...

Support Us

ކޮލަމް ކޯދު: ހައްގު ނުފެންނަ ކަނު ގާނޫނެއްގެ ވާހަކަ

މިއީ 1983ގައި ނިކުތް އަންދާ ގާނޫނު (ކަނު އަނދިރި ގާނޫނު)، މި ފިލްމުގެ ލަވައެކެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ މީހެއްގެ މައްޗަށް މަރުގެ ތުހުމަތު ކުރެވި ނުހައްގުން އޭނާ ޖަލަށްލައި އަދި އޭނާގެ އަންހެނުންނާއި އާއިލާގެ ބައެއް އެހެން މެމްބަރުންވެސް މަރާލައި، ފަހުން، މިކަމުގެ ބަދަލު ހިފަން އުޅުމުގެ މައްޗަށެވެ. ފިލްމުގެ މައުޟޫއަކީ ފައިސާ އާއި ބާރުގެ ބޭނުންކޮށްގެން ހިތު ހުރި ގޮތަކަށް ގާނޫނުގެ ބޭނުން ކުރެވޭ ގޮތެވެ.

މި ފިލްމުގެ 'ޔެ އަންދާ ގާނޫނު ހައި’، (މިއީ ކަނު އަނދިރި ގާނޫނެކެވެ) ފިލްމުގެ މައުޟޫއު ބަޔާންކޮށްދޭ ފިލްމުގެ މައުޟޫއީ ލަވައެވެ. ލަވައިގެ ވާހަކަތައް ޚުލާސާކޮށް ހުށަހަޅާލަމެވެ.

އެ ގާނޫނު އެމީހެއްގެ އަތް މަތީ އޮންނަ މީހާ ބޭނުން ނަމަ، އެ ގާނޫނު ކޮންމެ ފަދަ ލަނޑެއް ވެސް ކަލެއަށް ދީފާނެއެވެ އެމީހާ ކަލޭ ދެކެ ނުރުހޭ ނަމަ ކޮންމެ ފަދަ ސަޒާއެއް ވެސް ކަލެއަށް ދީފާނެއެވެ

މި ގާނޫނު ހުންނަނީ ބާރުވެރި މީހުންނާ އެއްކޮޅަށެވެ. މި ގާނޫނަކީ ޗޯރުންގެ އެކުވެރިއެކެވެ! ޚާއިނުންގެ ރަހުމަތްތެރިއެކެވެ! މުޅި ދައުލަތް ފޭރުނު ކަމުގައި ވިޔަސް، ގޭގައި މަޑުކުރެވޭނެއެވެ. ބާރުވެރި މީހާ ބުނާ ގޮތް ހެދުމުންނެވެ.

ހަގީގަތެއް ނެތް މޮޅު ވާހަކަތަކުންނާއި ބާތިލު ހުއްޖަތްތައް ދެއްކުމުގެ ސާހިބެކެވެ! މި ގާނޫނު ބޭނުންކޮށްގެން، ލޯޔަރުންނޭ ކިޔާ މީހުން، އެއްކޮޅުގެ މީހުންނާއި އިދިކޮޅުގެ މީހުންނަށް ބައިއަޅައިގެން ކުޅިވަރު ކުޅެއެވެ. މުދަލާ ފައިސާ ހޯދުމުގެ ކުޅިވަރެވެ.

ސިއްރު ކޮމިޝަންތައް ހަދައި، ބާރު އޮތް މީހާ ބޭނުންވާ މީހަކު، ބޭނުން ގަޑިއަކު އެ ކޮމިޝަންގެ ކުރިމައްޗަށް ހާޒިރުކޮށް، އޭނާގެ ދުލުގައި ހިފައި ދަމައި، ގާނޫނުގެ ވާފަށުން ބަނދެލައި ކަތިލާލަން މަސައްކަތްކުރެއެވެ!

އިންސާފަކީ މި ގާނޫނު ދަންނަ އެއްޗެއް ނޫނެވެ. އެއަށް އެނގެނީ ބަދަލު ހިފުމާއި ތިމާގެ އިދިކޮޅު މީހެކޭ ހީވާ މީހާގެ ދުވަސް ދުއްވާލުމެވެ. ކުށްވެރި ވިޔަސް ނުވިޔަސް، ބާރު އޮތް މިހާ ނުރުހޭ މީހާ ބަންދުކުރެވޭނެއެވެ. އޭނާއަށް ފަހަރެއްގައި ވެސް މާފެއް ނުކުރެވޭނެއެވެ! ބާރުވެރިޔާގެ މިގާނޫނު އެތައް ބަޔެއް މަރައި އެމީހުންގެ ދުވަސް ދުއްވާލައިިފިއެވެ. ނުވަތަ އެކަން ކުރަން މަސައްކަތް ކުރެއެވެ.

ހަގީގީ މުޖުރިމުން މި ގާނޫނު ދެކެ ބިރެއް ނުގަނެއެވެ. އެހެންވެ، އެ މީހުން ބޭނުން ކުށަކަށް އަރައިގަނެއެވެ. މަރާމާރީ ހިންގައެވެ. ޑުރަގު ވިޔަފާރި ކުރެއެވެ. ފޭރޭ މީހުން ފޭރެއެވެ. ވަގު ވިޔަފާރި ކުރާ މީހުން ވަގު ވިޔަފާރިކުރެއެވެ. އިއްފަތް ފޭރޭ މީހުން އިއްފަތް ފޭރެއެވެ. ގާތިލުން މީހުން މަރައެވެ. ދައުލަތުގެ މުދަލާ ފައިސާއަށް ޚިޔާނަތްތެރިވެއެވެ. ނަމަވެސް، ރިޝްވަތާއި ނުފޫޒު ބޭނުންކޮށްގެން މި ކަނު ގާނޫނުގެ ލޮލަށް ނުފެނި މިފަދަ ހަގީގީ މުޖުތިމުންނަށް އުޅެވެއެވެ. އެހެނީ މި ހުރިހާ ޖަރީމާތައް ހިންގާއިރު، ގާނޫނު އޮންނަނީ ލޯމަރައިގެން ނިދާށެވެ. ވެރިކަމާ ތޮޅެން ނޫޅޭ ނަމައެވެ. އެ ގާނޫނުގެ ލޮލަށް ފެންނާނީ ބާރުއޮތް މީހާ ދުވަސް ދުއްވާލަން ބޭނުން މީހުންނެވެ! ކިރިޔާ ވެސް އުރައްޕެއް ހުރެއްޖެ ކޮންމެ މީހަކީ ދުވަސް ދުއްވާލަން ޖެހޭ މީހެއް ކަމުގައި ބާރު އޮތް މީހާދެކެއެވެ. މުސްތަގުބަލުގައި އޭނާއަށް އޮތް ނުރައްކަލަކަށް އެފަދަ މީހުން ވެދާނެތީއެވެ. ފިރުއައުނު ބަނޫ އިސްރާއީލުންގެ މީހުންގެ ޅަދަރިން މަރައި ހުސްކުރަން އުޅުނު ފަދައިންނެވެ!

އަހަރުމެންގެ ދުނިޔަވީ މި އިމާރަތުގައި ގާނޫނުގެ ބިންގާ އެޅުނީ ކައްޗަށެވެ. ދެން، އެ އިމާރާތް ކެއްޗާ ހަމައަށް ދިޔަޔަސް އޮންނާނީ ކައްޗަށް ނޫން ހެއްޔެވެ؟ އެއީ ހަމައާއި އިންސާފު ހިންގާލުމަށްޓަކައި ހެދުނު ގާނޫނެއް ނޫނެވެ. އެއީ ވަކި މީހަކު ވެރިކަމަށް އަޔަ ނުދިނުމަށް ނުވަތަ ވަކި މީހަކަށް ވެރިކަމަށް އައުމުގެ މަގު ފަހިކޮށްދޭން ހެދިފަ އޮތް އެއްޗެކެވެ.

ޝައްކެއްނެތެވެ! ގާނޫނުގެ އަތް ވަރަށް ވެސް ދިގެވެ. އަދި އެއަށް ބާރެއް ވެސް ލިބިފައި އޮވެއެވެ. ނަމަވެސް، ގާނޫނީ ހުކުމްތައް ކަނޑައަޅާލެވެނީ އެމީހެއްގެ އަތްމަތީ ގާނޫނު އޮންނަ ބާރުވެރިޔާ ބޭނުން ގޮތަކަށެވެ. އެކަމުގެ ސަބަބުން ބަރީއަ އެތައް ބަޔަކު ޖަލުތަކުގައި މަރުވެ ދެއެވެ. އެތައް ބައެއްގެ ގެދޮރާއި މުދާ ގެއްލިދެއެވެ. އަދި އެއްވެސް ކުށެއް ނެތް މީސް މީހުންނަށް އަނިޔާދެވި މަރާވެސް ލެވެއެވެ.

އެހެންވެ، ސަމާލުވެ ހުންނައްޗެވެ! ނަމަ ނަމަ، ސިޔާސަތާ ނުބެހެއްޗެވެ! ބާރު ހުރި މީހެއްގެ ވާހަކަ ނުދައްކައްޗެވެ. ދެއްކި ކަމުގައި ވިޔަސް، ތައުރީފުކުރުމާއި ޚުޝާމަދު ކުރުން ނޫން ވާހަކައެއް ނުދައްކައްޗެވެ. ނޫންނަމަ ކަލޭވެސް މި ކަނު ގާނޫނުގެ ޝިކާރައަކަށްވެ، ބުއްދިފިލައި ގޮސް މޮޔަވެދާނެއެވެ!

"ޔޭ މާލް ލުޓޭރޭ … ލޫޓްގަޔޭ

ރިޝްވަތު ދޭކަރް …. ޗޫޓްގަޔޭ

އިސްމަތޭ ލުޓީ …. ޗަލީ ގޯލީ

އިސްނޭ އާނކްހ ނެހީ ކޯހލީ

ކާލާ ދަހންދާ ހޯތާ ރަހާ

ޔެ ކުރްސީ ޕަރް ސޯތާ ރަހާ

ދުނިޔާ ކީ … އިމާރަތު ކާ

ކައްޗާ އިކް ސޫތޫން ހައި

ޔެ އަންދާ ގާނޫނު ހައި"

ފޭރޭ މީހުން މުދަލާއި ފައިސާ ފޭރެއެވެ

ރިޝްވަތު ދިނުމުން އެމީހުން ދޫކޮށްލެވެއެވެ

އިއްފަތް ފޭރިގަނެވެއެވެ … (އަދި) ބަޑިޖަހައި (މީހުންވެސް މަރާލެވެއެވެ)

(ނަމަވެސް) ގާނޫނު، އޭގެ ލޮލެއް ނުހުޅުވައެވެ

ވަގު ވިޔަފާރި ކުރެވެމުން ދެއެވެ

ނަމަވެސް ގާނޫނު އިނީ އޭގެ ގޮނޑީގައި ނިދާފައެވެ

[މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނެވެ.

އެއްދުވަހު އެމީހުން ހިފައި ހައްޔަރު ކުރާނެއެވެ!

އަނެއް ދުވަހު އެމީހުން ދޫކޮށްލާނެއެވެ!

މީހުން މަރައި ކަރުބުރިކުރާ ގާތިލުންނެވެ!

އެމީހުން ވެސް ހައްޔަރު ކުރެވެއެވެ.

ނަމަވެސް، ގާނޫނުގެ ކުރިމަތީ އެމީހުންނަަށް ވެސް ރެކެވޭނޭ މަގު އޮވެއެވެ!]

ދުނިޔަވީ (ބިމުގެ) އިމާރަތުގައި

ގާނޫނުގެ ބިންގާ އެޅިފައިވަނީ ކައްޗަށެވެ

އެހެންވެ، މިތާ މިއޮތީ (ހައްގު ނުފެންނަ) ކަނު އަނދިރި ގާނޫނެކެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.