...

Support Us

ކޮލަމް ކޯދު: ސޫފިޔާނާ ޚިޔާލެއް

ސޫފިޔާނާ އިލްމުވެރިއަކު ކަމުގައިވާ ޝައިޚު އަބްދުލް ޤާދިރު އަލްޖީލާނީ (އަވަހާރަވީ ހިޖުރީ ސަނަތުން 561 ގައި) ވިދާޅުވެފައި އޮވެއެވެ.

"އޭ އިންސާނާއެވެ! އެއްކޮޅުން އިނބަގެ ކުރިމަތީގައި މާތް ރަސްކަލާނގެ ވޮޑިގެން ވެއެވެ. އަނެއްކޮޅުން އިނބަގެ ހަވާ ނަފްސު ވެއެވެ. އެންމެ ފުރަތަމަ ވެސް އިނބަ ބަލަންޖެހޭ ކަމަކީ މިއެވެ: ހަމަ ޔަގީނުން ވެސް ތިމާގެ ހަވާ ނަފްސަކީ މާތް ރަސްކަލާނގެ އަދުއްވެއް ކަމެވެ. އެކަލާނގެއާ ކުއްތަން ވުމަށް އޮންނަ އެންމެ ބޮޑު ހުރަސްކަމެވެ.

ޝައްކެއް ނެތެވެ. ހުރިހާ އެއްޗެއް ވެސް ވަނީ މާތް ރަސްކަލާނގެ ބާރުފުޅުގެ ދަށުގައެވެ. ނަފްސަކީ ވެސް އެކަލާނގެ ހެއްދެވި އަދި އެކަލާނގެ މިލްކުވެވޮޑިގެންވާ އެއްޗެކެވެ. އެހެން ކަމަށް ވިޔަސް، އެ ނަފްސު އިންސާނާގެ ކިބައިގައި ލެއްވިފައި ވަނީ އޭނާގެ އަމިއްލަ ހިއްސީ އަދި ޝަހުވާނީ އެދުންތައް ވެސް ބަލައިގަންނަ ފަދަ ގޮތަކަށެވެ.

އެހެންވެ، މާތް ރަސްކަލާނގެ ވަލީވެރިއަކު ކަމުގައިވާން އިނބަ އެދޭ ނަމަ، މާތް ރަސްކަލާނގެ ރަސްކަންފުޅައްޓަކައި އިނަބަގެ ހަވާ ނަފްސުގެ އަދުއްވަކަށް އިނބަ ވާން ޖެހެއެވެ. ސަލާމާއި ސަލަވާތް ލެއްވި ދާއޫދުގެފާނާއި މުޚާތަބުކުރައްވައި މާތް ރަސްކަލާނގެ ވަހީ ބަސްފުޅު އިއްވަވާފައި ވެއެވެ. "އޭ ދާއޫދުގެފާނެވެ. ތިމަން ރަސްކަލާނގެއީ ކަލޭގެފާނަށް ލިބިވަޑައިގެންވި، އެ މަދަދަކާ ނުލައި. ކަލޭގެފާނަށް އުޅުއްވެން ނެތް މަދަދެކެވެ. އެހެންވެ، ކަލޭގެފާނަށް ލިބިވަޑައިގެންވި އެ މަދަދުގައި ވަރުގަދައަށް ހިފައްހައްޓަވާށެވެ! މިއިން އެނގޭ ކަމަކީ، ހަގީގަތުގައި، މާތް ރަސްކަލާނގެއަށް އަޅުވެތިވާން އެދޭ ނަމަ، ތިމާގެ ހަވާ ނަފްސަކީ ތިމާގެ އެންމެ ބޮޑު އަދުއްވު ކަމުގައި ދުށުމެވެ. ތިމާގެ ހަވާ ނަފްސުގެ އަޅަކަށް ތިމާ ނުވުމެވެ."