Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިއައިދޭ ވާހަކައެއް

ތަސްވީރުން ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ އާދައިގެ ލޮރީއެއްގެ 'ބުރިކަށި’މަތީ މަތިންދާ ބޯޓެއް ގެންދެވޭ މަންޒަރެވެ. މި ތަސްވީރުން ފެންނަ މަންޒަރު ކިޔައިދެނީ ކޮން ވާހަކައެއް ހެއްޔެވެ؟

ލޮރީގައި ގެންދެވޭ މަތިންދާ ބޯޓު އޮތީ ބާވެ، ހަސްނެތިފައެވެ. ނަމަވެސް، އެ ބޯޓަށް ވެސް ރަން ޒަމާނެއް އައެެވެ. ބޯޓުގެ ރަންޒަމާނުގައި، ވަރަށް ވެސް ފަޚުރުވެރިކަމާއެކު، އުޑުމަތީ އުދުހުނެވެ. އެއްތަނުން އަނެއްތަނަށް ދަތުރުކުރިއެވެ. ބޮޑެތިބޮޑެތި މީހުންނާއި މޮޅެތިމޮޅެތި މީހުން ގޮވައިގެން ވެސް ދަތުރުކުރިއެވެ. އާދެ، ވަރަށް ވެސް ގަދަރުވެރި މަގާމެއް، އެ ބޯޓުގެ ރަންޒަމާނުގައި، އެއަށް ލިބިފައި އޮތެވެ.

ނަމަވެސް، މިއަދު، އެ ބޯޓުގެ ހާލަކީ ކޮބައިހެއްޔެވެ؟ ދުނިޔޭގެ ގާނޫނު ނިޔާކުރާ ގޮތުން، ބޯޓުގެ ހަޔާތުގެ އިރު އޭގެ އުޑު މެދަށް އެރުމަށް ފަހު، އެ އިރު އޮއްސުނީއެވެ. އިންސާނުންގެ މިސާލަކީ ވެސް ހަމަ މިއެވެ. ކޮންމެ މީހަކަށް ވެސް އޭނާގެ ހަޔާތުގެ ރަންޒަމާނެއް އާދެއެވެ. ނަމަވެސް، ގުދުރަތުގެ ގާނޫނު ނިޔާކުރަނީ އެ ރަންޒަމާން ނިމި، އޭނާގެ ހަޔާތުގެ އިރު އޮއްސޭނޭ ކަމެވެ. އަދި، އުޑުމަތީ އުދުހެން އުޅުނު މަތިންދާ ބޯޓުވެސް އޭގެ ރަންޒަމާން ނިމި، ލޮރީގައި އުފުލުނު ފަދައިން، އިންސާނާގެ ވެސް ރަން ޒަމާން ނިމި، އެންމެ ފަހުން، ތިންފިލާގައި ކޮންމެވެސް އުޅަނދެއްގައި ނުވަތަ މީސްތަކުންގެ ކޮނޑުމަތީ އުފުލި އޭނާގެ މަގުބަރާއަށް ގެންދެވޭނޭ ކަމެވެ.

އެހެންވީމާ، އިންސާނާ އޭނާގެ ރަންޒަމާނުގެ ދުވަސްވަރު، އޭނާގެ އެންމެ ފަހުގެ މަސީރު މަތިން އަބަދުވެސް ހަނދާންކުރަން ޖެހެއެވެ. ބޮޑާވެ، ކިބުރުވެރިވެ، އެހެން މީހުން ނިކަމެތިކޮށްލުމުން ދުރުވެވޭތޯއެވެ. އަދި، އޭނާގެ ރަންޒަމާނުގައި އެންމެންނަށް ވެސް ފައިދާ ކުރާނޭ ކަމެއް ކުރެވޭތޯއެވެ. އޭނާގެ ހަޔާތުގެ އިރުއޮއްސި ދިޔުމަށް ފަހު ވެސް، އޭނާގެ ހެޔޮ ޒިކުރާ ހިތްތަކާއި އެކިއެކި އުޑުތަކުގައި، މެހެފިލުތަކުގައި ދެމިހުރުމަށްޓަކައި ވެސް މެެއެވެ.