Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

މަތިވެރި ސިކުނޑިތައް ބަހުސްކުރަނީ ޚިޔާލުތަކާއި ފިކުރުތަކެވެ. މެދުމިނުގެ ސިކުނޑިތައް ބަހުސްކޮށް ވާހަކަދައްކާ ހަދަނީ ހިނގާ ކަންކަމާ ބެހޭ ގޮތުންނެވެ. އާދައިގެ، އާދެ، އެންމެ ދަށު ދަރަޖައިގެ، ސިކުނޑިތައް ބަހުސްކޮށް ވާހަކަދައްކަނީ މީހުންނާ ބެހޭ ގޮތުންނެވެ. އާދެ، މީހުންގެ ޒާތީ ކަންކަމާ ބެހޭ ގޮތުންނެވެ.

މިހާރު ދައުރުވަމުންދާ ވީޑިޔޯތަކާ ބެހޭ ގޮތުން ނޫސްތަކުގައި ގެންނަ ޚަބަރުގެ މައްޗަށް ނަޒަރެއް ހިންގާލަބަލާށެވެ. އެކަމާ ބެހޭ ސުރުޚީތައް އަޅާލެވެނީ މީހުންގެ ސަމާލުކަން އަތުލައިގަތުމުގެ ބޭނުމުގައި ކަމަށް ބުނެވިދާނެއެވެ. ފަހަރެއްގައި ވެސް، ތިމާމެން ގަބޫލުކުރާ އަގުތަކުގެ އަލީގައި އެ ވީޑިޔޯގައި ފެންނަ އަމަލުގެ މައްޗަށް އެއްޗެއް ބުނެ އެކަން ކުށްވެރިކުރުމުގެ ގޮތުންނެއް ނޫނެވެ. ޝަމާތަތުގެ ރޫހުގައި ބަޔަކު ފަޟީހަތްކުރުމުގެ ރޫހުގައެވެ.

ހަގީގަތުގައި، މި ކަމުގައި ފަޟީހަތްވަނީ ހަމައެކަނި ވަކިވަކި ފަރުދުންތަކެއް ނޫނެވެ. މުޅި މުޖުތަމައެވެ. މި ކަމަކީ ކޮންމެވެސް ބައަކު ރާވައިގެން ކުރި ކަމެއްކަމާ މެދު ޝައްކެއް ނުކުރެވެއެވެ. މިހެން ބުނުމުގެ ބޭނުމަކީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން އެކަމުން ބަރީއަކުރުމެއް ނޫނެވެ. އަދި، އެމީހުންގެ ޒިންމާ ކުޑަކޮށްލުމެއް ވެސް ނޫނެވެ. މިކަން ރާވައި، ވަކި ތަނަކަށް ބަޔަކު ގެންގޮސް، އެއްބަޔަކަށް ފައިސާ ވެސް ދީގެން، މިކަން ކުރުވައި، ރެކޯޑުކޮށް، އެންމެންގެ ތެރޭގައި އެ ރެކޯޑުތަކުގެ ފީތާތައް އާންމުކުރުން ވެސް ވާނީ ވެސް ކުށަކަށެވެ. މީގެ އިތުރުން، މިކަމުން އަންގައިދެނީ، ކުރިން ވެސް އިޝާރަތްކޮށްލި ފަދައިން، ތަނުގެ އަގުތައް ނެތި ފިލައިގޮސްފައިވާ ކަމެވެ. މިވާހަކަތައް ނޫސްތަކުގައި ގެނެސްދޭއިރު، މިހެންވާން ދިމާވީ ކީއްވެތޯ ސުއާލުކޮށް، އެކަމާ ބެހޭ ގޮތުން މައްސަލައިގެ މައްޗަށް ތަހުލީލީ ނަޒަރަކުން ބަލައިލައި މިފަދަ ކަންކަން އިސްލާހުކުރުމަށްޓަކައި ކަންކުރާނީ ކިހިނެއްތޯ ބުނެދެވިފައެއް ނޯވެއެވެ. މީހުންގެ ސަމާލުކަން ހޯދައި ނޫހަށް ޝުހުރަތު ހޯދުމަށްޓަކައި ޚަބަރު ނަކަލު ކޮށްލެވެނީއެވެ. އާދެ، މަތީގައި ބުނެފައިވާ ބުނުމުގައި ވާގޮތުން، މިފަދައިން އެއްޗެހި ލިޔާލިޔުން ހިމެނެނީ ތިންވަނަ ދަރަޖައިގެ ސިކުނޑިތަކުގެ ތެރޭގައެވެ. އެންމެ އާދައިގެ، އެންމެ ދަށު ދަރަޖައިގެ ސިކުނޑިތަކުގެ ތެރޭގައެވެ!

(ތަރުޖަމާއެއް އަދި އިތުރުކޮށްލުމެއް)