Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ

ތަސްވީރު ބުނަނީ ކީކޭ ހެއްޔެވެ؟ ކަންކަން ގޯހުންގޯހަށް ދިޔުމުގައި އާންމުން އަދާކުރާ ދައުރެވެ. އާންމުންގެން ތާއީދު ހޯދައިގެން، އެމީހުންގެ ބާރުން ބާރު ހޯދާ ބަޔަކު، ބާރު ހޯދުމަށް ފަހު، އާންމުންގެ 'ބުރިކަށިމަތީ ތިބެ’، އެ ބާރުވެރިން، އެމީހުންގެ އަމިއްލަ ފައިދާއަށް މަސައްކަތްކުރާ ތަނެވެ. މި ގޮތުގައި މަސައްކަތް ކުރަމުންދާއިރު، ތަނުގެ ޖަމާއީ ހަޔާތް ހަލާކުވެ، ބަރުބާދުވިޔަސް، އެ ބާރުވެރިން ކަންބޮޑެއް ނުވެއެވެ. ކީއްވެ ހެއްޔެވެ؟ އެ ބާރުވެރިން އެދޭ ކަންކަން އެމީހުންނަށް ހާސިލުކުރެވެއެވެ.

ނަމަވެސް، ލޯ ހުޅުވާލައި، އެ ބާރުވެރިން ގަންނަގަނޑު ދެނެގަނެ، އާންމުން 'ތެދުވެއްޖެ ނަމަ’، އެއްކަލަ ބާރުވެރިންގެ ޕާޓީ ނިމުމަކަށް އާދެއެވެ. އާންމުން ތެދުވަންވީ ކިހިނެއް ހެއްޔެވެ؟ ހޭލުންތެރިވެ، އަމިއްލަ ވިސްނުން ބޭނުންކޮށް، އެއްވެސް ކަހަލަ ތައައްސުބެއް ނެތި، ޖަމާއީ ހެވަށް އެދިގެން މަސައްކަތްކުރަން ދަސްކުރަންވީއެވެ. ތަން އިސްލާހުކުރުމަށްޓަކައި ހަވާލުކުރާ ބަޔަކަށް، އެމީހުންގެ އަމަލުން، އެކަން ނުކުރެވޭނެކަން އެނގި، އަދި، އެކަން ކުރުމުގެ ގާބިލުކަން ވެސް ނެތްކަން އެނގުމުން، އެ މީހުންނާއި އެފަދަ އެހެން މީހުންވެސް އަލުން ބާރުކުރުވުމުން ދުރުހެލިވާންވީއެވެ. ދެން، ތަން އިސްލާހުކޮށް، ޖަމާއީ މަސްލަހަތު އިސްކޮށްގެން، އެންމެންގެ ވެސް ފައިދާއަށްޓަކައި މަސައްކަތް ކުރާނޭ ބަޔަކު ހޯދައި އެ ބަޔަކު ބާރުވެރިކުރަންވީއެވެ.