Support Us

އިދިކޮޅު ޕާޓީތަކެއްގެ ޙަރަކާތްތެރިކަމާއި ބާރުވެރިކަން ވަރަށް މުހިންމު

ޑިމޮކްރެސީއޭ މި ކިޔާ ޢާލަމީ ނިޒާމުގައި (ހެޔޮ ނިޔަތުގައި) ވެރިކަން ބައްޓަންކުރާ ނަމަ، އިދިކޮޅު ޕާޓީތަކެއްގެ ޙަރަކާތްތެރިކަމާއި ބާރުވެރިކަން ވަރަށް މުހިންމެވެ. އެހެނީ ސަރުކާރު މަގުން ކައްސައިލިޔަ ނުދީ ހެޔޮ މަގަށް މަގު ދައްކައިދިނުމުގައި ވެރިކަމުގެ ކަންކަމަށް ފާރަވެރިވާނެ ފަރާތްތަކެއް ނުވާނަމަ، ސަރުކާރަށް ވިޔަސް މަގު އޮޅިދާނެއެވެ. ހަރުދަނާ އިދިކޮޅު ޕާޓީއެއް ހިންގުމަށް ސަރުކާރުން އެހީތެރިވެ މަގުފަހިކޮށްދޭންޖެހެނީ މިހެން ވެގެންނެވެ. އަދި އިދިކޮޅު ޕާޓީތަކެއްގެ ދައުރު ފުޅާވެފައި އޮންނާންޖެހެނީ މި ސަބަބާހުރެއެވެ. ހަމައެކަނި ނަމުގައި ޕާޓިއެއް އޮތުމަކުން ވެސް ނުފުދެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވެސް އެ މީހުންގެ "ބާރު" އޮންނާންޖެހޭނެއެވެ. ނޫންނަމަ، ސަރުކާރު މަގުން ކައްސައިލާ ވަގުތުތަކުގައި ހަމަމަގަށް އަޅުވާން ބަސްބުނާނެ، އަދި އެ ބަސްވިކޭނެ ފުރުޞަތެއް ނޯންނާނެއެވެ.

މަޣުރިބުގެ ކުރީގެ ރަސްގެފާނު ޙަސަން (ދެވަނަ) ވިދާޅުވެފައިވާ ކަމަށް ވަނީ "ތިމަން ރަސްގެފާނާ އިދިކޮޅު ބަޔަކު ނުވާނަމަ އިދިކޮޅު ބަޔަކު އުފެއްދެވީމުހެވެ." އެހެންވީމާ ހެޔޮ ވެރިކަމެއްގައި އިދިކޮޅު ފަރާތްތަކެއް އޮތުމަކީ ޑިމޮކްރެސީއެއްގެ އެންމެ މުހިންމު އެއް އަސާސެވެ.

އިދިކޮޅުގެ މާނައަކީ "އިދިކީލިވުން" ކަމަށް މާނަކުރެވިގެން ނުވާނެއެވެ. ހެޔޮ މަގަށް މަގުދައްކައި އެހީތެރިވެދީ، މުންކަރާތްތައް ނަހީކުރުމަކީ އިދިކޮޅު ޕާޓީތަކުގެ ޒިންމާއެވެ. ސަރުކާރުން ކުރާ ރަނގަޅު ކަންކަމަށް ތަރުޙީބުދީ، އެ ކަންކަމަށް ވާގިވެރިވެ، އިސްލާމް ދީނާއި ޤާނޫނުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވަން މަސައްކަތްކުރުމަކީ އިދިކޮޅު ފަރާތްތަކުގެ އަދި އެންމެހާ ރައްޔިތުންގެ ވެސް ޒިންމާއެކެވެ.

މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمرކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.") (سورة آل عمران: 104).

ހެޔޮ ކަންކަމަށް އަމުރުކުރުމާ އެއްވަރަށް ނުބައިކަންކަން މަނާކުރާން ވެސް ﷲ މި ވަނީ އަމުރުކުރައްވައިފައެވެ. މިކަން ސަރުކާރުން ވެސް ގަބޫލުކުރާންވާނެއެވެ. ހަގީގީ ޑިމޮކްރެސީއެއްގައި މިކަން އޮންނާންޖެހޭނީ މި ގޮތުގައެވެ. އެހެން ނޫންނަމަ، ލިޔެކިޔުމުގައި "ޑިމޮކްރެސީ" ފެންނާން އޮތަސް އެއީ އެހެން ބާވަތެއްގެ ވެރިކަމެކެވެ.

ރާއްޖޭގައި މިއަދު ކަން ދިމާވި ގޮތުން، ސަރުކާރާއި ރައްޔިތުންގެ މަޖިލީސް އޮތީ އެއް ބާރެއްގެ ގޮތުގައި ވެފައެވެ. މަޖިލީހުގައި އޮތީ ސަރުކާރުގެ އެންމެ މަތީ އަޣުލަބިއްޔަތެވެ. މި ޒަމާނުގެ ކުދީން ކިޔާ އަޑު އިވޭ ފަދައިން "ސުޕަރ މެޖޯރިޓީ"އެވެ. މި ސަބަބާ ހުރެ، ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީއާއި ދައުލަތުގެ "މުސްތަޤިއްލު" މުއައްސަސާތައް އޮންނާނީ ސަރުކާރު މަގުން ކައްސައިލިޔަސް، ލޯމަރައިގެންނެވެ. ކަންފަތަށް ރީއަޅައިގެންނެވެ. އެއްޗެއް ބުނާން ނުކެރި އަނގަ ލައްޕައިގެންނެވެ. ނަތީޖާއަކަށްވާނީ، ނުރަނގަޅު ކަންތަކާއި ކޮރަޕްޝަންތައް އިތުރުވެ ޤައުމު ފަސާދަވުމެވެ. މި ކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭނޭ މަންފާއަށް ވުރެ، އެކިއެކި ވަކިވަކި މީހުންނަށް ދައުލަތުގެ ނަފާ ބެހިގެންދާ މިންވަރު އިތުރުވާނެއެވެ. (އެކި ކުންފުނިތަކާއި މީސްމީހުންނަށް ބަދަލުދިނުމުގެ ނަމުގައި "ބަހައިލެވުނު" ފައިސާތައް މި ކަމުގެ ހެތްކަކަށް ފުދެއެވެ.) ޤައުމުގެ އެންމެ މަތީ މަޞްލަޙަތުތައް ކަމުގައިވާ އިސްލާމް ދީން ޙިމާޔަތްކުރުމުގައްޔާއި ޤައުމުގެ ސިޔާދަތު ދިފާޢުކުރުމުގައި ދަތިތަކެއް ކުރިމަތިވާނެއެވެ. (ފާޅުގައި އިސްލާމް ދީނަށް ތައުހީނުކޮށް މުންކަރާތްތަކަކީ ޙައްޤުކަމަށް ވަކާލާތުކުރާ މީހުން އިތުރުވެ، އެ މީހުންނަށް ފިޔަވަޅު ނޭޅި، އެ މީހުންނަށް ދައުލަތުގެ އިސް މަޤާމުތައް ލިބޭ ލިބުމަކީ މިކަން ސާބިތުވާ ހެތްކެކެވެ.) މި ކަންކަން އިޞްލާޙު ނުވެ ދިގުލައިގެން ހިނގައްޖެ ނަމަ މުޅި ދައުލަތުގެ ނިޒާމު ގަޑުބަޑުވެ، ޚުދުމުޚުތާރު ނިޒާމަކަށް ބަދަލުވެދާނެއެވެ. އިސްލާމީ ވަޙުދަތު ނެތިވެ ގޮސް އަހުލީ ހަމަނުޖެހުމަކަށް މަގު ފަހިވެދާނެއެވެ.

ތެދުފުޅެކެވެ! ރާއްޖޭގައި އިދިކޮޅު ޕާޓީތަކެއް އެބަހުއްޓެވެ. އެކަމަކު ނަމެއްގައެވެ. ގިނަ ޕާޓީތައް ވަނީ ސަރުކާރާ އިއްތިޙާދުވެފައެވެ. ދައުލަތުގެ ހުރިހާ މަޤާމުތަކެއް ވަނީ މި ޕާޓީތަކުގެ މެދުގައި ބަހައިލެވިފައެވެ. އިއްތިޙާދީންނަށް ލިބޭނޭ ޛާތީ ފައިދާއަށްޓަކައި އެ މީހުން ތިބީ އަނގަބަންދުކޮށްގެންނެވެ. ލޯ މަރައިގެންނެވެ. ކަންފަތަށް "އުނގުރިޖަހައިގެން"ނެވެ. ދީނަކަށް ޤައުމަކަށް ބެލުމެއް ނެތެވެ. އިއްތިޙާދުނުވި ހަމަ އެކަނި ލީޑަރުވަނީ ޝަރީޢަތެއްގެ ނަމުގައި "ހިންގި ކަންތައްގަނޑެއްގައި" "ނުޙައްޤުން" ޖަލަށް ލައިފައެވެ. މަދަނީ ޚިދުމަތުގައި ތިއްބެވި މުވައްޒިފުންނާއި ފަނޑިޔާރުން ތިބީ ވަޒީފާއާ މެދު ބިރުވެރިކަން އުފެދިފައެވެ. ފެންނަނީ "ކުންފުންޏަށް ގެންލުންވާތީ" ނުވަތަ "އޮފީހުގެ މަސައްކަތަށް ފަރުވާ ކުޑަކުރާތީ" ނުވަތަ "ބަލަމުންގެންދާ މައްސަލައަކާ ގުޅިގެން" ފަދަ ލޭބަލްތަކުގައި އިދިކޮޅު ފަރާތްތަކަށް ކިރިޔާ ވެސް ތާއީދުކުރި، އަދި ތާއިދުކޮށްފާނެހެން ހީވާ މީހެއްގެ ވިއްޔާ ވަޒީފާ ގެއްލޭ ތަނެވެ.

ދާދި ފަހުން ވަކިކުރި ފަނޑިޔާރުގެ ކުށަކީ އިދިކޮޅު ލީޑަރަކަށް ކެމްޕޭންކުރި ކަމަށް ތުހުމަތުކުރެވުމެވެ. ނަމަވެސް ސަރުކާރުގައި އޮތް ޕާޓީގެ ކެމްޕޭންތަކުގައި ޢަމަލީ ގޮތުން ފާޅުގައި ބައިވެރިވެވަޑައިގަތްކަން ރާއްޖޭގެ އެންމެންނަށް އެނގޭ ބޭފުޅުން އެ ތިއްބެވީ "ނަޒާހަތްތެރި" ފަނޑިޔާރުންގެ ގޮތުގައި އެންމެ މަތީ ކޯޓުގައެވެ. މި ފަދަ މަންޒަރުތައް ފެނުމުން ނުވަތަ، ލިބޭ ހަދިޔާއެއްގެ ސަބަބުން ގިނަ ނޫސްވެރީން ތިބީ ސަރުކާރަށް މަގުދައްކާން ނުކުޅެދި، ޚުޝާމަދުކުރުމުގެ އަވާގައިޖެހިފައެވެ.

މި ފަދަ ކަންކަމަށް ބެލުމެއް ނެތި ވާހަކަ ދައްކާ ނުވަތަ ލިޔާ މީހުންނަށް "ކަމާ ބެހޭ މުއައްސަސާ"އިން އަންނަނީ އިންޒާރެވެ. ސަރުކާރުން މަގު ކައްސައިލާ ނަމަ، ނުރަނގަޅު ކަމެއް ކުރެވޭ ނަމަ، ހެޔޮ މަގަށް އެނބުރި ރުޖޫޢަވުމަށް ގޮވައިލެވޭ މަދު ފަހަރެއްގައި ވެސް، އިޞްލާޙުކުރުމުގެ ބަދަލުގައި "މުޖުތަމަޢުގައި ނަފުރަތު އުފެއްދުމުގެ" ލޭބަލްގައި، ފިޔަވަޅު އަޅަނީއެވެ. ޙަގީގަތާ ޚިލާފަށް ވިޔަސް ޚުޝާމަދު ނުކުރާ ނަމަ، މީޑީއާ އަށް އަންނަނީ އިންޒާރެވެ. މިއީ ކުރިމަގަށް ވިސްނާއިރު، ވަރަށް ނުރައްކާތެރި ކަންތައްތަކެކެވެ. މިކަން މި ގޮތަށް ދެމިގެން އޮވެއްޖެ ނަމަ، ދާއިމީ ޚުދުމުޚުތާރު "ވެރިކަމެއް" ޤާއިމުވުމުގެ އިތުރަށް، ދީނީ އެއްބައިވަންތަކަން ގެއްލި، ޤައުމުގެ ސިޔާދަތު ދިވެހީންގެ އަތުން ބީވުމަކީ ދާދި ގާތުގައި އޮންނާނޭ ކަމެކެވެ.

މިއަދު ދިވެހިރާއްޖޭގައި ޢަދުލުގެ ނިޒާމު މިނިވަންކަމާއެކު ހިނގަމުންދާ ކަމަށް ގަބޫލުކުރާނީ ވަކި މީހެއްގެ ސިކުނޑިން ވިސްނާ، ވަކި މީހަކު ބުނާ ކޮންމެ އެއްޗެއް ވިސްނުމެއް ނެތި ތަޤްލީދުކުރާ ބަޔެކެވެ. އެ މީހަކު، ދުވާލަށް ރޭގަނޑޭ ބުންޏަސް އެ ކަން ގަބޫލުކޮށް އަތްތިލަބަޑިޖަހާ ބަޔެކެވެ. އިންސާފަކީ ތިމާ ބޭނުން ކޮންމެ ކަމެއް، ތިމާ ބޭނުންވާ ގޮތަށް ވުން ކަމަށް ގަބޫލުކުރާ މީހުންނެވެ.

ރާއްޖޭގެ އަމިއްލަވަންތަކަމާއި ސިޔާދަތު އެއްވެސް ކަމަކަށްޓަކައި ޤުރުބާން ނުކުރައްވާނެ ކަމަށް (ކޮމްޕްރޮމައިޒް ނުކުރައްވާނެ ކަމަށް) ފާޅުގައި ވިދާޅުވެ، ރާއްޖެއަކީ ވަކި ބާރަކަށް ބަރޯސާނުވެ، ތަރައްޤީވާންޖެހޭ ޤައުމެއް ކަމަށް ދެކެވަޑައިގެން ކާމިޔާބު މަސައްކަތްޕުޅުތަކެއް ކުރެއްވި ރައީސް އަބްދުﷲ ޔާމީން، ވަކި "ބާރެއްގެ" އެދުމަށް ޖަލަށް ލެވުނު މައްސަލައިގެ ދަޢުވާއާއި ޝަރީޢަތުގައި ކަން ހިނގައިދިޔަ ގޮތާއި ހެއްކާއި ޙުކުމަށް ވިސްނައިލުމުން (އެކަނި ވެސް)، އަދި މައްސަލަ ބައްލަވައި ޙުކުމަށް ވާޞިލުވެވަޑައިގަތް ޤާޟީ، މައްސަލައިގެ ޙުކުމް އިއްވަވާން ދެތިން ގަޑިއިރަށް ކައިރިވެފައި އޮއްވައި ސަސްޕެންޑްކުރުމުގެ ހަޑި މުޑުދާރު، ނާތަހުޒީބު ޢަމަލުގެ ސަބަބުން ރާއްޖޭގެ އަދުލު އިންސާފުގެ "ފުރިހަމަކަން" ކިތަންމެ ރީތިކޮށް ވެސް ރައްޔިތުންނަށް ހާމަވާނެއެވެ.

ނަސީބަކުން "ފަޟީޙަތްވަންދެން" އެ ހުރިހާ "ސަކަރާތެއް ޖެއްސެވީ" ރާއްޖޭގެ އެންމެންނަށް ފެންނަ ގޮތަށް ވަގުތުން ދުރަށް ދައްކައިގެންނެވެ. ވީމާ، މި ކަންކަމުގެ ހަގީގަތް އިތުރަށް މީހަކަށް ކިޔައިދޭކަށް ނުޖެހޭނެއެވެ.

މި ޤައުމަށް ކަޅިއަޅާ "ބާރެއް" މި ޤައުމުގައި ހިންގާން ބޭނުންވާ ކަންކަމަށް ހުރި ހަމައެކަނި ހުރަހަކީ އެ ރައީސް ޔާމީން ކަމަށް ހީކުރެވުމަކީ އެ މަނިކުފާނުގެ ކުށެއްތޯއެވެ؟ ކޮންމެ މަޖުބޫރަކުން ނަމަވެސް މި ފަދަ އަސާސެއް ނެތް ބޭއިންސާފު ދަޢުވާއެއްކޮށް ނުޙައްޤު ޝަރީޢަތަކުން ކުށެއް ނެތް އިންސާނަކަށް ދެވުނު ޢުޤޫބާތާއި އެ ކަމުގެ ސަބަބުން ބަދަހި ޢާއިލާއަކަށް ލިބެމުންދާ ނިކަމެތިކަމާއި ބަލިކަށިކަމާއި މި ކަންކަމަށް ޓަކައި، އެ ކަންކަން ކުރި ބަޔަކު ހިތާމަކޮށް ކަރުނައަޅާނެ ކޮންމެ ވެސް ދުވަހެއް އަންނާނެއެވެ. އާރާއިބާރު ނެތި ނިކަމެތިވާ ދުވަހަކުންނެވެ. ނުވަތަ ހުރިހާ އިންސާނުން ވެސް އެ މީހެއްގެ ޢަމަލުތަކަށް ޖަވާބުދާރީވާން ޖެހޭ ދުވަހަކުންނެވެ.

އަދި މިވަރަކުން ނުފުދެއެވެ. "ވެރިޔާ" ނުރުހޭ ގޮތަކަށް ދުވަހަކު ކޮޅުން ވެސް ޤަޟިއްޔާއެއް ފައިޞަލާކުރައްވައިފައިވާ ޤާޟީއެއް ނަމަ، ނުވަތަ ޝަރީޢާގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ޤާޟީއެއް ނަމަ، އެ ފަދަ ޤާޟީން "ބުރުއްސައިލައްވާން" ގެންގުޅުންވަނީ މާވަރުގަދަ ނަމެއް ކިޔާ "ހަންމުއްޓެކެވެ." އެ ހަންމުށީގެ ނަމަކީތޯއެވެ! ސުލޫކީ މައްސަލައެވެ. އެކަމަކު ގިނައިން ބައްލަވައި ފިޔަވަޅު އަޅުއްވަނީ ޤަޟާއީ މައްސަލަތަކުގައި ޤާޟީން ޢަމަލުކުރައްވާ ގޮތަށެވެ. ސުލޫކަކީ މީހެއްގެ އުޅުން ހުންނަ ގޮތާއި ކަންކުރާ ގޮތެވެ. (އިނގިރޭސިބަހުން ނަމަ 'ކޮންޑަކްޓް’އެވެ.) އެހެންވީ އިރު ޤާޟީއަކު ވަކި ޤަޟިއްޔާއެއް ފައިޞަލާކުރައްވާ ގޮތް އެއީ އޭނާގެ ސުލޫކުކަމަށް ބެލުމަކީ އަޅުގަނޑަށް ވަނީ ހަމަ ހަލީސާއަކަށެވެ.

މިއީ އަޅުގަނޑު އެކަނި ދައްކާ ވާހަކައެއް ނޫނެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު އަބްދުﷲ ދީދީ ވަރަށް ފަހުން ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ޖޭއެސްސީން ކަންތައްތައް ކުރައްވަނީ ރަނގަޅަށް ކަމަށް ވިދާޅުވި ކަމުގައި ވީ ނަމަވެސް އެ ކޮމިޝަނުން ކޯޓުތަކަށް ނުފޫޒު ފޯރުއްވާން ހިންގަވާ ޣައިރު ދުސްތޫރީ ކަންތައްތައް ސައްހައެއް ނުވާނެ ކަމަށެވެ. އަދި ޖޭއެސްސީން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެއްލެވުމުގެ ނަމުގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ޤަޟާއީ އިޚުތިޞާޞްގެ ތެރެއަށް ވަންނަ ކަންތައް ކަމަށް އޭނާ ވެސް ވިދާޅުވެފައިވެއެވެ.

"ދުވާލަކު ފަސް ފަހަރު ތަސްބީހަ ކިޔާހެން ތިމަންނަމެން ކަންތައް ކުރަނީ ރަނގަޅަށޭ ބުންޏަސް ޖޭއެސްސީން ކޯޓުތަކަށް ނުފޫޒު ފޯރުވަން ހިންގާ ޣައިރު ދުސްތޫރީ ބާތިލު ކަންތައް ސައްޙަ(އެއް) ނުވާނެ. ސުލޫކީގެ ނަމުގައި ތިޔަ ތަނުން ބަލާ 90 ޕަސެންޓް ކޭސްތަކަކީ ޖުޑިޝަލް ފަންކްޝަންގެ ތެރެއަށް ވަންނަ ކަންތައްތައް،" ޑރ. އަޙުމަދު ވިދާޅުވެފައިވެއެވެ.

ޑރ. އަޙުމަދު ޢަބްދުﷲ ދީދީ އެހެން ވިދާޅުނުވި ނަމަވެސް މިއީ ދިވެހި ރައްޔިތުންނަށް ސާފުކޮށް ފެންނާން ހުރި ކަންކަމެވެ. "ގަދަބާރު" އޮތީތީ ޤާނޫނީ ހަމައަކަށް މީހެއްގެ މޫނަކަށް ތޫނަކަށް ދުނިޔޭގެ ލަދަކަށް ބެއްލެވުމެއް ނެތި ހިނގަމުންދާ ޢަމަލުތަކުގެ ސަބަބުން މި ކަންކަމަކީ މާދަމާގެ ތާރީޚު އަދުގެ ޖީލަށް މަލާމާތްކޮށް ލަޢުނަތް ދޭނޭ ކަންކަމެވެ.

އާދޭހެވެ! ޖޭއެސްސީން ވަނީ "ސުލޫކީ މައްސަލަތަކުގެ" ވަރުގަދަ ހަތިޔާރު ބޭނުންފުޅުކުރައްވައިގެން ގިނަ ޢަދަދެއްގެ ފަނޑިޔާރުންނަށް ފިޔަވަޅު އެޅުއްވުމަށް ނިންމަވައިފައެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވަކިކުރައްވައިފައެވެ. އަނެއް ބައި ފަނޑިޔާރުން ވަނީ ޖޭއެސްސީން ފިޔަވަޅު އެޅުއްވުމުގެ ކުރީން މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި މި ގޮތަށް ވަކިކުރެވޭ ގިނަ ފަނޑިޔާރުންނަކީ "އިސްލާމީ ޝަރީޢާ"ގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވައިފައި ތިއްބެވި ބޭފުޅުންނަށް ވެފައި ހުސްވާ މަޤާމުތަކަށް އިސްކުރައްވާ ޤާޟީންނަކީ "ޢާއްމު ޤާނޫނު" (ކޮމަން ލޯ)ގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ބޭފުޅުންނަށް ވާކަމީ އެންމެ ބޮޑު އިއްތިފާޤެވެ. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ގެންނެވި ބަދަލުން މި ކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. ވަރަށް ބޮޑު އިއްތިފާޤެވެ. ނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދިހަ ވަނަ މާއްދާގައި ވަނީ އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމުގައެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނެހެދޭނެ ކަމަށެވެ. އެހެންވީއިރު، ޤާނޫނީ ގޮތުން ފަހުބަސް އިއްވާ ކޯޓުގައި އިސްލާމީ ޝަރީޢާއިން ތަޢުލީމު ޙާޞިލުކުރައްވައިފައި ނުވާ ފަނޑިޔާރުން ތިއްބެވުމަކީ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފު ކަމަކަށް ނުވާނެތޯއެވެ!

ތެދުފުޅެކެވެ. ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ "ކުރިއެރުން" ހުޅަނގުގެ ނަޒަރުން ހޯދުމަކީ ދާދި ފަސޭހަ ކަމެކެވެ. އިސްލާމްދީނަށް ފާޑު ކިޔުމުގެ ފުރުޞަތު ފަހިވި ވަރަކަށް، އެ ކަމަށް ފުރުޞަތު ދިން ވަރަކަށް އެއީ އެބައިމީހުންގެ ނަޒަރުގައި މިނިވަންކަން ބޮޑުވަނީއެވެ. ހުޅަނގުގެ ޑިމޮކްރެސީއަކީ އަދި އިންސާފަކީ އެމީހުންނަށް ބޭނުންވާ ކޮންމެ ގޮތެކެވެ. އެ މީހުންގެ ނަޒަރުގައި މިނިވަންކަމަކީ އެއީއެވެ.

އިރާގު ގިތްގަޅުވައިލުމަށްޓަކައި ކެމިކަލް ހަތިޔާރޭ ފަޅޮލޭ ކިޔައި އެމެރިކާ އިން އެ ތަނަށް އަރައި މުޅި ޤައުމު ސުންނާފަތިކޮށްލައި އަގުހުރި މުދާތައް ފޭރިގަތީ މުޅި ދުނިޔޭގެ ލޮލުގެ ކުރިމަތީގައެވެ. މިއަދު އިޒްރޭލުން ފަލަޞްޠީނަށް އަރައި އެތައް ހާސް ރައްޔިތުންނެއް މަރައި އެ މީހުން އެ ބުނާ އދ.ގެ ޤާނޫނުތަކާ ޚިލާފަށް ބިންތައް ހިފައި ގެދޮރު އަޅައި، މީހުން އާބާދުކުރާއިރު މިހާރު މި ކަންކަން ޚަބަރަށް ނުވާހާ ޢާއްމު ކަންކަމަށް ވެއްޖެއެވެ. އެންމެ ފަހުން "އެވެރީން"ގެ ބާރު އޮންނަ ޗާޓުތަކުން ފަލަޞްޠީނު ފޮހެ ވެސް ލީއެވެ. މިއީ ދާޚިލީ ކަންކަމޯލައެވެ!

އިންޑިއާގެ މަގުތަކުގައި މުސްލިމުންނަށް ހަމަލާދީ އަނިޔާކުރަނީ

މުސްލިމު ކަޝްމީރުގައި އިންޑިއާގެ ހައްދުފަހަނަޅައިފައިވާ ހިންދޫ ސަރުކާރުން ހިންގާ އަނިޔާވެރި ބޭއިންސާފު ޢަމަލުތަކަކީ ވެސް އަދި އިންޑިއާގެ މުސްލިމުންނަށް ދޭ ލާއިންސާނީ އަނިޔާތަކަކީ ދުނިޔޭގެ ޣައިރު މުސްލިމުންގެ ނަޒަރުގައި ޑިމޮކްރެސީއެވެ. އެއީ އިންޑިއާގެ ދާޚިލީ ކަންކަމޯލައެވެ. ދިވެހި ސަރުކާރުގެ ނަޒަރުގައި ވެސް މިއަދު މިއީ ދާޚިލީ ކަންކަމެވެ. ސަބަބަކީ އިޒުރޭލާ ރަޙުމަތްތެރި، އެމެރިކާއާ އެކުވެރި، މުސްލިމުންނާ ދުޝްމަނު ސަރުކާރެއް ކަމަށް އިންޑިއާ ސަރުކާރުވާތީއެވެ. މި ފަދަ ޙާލަތްތަކުގައި ޞުލްޙަ ޤާއިމުކުރާ އދ. އޮނާނީ ވާގި ނެތިފައެވެ. ނުވަތަ އެއްލޯ އަވަރުވެފައެވެ. އިންސާނީޙައްޤުގެ މަންދޫބުންނާއި ސަރަހައްދީ އިމެއް ނެތި އުޅޭ ރިޕޯޓަރުންގެ ހިލަމެއް ނުވާނެއެވެ. ޢާލަމީ ފަހެލިކަމުގެ ޖަމުޢިއްޔާގެ ޚަބަރެއް ނުވާނެއެވެ. ދިވެހިރާއްޖޭގެ ފަހެލިކަމުގެ ޙަރަކާތް ވެސް އޮންނާނީ ނިދައިފައެވެ. އެހެންނަމަވެސް މި ދެންނެވި އަނިޔާވެރިކަމާއި ޢުދުވާނު އަނެއްކޮޅަށް އަމާޒުވި ނަމަ،.. ޢަދުލު އިންސާފާއި ހަމަހަމަކަން ޤާއިމުކޮށް، ކޮރަޕްޝަން ނައްތައިލައި އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ނަމުގައި ކުރީން މި ދެންނެވި އަޢުވާނުންތައް ހިލިގަންނާނެއެވެ. ހީވާނީ ޤިޔާމަތެއް ޤާއިމުވަނީހެންނެވެ.

މި ރާއްޖެއަށް ބަލާއިރު، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 29 ވަނަ މާއްދާގައި ލިޔެފައި އޮތް އެއްޗެއް އޮތްގޮތަށް އޮއްވައި ވަކި ބާވަތެއްގެ ޚަބަރެއް ނޫހެއްގައި ލިޔެލުމުން އެ ޚަބަރު ފޮހެލާން އެންގިއްޖެއެވެ. ވަކި ބާވަތެއްގެ ވާހަކައެއް ދެއްކުމުގެ ސަބަބުން ޕްރޮގްރާމެއް ހުއްޓުވިއްޖެއެވެ. ދީނަށް ފުރައްސާރަކުރި މީހެއްގެ ފޮޓޯ މީސްމީޑިއާއަށް ލީ ޒުވާނަކު އެތައް ދުވަހަކަށް ޖަލުގައި ގެންގުޅެވިއްޖެއެވެ. އެކަމަކު ދީނަށް ފުރައްސާރަކުރި މީހުން… ތިބީ ޙިމާޔަތާއި ޢިނާޔަތުގައެވެ. އެ ފަދަ މައްސަލައެއް ބަލާންޖެހޭ ވާހަކަ ދެއްކުމަކީ ވެސް މުޖުތަމަޢުގައި ނަފުރަތު އުފެއްދުން ކަމަށް ވެއްޖެއެވެ. ވީމާ މިވާ ގޮތް މިއަދު ކޮންމެ ދިވެއްސަކަށް ވެސް ރޭކައިލާން އެބަޖެހެއެވެ.

ދެން ކުރެވޭނީ ކީއްހެއްޔެވެ؟ ހެޔޮކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމުގެ ފުރުޞަތު އަދިވެސް މި ރާއްޖޭގައި އެބަ އޮތްތޯއެވެ؟ އާދޭހެވެ! އަދި ވެސް ފުރުޞަތު މުޅިންނެއް ނުގެއްލެއެވެ. ދައުލަތަށް މަގުދައްކާނެ އޮޅިއެއް، މަގެއް، ޗެނަލެއް، އިދިކޮޅު ޕާޓީތަކަށް، ހަގީގީ އިދިކޮޅު ޕާޓީތަކަށް، ސަރުކާރުގެ އިއްތިޙާދުގައި ނިހިމެނޭ ޕާޓީތަކަށް، އަޅުގަނޑުމެން ފަހިކޮށްދޭންވީއެވެ. އިޚުލާޞްތެރި ނިޔަތެއް އޮތްނަމަ، ޑިމޮކްރެސީއަށް އިޙުތިރާމް ކުރާނަމަ، ސަރުކާރުން ވެސް މި ގޮތަށް މި މަސައްކަތްކުރައްވާންވީއެވެ.

މަޣުރިބުގެ ކުރީގެ ރަސްގެފާނު ސުލްޠާން ޙަސަން (2) ގެ ފަލްސަފާއާ އެއްގޮތަށް އިދިކޮޅަށް ޙައިސިއްޔަތެއް ހޯއްދަވައިދެއްވާންވީއެވެ. "މީސްތަކުންކުރެ އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔެއް (ގެ ނުރައްކާތެރިކަން) اللَّه، ދުރުކުރެއްމުމުގެ ނިޒާމެއް ނުވާ ނަމަ، ބިން ފަސާދަވެއްޖައީސް"ކަމަށް މާތް ﷲ އަންގަވައިފައިވާތީއެވެ. މި ކަމަށް އިޝާރާތްކުރައްވައި ﷲ ވަޙީކުރެއްވި އާޔަތެއްގެ މާނައިގައިވެއެވެ. "މީސްތަކުންކުރެ އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه، ދުރުކުރެއްވުން ނުވާނަމަ، ބިން ފަސާދަވެއްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު ﷲ އީ، ޢާލަމްތަކުގެ މައްޗަށް ފަޟްލުވަންތަވެރި ރަސްކަލާނގެއެވެ." (سورة البقرة:251)

އެއްވެސް ޝައްކެއް ނެތެވެ. ރަނގަޅާއި ނުރަނގަޅުގެ މެދުގައި ތިލަފަތް ހަމަވެގެން ނޫނީ ޤައުމު ފަސާދަ ނުވެ، ޤައުމުގައި ހެޔޮ ވެރިކަމެއް ނުކުރެވޭނެވެ. ހަގީގީ ޑިމޮކްރެސީއެއް ގާއިމުކުރެވޭނީ މިގޮތުގެ މަތީންނެވެ. އެހެން ނޫން ނަމަ، ކިތަންމެ ވަރަކަށް "ޑިމޮކްރެސީ"އޭ ކިޔައި ލޭބަލްކޮށް ކިތަންމެ ޤާނޫނެއް ކަރުދާހުގައި ލިޔުނަސް އެއީ ޑިމޮކްރެސީއަކަށް ނުވާނެއެވެ. އެ ފަދަ ވެރިކަމެއް ވާނީ "ޑިމޮކްރެސީ"ގެ ރީތި ކުލައިން މުލަންމާކުރެވިފައިވާ "އޮޓޮކްރެސީ"އަކަށެވެ. އަނިޔާވެރި ޚުދުމުޚުތާރު ވެރިކަމަކަށެވެ. އެހެންކަމުން މާދަމާގެ ޖީލުތަކުގެ މަލާމާތުން ސަލާމަތްވުމަށްޓަކައި ވެސް މި ކަންކަމާމެދު ސަރުކާރުން ވިސްނައި ވަޑައިގެން ހެޔޮ އިޞްލާޙުތަކެއް ގެންނަވާނެ ކަމަށް އުއްމީދުކުރަމެވެ.

"ޤައުމަށްޓަކައި، ދީނަށްޓަކައި" މަސައްކަތްކުރައްވާ ކަމަށް ކުރީން ވިދާޅުވަމުން ގެންދެވި "އިއްތިޙާދީ" ލީޑަރުން، މި ވާހަކަ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިގެން އިޞްލާޙުކުރައްވާން މަސައްކަތްކުރައްވާނެ ކަމަށް ވެސް އުންމީދުކުރަމެވެ. މުންކަރާތްތަކަކީ ޙައްޤުކަމަށް ވަކާލާތުކޮށް އިސްލާމް ދީނަށް ތައުހީނުކުރާ ބާޠިލު ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރުން ހުއްޓުވާން ސަރުކާރުން ޢަމަލީ މަސައްކަތްތަކެއް ލަސްނުކުރައްވައި ފައްޓަވާނޭ ކަމަށް ވެސް އަޅުގަނޑު އުންމީދުކުރަމެވެ. އެހެން ނޫން ނަމަ މި ރާއްޖޭގައި އިސްލާމީ ވަޙުދަތާއި ޤައުމީ ސިޔާދަތު މާ ގިނަ ދުވަހަކު ދެމި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަކަށް ހަމަ ގައިމު ވެސް އަޅުގަނޑަކަށް ނުވިސްނެއެވެ.