Support Us

ކޮލަމް ކަލާވެހި: "ތަފާތަކީ އަހަރުމެންގެ އައި.ޓީ މޮޅުކަމެވެ."

މިފަހަރު އަޅުގަނޑު ދަންނަވަން އޮތް ވާހަކަ ދަންނަވާނީ ކުރުވާހަކައެއްގެ ސިފައިގައެވެ. ކުރިޔަށް ވަޑައިގަންނަވާށެވެ.

***

އިންޑިޔާގެ ދެކުނުގެ މަޝްހޫރު ކޮންމެވެސް ސަހަރެއްގެ ނަންމަޝްހޫރު ހޮސްޕިޓަލެއްގެ ދިހަވަނަ ބުރީގައި ހުރި ބަލިބަލާ ކޮޓަރިތަކުން ކުރެ ކޮޓަރިޔެއްގެ ކުރިމަތީގައި ޖަހައިފައި ހުރި ގޮނޑިތަކުން ކުރެ ގޮނޑިޔެއްގައި ތިބި ދެމީހެކެވެ. އަޅައިގެން ތިބި ހެދުމުންނާއި، އަރައިގެން ތިބި އޮފުގަދަ ބޫޓުންނާއި، އަތުން ހިފައިގެން ތިބި އެޕަލް އައިފޯނުން ބުނެދެނީ ހަމަ އެންމެ އެއްޗެކެވެ. އެއީ ދިވެހީން ކަމެވެ. ހަމަ މިދެންނެވި ކޮޓަރީގެ ކުރިމަތީގައި ޖަހައިފައި ހުރި ގޮނޑިތައް ފުރުނަސް، މިއަދު ޑޮކްޓަރަށް ދެއްކޭނޭކަމުގެ ޔަޤީންކަން ހޯދުމުގެ ގޮތުން ބޭރު މޭޒަށް ދެއްކި ފައިސާއިން ހޯދައިދިން ގަރަންޓީއަށް ބަރޯސާވެގެން އަޔަސް، ގޮނޑިބަރި ފުރުނީމައި ދެން ތިބެންޖެހޭނީ ކޮޅަށްކަން އެނގުނަސް، ދެން އެތަނަށް އައިސް ’އޮލައަޅައިލައިފައި‘ އެއޮތީ ދިވެހީން ނޫންކަންވެސް އެނގެނީ އެމީހުންގެ އުޅުމުގައި އެހުރި، ދިވެހީންނަށް ބަލައިގަންނަން ދަތި ބައެއްކަހަލަ ސިފަތަކެވެ.

ޑޮކްޓަރު ބައްލަވާ ކޮޓަރީގެ ދޮރުގައި ހަރުކޮށްފައި ހުރި ބޯޑެއްގައި ޑޮކްޓަރުގެ ނަން މާކަރަކުން ލިޔެފައި އޮތް އޮތުން ފިޔަވައި، އެހެން މަޢުލޫމާތެއް ލިބޭނޭ އެއްވެސް ވަޞީލަތެއް އެއިން ހިސާބެއްގައިވެސް ނެތެވެ. ޤުދުރަތުން ތިމާޔަށް ދެއްވި ދެ ބުމަ އޮމާންކޮށް ބާލައި، ނުވަތަ އިސްތަށި އުފުރައިގެންނަމަވެސް އޮމާންކޮށް ހެދުމަށްފަހު، ދާއިމީ ސުވާލެއް މޫނުމަތީގައި ހުންނަހެން ހީވާހައި މަތީގައި މޭކަޕުކުރާ ގަލަމަކުން ދެ ބުމަ ކުރަހައިގެން، މޫނުމައްޗަށް ފަހަރެއްގައިވެސް އެރުން އެކަށީގެންވާ ހިނިތުންވުމަކީ ތަނުގެ ސީރިޔަސްކަމަށް އެޅޭނޭ ހުރަހެއް ކަމަށް ކޮންމެވެސް މީހަކު އޭނާޔަށް ބުނެދީފައި ހުރި ނަރުހަކު ދޭތެރެ ދޭތެރެއިން ކޮޓަރީގެ ދޮރު ހުޅުވައިލައިފައި ކޮންމެވެސް މީހެއްގެ ނަމެއް ގޮވައިލައެވެ. ނާޅިޔެއްގެ މައްޗަށް އެއްޗެއް ވެއްޓުނޭ ކިޔައިގެން ތަންކޮޅެއް ނުކިއްސަރު ޒާތުގެ މީހުން އެކިޔާ އެތި ހަނދާންވާކަހަލަ ނަންނަމެވެ.

”މި މީހުން ދުވަހަކުވެސް ތަހުޒީބެއް ނުވާނެ. މިއޮތްފަދަ ތަހުޒީބު ޒަމާނުގައި، ހުރިހައި ކަމެއް ނުލާހިކު ފަސޭހަކޮށް ކޮމްޕިޔުޓަރުން ނިންމައިލެވޭ ޒަމާނުގައި މުޅި މިޓައުނަށް މަޝްހޫރު، އެންމެ އަގުބޮޑު ހޮސްޕިޓަލުގައި އަދިވެސް މިގެންގުޅެނީ ހަމަ އިހުޒަމާނުގެ ގޮތްތައް! ކީކޭ ބުނާނީ، ދޯ؟“ ބޯޓުދަތުރުކުރަން އުޅުމުގެ ސަބަބުން ދުނިޔޭގެ ވަރަށް ގިނަ ތަޖުރިބާ ލިބިފައިހުރި އަޙްމަދު ރަޝީދު، އޭނާ ހިފައިގެން އިން އައިފޯނުގެ އިސްކިރީނާ ލޮލާ ވަކިކޮށްލައިފައި ބުނެލިއެވެ.

”އާނ! ދޯ؟“ އިންޑިޔާ މީހަކާ އިނދެގެން އެރަށުގައި ކުޑަވަރެއްގެ ވިޔަފާރިޔެއް ހިންގަމުން، ކައިވެނީގެ ބަރަކާތަށްޓަކައި ރާއްޖޭގައި މަސައްކަތްކުރަން ފޮނުވަންޖެހުނު ހައެއްކަ ޅިޔަނުންނާއި ދެތިން ފަހަރީންގެ ކަންކަންވެސް މާލޭގައި ހުރީ އޭނާގެ ގެ ކުއްޔަށްދީގެން ހަމަޖައްސަމުން ގެންދާ މުޙައްމަދު މަނިކު ބުނެލިއެވެ. ”އަހަރެންގެ ބޮލަށްވެސް ހާދަހައި އުނދަގުލެއް ވެޔޭ! އެކަމަކު ކީއްތަ ކުރާނީ؟ އަހަރެން އަންހެނުންގެ ކޮއްކޮ މީހަކާ އިންނަންވާއިރަށް އޭނާގެ ގުދު ނޭފަތް ތެދުކުރަން ހަދަން ބޭނުންވާ ސާޖަރީއެއް ރާއްޖެޔަކުން ހެދޭކަށް ނެތްވިއްޔަ! އެހެންވީމައި، މިތަނަށް އައިސް މިއިނީ! ބަފައިބެ ބުނީ އެ މަންޖެ މިތަނަށް ގެނައުމުގެ ކުރީން މަށޯ ޑޮކްޓަރާ ބައްދަލުކޮށް، އަތުން އަތަށް ހިތްވަރުދީ، ކިޔޫ ކުޑަކުރާން މިތަނަށް އަންނަންވާނީ. އައިސް މިއިނީ. އަޅެ އެނގިދާނެތާ!“

”އަހަރުމެން ރާއްޖޭގައި ތިކަހަލަ ބޭކާރު ސާޖަރީ ހެދެން އަދި ނެތަސް، އަހަރުމެން އެންމެންގެ ހޮސްޕިޓަލަކީ މިހާރު ހާދަ ކުރިއަރައިފައި ހުރި ތަނެކޭ ބުނާއަޑު އަހަރެން އަހަން. މިފަހަރު ދަތުރުކުރުން ހުއްޓައިލައިފައި އަހަރެން ގޮސް ހަރުލާނީ މާލޭގައި. އެނގިދާނެތާ؟ ބުނާ އަޑު އިވޭ، މުޅި އޭޝިޔާގައި ނެތްވަރުގެ ބާރުގަދަ، އަގުބޮޑު ކޮމްޕިޔުޓަރެކޭ އެތަނުގައި ހަރުކުރީ. އާނ، ދެން، ރާއްޖޭގެ ހުރިހާ ފަޅުރަށްތަކާއި، ފަޅުތަކާއި، ގިރިތަކަށް ދަންދެން ކުއްޔަށްދީގެން ހާދަހައި ގިނަ ޑޮލަރެއް މިހާރު ވަންނާނެޔޭ. އެހެންވީމައި ބަޔަކަށް ނުދަރައި ކޮމްޕިޔުޓަރުވެސް ގަނެފައި ބާކީވެސް ވާނެނު، ދޯ؟“ އަޙުމަދު ރަޝީދު ބުނެލިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން އެދަނީ ތިމާގެ އަމިއްލަ ޤައުމު ހޯދަމުންދާ ކާމިޔާބީތަކަށްޓަކައި ފަޚުރުވެރިވުމުގެ ކުލަތަކެވެ.

”އާނ، މަވެސް ރާއްޖެ ނުދާތާ ދުވަސްގަނޑެއް ވެއްޖެ. ތިޔަބުނާ ހޮސްޕިޓަލެއް އަދި ނުދެކެން. އެކަމަކު ހިތަށް ސިފަވަނީ ހޮސްޕިޓަލުގެ އެކި ހިސާބުގައި ޑޮކްޓަރުން ބަލިބަލާ ކޮޓަރިތަކުގެ ކުރިމަތީގައިވެސް މޮނިޓަރުތައް ހުންނާނޭ ކަމަށް. އިންޓަރނެޓުން އެޕޮއިންޓްމަންޓު ހަދައިގެންގޮސް، އިތުރު ކިޔޫތަކުގައި ނުޖައްސައި ޑޮކްޓަރަށް ދެއްކޭނޭ ކަމަށް. ބާ ހޮސްޕިޓަލުގައި ހެދިހެން، ދަންވަރު ކިޔޫ ޖެހިގެން، ނަންބަރު ނަގައިގެން، ދުރާލާ ކައުންޓަރު ތައް ދޮށުގައި އަނެއްކާ އަނެއް ފަހަރު ކިޔޫޖެހިގެން ގޮސް ހުއްޓޭއިރު ޑޮކްޓަރުގެ ކުރީ ފަނަރަ ނަންބަރު އެތާ އިންނަ މަންޖެގެ ތިމާގެ ނޫނީ ރަށްޓެހީންނަށް ދީފައި، ދެން އޮތް ނަންބަރު ދިން ދުވަސް މާޒީވެއްޖެ ކަމަށް،“ މުޙައްމަދު މަނިކު ބުނެލިއެވެ.

”މޮގަމަދޫ މަނިހޫ! މޮގަމަދު މަނިހޫ!“ ދެބުމައިން ސުވާލެއް ކޮށްލުމާއެކު ނަރުސް އަޑުގައި ނެތްތަނަށް ގޮވައިލިއަޑު އިވުނެވެ. އަދި އެއަޑު އިވިފައި އެގޮވަނީ މަށަށްކަން ޔަޤީނާ ގާތަށް ހީވި މަނިކު އިށީނދެގެން އިން ގޮނޑިން ފުންމައިގެން ތެދުވެފައި، އަވަސް އަވަހަށް އެކޮޓަރިޔާ ދިމާޔަށް ހިނގައިގަތްތަކާ ނަރުސް އަދިވެސް އެހެން ނަންތަކެއް ގޮވައިގަތެވެ. އޭނާގެ މަޤްޞަދަކަށްވީ، ޑޮކްޓަރަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ނަމަވެސް، ދެން ދައްކަން ތިބި ދެތިން ހަތަރުމީހުންގެ ވަގުތީ ކިޔޫއެއް ހެދުންކަން މަނިކަށް އެހިސާބުން ވިސްނުނެވެ.

”ކިހާ ދެރަ ކަމެއް! އަމިއްލަ ފުރިހަމަ ނަންވެސް ވަށައިގެން ތިބި އެންމެނަށް ނުއެނގި މިތާކުން ސަލާމަތެއް ނުވާނެ!“ އަޙުމަދު ރަޝީދަށް ބުނެވުނެވެ. ”އަހަރުމެން ޤައުމަކު ހަމަ ގައިމުވެސް އެހެންނެއް ނުވާނެ!“

***

އޭގެ ދުވަސްކޮޅެއް ފަހެވެ. މުޙައްމަދު މަނިކު މިހާރު އެއިނީ މާލޭގައި ހުރި ބޮޑު ހޮސްޕިޓަލެއްގެ ސްޕެޝަލައިޒް ޑިޕާޓްމަންޓެއްގައި ޑޮކްޓަރުން ބަލާ ކޮޓަރިއެއް ޢަމުދުން ފެންނަންވެސް ނެތް ހިސާބެއްގައި ޖަހައިފައި ހުރި އެންމެ މިޒަމާނުގެ ޕޭސްޓަލް ކުލަތަކުން ގޮދަޑިޖަހައިފައި ހުރި އަރާމު ގޮނޑިތަކުން ކުރެ ގޮނޑިޔެއްގައެވެ. މުޅި ތަނުގެ އެތަން މިތަނުގައި އެހުރީ އެކި ސައިޒުގެ މޮނިޓަރުތަކާއި މެޝިނުތަކެވެ.

އެހެންނަމަވެސް… ކޮންމެވެސް ސަބަބަކާހުރެ، ގިނަ މޮނިޓަރުތައް އެހުރީ އަނދިރިވެފައެވެ. ނޫނީ ކޮންމެވެސް ކަހަލަ މޮޅު ސޮފްޓްވެއަރއެއްގެ އިސްތިހާރެއް ތަކުރާރުކޮށް އަރައިލަ އަރައިލައެވެ.

ހުޅުވޭއިރު ނުލާހިކު ޗާލޫ އެނިމޭޓަޑް ގުރެފިކަކުން މަރުޙަބާކިޔާ މޮޅު އެޕަކުން އެދިގެން ތަންކޮޅެއް ގިނަ ދުވަހުންނަމަވެސް ދިން އެޕޮއިންޓުުމަންޓު ދިނީ މިވެނި ދުވަހެއްގެ ބަރާބަރު މިވެނި ގަޑިޔަކަށެވެ. އަދި އެޕޮއިންޓް އޮންނާނޭ ކަމަށް ކަނޑައެޅިފައިވާ ގަޑީގެ ދިހަ މިނިޓު ކުރީން މެމޯ ’ނަގާލަން‘ ޖެހޭނޭ ކަމަށް ނަން ނުބުނާ އަންހެން ކުއްޖަކު ފޯނުކޮށްފައިވެސް ބުންޏެވެ. އެކަމަކު ގަޑިޖެހިގެން ތިންހަތަރު ގަޑިއިރު ވީއިރުވެސް ދެެއްކޭ ގޮތެއްވެސް ނުވިއެވެ. ކައުންޓަރުގައި އިން މަންޖެ ނަންބަރުތަކުން ދަށުންދަމާޔާއި ތާހާއި ޑިގުކުޅުނަށް ނޭނގޭވަރަށް އެކަންވެސް އޮތީ ހިލައިލައިފަޔޭ މަނިކު ހިތަށްއެރިއެވެ. ފެންނަންހުރި މަންޒަރުތަކާއި އިވެމުންދިޔަ އަޑުތަކުން ހޭޖެހޭ ކޮންމެ މީހަކަށް ހީވާނީވެސް އެކަހަލަ އެއްޗެއް ތޯއްޗެކެވެ.

ތަނުގައި ބެހެއްޓި އަގުބޮޑު، މޮޅު، އޭޝިޔާ ބައްރުގައި ނެތްވަރުގެ ކޮމްޕިޔުޓަރު ހުރިއްޔާ ހަމަގައިމުގެސް ނަންބަރު ތަރުތީބުން ދެއްކޭނެތާޔޭ، އަހަރެންގެ ނަމާއި އެޑްރެހާ މިހުރިހާ މަޢުލޫމާތު މިތާ މިތިބަ އެންމެނަށް ނޭނގި ސަލާމަތްވާނެތާޔޭ ހީކޮށްގެން އިންދާ އެތަނަށް އެ ނިކުތީ މޫނުމަތީގައި ހުރި ބުމަޔަކަށްވުރެ ބޮޑާކަމާއި ތިމާޔަށް ތިމާފެނިފައި ހުރުމުގެ ސިފަ މާ ފައުޅުކަން ބޮޑުކޮށް ފެންނަން ހުރި ޒުވާން އަންހެންކުއްޖެކެވެ.

”ފާތުމަތު ރަސީދާ، އެމް.ޑީ.ސުޕޯން މިއާ، މޮހޮންމަދު މަނިކު، އަބްދުއްރަސީދު ހަލީމު، މިކޮޅަށް!“ މިހެން ބުނެފައި އަންހެން ކުއްޖާ އެތެރެއިން ކޮންމެވެސް ދިމާޔަކަށް ބަހައްޓައިފިއެވެ. އޭނާގެ އިސްޕީޑުގައެވެ. މުސްކުޅިއެއް، ބަލިކަށި މީހެއް ކީއްކުރަންތޯއޭ، ބަލިމީހެއްގެ ލޮޑުކަމަށްވެސް ބަލައިލުމެއް ނެތިއެވެ. ފަހަތުން ދިޔަމީހަކަށް ޑޮކްޓަރު ކޮޓަރި ފެންނާނެޔޭ، އަވަހަށް ދިޔަމީހަކަށް އަވަހަށް ދެއްކޭނެޔޭ، އެހެންވީމާ އަންނާށޭ ބުނާކަހަލަ ފަރި ހިނގުމެއްގައެވެ.

ތަފާތަކީ ހަމަ އަހަރުމެންގެ އައި.ޓީގެ މޮޅުކަމޭ އަޙުމަދު ރަޝީދު ފެނުނު ދުވަހަކުން އޭނާ ގާތު ބުނާނަމޭ މަނިކު ހިތަށްއެރިއެވެ.