...

Support Us

މާލޭގެ ބަނދަރުމަތީގެ ކުރީގެ ފޮޓޯއެއް: ހުރިހައި ކަމެއް ވެސް ވަނީ ބަދަލުވެފައި، -ފޮޓޯ: ވޮނަދޮނަ/އެފް.ބީ

އެދުވަހާއި މިއަދާއި މާދަމާ: ހިތާމައިގެ ކޮޅެއް ނެތް

އެއީ 1976 ވަނަ އަހަރެވެ. އަޅުގަނޑުގެ އުމުރުން 11 އަހަރެވެ. އޭރު ރާއްޖޭގެ އާދަކާދަތަކާއި މިއަދުގެ ހާލަތާ އުޑާއި ބިމާހާ ތަފާތެވެ. އަޅުގަނޑު ހަނދާން ހުންނަ ގޮތުގައި އެ އަހަރުގެ ޑިސެމްބަރު މަހުގެ ދުވަހެއްގައި މުޅި މާލެ ސިއްސުވާލިއެވެ. ފުރަ މާލޭގެ ގެއެއްގެ ކޮޓަރީގައި ވަރަށް އިހާނެތި ގޮތަކަށް މަރާލާފައި އޮތް ބިދޭސީ އަންހެނެއްގެ ވާހަކައެވެ. އޭރު ފޯނަކީ އާންމު އެއްޗެއް ނޫނެވެ. ކަރުދާހުގައި ޗާޕުކޮށްގެން ވަރަށް މަދު ނޫހެއް ނެރެއެވެ. އަޅުގަނޑުގެ އުމުރުން 11 އަހަރު ކަމުގައިވީތީ އެކަނި ބޭރަށް ދިއުމުގެ ހުއްދައެއް ނޯވެއެވެ. އެހެންކަމުން ދެން ގޭތެރޭން އިވުނީ މަރާލާފައި އޮތީ ޖަރުމަނު ވިލާތަށް ނިސްބަތްވާ އަންހެނެއް ކަމާއި އޭނާ މަރާލީ އޭނާއާ އެކު ރާއްޖެ އައިސް ހުރި ޖަރުމަނުވިލާތުގެ ފިރިހިނެއްކަމެވެ. އަދި އެ އަންހެން މީހާ މަރާލިތާ ދެތިން ހަތަރު ދުވަސް ވެދާނެ ކަމާއި އޭނާ މަރާލުމަށްފަހު ބާއްވާފައި އޮތީ ފިރިހެން މީހާގެ ގޮދަޑި ދަށުގައި ކަމާއި އެ އަންހެން މީހާގެ ގައިގެ އެތަންމިތަނަށް ވަޅި ހަރާ މަރާލުމަށް ފަހު ފިރިހެން މީހާވެސް އަމިއްލަ އަށް މަރުވާން މަސައްކަތް ކޮށްފައިވާކަމެވެ. ފުލުހުންނަށް މިކަން އެނގުނީ އެގޭ ކޮޓަރިން ކުނިވަސް ދުވާތީ ބަޔަކު ރިޕޯޓު ކުރުމުން ގޮސް ބެލި ބެލުމުންނެވެ.

ފުލުހުން އެ ގެޔަށް ގޮސް ފިރިހެން މީހާ ހައްޔަރު ކުރުމަށްފަހު އަންހެން މީހާ ހޮސްޕިޓަލަށް ގެންދިއުމަށްފަހު އަވަހަށް ވަޅުލިއެވެ. އޭނާ ވަޅުލީ ގަލޮޅު ސަހަރާގައެވެ. އޭރު މާލެ ތެރެއަށް ވަނީ ބިރުވެރިކަން ފެތުރިފައެވެ. އެހެނީ އިންސާނަކު މަރާލުމަކީ ކިހާ ބޮޑު ފާފައެއް ލިބޭ ކަމެއްކަން އެންމެން ވެސް ޤަބޫލުކުރެއެވެ. މުޅި ރަށުތެރޭގައި ވަނީ ހަމަހިމޭންކަމެވެ. މި ނާމާންކަމުގައި މާލެތެރެ އޮއްވާ ދެން އިވުނު އަޑަކީ އެންމެންވެސް ބިރުން ފިތްކަޑައިގެން ދިޔަ ޚަބަރެކެވެ. ވަޅުލާފައި އޮތް ޖަރުމަނު އަންހެން މީހާގެ ގަބުރު ބަލާ އޭނާގެ މައިންބަފައިން މާލެ އައި ވާހަކައާއި އެ އަންހެން މީހާގެ ކަށްވަޅު ކޮނެ ޤަބުރު ނަގާ ވާހަކައެވެ. މިކަމުގެ ސަބަބުން ވިގަނި އަރައި، މީހުން ކައި މަރާނެ ވާހަކައެވެ.

ބިރުވެރިކަމުގެ ކޮޅެއްނެތެވެ. އަޅުގަނޑުމެންވެސް އޮއްސޭ އިރާ އެއްކޮށް ގޭތެރެއަށް ވަދެ ވުލޫކޮށް މަޣްރިބު ނަމާދުން އަވަދިވެ ތިބެނީ ޔާސީން ސޫރަތް ކިޔަވާށެވެ. ބޭރުން އަޑެއް އިވިލިޔަސް އެއީ ވިގަނި ކަމަށް ހީކޮށް ތިބެނީ ބިރުން ސިހިސިހި އެވެ. ކޮންމެއަކަސް އެ ޤަބުރު ނަގައިގެން ގެންގޮސްފިއެވެ. އެ ބިރުވެރިކަން މާލެތެރޭގައި އެތައް ދުވަހެއް ވަންދެން އޮތެވެ. ވާނީ ވެސް އެހެންތާއެވެ. މީހަކު މަރާލުމަކީ އޭރު ހިނގާ ކަމެއްނޫނެވެ. އަދި އޭރުގެ ރައްޔިތުންނަކީ ދީނަށް ވަރަށް ލޯބިކޮށް އެކަކު އަނެކަކަށް ކަމޭހިތާ ބަޔެކެވެ. އެއްވެސް މީހަކަށް އަނިޔާވެރި ވާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ.

އެއީ އެ ދުވަހެވެ. މީގެ 44 އަހަރު ކުރިއެވެ. އޭރުގެ ހާލަތެވެ. މިއަދާ އުޑާ ބިމާހައި ތަފާތެވެ. އޭރުގެ މުޖުތަމައު އޮތް ގޮތާއި މިއަދުގެ ހާލަތާ މެދު ލަދުން އަޅާ ކިޔާލަންވެސް ނުކެރޭނެއެވެ. ތިމާ އަށް ވުރެ އުމުރުން ދޮށީ މީހުންނަށް އިހުތިރާމް ކުރުމާއި ދައުލަތުގެ ވެރިންނަށް އިހުތިރާމް ކުރުމާއި ކިޔަމަންތެރިވުމަކީ މިއަދުގެ ޖީލު ދަންނަ ކަމެއް ނޫނެވެ. އެކަކު އަނެކަކަށް އިހުތިރާމާ އެކު ރީތި ބަހުން މުޚާތަބު ކުރުން އެއީ އަމުދުން މިއަދުގެ ޖީލު ދަންނަ ކަމެއް ނޫނެވެ.

މިއަދު އަޅުގަނޑުމެން އުޅެންޖެހިފައި މިވަނީ ކޮން ފަދަ ނުރައްކާތެރި މާހައުލެއްގައި ތޯއެވެ؟ މި ކުޑަކުޑަ މާލެ މިވަނީ ގޭންގުތަކުގެ ހާއްޔަކަށް ވެފައެވެ. އަމިއްލަ ގޭތެރޭގައިވެސް ރައްކާތެރިކަމާ އެކު ތިބެވޭނޭކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. ޑުރަގުގެ ވަބާގައި ޖެހިފައި ހުރި ކުއްޖަކު ނެތް އާއިލާއެއް މަދުވާނެއެވެ. މާރާމާރީ އާއި މީހުން ކަތިލުމާއި މެރުން، ވައްކަން ކުރުމާއި ފޭރުން މިވަނީ އާއްމުވެފައެވެ. ކުޑަކުޑަ ފިހާރައެއް ހިންގާ މީހަކު ބުނި ގޮތުގައި ފިހާރައިން ވައްކަން ކުރާވަރުން އެސްފިޔަޖަހާލާނެ ވަޤުތު ވެސް ނުލިބެއެވެ. އެ އަމަލު ހިންގާ މީހުން އަތުލައިގަނެ ފުލުހުންނާ ހަވާލު ކުރުމުން އަނެއް ދުވަހު ތިބެނީ ބަންދުން ދޫވެ މަގުމަތީގައެވެ.

ޒިނޭ އާއި އެއް ޖިންސުން ގުޅުން ހިންގުންވެސް މިވަނީ އާއްމުވެފައެވެ. ހަށި ވިއްކުމުގެ ވިޔަފާރިއަށް މަޝްހޫރު ބޭންކޮކާ އަޅާބަލާއިރު މި ކުޑަކުޑަ މާލޭގައި ހުރި މަސާޖުކުރާ ތަންތަން ވަކި މަދެއް ނޫނެވެ. އަތުގެ 10 އިނގިލިން ފެށިގެން 20 އިނގިލިން ކޮށްދޭ މަސާޖުތަކުގެ އިޝްތިހާރު ތަކުން ސޯޝަލް މީޑިއާ ވަނީ ފުރާލާފައެވެ. މީިއީ 100 ޕަސަންޓް މި މުސްލިމް ޤައުމުގައި ހުއްދަ ލިބިގެން ކުރާ ވިޔަފާރިތަކެކެވެ. އެހެންކަމުން މި ތަންތަނުގައި ފާހިޝް އަމަލު ކުރެޔެކޭ ދަންނަވާކަށް އަޅުގަނޑުވާނެތީމެވެ.

މާރާމާރީތަކާއި މީހުން ކަތިލުން މިވަނީ އާއްމުވެފައެވެ. ޤާނޫނުތައް އެބަހުއްޓެވެ. ހުރިހާ ބާވަތެއްގެ ކުށްތަކަށް އަދަބު ކަނޑައަޅާފައި ހުރި ޤާނޫނުތަކެކެވެ. އެކަމަކު ސުވާލަކީ ތަންފީޒު ކުރެވޭބާވައެވެ؟ ކުށްކުރާ މީހުންނަށްވުރެ ކުށްނުކުރާ މީހުން ތިބެން ޖެހިފައި މިވަނީ ބިރުން ފިތްކެނޑިކެނޑިއެވެ. ރިޝްވަތުގެ މުޑުދާރު އަމަލު މިވަނީ ހުރިހާ ދިމާލަކުން ވަކި ހިތްޕާލައިފައެވެ. އެންމެ ކުޑަމިނުން ވަޒީފާއެއް ލިބެނީވެސް ނުފޫޒު ބޭނުންކޮށްގެނޭ ކެފޭތަކާއި ރެސްޓޯރަންޓްތަކުގެ މޭޒުދަށުގައި ކިޔާ އަޑު އިވެއެވެ. ކިޔެވުމުގެ ބޭނުން އަމުދުން ނެތޭ ބުނާ އަޑުވެސް އިވެއެވެ. ސިޔާސީ ޕޯޑިއަމެއްގައި ކަރުން ނާރުނަގައި އެއިރަކު ވެރިކަމުގައި ނުވަތަ އިދިކޮޅުގައި ތިބޭ ބަޔަކަށް އެއްޗެހި ކިޔާލީމާ އެއޮތީ ވަޒީފާ ޔަޤީންވެފައޭ ބުނާތީ އިވެއެވެ. ދީނީ ދަންނަ ބޭކަލުން ގިނަވެ ފަތުވާތައް ގިނަވެ އެ ގަހުކޭލެއް މި ގަހުކޭލެއް ވަތްކެއްނުވެއެވެ. އެއްބަޔަކު ކަމެއް ހަރާމް ކުރާއިރު އަނެއް ބަޔަކު އެކަމެއް ހުއްދަކުރަމުން ދެއެވެ.

އިންސާނީ ހައްޤުތައް އައިސްވަނީ ބޯމަތީ ހަރުކޮށްލާފައެވެ. ކުޑަކުދިންގެ ހައްޤުތައް ގިނަކަމުން މިހާރު މައިންބަފައިންނަށް ކުދިން ކިޔަމަން ކުރެވޭކަށް ނެތެވެ. ބުނާބަސް ނުއަހައިގެން ކޮޅަށް ބަހައްޓާލިޔަސް އެ ކުދިންގެ ރައިޓްސް އަށް އިހުމާލުވީ ކަމަށްވެ ޑޮމެސްޓިކު ވައިލަންސް އަށް ބަދަލުވެ މައިންބަފައިން ތިބެނީ ޤާނޫނީ ގޮޅިއަކަށް ފެތި ބާރުވެފައެވެ. މި ދަންނަވަނީ ކޮންމެހެން މައިންބަފައިން ދަރިންނަށް އަނިޔާވެރިކޮށް އަދަބުދިނުމުގެ ހައްޤު އޮންނަން ޖެހޭނެ ވާހަކައެއްނޫނެވެ.

ދީނީ އަޤީދާ ވަނީ ކަންބޮޑުވާ ވަރަށް ދަށަށް ގޮސްފައެވެ. ފަސް ނަމާދު އޭގެ ވަޤުތުގައި ކުރަން ޖެހޭނެކަން ބުނެދޭ މައިންބަފައިން ހަވީރު ގޮސް މި ތިބެނީ އިސްލާމީ މަރުކަޒު ކައިރީ ޖުމްހޫރީ މައިދާނުގައި ނުވަތަ ސަލްމާން މިސްކިތް ކައިރީ އާޓިފިޝަލް ބީޗްގައި ކުޑަކުދިން ގޮވައިގެން އެ ކުދިން ހިތްހަމަޖައްސާލައި ކުޅެލާ ހަދާށެވެ. އަސްރު ނަމާދަށް ބަންގި ދެނީ އެތާ ތިއްބައެވެ. އަދި މަޣްރިބު ނަމާދަށް ގޮވަނީވެސް އެތާ ތިއްބައެވެ. މި ހިސާބުން ދީނީ އަޤީދާއާ ގުޅޭގޮތުން އިތުރަށް ދަންނަވާނީ ކީކޭބާވައެވެ؟ މި ވަރަށް ދީނީ ކަމެއްގެ ވާހަކަ ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފިނަމަ އެ މީހަކީ ދީނީ ގޮތުން ހަރުކަށި، ހައްދު ފަހަނައަޅާފައިވާ މީހަކަށް ލޭބަލްކޮށްލައެވެ. އިސްލާހުގެ ދަންމަރު ހިފައިގެން އަންނަ މީހުންވެސް ނިމިދަނީ އެ ދަންމަރުތަކަށް ކުރިން ދެންނެވި ކަންތައްތަކުން ތެޔޮ އަޅާތަނޭ ކެފޭތަކުގެ މޭޒުދަށުގައި ކިޔާއަޑު އިވެއެވެ. ކޮންމެ ދިމާލަކަށް ބަލާލިއަސް ސަހަލު އެއް ދިމާވެސް ނެތެވެ.

މިއީ މިއަދު މި މުސްލިމް މުޖުތަމައު އޮތް ހާލަތެވެ. އަޅުގަނޑުމެން އުޅެ ބޮޑުވި އަމާން، ސާދާ މާހައުލު ބަދަލުވެދިޔަ ގޮތަށް ވިސްނާލާފައި އަޅުގަނޑުމެންގެ ދަރިންނާއި ދަރީންގެ ދަރީންނަށް އޮތް ޖީލުގެ ހާލަތާ މެދު ވިސްނާލާފައި ދެލޮލުން ކަރުނަ ނުއޮހޭނީ ކާކުގެތޯއެވެ؟ ބިރުން ފިތްކަނޑައިގެންދާވަރު ވެއެވެ. ދެރަވެ ގިސްލާ ރޮވެއެވެ. އެ ކުދިން ކުރިމަތި ލާންޖެހޭނޭ ކަންތައްތަކާ މެދު ވިސްނާލާ ކޮންމެ ފަހަރަކު ގައިން ހީބިހި ނަގައިގެންދެއެވެ. ކަންބޮޑުވެ ރޮވެއެވެ. ހަތަރު އުދަރެހަށް ބަލާލިޔަސް ފެންނަނީ ނާމާން، އަނދިރި ކަޅުވިލާތަކުން ފުރާލާފައިވާ ތަނެވެ.

އާދެ އޮތީ ހަމައެކަނި ކުރެވޭ އުއްމީދެކެވެ. އަޅުގަނޑުމެންގެ ދަރިންނާއި ދަރީންގެ ދަރީން ރައްކާތެރިކޮށްދެއްވާތޯ އާދޭހާ އެކު ކުރެވޭ ދުޢާތަކެވެ. އެ ދުޢާތަކާ އެކު ހިތުގައި ރޯވާ ކުޑަކުޑަ އުއްމީދުގެ ހުޅުކޮޅެވެ. އެ ކުދިންގެ ފައިތިލަ އިސްލާމީ ރިވެތި ބިންގާ މަތީ ސާބިތު ކޮށްދެއްވާތޯއެވެ. މި މުޖުތަމައުގައި ހިނގަމުންދާ ފާހިޝް އަމަލުތަކުން އެކުދިން ސަލާމަތް ކުރައްވާތޯއެވެ.

ގޭންގުތަކާއި، ޑްރަގާއި ރިޝްވަތުގެ މުޑުދާރު އަމަލުތަކުން އެކުދިން ސަލާމަތް ކޮށްދެއްވާތޯއެވެ. ހެޔޮ ލަފާ ސާލިހު ކުދިންކަމުގައި އެކުދިން ލައްވާތޯއެވެ. އެ ކުދިންނަށް ދިރިއުޅޭނެ އަމާން ވެއްޓެއް ދެއްވާތޯއެވެ. ފުރިހަމަ މުއުމިނުންގެ ގޮތުގައި އެކުދިންގެ ފުރާނަ ހިތްޕަވާތޯއެވެ. ﷲ ތަޢާލާ ރައްކައުތެރި ކުރައްވާ، ރުހި ވޮޑިގެންވާ، ލޯބިވެ ވޮޑިގެންވާ، ހެޔޮ ލަފާ، ސާލިހު ތަގުވާވެރި، ނަމާދު ޤާއިމް ކުރާ މީސްތަކުންތެރޭ އެކުދިން ލައްވާ، ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަން ދެއްވާ، މަރުގެ ސަކަރާތްތަކުން ރައްކައުތެރި ކުރައްވާ، ކަށްވަޅުގެ އަޒާބުންނާއި ނަރަކައިގެ އަޒާބުން މުއްތި ކުރައްވާ، ސުވަރުގޭގެ އަހުލުވެރިން ތެރޭގައި ލައްވާތޯއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *