Support Us

ކޮލަމް ކޯދު: ދުރުން، މާ ދުރުދުރުން، ފެންނަ ހުވަފެނީ ހަނދާންތަކެއް

ކަހީނ ދޫރް ޖަބް ދިން ދަހލް ޖާޔޭ، (ކޮންމެވެސް ދުރު ހިސާބަކަށް [އިރު އޮބައި ގޮސް] ދުވާލު[ގެ އަލިކަން] ފަނޑުވެ ދިޔުމުން)، މި ލަވަޔަކީ 1971 ގައި ނިކުތް ފިލްމު ’އާނަންދު’ގެ ލަވައެކެވެ. (މިލަވައިގެ ރާގުގެ އަސްލަކީ ހެމަންތު ކުމާރުގެ ބަންގާޅީ ލަވައެއްގެ ރާގެކެވެ. ވީޑިޔޯގައި މި ލަވަ ވެސް، ދިވެހި ތަރުޖަމާއާ އެކު ހިމަނާލާފައިވާނެ އެވެ.)

’އާނަންދު‘ މި ފިލްމުގެ މައިގަނޑު މައުޟޫއަކީ ދުނިޔެވީ ހަޔާތަކީ ވަގުތީ އެއްޗެއް ކަމެވެ. އާދެ، ދުނިޔޭގެ ކަންކަމީ އަބަދު އެއްގޮތަކަށް ދެމިއޮންނަ ކަންކަމެއް ނޫނެވެ. އެ ކަންކަމަކީ އަބަދުމެ ބަދަލުވެ، ބަދަލުވެ އޮންނަ ކަންކަމެވެ. ޚުދް، އިންސާނާގެ ހަޔާތަށް ބަލައިލިޔަސް މިހަގީގަތް ސާފުކޮށް ފެނެއެވެ. އެންމެ ފުރަތަމަ އޭނާއަކީ ތުއްތު ކުއްޖެކެވެ. ދެން، އޭނާ ބޮޑުވެ، ޒުވާނަކަށް ވެއެވެ. އެއަށްފަހު، ދުވަސްވެ މުސްކުޅިވެ ދެއެވެ. އަދި އެންމެ ފަހުން، އޭނާ މި ދުނިޔެއާ އަލްވަދާއު ކިޔައި ދެއެވެ. އިންސާނާގެ ދުނިޔަވީ ހާލާތުތަކަށް ބަލާލިއަސް ހަމަ މި ހަގީގަތް ފެނެއެވެ. އެއްބައި ފަހަރު، އޭނާއަށް ފުރިހަމަ ސިއްހަތެއް ލިބިފައި ވެއެވެ. އަނެއްބައި ފަހަރު، އޭނާ ބަލިވެ އުޅެއެވެ. އެއްބައި ފަހަރު ތަނަވަސްކަންމަތީ، ފުދިގެން އުފަލުގައި އޭނާ އުޅެއެވެ. އަނެއްބައި ފަހަރު އަތްމަތި ދަތިވެ، ނިކަމަތިވެ، ފަގީރު ހާލުގައި އޭނާ ޖެހެއެވެ. މިއިން އެއްވެސް ހާލަތެއްވެސް އަބަދު އެއްގޮތަށް ދެމި ނޯވެއެވެ. އެ ހާލަތްތައްވެސް ބަދަލުވެ ފުރޮޅެމުން ދިޔުމަކީ ދުނިޔަވީ އާދައެވެ.

އިންސާނީ ހަޔާތް، މާ ދިގު މުއްދަތަކަށް ދެމިގެން ނުދިޔަޔަސް، އަދި ހަޔާތުގެ ކަންކަމަށް ދާއިމީ ވަކި ސިފައެއް ލިބިފައި ނެތަސް، އިންސާނާއަށް ދިރިހުންނަށް ލިބޭ ވަގުތުކޮޅުގައި ހިތްހަމަ ޖައްސާލައިގެން، އުފަލުގައި ހުންނަން ދަސްކުރަން ޖެހެއެވެ. ފިލްމު 'އާނަންދު’ގެ މެސެޖަކީ މިއެވެ. ފިލްމުގެ ބަތަލު، އާދެ، އާނަންދުގެ ހަޔާތުގެ ފަހު ދުވަސްކޮޅު ވޭތުކޮށްލާ ގޮތް މެދުވެރިކޮށް، މިމެސެޖު ފޯރުކޮށްދެއެވެ. ފިލްމުގައި އާނަންދަށް ވަނީ ކެންސަރުގެ ބަލި ޖެހިފައެވެ. އޭނާގެ ބައްޔަކީ އެއަށް ފަރުވާއެއްނެތް ބައްޔެއްކަން، އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އަދި، އޭނާގެ ހަޔާތުގައި، ދެން، ބާކީ މާގިނަ ދުވަސްތަކެއް ނެތްކަން ވެސް، އޭނާއަށް ހަމަ ރަނގަޅަށް އިހުސާސު ކުރެވެއެވެ. ނަމަވެސް، ބާކީއޮތް ދުވަސްތަކުގައި އޭނާގެ ބޭނުމަކީ ފަހަރެއްގައި ވެސް، އަމިއްލަ ހާލަތުގެ މައްޗަށް ހަމްދަރުދީވެ، ހިތާމަކުރުމެއް ނޫނެވެ. އޭނާ ބޭނުންވަނީ، ބާކީއޮތް ދުވަސްކޮޅު ވެސް، ބޭނުން ހިފޭގޮތުގައި ހޭދަކުރުމެވެ. އެ ދުވަސްކޮޅު ވެސް، އުފަލުގައި ހިތްހަމަ ޖައްސާލައިގެން ހޭދަކޮށްލުމެވެ. އެހެން މީހުންގެ ޚިދުމަތުގައެވެ. އެހެން މީހުންގެ މޫނަށް ހިނުތުންވުން ގެނެސް، އެމީހުން ވެސް އުފާކޮށްދީގެންނެވެ.

މިލަވައިގައި، އާނަންދު، އޭނާގެ ހަޔާތުގެ ފޮތުގެ މާޒީވެދިޔަ ސަފުހާތައް ފަހަތަށް އުކާލައި، އެ ސަފުހާތަކުގެ މައްޗަށް ވިސްނުމުގެ ނަޒަރަކުން އަލުން ބަލާލައެވެ. އިރުއޮއްސި، ދުނިޔެމައްޗަށް އަނދިރިކަން، މަޑުމަޑުން، ވެރިވެ، ހަމަ ހިމޭންވުމުން، ހަޔާތުގެ މާޒީގެ ބައެއް ހަނދާނތައް އޭނާގެ ހިތަށް އާދެއެވެ. ދުނިޔޭގައި ދިރި ދެމިހުންނަށް ބާރުއަޅައި ހިތްވަރުދިން، އޭނާގެ އުއްމީދުތަކާއި ހުވަފެންތަކުގެ ހަނދާންތަކުގެ މައްޗަށެވެ. އަދި ހަޔާތުގައި އޭނާއަށް ކުރެވުނު ބައެއް ތަޖުރިބާތަކުގެ ހަނދާންތަކުގެ މައްޗަށްވެސް މެއެވެ. އާދެ، ރޭގަނޑުގެ ހިމޭންކަން ދުނިޔެ މައްޗަށް ވެރިވުމުން، އޭނާގެ ހިތުން ފޮހެވިގެން ނުގޮސް ހުރި ބައެއް ތަޖުރިބާތަކުގެ ހަނދާންތަކާއި އެކަމުން ލިބުނު އިބުރަތާއި ފިލާވަޅުތައް، އޭނާގެ ހިތަށް ފެންނަމުން ދިޔައެވެ.

މިގޮތުން ޒިކުރާ އާވަމުން ދާއިރު، އޭނާގެ ހަނދާނަށް އެންމެ ފުރަތަމަވެސް އަންނަނީ ބައެއް ގުޅުންތަކުގެ ވާހަކައެވެ. ހިތާ ހިތުގެ ގުޅުމެއްގެ ވާހަކައެކެވެ. މީގެ ތަފްސީލެއް އޭނާ ނުދެއެވެ. މިކަން އޭނާ ދޫކޮށްލާފައިވަނީ ބެލުންތެރިންނަށެވެ. އޭނާ ފާހަގަ ކުރަނީ މިކަމުން އޭނާއަށް ލިބުނު ފިލާވަޅެވެ. އޭނާ ދެކޭ ގޮތުގައި ބައެއް ފަހަރު، ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް، ’ހިތާއި ހިތުގެ ގުޅުން‘ ބައެއް މީހުންނަށް ގާއިމެއް ނުކުރެވެއެވެ. އަދި އަނެއްބައި ފަހަރު، މީސްމީހުން، ޒަމާންތަކަށް ދެމިހުންނަ ގުޅުންތައް އުފައްދައި ދަމަހައްޓައެވެ.

ހީވާ ގޮތުގައި، އޭނާ މިތަނުގައި އިޝާރަތްކުރަނީ އޭނާއަށް ކާމިޔާބު ނުކުރެވުނު ލޯބީގެ ގުޅުމަކަށެވެ. މި ގުޅުން ކާމިޔާބު ނުކުރެވުނަސް، އޭނާގެ ހިތަކުން އެކަން ފޮހެވިގެންނެއް ނުދާކަމެވެ. އަދި، އެ ގުޅުމުގެ ހަނދާނތައް ވޭނާއި ހިތާމަ، ހިތަށް މެދުވެރި ކުރުވިއެއް ކަމަކު، އެ ހަނދާންތަކާއި ދުރަށް ދާކަށް އޭނާގެ ހިތެއް ބޭނުމެއް ނުވެއެވެ. މިއީ އަޖައިބު ކުރުވަނިވި ކަމެއްކަން އޭނާ ފާހަގަ ކުރެއެވެ. އޭނާއަށް ވޭން ދޭ މަސްދަރު ކަމުގައިވި ހަނދާންތަކާއި ދުރުވާކަށް އޭނާގެ ހިތެއް ބޭނުމެއް ނުވެއެވެ. އަދި، އޭނާގެ ނަފްސަށް އަޅާލައި އެ ނަފްސު ހަމަޖައްސަން މަސައްކަތް ކުރާކަށް ވެސް އޭނާގެ ހިތެއް ބޭނުމެއް ނުވެއެވެ. އޭނާގެ ހިތް ބޭނުންވަނީ އެ ހިތުގެ ލޯބީގެ މަތިން ހަނދާންކުރުން މަތީ ދެމިހުރުމަށެވެ. އެ ލޯބި، އޭނާއަށް ހާސިލުވެފައި ނުވިޔަސް، އެ ލޯބި އޭނާއަށް ވޭނީ ހިތާމަތައް މެދުވެރި ކުރުވިޔަސް ވެހެވެ. އޭނާގެ ހިތް ބޭނުންވަނީ އެ ލޯބީގެ ހަނދާންތައް ދިރުވައި އާކޮށް، އެ ލޯތްބަށް ތެދުވެރިވެ، ވަފާތެރިކަންމަތީ ހުރުމަށެވެ. އާދެ، އިންސާނާގެ ހިތަކީ އަޖައިބެއް ކަހަލަ އެއްޗެކެވެ.

މިހެން ނުވާންވީވެސް ކީއްވެ ހެއްޔެވެ؟ އޭނާގެ ހުރިހާ އުއްމީދުތަކާއި ހުވަފެންތައް އެހިތުގައިވަނީ ކުރެހި ބިންވަޅުނެގިފައެވެ. އަބަދަށްޓަކައި ފޮރުވި ރައްކާކުރެވިފައެވެ. އެއުއްމީދުތަކާ ހުވަފެންތަކަކީ ދުވަހެއްގައިވެސް އޭނާއާއި ވަކިކުރެވޭނޭ އެއްޗިއްސެއް ނޫނެވެ. އޭނާގެ ހިޔަނިފަދައިން އެ

އެއްޗެތިވާނީ އޭނާއާއި އެކުވެ ލާމެހިފައެވެ. އަދި ކިއެއްހެއްޔެވެ؟ އޭނާގެ އުއްމީދުތަކާއި ހުވަފެންތަކަށް، ހަގީގީ ސިފައެއް ނުގެނެވިފައި ވިޔަސް، މިކަންކަމީ އޭނާ ހިތްހަމަ ޖައްސައިދީ، އޭނާއަށް ތަސައްލީ ދޭ ކަންކަމެވެ. އޭނާއަށް ކާމިޔާބު ނުކުރެވުނު ލޯބީގެ ހަނދާންތަކަކީވެސް، އޭނާ ހިތްހަމަޖައްސައިދީ އޭނާއަށް ތަސައްލީދޭ ކަމެއްކަން އޭނާގެ ހިތް ދަނެއެވެ. އެހެންވެ، އެ ހަނދާންތަކުގެ ޒިކުރާވެސް އޭނާގެ ހިތް އާކޮށް ދިރުވަނީއެވެ. ޚާއްސަކޮށް، އޭނާގެ ހަޔާތުގެ މި މަރުހަލާގައި، ހަޔާތުގެ އިރު އޮއްސެމުންދާ ވަގުތުގައި، މި ހަނދާންތައް އޭނާއަށް ނުހަނު މަތިވެރި އުފަލެއް ގެނެސްދެއެވެ. އާދެ! އިންސާނާގެ ހަޔާތުގެ ދެބައިކުޅަ އެއްބައި ހޭދަވަނީ އޭނާގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ މަސައްކަތުގައި ނޫން ހެއްޔެވެ؟ އަދި، ހަޔާތުގެ ދެން އޮތް ބައިގައި، އެ ހަނދާންތައް ވެގެންދަނީ، އޭނާއަށް ހިތްހަމަޖެހުމާއި ތަސައްލީދީ، އަދި، އޭނާ މުނިފޫހިފިލުވައިދޭ ކަންކަމަށް ނޫން ހެއްޔެވެ؟

ފިލްމު އާނަންދުގައްޔާއި އަދި މިލަވައިގައި ތަމްސީލުވެ، ފެނިގެންދަނީ ޖަޕާނުގެ ފަލްސަފީ މަފްހޫމެއް ކަމަށްވާ ’މޮނޯ ނޯ އަވާރޭ‘ ގެ މާނައެވެ. ދުނިޔަވީ ކަންކަން ދެމިހުންނަނީ ވަރަށް ކުރު މުއްދަތަކަށްކަން ދެނެގަނެގެން ހުންނަން ޖެހޭކަމެވެ. މިއީ އެއާ ދޭތެރޭ އެއްވެސް މީހަކު ދެބަސްނުވާނޭ ހަގީގަތަކެވެ. ނަމަވެސް، ވަރަށް ގިނަފަހަރު، އިންސާނާގެ ސަމާލުކަމަށް، މިކަން ގެނެވެނީ ކޮންމެވެސް ބޮޑު، ހިތާމަވެރި ކަމެއް ލައިގަތުމުންނެވެ. ކޮންމެވެސް މުސީބާތަކާއި ކުރިމަތިލާން ޖެހުމުންނެވެ. ގާތް ތިމާގެ މީހަކު މަރުވުން، ނުވަތަ ބަލިމަޑުކަމަކާއި ކުރިމަތިލާން ޖެހުން، ނުވަތަ ފައިސާއާއި މުދަލުގެ ގެއްލުމަކާ ކުރިމަތިލާން ޖެހުން ފަދަ، ހިތާމަވެރި ކަންކަމާއި މުސީބާތެވެ. މި ފިލްމާއި ލަވައިގެވެސް މެސެޖަކީ މިފަދަ ހާލަތްތައް ކުރިމަތިވުމުން، ދުނިޔޭގެ ކަންކަމަށް ދާއިމީ ސިފަ ލިބިގެން ނުވާކަން ހިތަށްގެނެސް، ހިތްހަމަޖައްސައިލައިގެން ދިރިއުޅުމާއިގެން ކުރިއަށްދާން މަސައްކަތްކުރުމަށް ހިއްވަރު ކުރަން ޖެހޭކަމެވެ. މިކަން، ކުރިންވެސް އިޝާރަތްކުރި ފަދައިން، އެންމެ ރަނގަޅަށް ތަމްސީލުވެގެންދަނީ، ފިލްމުގައި، އާނަންދު، އޭނާއަށް ކެންސަރު ބަލި ޖެހުމުންވެސް، ހިނިތުންވެފައި ހިތްހަމަޖައްސައިލައިގެން ހުރެ، އޭނާގެ ހަޔާތުގެ ފަހު ދުވަސްތައް، އެހެން މީހުންގެ ޚިދުމަތުގައި ހޭދަކުރެވޭތޯ މަސައްކަތް ކުރާތަނުންނެވެ.