Support Us

ކޮލަމް ކޯދު: އެވޭލާ ޒަމާނުގެ ހިކުމަތުގެ ބަސްކޮޅެއް

ތިރީގައި މި ވަނީ އެވޭލާ ޒަމާނުގެ ރޯމުގެ ސިޔާސީވެރިއެއް ކަމަށްވާ ސިސެރޯގެ (43-104 މީލާދުގެ ކުރި) ހިކުމަތުގެ ބަސްކޮޅެކެވެ.

  1. ހިތާމައިގެ ސަބަބުން، އިސްތަށިގަނޑަށް ދަމައި އިސްތަށިތައް އުފުރަން އުޅުމަކީ މޮޔަކަމެކެވެ. ތަލަވެ، ބޮލުގައި އިސްތަށި ނެތުމުން، ހިތާމަ މެދުވެރިކުރުވާ ވޭނުގެ އަސަރު ކުޑަވޭ ހެއްޔެވެ؟
  2. ފޮނި ވާހަކަތަކުގެ މައްޗަށް އެކުލެވޭ ތަގުރީރުތަކަކީ ބަލިކަށިކަމުގެ ފުރަތަމަ އަލާމަތެވެ. މޮޅެތި ކަންކަން ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހުން، އެކަންކަން ކުރަނީއެވެ. އެފަދަ ގާބިލު މީހުން، އެމީހުންގެ ގާބިލުކަން ދެއްކުމަށްޓަކައި މާ ގިނައިން އަނގަހުޅުވައި ފޮނި ވާހަކަތައް ދައްކާކަށް ނުހަދައެވެ.
  3. މަރުވެ، މި ދުނިޔެ ދޫކޮށްފައިދާ މީހުން، ދިރި ތިބެނީ ދިރިތިބޭ މީހުންގެ ހަނދާނުގައެވެ.
  4. އިނބަގެ ދުޝްމަނަށް އިނބަ މަރާލެވިދާނެއެވެ. އެހެންވިޔަސް، އިނބަގެ ހިތުގައި ޖެއްސޭނީ ހަމައެކަނި އިނބަގެ ރަހުމަތްތެރިންނަށެވެ.
  5. ކޮންމެ މީހަކަށް ވެސް އޮޅިގެން ކުށެއް ކުރެވިދާނެއެވެ. ނަމަވެސް، އެ ކުށް ކުރުން މަތީ ދެމިހުންނާނީ މޮޔައެކެވެ.
  6. ބަދަލުވެ، ފުރޮޅެމުންދާ ނަސީބު، ރަހުމަތްތެރިންގެ މައްޗަށް އޮންނަ އިތުބާރު އިމްތިހާނުކޮށްލައެވެ.
  7. ހަނގުރާމައިގެ ދުވަސްވަރު، ގާނޫނުތައް ހަމަހިމޭންވެއެވެ.
  8. މީހުންނަށް ހެޔޮކޮށް ހިތުން، އެމީހުންނަށް ބިރުދެއްކުމަށް ވުރެ މާ ބާރުގަދަވެގެން ވެއެވެ.
  9. ދިރުން ލިބިގެންވާހާ ހިނދަކު އުއްމީދު އޮވެއެވެ.
  10. އެންމެ މަތިވެރިގެންވާ ފަތަހައަކީ، ކާމިޔާބަކީ، އަމިއްލަ އެދުމާއި ދަހިވެތިކަން ފަދަ އިނބަގެ ނަފްސުގެ ނުބައިކަމުގެ މައްޗަށް ހޯދާ ފަތަހައެވެ. ކާމިޔާބީއެވެ.
  11. ބައެއް ފަހަރު، ހާދިސާތައް މެދުވެރިކުރުވާ ސަބަބުތައް، އެ ހާދިސާތަކަށް ވުރެ ވެސް ޝައުގުވެރިއެވެ.
  12. ފޮތަކީ އަހަރުމެންނަށް ދުވަހަކުވެސް ބޭވަފާތެރިނުވާނޭ އެކުވެރިޔާއެވެ.
  13. އީމާންކަމުގެ މީހާއަކީ ކެރޭނޭ ވެސް މީހެކެވެ.
  14. ގުދުރަތުން އަހަރުމެންނަށް ދެއްވާފައި އޮތް ހަޔާތުގެ މުއްދަތު ކިތައްމެހާ ވެސް ކުރެވެ. ނަމަވެސް، ހެޔޮ ގޮތުގައި ހޭދަކޮށްލެވޭ ހަޔާތުގެ ހަނދާންތައް އަބަދުގެ އަބަދަށް ދެމިގެންދެއެވެ.
  15. އެމީހަކު ދެކެ އިނބަ ބިރުގަނެ ޖެހިލުންވާ މީހާ، ނޫނީ އިނބަ ދެކެ އެމީހާ ބިރުގަނެ ޖެހިލުންވާ މީހާ، މިފަދަ މީހެއް ދެކެ އިނބައަށް ލޯތްބެއް ނުވެވޭނެއެވެ.
  16. އިންސާނާގެ ހަށިގަނޑަށް ޖެހޭ ބަލިތަކަށް ވުރެ، އޭނާގެ ރޫހަށް ޖެހޭ ބަލިތައް ގިނަވެފައި މާ ނުރައްކާތެރިއެވެ.
  17. ކުށަށް އަދަބު ނުލިބުމަކީ ކުށްތަކަށް އަރައިގަތުމަށް ދެވޭ އެންމެ ބޮޑު ހިއްވަރެވެ.
  18. ހިކުމަތުގެ ވަޒީފާއަކީ ހެވާއި ނުބައި ވަކިކޮށް ބުނެދިނުމެވެ.
  19. ގާނޫނުތައް އަހަރުމެން ބަނދެ ހިފަހައްޓަނީ އަހަރުމެން މިނިވަނުންގެ ގޮތުގައި ބޭތިއްބުމަށެވެ.
  20. ކޮންމެ ކަމެއް ވިޔަސް، އެކަން ކުރަން ފެށުމުގެ ކުރިން، ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހެއެވެ.