Support Us

ކޮލަމް ކޯދު: ޖުހާއާއި މަނިކުބޭގެ ވާހަކައެއް- އަޚުލާގިއްޔާތުގެ ނަގިލި

މަނިކުބޭ: އަޚުލާގިއްޔާތުގެ ނަގިއްޔޭ ހެއްޔެވެ؟ އެއީ ކޮންކަހަލަ ނަގިއްޔެއް ހެއްޔެވެ؟ ދަނގަޑުން ހަދާފައިވާ އެއްޗެއް ހެއްޔެވެ؟ ނޫނި ރަން ރިހީގެ އެއްޗެއް ހެއްޔެވެ؟

ޖުހާ: އެއީ ދަނގަޑުގެ އެއްޗެއް ވެސް ނޫނެވެ. ނޫނީ ރަނާއި ރިހިން ހަދާފައިވާ އެއްޗެއް ވެސް ނޫނެވެ. ނަމަވެސް، އެއީ މިއިން މައުދަނެއްގެ ނަގިއްޔަށް ވުރެ ވެސް ބާރު ގަދަ ނަގިއްޔެކެވެ!

މަނިކުބޭ: މަށަކަށް ނުވިސްނުނެވެ. އެހެންވީމާ ތިކަން އަހަންނަށް ސާފުކޮށްދޭންވީ ނޫން ހެއްޔެވެ؟ އަޚުލާގިއްޔާތުގެ ނަގިއްޔަކީ ކޮބައިހެއްޔެވެ؟ އެ ނަގިލި އެކަތައާއި ރަން ނޫނީ ރިހިން އަޅާލެވޭ ނަގިއްޔަށް ވުރެ ވަރުގަދަ ވަނީ ކިހިނެއްހެއްޔެވެ؟

ޖުހާ: ތިކަން ސާފުކޮށް ދެވިދާނެއެވެ! އެއީ އެހާ އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް، އަހަރެންގެ ވާހަކަ ނިމެންދެން މަނިކުބޭއަށް ކެތްކުރެވޭނެ ހެއްޔެވެ؟ އެ ވާހަކަތައް އަޑުއަހަން މިތާ ކަނުލައި އިނދެވިދާނެ ހެއްޔެވެ؟

މަނިކުބޭ: އާނއެކެވެ. އިރާދަކުރެއްވިއްޔާ ކެތްކުރެވޭނެއެވެ. އަދި ތި ކިޔާ އެއްޗެއް އަޑުއަހަން މިތާ ކަނުލައިގެން އިންނާނަން ވެސް މެއެވެ.

ޖުހާ: އެންމެ ރަނގަޅެވެ. ނަގިއްޔަކީ ކޮން އެއްޗެއްކަން އެނގޭ ނޫންހެއްޔެވެ؟ އަދި އޭގެ ބޭނުމަކީ ކޮބައިކަން ވެސް އެނގޭ ނޫން ހެއްޔެވެ؟ ނަގިއްޔަކީ އޮޑި ދޯނިފަހަރާއި އަދި ބޯޓު ފަހަރު ވެސް، ނުގުޑާފަދަ ގޮތެއްގައި، ފަޅާއި ކަނޑުގައި ބޭއްވުމަށް ބޭނުންކުރާ ދަނގަޑުން ހަދާފައި އޮންނަ އާލަތެއް ނޫން ހެއްޔެވެ؟

މަނިކުބޭ: އާއެނކެވެ. ތިކަން އެނގެއެވެ. ނަމަވެސް، ތިކަހަލަ ނަގިއްޔެއްގައި އަޚުލާގިއްޔާތު އަޅުވައިފައި ބާއްވަނީ ކިހިނެއް ހެއްޔެވެ؟

ޖުހާ: އެކަހަލަ ނަގިއްޔެއްގައި އަޚުލާގިއްޔާތުގެ ކަންކަން އަޅުވާފައި ބާއްވާ ވާހަކައެއް ނުބުނަމެވެ.

މަނިކުބޭ: އެހެންވެއްޖިއްޔާ ތިބުނަން އުޅެނީ ކީކޭ ހެއްޔެވެ؟

ޖުހާ: އެންމެ ރަނގަޅެވެ. ސާފުކޮށްދެވޭތޯ ބަލާނަމެވެ. އެންމެ ފުރަތަމަ ހިތަށް ގެންނަން ޖެހެނީ އަޚުލާގިއްޔާތޭ މިކިޔާ އެއްޗަކީ ކޮބައި ކަމެވެ. އަޚުލާގިއްޔާތޭ ބުނެ މި އިޝާރަތްކުރަނީ ހެވާއި ނުބަޔަށެވެ. ރަނގަޅާއި ނުރަނގަޅަށެވެ. މިސާލަކަށް މީހުންނަށް އަޅާލައި ރަހުމުކުރުމަކީ ހެޔޮ ކަމެއް ނޫން ހެއްޔެވެ؟ މީހުންނަށް އަނިޔާވެރިވުމަކީ ނުބައި ކަމެއް ނޫން ހެއްޔެވެ؟ ހަމަ އެހެންމެ، ތެދުބުނުމަކީ ރަނގަޅު ކަމެއް ނޫން ހެއްޔެވެ؟ ދޮގު ހެދުމަކީ ނުރަނގަޅު ކަމެއް ނޫން ހެއްޔެވެ؟ މީހުން މެރުމާއި އިއްފަތް ފޭރުމަކީ ނުބައި ނުރަނގަޅު ކަންކަމެއް ނޫން ހެއްޔެވެ؟ ހަމަ އެހެންމެ، އަހަރުމެން، މުސްލިމުން ދެކޭ ގޮތުގައި، ޒިނޭ ކުރުމަކީ ވެސް ނުބައި ނުރަނގަޅު ކަމެއް ނޫން ހެއްޔެވެ؟

ދެން، އުފެދޭ ސުއާލަކީ މިކަންކަން- ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު- ކަނޑައަޅާނީ ކިހިނެއް ކަމެވެ. އެކަންކަމީ އަހަރުމެން އިންސާނުންގެ ބުއްދީގެ ނަޒަރު ހިންގައި އަހަރުމެން އިންސާނުންނަށް ކަނޑައަޅައި ނިންމާލެވިދާނޭ ކަންކަން ހެއްޔެވެ؟

މި ސުއާލުގެ ޖަވާބު ދެ ގޮތަކަށް ދެވިދާނެއެވެ. އެއް ގޮތަކީ އެކަންކަން ކަނޑައެޅުން އިންސާނާގެ ބުއްދީގެ އަލީގައި ކުރެވިދާނޭ ބުނެ، އޭނާގެ ބުއްދީގެ މައްޗަށް އެކަންކަން ކަނޑައެޅުން ދޫކޮށްލުމެވެ. އަނެއް ގޮތަކީ އެކަންކަން އިންސާނާގެ ބުއްދީގެ މައްޗަށް ދޫކޮށްލެވިގެން ނުވާނޭ ބުނުމެވެ. ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު ކަނޑައަޅާލެވުން އިންސާނާގެ ބުއްދީގެ މައްޗަށް މުޅިން ދޫކޮށްލެވިގެން ނުވާނޭ ބުނުމެވެ.

މަނިކުބޭ: އެއީ ކީއްވެ ހެއްޔެވެ؟ އިންސާނާއަށް އެކަންކަން އެނގިގަނެވިދާނެ ނޫން ހެއްޔެވެ؟

ޖުހާ: ތިހެން ވެސް ބުނެވިދާނެއެވެ. ނަމަވެސް، އެކަންކަން، ހަމައެކަނި، އިންސާނާގެ ބުއްދީގެ މައްޗަށް ދޫކޮށްލެވިއްޖެ ނަމަ، ބޭނުން ވެއްޖެ ހިނދެއްގައި އެކަން ކަމަށް ބަދަލު ގެނެވިދާނެއެވެ. ސަބަބަކީ އެކަންކަން އޭރުން ގުޅާލެވޭނީ އަމިއްލަ މަސްލަހާތާކަމަށް ވާތީއެވެ. ތިމާގެ މަސްލަހަތު ނިޔާކުރާނީ ދޮގު ހެދުން ކަމަށް ވަންޏާ އެކަން ކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމަކަށް ހަދާލެވެއެވެ. އަހަރުމެންގެ އިއްޒަތެރި މަޖުލީހުގެ ތެރެއިން ވެސް ވަރަށް ވެސް އިއްޒަތްތެރިއަކު މަޖުލީހުގައި ތެދު ބުނުމަކީ ގާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް ނޫން ކަމެކޭ ބުނި ހަނދާނެއް ވެއެވެ. އަދި، މީގެ އިތުރުން، މިހާރު މީގެ އެންމެ ރަނގަޅު އެއް މިހާރު ފެންމަތިވެގެން އުޅޭ ބަދުއަޚުލާގީ އަމަލުތަކުގެ ވީޑިއޯގެ މައްސަލައެވެ. އެކަމުގައި އެންމެނާ ޝާމިލުވި މީހާ އޭނާއަށް އެކަން ކުރެވުނީ ހެވާއި ނުބައި ނޭނގޭތީ ކަމާއި، އަދި އެނާ ފަގީރުކަމުންނާއި، މިފަދަ ގޮތަކަށް ވާހަކަދައްކައި، އަދި އެކަން ކުރެވުނީތީ މާފަށް ވެސް އެދުނު ކަމުގެ ޚަބަރުތައް ނޫސްތަކުގައި ލިޔެވިފައި އޮތް ނޫން ހެއްޔެވެ؟ މިހާރު އޭނާ ބުނަނީ ކީކޭ ހެއްޔެވެ؟ އެ ވީޑިޔާތަކުން ފެންނަ މީހަކީ އޭނާ ނޫންކަމާއި އެއީ 'އެޑިއްޓެއް' ކަމުގައެވެ. އާދެ، ކުރިން ވަކި ގޮތަކަށް ބުނެފައި އޮތް ކަމުގައި ވިޔަސް، މިހާރު އޭނާގެ ކުޅަދާނަ ވަކީލުގެ ލަފާގެ މަތިން ވެސް ކަންނޭނގެއެވެ. މިހާރު އޭނަގެ ވާހަކަތައް ހުރީ ކުރީގެ ވާހަކައާ މުޅިން ޚިލާފަށް ނޫން ހެއްޔެވެ؟ އޭނާގެ މަސްލަހަތާއި، އަދި، އެތައް ބައެއްގެ މަސްލަހަތު ވެސް، މިހާރު އެ ވާހަކަ ދައްކާ ގޮތަށް ދެއްކުމާ ގުޅިފައިވާތީއެވެ. މައްސަލައަކީ ތެދާއި ތެދަށްވުމާއި ދޮގު ދޮގަށް ވުމުގެ މައްސަލައެއް ނޫނެވެ. މައްސަލައަކީ މަސްލަހަތެވެ. އެހެންވެ، ތެދާއި ދޮގަކީ އޮންނަ އެއްޗެއް ނޫނެވެ!

ހަމަ އެހެންމެ، މީހުން މެރުމަކީ ވެސް، އެކަމުގެ ރަނގަޅު ނުބައި ކަނޑައަޅާލުން އިންސާނީ ބުއްދީގެ މައްޗަށް ދޫކޮށްލައިފި ނަމަ، ވަކި މީހެއްގެ ނުވަތަ ވަކި ބައެއްގެ މަސްލަހަތު ނިޔާކުރަނީ އެކަން ކުރުން ކަމުގައި ވެއްޖެ ނަމަ، އެއީ ވެސް އެންމެ ރަނގަޅު ކަމަކަށް ވެދެއެވެ. ދެތިން މިސާލެއް ލިޔެލާނަމެވެ. ދުނިޔޭގައި އެންމެ ގިނަ މީހުން މެރި އެކެއް ކަމަށް ބުނާ ރިޗަޑް ކޫކިލިންސްކީގެ މައްސަލައިގެ މައްޗަށް ނަޒަރު ހިންގާލާށެވެ. އޭނާއަކީ އެމެރިކާގެ މާފިޔާގެ ބައެއް ޖަމާއަތްތަކުން މީހުން މެރުމަށް އޭނައާ ހަވާލުކުރެވުނު މީހެކެވެ. އެހެންވެ، އޭނާގެ ހަޔާތުގެ ވަޒީފާއަކަށް ވެފައި އޮތީ މީހުން މެރުމެވެ. މިގޮތުން 1986ގައި އޭނާ ހިފާ ހައްޔަރު ކުރެވެންދެން، ސަތޭކައަށް ވުރެ ގިނަ މީހުން މަރާފައިވާނޭ ކަމުގައި އޭނާ ބުނެއެވެ. ޖަލުގައި އޭނާއާ ކުރެވުނު އިންޓަވިއުގައި އޭނާ އެކުރީ ނުރަނގަޅު ކަމެއްގެ ގޮތުގައި ނުދެކޭ ފަދަ ގޮތެއްގައި އޭނާ ވާހަކަ ދައްކާފައި ވެއެވެ. މީނާގެ އިތުރުން، މިފަދަ އެހެން ގާތިލެއް ކަމުގައިވާ ތިއޯޑޯ ބަންޑީ ވެސް އެތައް ޒުވާން އަންހެން ކުދިން މެރިއެވެ. އޭނާގެ ޝަހުވާނީ އެދުން ފުއްދުން އެކަން އެންމެ ރަނގަޅު ކަމަކަށް ދެކިގެންނެވެ. (މި މީސްމީހުންނާ ކުރެވުނު އިންޓަވިޔުތައް ޔޫޓިބްއިން ފެންނާން އޮންނާނެއެވެ.)

ދެން، ދައުލަތްތަކަށް ބަލާލާއިރު، އިހުގެ ސޮވިއެޓު ޔުނިއަން މީ ރަނގަޅު މިސާލެކެވެ. އެ ދައުލަތުގެ މަސްލަހަތު ނިޔާކުރީ ލައްކައިން މީހުން މެރުމަށެވެ. އަދި، ޚާއްސަކޮށް އިސްޓާލިންގެ ދުވަސްވަރު އެކަން ކުރިއެވެ. ޗައިނާގެ މައޯއާއި ކެމްބޯޑިއާގެ ޕޮލްޕޮޓާއި އިޓަލީގެ މުސޯލިނީއަކީ ވެސް މިފަދައިން، މާނައަކީ އެމީހުންގެ މަސްލަހަތު ނިޔާކުރަނީ ކަމަކަށް ބަލައި އެތައް ބައެއް މެރި ވެރިންނެވެ. މި ނަންގަތް ހަތަރު ވެރިން މެރި މީހުންގެ ޖުމްލަ އަދަދު ސަތޭކަ މިލިޔަނަށް އަރާކަމުގައި ބުނެއެވެ. އާދެ، ހެވާއި ނުބައި ރަނގަޅާއި ނުރަނގަޅު ކަނޑައެޅުން ބުއްދީގެ މައްޗަށް ދޫކޮށްލެވުމުން ނިކުތް މަންތިގީ ނަތީޖާއެވެ.

އަދިވެސް، އެހެން މައްސަލައެއްގެ މައްޗަށް ވެސް ބަލާލެވިދާނެއެވެ. ޒިނޭއާއި ފާހިޝް އަމަލުތަކުގެ މައްސަލައެވެ. މިކަންކަމުގެ ރަނގަޅު ނުރަނގަޅު ކަނޑައަޅާލުން އިންސާނީ ބުއްދީގެ މައްޗަށް ދޫކޮށްލެވުމުން، ފިރިހެނުންނާ އަންހެނުންނަކީ ކޮބައިކަމުގެ މާނަ ގެއްލެއެވެ. އިންސާނީ ބުއްދީގެ އަލީގައި ފިރިހެނަކީ އަންހެނަކަށް ހަދާލެވެއެވެ. އަދި، އަންހެނަކީ ފިރިހެނަކަށް ވެސް ހަދާލެވެއެވެ. އިންސާނާ އުފެދުމުގައި އޭނާގެ ގުނުވަންތަކަށް ދެވިފައިވާ ތަބީއީ ވަޒީފާތަކަށް ވެސް ބަދަލުތައް ގެނެވިދާނެއެވެ. މިސާލަކަށް، ދާދި ފަހަކާ ޖެހެންދެން- ގާތްގަނޑަކަށް މީގެ ސާޅީހަކަށް އަހަރު ކުރިއާ ޖެހެންދެން- އިންސާނާގެ ފުރަގަސް ފަރާތުގެ ވަޒީފާއަކީ ކޮބައިކަން މީހުންނަށް އޮޅިފައެއް ނޯވެއެވެ. އެއީ އިންސާނާގެ ހަށިގަނޑުގައި އުފެދޭ ނަޖިސް ބޭރުކުރުމުގެ ގުނަވަނެވެ. ނަމަވެސް، އިންސާނާގެ ބުއްދީގެ އަލީގައި އޭގެ މައްޗަށް ނަޒަރު ހިންގައި، އެއް ބަޔަކު މިހާރު ދެކެނީ އެއީ ޖިންސީ ގުނަވަނެއް ވެސް ކަމުގައެވެ. އެއީ 'ނަޖިސް ވަޅެއް' ނޫން ކަމެވެ! ޝަހުވަތު އެދުމުގައި އިންސާނާގެ ނަޒަރު އެ ދިމާއަށް ހުއްޓުވާލަން ޖެހޭ ވަރަށް ވެސް ތާހިރު ތަނެއް ކަމުގައެވެ. އިންސާނާގެ 'ފިޒިއޮލޮޖީއާއި' އޭނާގެ 'ބައޮލޮގީ' އެކަމާ އިންކާރު ކުރި ކަމުގައި ވިޔަސް ވެހެވެ. ކިރިތި ގުރުއާނުގައި މިއީ ގަބޫލުކުރެވިދާނޭ ކަމެއް ހެން ދޭހަވާ ގޮތެއްގައި މިކަމަށް އިންކާރު ކުރެވިފައިވަނީ އެހެން ވެއެވެ. އާދެ، أَئِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاءِ (އަޅެ، ކަލޭމެން، ކަލޭމެންގެ ޝަހުވާނީ އެދުން ފުއްދުމަށްޓަކައި އަންހެންނުން ދޫކޮށް ފިރިހެނުންގެ ގާތަށް ދަނީ ހެއްޔެވެ؟) މީގެ އެންމެ ހެއްވާ ކަމަކީ، މި ފަދައިން މިކަން ގަބޫލުކުރާ މީހުން، އެމީހުން އެކަން ގަބޫލުކޮށްފައި ފުއްދާނުލުމެވެ. މީގެ އިތުރުން، އެހެން އެންމެން ވެސް އެކަން އެއީ ހަމަ އެންމެ ރަނގަޅު ކަމެއްކަން ގަބޫލުކުރުން މަޖުބޫރު ކުރުވުމެވެ. ފުރަގަސް ފަރާތަކީ ނަޖިސް ބޭރު ކުރާ ނަޖިސް ވަޅެއްގެ އިތުރުން އެއީ ޝަހުވަތުގެ އެދުން ފުއްދައި ލައްޒަތު ލިބުމަށް އެންމެ ރަނގަޅު، ވަރަށް ވެސް ހިތްކިޔާ ތާހިރު، އޭގެ ލޯބީގައި ޖެހެން ޖެހޭނޭ ތަނެއްކަން އެންމެން ވެސް ގަބޫލުކުރަން ޖެހޭނޭ ކަމުގެ ވާހަކަތައް ދެއްކުމެވެ.

މަނިކުބޭ: އެންމެ ރަނގަޅެވެ. ތި ކިޔާ އެއްޗެއް ސާފުވެއްޖެއެވެ. ނަމަވެސް، އަދިވެސް އެއްކަލަ ނަގިލީގެ ވާހަކަ ކިޔައި ނުދެމު ނޫން ހެއްޔެވެ؟ އަޚުލާގީ ނަގިއްޔޭ ތިކިޔަނީ ކޮން އެއްޗަކަށް ކަމެއް ސާފެއް ނުކޮށްދެމެއް ނޫން ހެއްޔެވެ؟

ޖުހާ: މިހާރު އެ ހިސާބަށް މި އާދެވުނީއެވެ. ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު، މިކަންކަން ކަނޑައަޅާލެވުން އިންސާނާގެ ބުއްދީގެ މައްޗަށް ދޫކޮށްލީމާ ވާގޮތް ސާފުވެއްޖެ ނޫން ހެއްޔެވެ؟ ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅުގެ މާނަ ގެއްލެނީއެވެ. އެމީހަކު ބޭނުން ގޮތަކަށް އެކަން ކަނޑައަޅާލެވެނީއެވެ. އޭގެ މިސާލަކީ ނަގިއްޔެއް ނުލައި ކަނޑަށް ދޫކޮށްލެވޭ ބޯޓެއްގެ މިސާލެވެ. އެ ގޮތަށް ކަނޑަށް ބޯޓެއް ދޫކޮށްލެއްވިއްޖެ ނަމަ، ބޯޓު އޮޔާދާ ފަދައިން، އަޚުލާގިއްޔާތުގެ މައްސަލަތައް– ހެވާއި ނުބައި ރަނގަޅާއި ނުރަނގަޅު ކަނޑައަޅާލުން– ވަރުގަދަ ނަގިއްޔެއްގައި ނުލައި ދޫކޮށްލައިފި ނަމަ، އެކަން ބޭނުން ގޮތަކަށް މާނަކޮށް ބޭނުން ގޮތަކަށް ކަނޑައަޅާލެވިދާނެއެވެ.

މަނިކުބޭ: އެހެންވެއްޖިއްޔާ އަޚުލާގިއްޔާތުގެ ނަގިލި ގުޅުވާލަން ޖެހެނީ ކޮން ކަމަކާ ހެއްޔެވެ؟

ޖުހާ: އަޚުލާގިއްޔާތުގެ ނަގިލި ގުޅާލަން ޖެހެނީ މާތްﷲއާއެވެ. އެކަލާނގެ ވަހީ ބަސްފުޅާއެވެ. އެ ވަހީ ބަސްފުޅުގެ މައްޗަށް ބިނާވާ ދީނީ އުނގަންނައިދިނުމާއެވެ. މިފަދައިން އަޚުލާގިއްޔާތުގެ މައްސަލަ ނަގިލި ލައިފައި ވުމުން، އަޚުލާގިއްޔާތުގެ މައްސަލައަކީ ނިސްބީ ކަމަކަށް ނުވެ، އެކަމަށް ދާއިމީ ސިފަ ލިބެއެވެ. ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު މިކަންކަމީ މާނައެއް އޮތް ކަމަކަށް ހަދާލެވެނީ މާތްﷲ ވޮޑިގެންވާ ކަން ގަބޫލުކޮށް، އެކަލާނގެއާ އެކަން ގުޅުވާލައިގެންނެވެ. އަހަރުމެން މުސްލިމުންގެ ދީނީ ބަހުރުވައިގައި މިކަމަށް ދެވިފައި އޮންނަ ނަމަކީ ހަލާލާއި ހަރާމެވެ. ދީނުގެ ޖައުހަރީ އުނގަންނައި ދިނުމަކީ ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު، މިކަންކަމީ އޮތް ކަމެއްކަމާއި އަދި އެކަން ކަނޑައަޅާލާ ދިނުމެވެ. މިކަން މާތްﷲއާއި އެކަލާނގެ ވަހީ ބަސްފުޅާއި ގުޅުވައިގެން ސާފުކޮށް ބުނެދިނުމެވެ. އާދެ، އަޚުލާގިއްޔާތުގެ ނަގިއްޔަކީ މާތްﷲގެ ވަހީ ބަސްފުޅެވެ. އަޚުލާގިއްޔާތުގެ މައްސަލައިން މި ނަގިލި ކަނޑާލައި ވަކިކޮށްލައިފި ނަމަ، ހެވާއި ނުބައި ރަނގަޅާއި ނުރަނގަޅު އެއީ މާނައެއް އޮތް އެއްޗެއް ކަމަކަށް ނުވެއެވެ. އޭރުން އެމީހަކު ބޭނުން ގޮތަކަށް، އެމީހަކުގެ މަސްލަހަތު ނިޔާކުރާ ގޮތަކަށް ކަނޑައަޅާލެވޭ އެއްޗެއް ކަމުގައި ވެގެންދެއެވެ. އެހެންވެ، ލާއިލާހިއްޔަތުގެ މީހުން، އާދެ، ކަލަކު ވޮޑިގެންވާކަން ގަބޫލު ނުކުރާ މީހުން، ބުނަނީ، ހެވާ ނުބަޔަކީ އޮތް ކަމެއް ނޫނެވެ! މިއީ ސަލާމަތްކަންމަތީ އޮންނަ ފިތުރަތެއް، އިންސާނީ ތަބީއަތެއް، އަދި، އިންސާނީ ހަމަ ބުއްދި، މިކަން ގަބޫލޫކުރާނޭ ކަމެއް ހެއްޔެވެ؟ ހެވާއި ނުބައަކީ އޮތް ކަމެއް ނޫނޭ ބުނެފާނެ ހެއްޔެވެ؟

މަނިކުބޭ: ނުބެނެވޭނެއެވެ.

ޖުހާ: އަދި، މިވާހަކަ ވެސް ބުނެލަން ޖެހެއެވެ. އެއްކޮޅުން، ހަރުދަނާ ގޮތެއްގައި ތަނެއްގައި އަޚުލާގިއްޔާތުގެ ކަންކަން އޭގެ ނަގިއްޔާ ގުޅުވާލެވިފައި އޮތްހާ ހިނދަކު ހެޔޮ، ހެޔޮގެ ގޮތުގައި، ނުބައި، ނުބައިގެ ގޮތުގައި ދެމި އޮންނާނެއެވެ. މި ދޭތެރެއިން، މިއަހަރު ނޮވެމްބަރު މަހުގައި ގަތަރުގައި އޮންނަ ދުނިޔޭގެ ފުޓުބޯޅަ މުބާރާތުގެ ތެރެއިން އެއްޖިންސުގެ ގުޅުން ހިންގުން ކުރިއެރުވުމުގެ މަސައްކަތް، އެ މުބާރަތް އިންތިޒާމު ކުރާ މައި ފަރާތުން، ކުރިއަށް ގެންދަން އުޅުމުން، ގަތަރުގެ މަސްއޫލު ފަރާތްތަކުން ދިން ޖަވާބު ހަނދާންކޮށްލުން މިތާ މުނާސިބު ކަމަށް ދެކެވެ. މިކަމަށް ރައްދު ދިނުމުގެ ގޮތުން، ގަތަރުގެ ކަމާ ބެހޭ ފަރާތުން، އެއީ ނުވާނެ ކަމަކަށް ބުނެ، އެއް މަސް ދުވަހައްޓަކައި، އެމީހުންގެ ސަގާފަތް، އާދެ، އެމީހުންގެ ދީނީ ތައުލީމުތަކާއި އޭގެ މައްޗަށް ބިނާވާ އަޚުލާގިއްޔާތު، ބަދަލުކުރަން ބޭނުން ނުވާ ވާހަކަ ބުންޏެވެ.

ތަނެއްގެ އަޚުލާގިއްޔާތުގެ މާނަ ގެއްލި، ރަނގަޅާއި ނުރަނގަޅު އޮޅިގެންދާ ދިޔުމުން އަންގައިދެނީ ކޮންކަމެއް ހެއްޔެވެ؟ ރަނގަޅާއި ނުރަނގަޅަކީ ނެތް ކަމެއްކަން، ތަނުގައި ފަތަރުރަން، ކޮންމެ ވެސް ބަޔަކު އިސްނަގައިގެން ކުރާ މަސައްކަތް ކާމިޔާބު ވަމުން އަންނަ ކަމެވެ. މިކަން ހުއްޓުވަން ބޭނުން ނަމަ، އެންމެ ފުރަތަމައިން، މިއީ ކޮން ބައެއްކަން ހޯދައި އެމީހުންނާއި އަދި އެމީހުންގެ ފިކުރާ ދުރަށްދާން ޖެހެއެވެ. އެއީ އެ ފިކުރަކީ، ގަތަރުގެ މަސްއޫލުވެރި ފަރާތުން ފާހަގަކުރި ފަދައިން، އަހަރުމެންގެ ސަގާފަތާއި އާދެ، އަހަރުމެންގެ ދީނީ އުނގަންނައި ދިނުމާއި އަހަރުމެންގެ އަޚުލާގިއްޔާތާއި މުޅިން ބީރައްޓެހި ކަމަކަށްވީ މައެވެ. ޝައްކެއްނެތް ގޮތުގައި، އަހަރުމެންގެ ދީން ގަބޫލުކުރާ ބަޔަކު އަހަރުމެންގެ ދީނުގެ ޖައުހަރީ މައްސަލަތަކާ ދެކޮޅު ހަދައި އެކަން އުވާލާކަށް ނޫޅޭނެއެވެ. މިފަދައިން ކަންތައް ކުރާނީ އަހަރުމެންގެ ދީން ގަބޫލު ނުކުރާ މީހުންނެވެ. އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކަށް ވާނީ ދީނީ ޖައުހަރީ ކަންކަން ގަބޫލުކުރާ ދީނަށް ތަބާވެގެން ތިބޭ މީހުން އެފަދަ މީހުންނާ ތާއިދުކޮށް އެމީހުންނާ ބައިވެރިވުމެވެ. އަހަރުމެންގެ އަޚުލާގިއްޔަތުގެ ނަގިލި ކަނޑާލައި ހެވާއި ނުބަޔަކީ ނެތްކަމެއްކަމަށް ހަދަން އުޅޭ މީހުންނާ ބައިވެރިވެ، އެމީހުންނަށް ވާގިދިނުމެވެ.

މިފަދަ ޖާހިލިއްޔަތުގެ، އަޚުލާގީ އެއްވެސް ހަމައެއް ނެތް، އަދި މުއުމިނުންގެ މެދުގައި އެމީހުންގެ ލާއަޚުލާގީ ގޮތް ފަތުރަން މަސައްކަތް ކުރާ މީހުންނާ ބެހޭ ގޮތުން ކީރިތި ގުރުއާނުގައި އައިސްފައިވެއެވެ. إِنَّ ٱلَّذِينَ يُحِبُّونَ أَن تَشِيعَ ٱلْفَٰحِشَةُ فِى ٱلَّذِينَ ءَامَنُواْ لَهُمْ عَذَابٌ أَلِيمٌ فِى ٱلدُّنْيَا وَٱلْءَاخِرَةِ ۚ (އީމާން ވެއްޖެ މީސްތަކުންގެ މެދުގައި، ފާހިޝް، އަޚުލާގީ ގޮތުން ހަޑި މުޑުދާރުކަންތައްތައް ފެތުރި ދިޔުމަށް އެދޭ މީހުންނަށް، ދުނިޔޭގައްޔާއި އަދި އާޚިރަތުގައި ވޭންދެނިވި އަޒާބުހުއްޓެވެ.) އެހެންކަމަށްވާއިރު، އެފަދަ މީހުންނާ ބައިވެރިވެ، އެމީހުންނަށް ވާގިވެރިވެ، އެހީވެދޭން ހެޔޮވާނެ ހެއްޔެވެ؟