Support Us

މީހަކު ބުނި ވާހަކައެއް

"ހައްގު ގޮތުގައި އެއްޗެހި ބުނާ މީހުންނަށް، އެ މީހުންނަކީ މޮޔަވެފައި ތިބި ބައެކޭ ހީވާ ވަގުތެއް އާދެއެވެ. ދޮގު ބާތިލު ވާހަކަތައް ދައްކާ މީހުންގެ ގޮތްކުޑަކަމާއި އެމީހުންގެ ބާތިލު ވާހަކަތައް ޔަގީންކަމާއެކު ދެއްކުމާއި މިކަންކަމުގައި ހައްދުފަހަނާއަޅާ ދިޔުމުގެ ސަބަބުންނެވެ!"

ޑުރަގުގެ މައްސަލަތަކެވެ. ޑުރަގު އެތެރެކުރާ މީހުން، އެ މީހުންގެ އަމިއްލަ ދަބަހުން، ފައިވާން ފައިވާނުގެ ތެރެއިން ޑުރަގު ފެނުމުން ވެސް، ގާނޫނު ބުނަނީ އެމީހުންގެ މައްސަލައެއް ނެތްކަމެވެ. އެމީހުން ކުށްވެރިނުވާ ކަމެވެ. ހެއްދެވިހާ ނުބައިކަމެއް ކުރުމުގެ އިތުރުން، އެކަންކަން އެެއީ އާންމު ކަމެކޭ، ކުރީގައި ވެސް ކުރާ ކަމެކޭ، ކުރީގައި ވެސް ކުރީ ހަމަ ބޮޑެތީންނޭ ކިޔައި އެކަންކަން ރަނގަޅު ކަމަކަށް ވެސް ހަދާލުމެވެ. ވައްކަމާއި ފަސާދައާއި ޚިޔާނަތުގެ މައްސަލަތައް ގިނަވެ، އިންތިހާއަށް އާންމު ވުމެވެ. ދެން، އެކަމަށް އިންކާރު ވެސް ކުރުމެއް ނެތި، ބުނަނީ ކީކޭކަމަށް ހެއްޔެވެ؟ އެއީ ވެސް ހަމަ ކުރީގެ މީހުން ވެސް ކުރި ކަންކަމެވެ! ކުރީގެ މީހުން އެކަންކަން ކުރުމަކީ މިހާރުގެ މީހުން އެކަންކަން ކުރުން ހުއްދަކުރާ ކަމަކަށް ވީއެވެ. އެއީ ހުއްޓުވަން ޖެހޭނޭ ކަމެއް ނޫންކަމަކަށްވީއެވެ. މުޅި މުޖުތަމައުގެ އިޖުތިމާއީ ފޭރާން އެއްކޮށް ވީދި ހަލާކުވެފައިވާ ކަން އަންގައިދޭ މި ނަންގަތް ކަންކަމުގެ ޖަރީމާތަކުގެ ބޮޅުތަކުގެ ތެރެއަށް އެންމެ ފަހުން އިތުރުވެގެން ދިޔަ ބޮޅަކީ ވަރަށް ވެސް ބޭރަހުމީ ސިފައެއްގައި، ކުޑަ އިންސާނިއްޔަތު ކަމެއް ވެސް ނެތް ގޮތެއްގައި މީހަކު އަންހެނެއްގެ ކަރު ބުރިކޮށްލި މައްސަލައެވެ. ލާއިލާހިއްޔަތުގެ އަގީދާގެ އަސަރުގައި ޖެހިފައިވުމުގެ ހެއްކެކެވެ. ކަލަކު ވޮޑިގެންނުވާ ކަމަށްވާ ނަމަ، އަދި، ތިމާގެ އަމަލުތަކާ ބެހޭ ގޮތުން މަސްއޫލުވާންޖެހޭ ދުވަހެއް ނެތް ކަމަށްވާ ނަމަ، ކޮންމެ ކަމެއް ވެސް ހުއްދަވީއެވެ. އޭރުން ހެވާއި ނުބައެއް، ރަނގަޅާއި ނުރަނގަޅެއް ނޯންނާނެއެވެ. ތިމާގެ ހަވާ ނަފްސުގެ އަޅަކަށްވެ، ތިމާގެ ހަވާ ނަފްސު އެދުނު ކޮންމެ ކަމެއް ވެސް ކުރަންވީއެވެ! އެއްކަމުން އަރާމައި ހިތް ހަމަޖެހުން ހޯދާފައި، އަދިވެސް އިތުރަށް ލައްޒަތާއި ހިތްހަމަޖެހުން އެދިގެން އަނެއްކަން ވެސް އަޖުމަބަލައިލާން ކޮށްލަންވީއެވެ. އަޚުލާގީ ގޮތުން ހުރަސް ކުރަން ނުޖެހޭނޭ ރޮނގެއް ނޯވެއެވެ. ރަޝިޔާގެ މަޝްހޫރު ލިޔުންތެރިޔާ ޑޮސްޓުވެސްކީ ބުނެފައިވާ ފަދައިން، ކަލަކު ވޮޑިގެންނުވާ ނަމަ، ހުރިހާ ކަމެއް ވެސް ހުއްދައެވެ! ގަބޫލުކުރަން ދަތި ނަމަވެސް، މީސްތަކުންގެ އަމަލުތައް ބުނަނީ މުޖުތަމައުގައި މިހާރު ފެތުރި ވެރިވެފައި އޮތީ ލާއިލާހިއްޔަތުގެ މި އަގީދާގެ އަސަރެވެ.

މި މައްސަލައާ ވިދިގެން މީހަކު ލިޔެފައި އޮތެވެ. 'އެއީ މާ ބޮޑު މައްސަލައަކަށް ނުވާނެއެވެ. ސަބަބަކީ އެއީ ސިޔާސީ ކަމަކަށް ނުވުމެވެ. މީހުންގެ ފުރާނާއިގެ ހުރުމަތަށް ވުރެ ބޮޑަށް، ރާއްޖޭގައި މިވަގުތު ޔޯގާގެ ހަރަކާތް ހިންގުމުގެ ހުރުމަތްތެރިކަން ވެސް ބޮޑެވެ!'

ދެން ހެއްޔެވެ؟ ތައައްސުބީ ގިނަ ޕާޓީގެ އަވައިގައި ޖެހި، ތިމާމެންގެ ހަމަ ބުއްދިވެސް ފިލައިފައިވާ އާންމު މީހުން، އެމީހުންގެ ކޮޅު ރަނގަޅު ކުރުމުގެ މަސައްކަތް ހިންގަނީއެވެ. އެ މީހުންގެ ލީޑަރުންގެ މިސާލު ދެއްކުމުން މިސާލު ލިބިގަނެ، އެމީހުންނަށް ކަނު ސިފައެއްގައި ތަބާވެގެންނެވެ. އެމީހުންގެ އެއް ލީޑަރަކު، އޭނާގެ ގާތް މީހާ، ކުށުގެ ތެރެއަށް ގެނބިގެންދާ ތަން ފެނުމުން، އެކަން ދިފާއުކުރިއެވެ. އޭނާގެ ގާތް މީހާ ހިފާ ހައްޔަރު ކުރީ ގޯހުން ކަމަށް ބުނެ، އެކަން ދިފާއުކުރުމަށް ވަކާލާތު ކުރިއެވެ. ނަމަވެސް، މަދު ބަޔަކު ނަމަވެސް ހަނދާން ހުރި ފަދައިން، މީގެ ކުރިން ހަމަ އެ ދުލުން، އެފަދަ ކަންކަން ކުށްވެރިކުރިއެވެ. އެ ލީޑަރެކޭ ކިޔޭ މީހާ، އޭނާގެ ޚަސްމެއްގެ މައްޗަށް އެއްވެސް ހެއްކެއް ނެތި، އެފަދަ ތުހުމަތުތައް ކޮށްފައި ވެއެވެ. އަދި މީގެ އިތުރުން، ތަންކޮޅެއް ކުރިން، ހަމަ އެފަދަ ބަދު އަޚުލާގީ ވީޑިޔޯއެއް އާންމުންގެ ތެރޭގައި ދައުރުވުމާ ވިދިގެން، އެ ވީޑިޔޯއަކީ ހައްގު ތެދުކަމަށް ބަލައި، އެ ވީޑިޔޯގައި ޝާމިލުވި މީހާ ކުށްވެރިވެސް ކުރިއެވެ. ދެން، މި ލީޑަރޭ ކިޔާ މީހާގެ ދިފާއުގައި އަނެއް ލީޑަރަކު ބުނީ ކީކޭ ކަމަށް ހެއްޔެވެ؟ ޚުދް އެންމެ މަތީވެރިޔާގެ ބޮލުގައި، ރާ ބުއިމާއި ޒިނޭކުރުން ފަދަ ހެއްދެވިހާ ނުބައި ކަމެއް ކުރުމުގެ ތުހުމަތު އެޅުވުމެވެ.

އާދެ، ދެން، އާންމު މީހާ، ތައައްސުބީ ޕާޓީގެ އަވައިގައި އެމީހުންގެ މި ނަންގަތް ފަދަ، ގުއިވަޅު މެއްސެއްގެ އަޚުލާގީ ހަމަ ވެސް ނެތް، ލީޑަރުންނަކީ ރާއްޖެ ދުވަހަކު ވެސް ނުދެކޭ ފަދަ ލީޑަރުންނަށް ހަދައި، އެ މީހުންގެ ގޮތް ދިފާއުކުރުމުގައި ދެމި ތިބެއެވެ. ދިފާއުކުރުމުގެ ގޮތުން ބުނަނީ ކީކޭ ކަމަށް ހެއްޔެވެ؟ ހަމަ އެއް ލަވައެކެވެ. އެެއީ ކުރީގައި ވެސް ކަން ހިނގާ މަގެވެ. ނޫނީ ކުރީގެ ސަރުކާރުތައް ގޯސް ކަމެވެ! މިހެން ބުނުމުން، ހެއްދެވި ހުރިހާ ކަމެއް ރަނގަޅުވެދާ ކަހަލައެވެ!

މިހުރިހާ ކަމެއް ހިނގަމުންދާ އިރު، ގިނަ ފަހަރު ގާނޫނު އޮންނަނީ ނިދާފައެވެ. މާ އަޑުގަދަވުމުން އެއްލޯ ހުޅުވާލާފައި ކަމެއް ކުރަން އުޅޭކަން ދައްކާލައެވެ! ދެން، އަޑު މަޑުވުމުން، އަނެއްކާ ވެސް ހަމަޖެހިލައިގެން ލޯ މަރައި ނިދަން އޮވެއެވެ!

މި ހުރިހާ މަންޒަރުތަކުގެ ފީތާ ކުރިމަތީ ނިއުޅި، ސާފުކޮށް ފެންނަމުންދާއިރު، އަދިވެސް، މީހުން ހޭލުންތެރިވެ، ތިމާމެންނަށް މާތްﷲ ދެއްވި ބުއްދި- ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު، ވަކިކުރުމުގެ ބާރު- ތިމާމެން އަމިއްލައަށް، މުސްތަގިއްލު ގޮތެއްގައި، އެބަހީ، ޕާޓީގެ ތައައްސުބުގެ އަވައިން މިނިވަންވެ ތިބެގެން، ބޭނުން ކުރުމުގެ ވަގުތު ނާދޭ ހެއްޔެވެ؟ އެ ބުއްދީގެ ބާރު ބޭނުންކޮށް، ތިމާމެން އަމިއްލައަށް، ތިމާމެންގެ ހަވާ ނަފްސުގެ އެދުމާއި، އަމިއްލަ މަސްލަހަތުތަކުގެ އެދުމުގެ ކަސްތަޅުން ބަނދެވިފައިވާ ބަނދެވުމުން މިންޖުވާ ވަގުތު ނާދޭ ހެއްޔެވެ؟ ތިމާމެންގެ އަމިއްލަ ހާލަތު، ބަދަލުކޮށްލައި ހެޔޮ ގޮތަަށް އަނބުރާލެވޭނީ ތިމާމެން މިހާރު އަޅުކަން ކުރަމުންދާ 'ނިއްދުތައް’، މާތްﷲއަށް ދޭން އޮންނަ ލޯބި ދީފައިވާ ބާތިލު ކަންކަމަށް ގޮވާ ލީޑަރުންގެ ކިބައިން ވީހާ ވެސް ފެއަށް ޖެހި، ބާތިލަކީ ބާތިލުކަމަށް ދެކި، ކޮންމެ މީހަކު އެކަމަށް އަރައިގަތަސް، އެކަމަށް އިންކާރުކުރެވިގެންނެވެ.

(ތަރުޖަމާއަކާއި އިތުރުކޮށްލުމެއް)