Support Us

ކޮލަމް ކޯދު: ލަވައެއް ކިޔައިދޭ ވާހަކައެއް

ފޮޅިފައިވާ ކޮންމެ މަލެއް، ކާމިޔާބީ ހޯދާ ކޮންމެ މީހަކު ވެސް ބުނަނީ ހަޔާތަކީ ހަނގުރާމާއިގެ މައިދާނެއް ކަމާއި، ހަޔާތުގައި ކަމެއް ހާސިލު ކުރަން ބޭނުން ނަމަ، އެންމެން ވެސް އެ މައިދާނުގައި ގަދައަޅައި މަސައްކަތްކޮށް ހަނގުރާމަ ކުރަން ޖެހޭނޭ ކަމެވެ.

އަދި، ކޮންމެ ފަތިހެއް ވެސް ބުނަމުން އެނގެންދަނީ ހިތަށް ދަތިކޮށް އުނދަގޫކުރާ ކޮންމެ ރޭގަނޑެއްގެ އަނދިރި އަނދިރިކަމަށް ފަހު، ދުވާލުގެ އަލިކަން އަންނާނޭ ކަމެވެ.

އެހެންވެ، އަމިއްލަ ނަފްސަށް އިތުބާރުކޮށް، ތިމާ ބޭނުންވާ ކަންކަން ކަނޑައަޅާލައި އެކަންކަން ހާސިލުކުރުމައްޓަކައި ގަދައަޅައި މަސައްކަތް ކުރަންވީއެވެ.

މިކަން ކުރެވޭނީ ތިމާގެ ހިތް ބަދަލުކޮށް، ހިތަށް ހިއްވަރުދީ ކަންކަން ކުރެވޭނެ ވާހަކަ ބުނެގެންނެވެ.

ތިމާގެ ހިތުގެ ފަސްގަނޑު ޖަހައި ތިމާ އެދޭ އެދުމުގެ އޮށްތައް އިންދައިގެންނެވެ. އަދި، ކުރިމަތިވާ އިހާނާތްތަކާއި ވަގުތީ ނާކާމިޔާބުތައް ފަތަހަކޮށް، އެއީ އެ ގަސްތަކަށް ދޭ ގަސްކާނާއަށް ހަދާލައިގެންނެވެ.

ޝައްކެއްނެތް ގޮތުގައި ތިމާ އުއްމީދުތައް ކާމިޔާބުކުރުމުގެ މަގުގައި ހިނގަމުންދާއިރު އަޑިގުޑަންތަކާ ދިމާވެ، ބައެއް ފަހަރު ވެއްޓޭނެއެވެ. މިފަދަ ވަގުތުތަކުގައި ހަނދާންކޮށްލަން ޖެހޭނީ ނާކާމިޔާބު އެކުލެވިގެންނުވާ ތާރީޚެއް ނުލިޔެވޭ ކަމެވެ. ވަޑާންކަށީގެ ބޭރަހުމީ ތެޅުންތަކަށް ހިރިގާ ކެތްކޮށްލުމުން، އެންމެފަހުން، އެ ގާގަނޑު ބަދަލުވެގެންދަނީ ރީތި ތިމްސާލަކަށެވެ. ބުދަކަށެވެ.

އެހެންވެ، އެފަދަ ދަނޑިވަޅުތައް ކުރިމަތިވުމުން ވެސް، ހިއްވަރު އެލުވާނުލައި، އަދި މާޔާސްނުވެ، ގަދައަޅައި މަސައްކަތްކޮށް، ތިމާއާ ކުރިމަތިވާ ދަތި އުނދަގޫތައް، އެއީ ފަރުބަދައެއް ކަމަށް ވިޔަސް ނޫނީ ތޫފާނެއް ކަމަށް ވިޔަސް، ކެރިގެން ކުރިމަތިލައި އެ ދަތިތަކާއި އުނދަގޫތައް ގިރާ ކުރަންވީއެވެ.

މި ގޮތުގައި މަސައްކަތް ކުރެވިއްޖެ ނަމަ، ކަލޭ ހުއްޓުވާލައި ބަލިކޮށްލާނޭ މީހަކު ނުހުންނާނެއެވެ.

އަދި، ކޮންމެ ވެސް ދުވަހަކުން ތިމާގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހަދާލެވި، އުޑުގެ ތަރިތަކާހަމައަށް ވާސިލުވެވޭނެއެވެ!