Support Us

މާތް ނަބިއްޔާގެ އެންގެވުމަށް އަބޫ ރާފިއު ގަތުލުކޮށްލި ހާދިސާ

އަލް ބަރާ ބިން ޢާޒިބް ރިވާކުރައްވާފައި ވެއެވެ. أبو رافع بن أبي الحُقَيْق އަކީ ހިޖާޒުގައި ދިރިއުޅެމުން ދިޔަ ފައިސާވެރި މަހުޖަނެކެވެ. މުސްލިމުންނަށް ދުއްތުރާކޮށް، ކީރިތި ރަސޫލާ ﷺ އާ ދެކޮޅަށް މުޝްރިކުންނަށް ވާޤިވެރިވަމުން ދިޔަ ޔަހޫދީއެކެވެ. ފަހެ މީނާގެ ކަންތައް ހައްދުފަހަނައަޅައި ދިޔުމުން މީނާ ޤަތުލުކޮށްލެއްވުމަށް ކީރިތި ރަސޫލާ ﷺ ނިންމެވިއެވެ. އަދި އެކަމަށްޓަކައި އަންޞާރުންގެ ކުޑަ ގުރޫޕެއް އެކުލަވާލައްވައި އެ ގުރޫއްޕުގެ ލީޑަރަކަށް އަބްދުالله ބިން އަތީގު ހަމަޖެއްސެވިއެވެ.

ދެންފަހެ ކީރިތި ރަސޫލާ ﷺގެ އަމުރުފުޅަށް، އަބޫ ރާފިއު ޤަތުލުކޮށްލުމަށްޓަކައި އަބުދުﷲ ބުން އަތީޤް އާއި އެކަލޭގެފާނުގެ ބައިވެރިން އޭނާ ދިރިއުޅޭ ކޯއްޓޭ ކައިރިޔަށް ދިޔައެވެ. އޭރު އިރުއޮއްސި އަނދިރިވުމުން މީސްތަކުން އެބައިމީހުން ގެންގުޅޭ ނަޢަމް ސޫފިތައް އެތެރެއަށް ވައްދަނީއެވެ. އެހެންކަމުން އަބްދުﷲ އާއި އެކަލޭގެފާނުގެ އެކުވެރިން ކިއްލާއާ މާ ދުރު ނޫން ހިސާބެއްގައި މަޑުކުރެއްވިއެވެ. ދެން އަބްދުالله ބިން އަތީގު އެކަލޭގެފާނުގެ ބައިވެރިން ގާތު ވިދާޅުވިއެވެ. "ތިޔަބޭކަލުން ތިބި ތަނުގައި މަޑުކުރައްވާށެވެ. އަހުރެން މިދަނީ މި ކިއްލާގެ ދޮރުވާނަށް މަކަރެއް ހެދޭތޯ ބަލާށެވެ. އޭރުން އަހުރެންނަށް މި ކިއްލާތެރެއަށް ވަދެވިދާނެއެވެ."

މިހެން ވިދާޅުވެފައި އަބްދުالله ބިން އަތީގު ކިއްލާއާ ދިމާލަށް މިސްރާބު ޖެއްސެވިއެވެ. އަދި ކިއްލާގެ ދޮރާ ކައިރިޔަށް ވަޑައިގެންފައި އެކަލޭގެފާނުގެ ހެދުންކޮޅުން ނިވާވެވަޑައިގެން ގަޟާހާޖާކުރާ މީހެއް ކަމަށް ހެދިގެން އިށީންނެވިއެވެ. އޭރު ކިއްލާގެ މީސްތަކުން އެވެރިން ގެންގުޅޭ ޙިމާރެއް ގެއްލިގެން އެ ޙިމާރު ހޯދުމަށް އަލިފާން ރޯކޮށް، އަލިކޮށްގެން ހޭލިމޭލި އަށް ހިނގައި އުޅެތެވެ. އެހެންކަމުން އެކަލޭގެފާނު އިންނެވީ، ކިއްލާގެ މީސްތަކުންނަށް އެކަލޭގެފާނަކީ ކާކުކަން އެނގިދާނެތީ ބިރުން، ހެދުންކޮޅުން ބޮލާއި ފައިވެސް ނިވާކުރައްވައިގެން ގަޟާހާޖާކުރާ މީހަކަށް ހެދިގެންނެވެ. (ކޯއްޓޭތަކުގައި އުޅޭ މީހުން އެކަކު އަނެކަކު ދަންނާނެއެވެ. އަދި އެ ތަންތަނަކީ، ރޭގަނޑަށް އެތަންތަނުގެ ބޮޑުގޭޓު ލައްޕައި ތަޅުލާ ތަންތަނެވެ. އެއިރަކު ފާހާނާއެއް ނުހުންނާނެއެވެ. ފާހާނާކުރާ މީހަކު، ދާން ޖެހޭނީ ކޯއްޓޭއިން ބޭރަށެވެ.)

ކޮންމެއަކަސް، ކިއްލާގެ މީސްތަކުން އެތެރެއަށް ވަދެ، ގޭޓު ލައްޕާ ވަގުތު ޖެހުނު ހިނދު، ދޮރުވާނުގެ ލޮލުގައި އަބުދުﷲ އަޅައިގަތެވެ. އެހެން ކަމުން އެކަލޭގެފާނަކީ ވެސް އެކިއްލާގައި ދިރިއުޅޭ މީހެއް ކަމަށް ހިތައި ދޮރުވާނު ގޮވާލިއެވެ.

"އޭ ﷲ ގެ އަޅާއެވެ. ކަލޭ ބޭނުން ނަމަ އެތެރެއަށް ވަންނާށެވެ. އަހަރެން ގޭޓު ލައްޕަން ވެއްޖެއެވެ."

ދެން އަބުދުﷲ ބުން އަތީޤް އެ ކޯއްޓޭގެ ގޭޓުން އެތެރެއަށް ވަންނަވައި، ގޭޓުކައިރީގައި ހިމާރު ބާއްވަން ހަދާފައި ހުރި ތަނަކަށް ވަންނަވައި ފިއްލަވައިފިއެވެ. އަދި މީސްތަކުން އެތެރެއަށް ވަދެ ނިމުމުން، ދޮރުވާނު ގޭޓު ލައްޕާފައި ތަޅުދަނޑި ބާއްވަން ޚާއްޞަ ތަނުގައި ތަޅުދަނޑި ބާއްވާފައި ހިނގައިގެންފިއެވެ. ދަންފަހެ މީސްތަކުން އެތެރެއަށް ވަދެ ހިމޭންވުމުން އަބުދުﷲ އެކަލޭގެފާނު ފިލާ އޮންނެވި ތަނުން ނިކުމެވަޑައިގަތެވެ. އަދި ތަޅުދަނޑި ނަންގަވައި ގޭޓުގެ ތަޅު ހުޅުއްވިއެވެ. އެއީ އެކަލޭގެފާނު ފިއްލަވަންވެއްޖެ ހާލަތެއްގައި ނިކުންނަވަން ފަސޭހައަކަށެވެ. އޭރު އަބޫ ރާފިއުއާއި އޭނާގެ އެކުވެރިންތަކެއް އޭނާ ދިރިއުޅޭ ތަނުގައި އަނގަތަޅަން ތިއްބެވެ. އަދި ވަރަށް ލަސްވަންދެން އެހެން ތިބެތިބެފައި، އެ ވެރިންވެސް ނިދަން ގެއަށް ހިނގައްޖެއެވެ.

ދެން އަޑުމަޑުވެ އެއްވެސް ހިލަމެއް ނެތްކަން ޔަޤީންވުމުން، އަބުދުﷲ އެތަނުގެ އެތެރޭގައި ހުރި ގެތައް ބޭރުން ތަޅުލެއްވިއެވެ. އެއަށްފަހު އަބޫ ރާފިއުގެ ގެޔާ ދިމާލަށް މިސްރާބު ޖެއްސެވިއެވެ. ދެން އެ ގެއަށް ވަޑައިގެން، ސިޑިއަކުން މައްޗަށް އަރުއްވައި އެތެރެއަށް ވެންނެވިއެވެ. އެކަލޭގެފާނު ހުޅުއްވާ ކޮންމެ ދޮރެއް އެތެރެއިން ތަޅުލައްވައެވެ. އެއީ އަބޫރާފިއުގެ ގޭތެރޭގައި އުޅޭކަން އެނގިގެންވެސް ބޭރުން އަންނަ ބަޔަކަށް އެތެރެއަށް ވަނުމުގެ ކުރިން އަބޫރާފިއުގެ ކަންތައް ނިންމާލުމަށް އެކަލޭގެފާނު ވަގުތު ހޯއްދެވުމަށެވެ.

އަބުދުﷲ ބުން އަތީޤް ވިދާޅުވިއެވެ. "އަހުރެން އެތެރެއަށް ވަންއިރު އެ ގޭތެރެ އޮތީ އަނދިރިކޮށެވެ. މީހުން ތިބީ ނިދާފައެވެ. ދެން އަބޫ ރާފިއު އޮތީ ސިދާ ކޮންދިމާލެއްގައިކަން ނޭނގިގެން އަހުރެން ގޮވާލީމެވެ. "އޭ އަބޫ ރާފިއުއެވެ." ދެން އޭނާ ޖަވާބުގައި ބުންޏެވެ. "ތިޔައީ ކާކުހެއްޔެވެ؟" އަހަރެން އެ އަޑު އައި ދިމާލަށް ގޮސް ކަނޑިން އެތިފަހަރެއް ޖަހައިފީމެވެ. ނަމަވެސް އަހުރެންގެ ލަފާކުރުން ގޯސްވުމުގެ ސަބަބުން އެ ހަމަލާ އެހާ ކާމިޔާބެއްނުވިއެވެ. ދެން އޭނާ ވަރަށް ބާރަށް ރޮއިގަތުމުން އަހުރެން އެ ގެއިން ނިކުމެފައި އިރުކޮޅަކު މަޑުކޮށްލީމެވެ. އަދި އަނެއްކާވެސް އެތެރެއަށް ވަދެ ގޮވައިލީމެވެ. "އޭ އަބޫ ރަފިއުއެވެ. މި އިވުނީ ކޮން އަޑެއްތޯއެވެ؟" އަބޫ ރާފިއު ބުންޏެވެ. "ކަލޭގެ މަންމައަށް ހަލާކު ހުއްޓެވެ. އަހުރެންގެ ގޭތެރޭގައި ހުރި މީހަކު އަހަރެންގެ ގައިގައި ކަނޑިއަކުން ޖަހައިފިއެވެ." ދެން އަހުރެން އަނެއްކާވެސް އޭނާގެ ގައިގައި އެތައް ފަހަރަކު ކަނޑިން ޖަހައިފީމެވެ. ނަމަވެސް އޭނާ މަރެއް ނުވިއެވެ. ދެން އަހަރެންގެ ކަނޑި، އޭނާގެ ބަނޑަށް ހަރާލައި، މައިބަދައާ ޖެހެންދެން ކޮށްޕާލީމެވެ. އެހިނދު އަހުރެންނަށް އޭނާ މަރުވެއްޖެކަން އެނގުނެވެ. ދެން އަހުރެން ފަހަރަކު ދޮރެއް ހުޅުވާފައި އެތަނުން ނިކުންނަން ދިޔައީމެވެ. އަދި ސިޑިއާ ހަމަޔަށް އާދެވުމުން ބިންމައްޗަށް ވާސިލް ވެވުނީ ކަމަށް ހިތައި އަހުރެންގެ ފައި ބޭރަށް އެޅިތަނާ ސިޑިން ވެއްޓި ފައި ބިންދައިގެން ދިޔައެވެ. އޭރު އޮތީ ހަނދުވަރުދީފައެވެ. އެހެންކަމުން އަހުރެންގެ ފަގުޑި ނަގައި ފައިގައި އޮޅައިގެން، ކޮރު ޖަހަމުން ކިއްލާގެ ގޭޓާ ހަމަޔަށް ދިޔައީމެވެ. އަދި އަހުރެންގެ އަމިއްލަ ނަފްސަށް ބުނީމެވެ. "އޭނާ މަރާލެވިއްޖެކަން ޔަޤީން ނުވަނީސް އަހުރެން މިރޭ މިތަނަކުން ނުނިކުންނާނަމެވެ." ދެންފަހެ ފަތިހުގެ ހާގޮވަން ފެށުމާއެކު ކިއްލާގެ ފާރުމައްޗަށް އަރައި އިޢުލާންކުރާ މީހަކު ގޮވައިލިއެވެ. "ޙިޖާޒްގެ ވިޔަފާރިވެރިޔާ އަބޫރާފިޢު މަރުވެއްޖެ ކަމުގެ ޚަބަރު އަހުރެން ދެމެވެ." ދެން އަހުރެން ތެދުވެ، ކުރިއަށް ގޮސް، އަހުރެންގެ އަޚުންނާ ބައްދަލުކުރީމެވެ. އަދި ދަތުރުކޮށްފައި ރަސޫލުﷲ ގެފާނުގެ އަރިހަށް ގޮސް އެ ހާދިސާގެ ކަންތައް އެއްކޮށް އެކަލޭގެފާނަށް ދެންނެވީމެވެ.

އެ ހިނދު ކީރިތި ރަސޫލާ ﷺ ހަދީޘް ކުރެއްވިއެވެ. "ކަލޭގެފާނުގެ ހަލާކުވެފައިވާ ފައި ދަމާލާށެވެ. ދެން އަހުރެން ފައި ދަމާލުމުން އެކަލޭގެފާނު އަހުރެންގެ ފައިގައި އަތްޕުޅު ބީއްސަވާލެއްވިއެވެ. އެ ހިނދު ދުވަހަކުވެސް ބައްޔެއް ވެފައި ނުވާ ފަދައިން އަހުރެންގެ ފައި ވަގުތުން ރަނގަޅުވިއެވެ."

މަސްދަރު:- މި ވާހަކައަކީ އިމާމް އަންވަރު އަލް އައުލާޤީ ދެއްވާފައިވާ ދަރުސް "The Dust will never settle down" އަދި ސަޙީޙް ބުޚާރީ 4039 ވަނަ ހަދީސުން މަޢުލޫމާތު ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
422
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *