...

Support Us

ކޮލަމް މާޒީ: އިސްކޫލު މާލަމެއްގައި ދަރުސް ދިނުން ހުއްޓުވި ނަމަ، އެ ވާހަކަ ޚަބަރަކަށް ނުވާނެތަ؟

ހައްގަކީ ހައްގު ނޫންކަމަށް އަދި ބާޠިލަކީ ޙައްޤުކަމަށް ހަދާން މަސައްކަތްކުރުމަކީ ދެރަކަމެކެވެ. އެއީ ރޭގަނޑު ދުވާލަށް ހަދާން މަސައްކަތްކުރުން ފަދަ ކަމެކެވެ. މި ފަދަ ވަކާލާތުތައް ވެސް އަދި މުނާޤަޝާތައް ވެސް މީސްމީޑިއާގައި ހިނގާތީ މި ފަދަ ކަމަކާ ބެހޭ ގޮތުން ހަމަ އެއްޗެއް ދަންނަވައިލާހިތްވީއެވެ.

ކޮންމެވެސް ރަށެއްގައި ދަރުސެއް ބާއްވާން އިސްކޫލެއްގެ މާލަން ރަސްމީކޮށް ދޫކުރެއްވި ފަހުން އެޑިޔުކޭޝަން މިނިސްޓްރީއިން އަންގަވައިގެން އެ ކަން ހުއްޓުވިކަމަށް ލިޔެފައި އޮތް ޚަބަރެއް ޓެގުކޮށް، މިސްކިތުގައި ދަރުސް ނުބާއްވައި އިސްކޫލު މާލަމުގައި ދަރުސް ބާއްވާންވީ ކީއްކުރާންހޭ، މިސްކިތުގައި ދަރުން ނުބޭއްވީ ކީއްވެހޭ ކިޔައި ސުވާލު އުފެއްދީމާ އަދި އެކަން ހުއްޓުވި ވާހަކަ ނޫހެއްގައި ރިޕޯޓުކޮށްފައިވާ ޚަބަރަކީ ސްޓަންޓެކޭ މީސްމީޑިއާގައި ކޮންމެވެސް އަޚަކު ލިޔެފައި އޮއްވައި ފެނުނީމާ މި ކަމާ ބެހޭ ގޮތުން ހަމަ ޚިޔާލެއް ފާޅުކޮށްލާހިތްވީއެވެ.

މިސްކިތާއި ގޮނޑުދޮށާއި އަދި އެ ނޫންތަނެއްގައި ވެސް ދަރުސް ބޭއްވިދާނެއެވެ. ނަމަވެސް މި ސުވާލު އުފެއްދި މީހުންގެ ބޭނުމަކީ ދަރުސްދޭން އިސްކޫލު ހޯލު ދޫކޮށްފައިވަނިކޮށް ވަޒީރު އަންގަވައިގެން އެކަން ހުއްޓުވުމަކީ ރަނގަޅުކަމެކޭ ބުނުންހެއްޔެވެ؟ ނުވަތަ އެ ވާހަކަ އޮއްބައިލައި ދެބޯގެރި ދުއްވުންހެއްޔެވެ؟ އެ ކަމަކާ އެއްޗެކޭ ބުނެފައެއް ނެތެވެ. އެ ވާހަކަ ދޮގު ކޮށްފައެއް ނެތެވެ. އިސްކޫލުގެ ތަޢުލީމީ މަންހަޖު ތަންފީޒުކުރައްވާން އެއްވެސް ދައްޗެއް ނާރާނެ ގޮތުގެ މަތީން އެ އިސްކޫލުގެ ޕްރިންސިޕަލް، އެ އިސްކޫލުގެ މާލަން ދޫކުރެއްވިކަމަށް އަންގަވައި ސިޓީ ފޮނުއްވައި ދަރުސްގެ އިންތިޒާމު ހަމަޖެހުނު ފަހުން އެކަމަށް ކޮންމެ ފަރާތަކުން ހުރަސް އެޅިޔަސް އެއީ އާދައިގެ ކަމެއް ނޫނެވެ. އެހެންވީމާ އެއީ ޚަބަރަކަށް ވާނެއެވެ. މި ފަދަ ކަންކަން ނޫސްތަކުން ރިޕޯޓްކުރާނެއެވެ. މި ދެންނެވި ޚަބަރު އެ އިސްކޫލުގެ ޕްރިންސިޕަލު ދޮގުކުރައްވައިފައެއް ނެތެވެ. އެހެންވީމާ އެއީ ތެދަކަށްވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

މި ދެންނެވި ޚަބަރާ ބެހޭ އެހެން މަޢުލޫމާތެއް އަޅުގަނޑަކަށް އިތުރަކަށް ނޭނގެއެވެ. އަޅުގަނޑު އެއްޗެކޭ ދަންނަވާން މި އުޅެނީ އެ ޚަބަރު ޓެގުކޮށް މިސްކިތުގައި ދަރުސް ބޭއްވި ނަމަވީ ނޫންހޭ ބުނެ މީސް މީޑިއާގައި ކޮންމެވެސް އަޚަކު ފާޅުކޮށްފައިވާ ޚިޔާލާ ގުޅޭ ގޮތުންނެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އާންމުކޮށް މިސްކިތުގައި ބާއްވަނީ ތަންކޮޅެއް ކުޑަކޮށް ބާއްވާ އެ ފަދަ "ކުދި" ދަރުސްތަކެވެ. އެހެނީ، އިސްލާމީ މަރުކަޒާއި ސަލްމާނު މިސްކިތާއި ގދ. ތިނަދޫގައްޔާއި ރ. އުނގޫފާރުގައި ހުރި މަރުކަޒުތަކެއް ފިޔަވައި ރާއްޖޭގައި އެހެން އެއްވެސް މިސްކިތެއްގައި ކޮންފަރެންސް ހޯލްތައް ނުހުންނާތީ އެހެން މިސްކިތްތަކުގައި ދަރުހެއް ދެވޭނީ މިސްކިތުގެ ނަމާދުކުރާ ބައިގައި އެކަންޏެވެ. އެއީ ނަމާދަށް އަރާ މީހުންނަށް ދެވޭ ކުރުކުރު ދަރުސެކެވެ. ކޮންމެ ވަގުތެއްގައި ވެސް ނަމާދަށް އަރާ މީހުންނަށް މިސްކިތުގައި ޖާގަ އޮންނާން ޖެހޭނެއެވެ. އަދި ޖަލްސާއެއް ބާއްވާން ގޮނޑިޖެހުން ފަދަ ކަމެއް ވެސް މިސްކިތުގައެއް ނުކުރެވޭނެއެވެ. ވީމާ ގިނަ ބަޔަކަށް އަމާޒުކޮށްގެން ބާއްވާ ތަޤުރީރުތަކެއް ނުވަތަ ދަރުހެއް ނަމާދުކުރާ މިސްކިތެއްގައި ބޭއްވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.

ރަށެއްގެ ގިނަ ބަޔަކަށް ދީނީ ނަސޭހަތް ދޭން ނުވަތަ ދަރުސްދޭން މާލެއިން ފުރައިގެން އެހެން ރަށަކަށް، ޚަރަދުކޮށްގެން ދާ ބަޔަކު، އެ ރަށެއްގައި ހުންނަ ދެތިން މިސްކިތެއްގެ ތެރެއިން މިސްކިތަކަށް ނަމާދަށްދާ މަދު ބަޔަކަށް ދަރުސް ދިނުމަކީ އެކަން ކުރާންޖެހޭނެ ގޮތެއް ނޫނެވެ. ސަބަބަކީ ރަށްރަށުގައި ޢާންމު ގޮތެއްގައި އަންހެނުން ނަމާދުކޮށް އުޅޭނީ ގޭގައި ކަމަށްވާތީއާއި ތިން ހަތަރު މިސްކިތް ހުންނަ ރަށެއްގައި ވަކި މިސްކިތެއްގައި ދަރުސް ދިނުމަކީ އަނެއް ދެ މިސްކިތަށް ނަމާދަށް ދާ މީހުންނަށް ކުރެވޭ ބޭއިންސާފަކަށް ވާތީއެވެ. އަދި އެއީ މަޞްލަޙަތު ހުރި ކަމެއް ވެސް ނޫނެވެ. އަދި ހުރިހައި މިސްކިތެއްގައި ހަމަ އެއް ވާހަކައެއް ދައްކާން ތިން ދުވަހު އެ ރަށުގައި ތިބުމަކީ އިތުރު ޚަރަދާއި ވަގުތާއި ތަކުލީފު އޭގައި ހިމެނޭނެ ކަމެކެވެ. ވީމާ ދަރުސް ދިނުމަށް ޓަކައި އިސްކޫލު މާލަން ބޭނުންވަނީ އެއީ ގިނަ ބަޔަކަށް އެއް ފަހަރާ އިނށީންދެވޭ ގޮތަށް ގޮނޑި ޖަހައިފައި ހުންނަ ތަނަކަށް ވެފައި އަދި ނަމާދަށާއި ޤުރުއާންކިޔަވާން ނުވަތަ އިޢުތިކާފަށް މިސްކިތަށް އަރާ މީހުންނަށް ވެސް އުނދަގޫ ނުވެ ރަށުގެ ރައްޔިތުންގެ ތެރެއިން އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދީންނަށް (ގިނަ ބަޔަކަށް) ފަސޭހަކަމާއެކު އިށީނދެ ތިބެގެން ގިނަ އިރު ވަންދެން ދަރުސް އަޑުއަހައިލެވޭނެ ތަނަކަށް ވާތީއެވެ. މާލެއިން ފުރައިގެން ދަރުސް ދޭން ދާ ބަޔަކު ރަށެއްގެ މިސްކިތަކަށް އަރައި އެ ތަނަށް ނަމާދު ވަގުތަށް އަރާ ސާޅީހަކަށް މީހުންނަށް ދަރުސް ދީފައި ފުރައިގެން އައިމާ ކުރި ޚަރަދާ އެކަމަކާ ނުގުޅެއެވެ. ގިނަ ބަޔަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤުޞަދެއް ޙާޞިލެއް ނުވާނެއެވެ.

ވީމާ، މިސްކިތުގައި ދަރުސް ދޭން ނޫޅެ، ދަރުސްދޭން އިސްކޫލު ހޯލު ހޯދުމަކީ ސްޓަންޓެކޭ ނުވަތަ ޖޯކެކޭ ބުނުމަކީ ހަގީގަތުގައި ޖޯކެކެވެ. ނުވަތަ ސްޓަންޓަކީ އެއީއެވެ. އިސްކޫލުގެ ޙާލަތާއި ވަސީލަތްތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެ އިސްކޫލެއްގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރައްވަމުން ގެންދަވާ ޕްރިންސިޕަލަށް ކަމަށް ގަބޫލުކުރާންޖެހެއެވެ. ވީމާ، އެ އިސްކޫލެއްގެ ހޯލު ދޫކުރެއްވިކަން އަންގަވައި ޕްރިންސިޕަލް ރަސްމީކޮށް ސިޓީއެއް ދެއްވާނީ އިސްކޫލަށް އެ ކަމުގެ ސަބަބުން އެ ހިނދަށް އެއްވެސް ދައްޗެއް ނުފޯރާތީ ކަމަށް ގަބޫލުކުރާން ޖެހެއެވެ. ވީމާ، މި ގޮތަށް ދަރުސަކަށް ދޫކުރައްވައިފައި އޮތް ހޯލެއްގައި ދަރުސް ދިނުން ހުއްޓުވާން ނުވަތަ މާލަން ދޫކުރިކުރުން ބާޠިލުކުރާން ބާރު ހުރި ފަރާތަކުން، (ކުއްލި ޚާއްޞަ ސަބަބެއް ނެތި) އެންގެވުމަކީ ރަނގަޅު ކަމެއްކަމަށް ދައްކާން މިސްކިތުގައި ދަރުސް ނުބޭއްވީ ކީއްވެގެންހޭ ބުނުމަކީ ޖޯކެކެވެ.

ގިނަ ބަޔަކަށް އެއްވެވޭ ތަންތާނގައި ދަރުސް ބޭއްވުމަށް ހުރަސް އަޅައި ހަމަ އެކަނި ދީނީ ދަރުސް ދޭންވާނީ މިސްކިތުގައި ކަމަށް ދެއްކުމުގައި ދެ މަގުސަތެއް އޮވެދާނެކަމަށް ފެނެއެވެ. އެއް ސަބަބަކީ ނަޞާރާ ދީނުގައި ގަބޫލުކުރާ ފަދައިން ދީނާއި ސިޔާސަތަކީ ވަކި ދެ ކަމެއްކަމަށް މީހުންގެ ސިކުންޑިތަކަށް ވިސްނައިދިނުމެވެ. ނަމަވެސް އިސްލާމް ދީނަކީ: ސިޔާސަތާއި، އިޤުތިޞާދާއި، މާލީ ނިޒާމާއި، އަޚުލާޤާއި ޢިބާދާތާއި ވެރިކަމުގެ ނިޒާމާއި (ޢަޤީދާއާއި ޢަމަލާ ވެސް ހިމެނޭހެން) ދިރިއުޅުމުގެ ހުރިހައިކަމެއް ހިމެނިފައިވާ ދިރިއުޅުމުގެ ފުރިހަމަ ނިޒާމުކަން މުސްލިމުން ހަނދާން ބަހައްޓާން ޖެހެއެވެ. މިސްކިތް ނޫން ތަނެއްގައި ދަރުސްދިނުމަށް ހުރަސް އަޅާ އަނެއް ސަބަބަކީ ދަރުސްދިނުމަކީ މަނާ ކަމެކޭ ސީދާ ނުބުނެ އެ ދަރުސެއްގެ އަސަރު ވީހައި ވެސް ކުޑަ ވާނެ ގޮތަކަށް ކަންކަން ބައްޓަންކުރުމެވެ. ވީމާ އިސްކޫލެއްގެ ހޯލުގައި ބޮޑު ދަރުސެއްދޭން އިންތިޒާމުކުރެވިފައި ވަނިކޮށް އެކަން ހުއްޓުވި ވާހަކަ ނޫހެއްގައި ރިޕޯޓްކުރުމަކީ ސްޓަންޓެކޭ ނުވަތަ އެހެންކަމެކޭކިޔައި ދަރުސްދޭން މިސްކިތް އެހެރީ ނޫންހޭ ބުނުމަކީ ކޮސް ގޮވުމެކެވެ. ދެ ބޯގެރި ދުއްވުމެކެވެ. މި ފަދަ ވާހަކަ ދައްކާނީ ޚަބަރަކީ ކޮން އެއްޗެއް ކަމާއި ކަންކަމުގެ އެކޮޅު މިކޮޅު ނޭނގޭ މީހުންނެވެ. ޚަބަރުގައި ވާ ގޮތަށް އެކަން ހުއްޓުވި ނަމަ، އެ ވާހަކަ ދެއްކުމަކީ ސްޓަންޓެކޭ ބުނާ މީހުންނަށް އަޅުގަނޑު ދަންނަވާނީ ހަގީގަތުގައި ސްޓަންޓަކީ އަދި އިސްލާމީ ތަޢުލީމާތަށް ހުރަސް އެޅުމަކީ، ފުޅާ ދާއިރާއެއްގައި އެކަން ކުރާން ހުރަސްއަޅައި ދަރުސް ދޭން ވެއްޖިއްޔާ މިސްކިތް އެހެރީ ނޫންހޭ ބުނާ ބުނުމެވެ. މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަން އިޞްލާޙު ވޭތޯ ބެލުމުގެ ބަދަލުގައި ނުރަނގަޅު ކަންކަން އެއީ ރަނގަޅު ކަންކަންކަމަށް ދައްކާން މަސައްކަތްކުރުމަކީ ހިތާމަހުރިކަމެކެވެ.

އިސްލާމީ ދައުލަތުގެ ކުރީކޮޅު، ވެރިކަން ހިންގާ އޮފީހަކީ ވެސް، އިސްކޫލަކީ ވެސް، ސިފައިންގެ މަރުކަޒަކީ ވެސް މިސްކިތް ކަމަށް ހައްދަވައިފައިވަނީ އެކި ކަންކަމަށް ދައުލަތުގެ ޢިމާރާތްތައް ނުހުންނާތީއެވެ. ވީމާ ފުޅާ ދާއިރާއެއްގައި ރަށެއްގައި ބަޔަކު ނުވަތަ ކައުންސިލްގެ ފަރާތުން ދަރުސެއް ދޭން އުޅުނީމާ، އެ ފުރުޞަތު ހަނިކޮށް، އިސްކޫލު މާލަމުގައި ދަރުސް ދިނުން މަނާކޮށް، މިސްކިތުގައި ދަރުސް ނުބޭއްވީ ކީއްވެގެންހޭ ބުނުމަކީ ހަމަޖެހޭ ބުނުމެއް ނޫނެވެ. އެއީ ދީނާއި ސިޔާސަތު ވަކިރުމުގެ ފަލްސަފާއަށް ތާއީދުކުރާ ލިބަރަލް ފިކުރުގެ މީހުން ދައްކާ ކަހަލަ ވާހަކައެއްކަމަށް ނޫނީ އަޅުގަނޑަކަށް ނުވިސްނުނެވެ. މި ފަދަ މީހުންގެ ނުބައި ވިސްނުމާ މެދު ރައްޔިތުން ޚަބަރުދާރުވެ ސަމާލުވާން ޖެހޭނެއެވެ.

ކަވަރ ފޮޓޯގައި: ރަށެއްގެ މިސްކިތެއްގައި ދީނީ ދަރުސެއް ކުރިއަށްދަނީ. -ފޮޓޯ: އަލީރަމީޒު/އެފް.ބީ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.