Support Us

ތައިވާނުން ފެށި ޢަސްކަރީ ތަމްރީނުގެ ތެރެއިން

ތައިވާނުން ޗައިނާއަށް ގޮންޖަހައި ޢަސްކަރީ ތަމްރީނުތަކެއް ބާއްވައިފި

ޗައިނާއިން ހުށައެޅި "އެއް ޤައުމެއް ދެ ނިޒާމެއް" މި ހުށައެޅުމަކީ ބަލައިގަނެވޭނެ ހުށައެޅުމެއް ނޫންކަމަށް ބުނެ ތައިވާނުން އިއްޔެ ޢަސްކަރީ ތަމްރީނުތަކެއް ބާއްވައިފިއެވެ. ތައިވާނުން މި ތަމްރީނުތައް ބޭއްވީ ޗައިނާއިން ތައިވާނުގެ ވަށައިގެން ބޭއްވި ވަޔާއި ކަނޑުގެ ޢަސްކަރީ ތަމްރީނުތައް ނިމުމާ ވިދިގެންނެވެ. ޗައިނާ ބުނާގޮތުގައި ތައިވާނަކީ އެ ޤައުމުގެ ބިމާ ވަކިކޮށް ނުލެވޭނެ އެ ޤައުމުގެ ބިންކޮޅެކެވެ.

ތައިވާނުގެ ޚާރިޖިއްޔާގެ ތަރްޖަމާނު ޖުވާން އޫ ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ވިދާޅުވި ގޮތުގައި ތައިވާނުގެ މުސްތަޤްބަލު އެކަށައެޅުމުގެ ބާރު ލިބިގެން ވަނީ އެ ޤައުމުގެ ރައްޔިތުންނަށް އެކަންޏެވެ. މިއީ މި ހަފުތާގައި "ހުދު ފޮތު"ގެ ނަމުގައި ޗައިނާއިން ޝާއިޢު ކުރި ތޫރައެއްގައި "އެއް ޤައުމެއް ދެ ނިޒާމެއް" ކަމަށް ބުނާ ނަމޫނާއެއް ޗައިނާއިން ތައިވާނަށް ހުށައެޅުމުން އެއަށް ފާޑުވިދާޅުވެ ވިދާޅުވި ބަސްފުޅެކެވެ.

ތައިވާނުގެ ތަރްޖަމާނު ވިދާޅުވި ގޮތުގައި އެމެރިކާގެ ހައުސްގެ ރައީސާ ޕެލޫސީ ޓައިޕޭއަށް ކުރެއްވި ދަތުރުފުޅު ޗައިނާއިން ބަހަނާއަކަށް ހަދައިގެން ބޭޖިންގުން ދަނީ ތައިވާނަށް ބިރުދައްކަމުންނެވެ.

ފަރަންސޭސި ނޫސް އޭޖެންސީން ތައިވާނުގެ އަށްވަނަ ފައުޖުގެ ވެރިޔާއާ ޙަވާލާދީ ބުނިގޮތުގައި ދިފާޢީ ތަމްރީނުތަކުގެ ގިއުގަނޑުގެ ތެރޭގައި ތައިވާނުން އެ ރަށުގެ ދެކުނު ސަރަޙައްދު ޕިންގްޓޮންގް ގައި އިއްޔެ ބޭއްވި ޢަސްކަރީ ތަމްރީނުތަކުގައި ބޮޑުބަޑީގެ އުންޑަތަކާއި އަލި ބޮން ބޭނުންކުރިއެވެ. ތައިވާނުން ބުނާގޮތުގައި އިއްޔެގެ ތަމްރީނުތަކުގެ ދެ ބުރުގައި އެތައް ސައްތަ ސިފައިންނެއް ބައިވެރިވިއެވެ.

އެމެރިކާގެ ހައުސްގެ ރައީސާ ޕެލޫސީ ތައިވާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުން ޗައިނާ ވަނީ ވަރަށް ބޮޑަށް ރުޅި އައިސް އެމެރިކާއާއި ތައިވާނާ ދެކޮޅަށް އެތައް ފިޔަވަޅުތަކެއް އަޅައިފައެވެ. ޗައިނާ ބުނާގޮތުގައި ޕެލޫސީގެ ދަތުރުފުޅަކީ އެމެރިކާއިން ބަލައިގެންފައި ވާ އެއް ޗައިނާގެ ސިޔާސަތާ ފުށުއަރާ ކަމެކެވެ. ޗައިނާ ބުނާގޮތުގައއި ޕެލޫސީގެ މި ޢަމަލަކީ ޗައިނާގެ ސިޔާދަތަށް އަރައިގަތުމެކެވެ.

ޗައިނާއިން ނެރުނު "ހުދުފޮތް" ބުނާގޮތުގައި ބާރުގެ ބޭނުންކުރުމާ ޗައިނާއިން ދުރުހެލިވެގެން ނުދާނެއެވެ. އަދި އަޅަންޖެހޭ ހުރިހައި ފިޔަވަޅުތަކެއް އަޅާނެއެވެ. ޞުލްޙަވެރިކަމާއެކު މަސްއަލަ ޙައްލު ކުރުމަށް ޓަކައި އެއްބާރުލުމުގެ މައިދާން ފުޅައު ކުރުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށް މި ފޮތް ބުންޏެވެ. އެހެނަސް ތައިވާން މިނިވަން ޤައުމަކަށް ވުމަށް ޗައިނާއިން ދޫކޮށެއް ނުލާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *