Support Us

ކޮލަމް ކޯދު: ބުއްދިވެރި ބަސްކޮޅެއް

ތިރީގައި މި ވަނީ ވިސްނާލަން ރަނގަޅު، ބުއްދިވެރި ބަސްކޮޅެކެވެ.

  1. އެއްވެސް އެއްޗެއް ނުބުނެ، ހިމޭނުން ހުންނަ މީހާއަކީ ބޯ ހަމަނުޖެހޭ މީހެކޭ ހީކުރެވުން، އެއްޗެއް ބުނެ، އެ ހީކުރެވުން ޔަގީން ކަމަށް ބަދަލުވެގެންދާ ގޮތް ވުމަށް ވުރެ ރަނގަޅެވެ.
  2. މާޒީން ފިލާވަޅު ލިބިގަނެ، އިނބަގެ މުސްތަގުބަލު ބިނާކުރެވިދާނެއެވެ. ނަމަވެސް، މާޒީ އެ އޮތް ގޮތަށް މުސްތަގުބަލު ރާވައި ބިނާއެއް ނުކުރެވޭނެއެވެ.
  3. މީހުންނަށް ހިއްވަރުދީ، ކަންކަން ކުރުމަށް ބާރުއަޅައިދިނުން ބިނާވަނީ އެމީހުންނާ ވާހަކަދައްކައި ގޮތް ކިޔައިދީގެން އެކަންޏެއް ނޫނެވެ. މީގެ އިތުރުން، އެމީހުންގެ، އެމީހުންގެ ހަޔާތުގެ ދަތުރުގައި، އެމީހުންގެ އަމާޒުފަތްގަނޑަށް ވާސިލުވެވެންދެން، މައުނަވީ ސިފައެއްގައި، އެމީހުންނާ އެކުގައި ހިނގައި އެމީހުންނާ އެކުގައި އަބަދުވެސް ވުމެވެ.
  4. ކުރިމަތީގައި ފެންނަން އޮތް ހިނދުކޮޅުން އުފަލާއި އަރާމު ލިބުމުން، ވަރަށް ގިނަ ފަހަރު، އެ ހިނދުކޮޅު އަބަދަށް ދެމިގެން ދާނޭހެން ހީވެ، ހާލުގެ އެ ހިނދުކޮޅު ތެރޭގައި މީހާ ބަނދެވި، އޭނާގެ މުސްތަގުބަލު މަތިން މުޅިން ހަނދާން ނައްތާލެވެއެވެ. ދެން، އޭނާ ހޭ އަރާއިރު، އޭނާގެ މުސްތަގުބަލު އޮންނަނީ ގެއްލިފައެވެ. އެހެންވެ، ކުރިމަތީ ފެންނަން އޮތް ހިނދުކޮޅުން އުފަލެއް ލިބުނު ކަމުގައި ވިޔަސް، އެއީ އަބަދަށް ދެމިގެންދާނޭ ހާލަތެއް ކަމަށް ބަލައި، އޭނާގެ މުސްތަގުބަލު ނަގާލާކަށް ނުވާނެއެވެ.
  5. އަމިއްލަ ނަފްސަށް އިތުބާރުކުރާށެވެ. އިނބަގެ ހުއްދައާ ނުލައި އެކަކަށް ވެސް، އިނބައަކީ ދެރަ ނިކަމެއްޗަކަށް ހަދާ ނުލެވޭނެއެވެ. މީހުން އަޅުވެތި ކުރެވެނީ އަޅުވެތިވުމުގެ ގާބިލުކަން އެމީހުން އަމިއްލައަށް އެމީހުންގެ ކިބައިގައި އަޅުވެތިވުމުގެ ގާބިލުކަން އުފެއްދީމައެވެ. އެހެންވެ، ތިމާގެ ކިބައިގައި ނިކަމަތިވެގަތުމާއި އަޅުވެތިވުމުގެ ގާބިލުކަން އުފެއްދުމުން ދުރަށް ދާށެވެ.
  6. ދުނިޔެއިން އިނބައަށް ލިބެނީ، ދުނިޔެކުރެން އިނބަ ބޭނުންވެގެން އެދި، ހޯދަން އުޅުނު އެއްޗެކެވެ.
  7. ފެންނަ މަންޒަރުތައް ބުނެ އަންގައިދެނީ ކޮންކޮން ކަމެއްކަން އެނގިގަތުމަކުން ނުފުދެއެވެ. އެ މަންޒަރުތައް މިވެނި އެއްޗެއް ބުނެނުދޭކަން ވެސް އެނގުން ލާޒިމެވެ.
  8. ރުޅިއައުމަކުން އިނބަ ކުށްވެރިއެއް ނުވެއެވެ. ނަމަވެސް، ރުޅިއައިސްގެން ކުރާ ކަންކަމުން އިނބަ ކުށްވެރިވެ، އެކަމުގެ އަދަބު ލިބިދާނެއެވެ.
  9. އަނބިމީހާ ސުއާލެއްކޮށްފި ނަމަ، ހަނދާން ކުރަންޖެހޭ ވަރަށް ވެސް މުހިއްމު ކަމެއް އޮވެއެވެ. އެއީ އޭނާ ކުރާ ސުއާލުގެ ސަތޭކައަކުން އަށްޑިހަ ސުއާލުގެ ޖަވާބު އޭނާއަށް އެނގޭނެއެވެ. އެހެންވެ، އޭނާ ކުރާ ސުއާލަށް، ދޮގު ނުހަދައި ސާފު ސީދާކޮށް ޖަވާބު ދޭންޖެހެއެވެ.
  10. ރޫމީ ބުނެފައި އޮވެއެވެ. އިއްޔެ އަހަރެން ހީކުރީ އަހަންނަކީ މޮޅު މީހެއްކަމަށެވެ. އެހެންވެ، އަހަރެން އުޅުނީ މުޅި ދުނިޔެ އިސްލާހުކޮށް، ބަދަލުކޮށްލާާށެވެ. ނަމަވެސް، މިއަދު، އަހަރެން، ކުޑަކޮށް ނަމަވެސް ބުއްދިވެރިވެއްޖައީމެވެ. އެހެންވެ، މިއަދު އަހަރެން މަސައްކަތްކުރަނީ އަހަރެންގެ އަމިއްލަ ނަފްސު އިސްލާހުކޮށް އަމިއްލަ ނަފްސު ހެޔޮ މަގަށް އެޅުވޭތޯއެވެ.