޖާގެ ބައްޕައެވެ. އެމީހާގެ އެ އަންހެން ކުއްޖާ ނޫން އެހެން ކުއްޖަކު ނުވެއެވެ. އެ މިސްކިތުގައި މީސްތަކުންނައިގެން އިމާމުވެ ނަމާދު ކުރަނީ އޭނާއެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން އެމީހާ ވަނީ މި ދުނިޔެ ދޫކޮށްފައެވެ.

އޭނާ ޙައްޖަށް ގޮސް އައުމަށްފަހު (اللهمَّ إني لن أجد أحداً مثل صاحب العقد؛ اللهم لقني به حتى أزوِّجه وحيدتي) (ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި އަސްރަފީ ތިމަންނާއަށް ރައްދުކުރި ފަދަ މީހަކު ތިމަން ނުދެކެމެވެ. ތިމަންގެ ދަރިފުޅާ ކައިވެނިކޮށް ދިނުމަށް އޭނާ މިރަށަށް ފޮނުއްވާނދޭވެ!" މިދުޢާ ކުރަމުން ދިޔައިރު ތިމަންމެން އޭނާގެ ފަހަތުގައި ތިބެގެން އެ ދުޢާއަށް އާމީން ކިޔަމެވެ. އޭނާ މި ދުނިޔެ ދޫކުރުމަށްފަހު، މާތް ﷲ އޭނާގެ ދުޢާ އިޖާބަ ކުރެއްވިއެވެ. ތިބާ މިރަށަށް އާދެވޭނެ ގޮތް މެދުވެރި ކުރައްވައި ދަރިފުޅާ ކައިވެނިކުރެވޭނެ ގޮތް މިންވަރު ކުރެއްވިއެވެ. މިއީ އަމާނަތްތެރިކަމާއި ނަފުސުގެ ޢިއްފަތްތެރިކަމުގެ ޖަޒާއެވެ.

(މިވާހަކަ މިގޮތަށް طبقات الحنابلة 1/434، سير أعلام النبلاء 20/23، شذرات الذهب 4/108) ބަޔާންކޮށްފައިވެއެވެ. (نوادر العرب الجميله،ايهاب القضابي)