Support Us

ކޮލަމް ފަގުޑި

ކަންކަން ގޯހުން ދާންފެށީމާ އިވޭ އަޑުތައްވެސް ތަފާތު ވަނީ

އަވަށްޓެރި ސިރީލަންކާގެ މަޖިލިސް އިންތިހާބު އޮބްޒާވް ކުރުމުގައި އަޅުގަނޑަށް ދާންޖެހުނީ ޕުއްތަލަމް އަށެވެ. ސެކިއުރިޓީ އޮފިސަރަކާއި، ލިއެޒަން އޮފިސަރަކާ އެކުގައެވެ.

ޕޯލިން ސެންޓަރެއްގެ މަސައްކަތް ފަށައިގަންނަ ގޮތް ބަލައިލުމަށް ހެނދުނާ ދިޔައިރު، ޕޯލިން ސެންޓަރުގެ ބޭރުގައި ބަހައްޓާފައި ހުރި ބޯޑު ބަލަން މީހަކު ހުއްޓެވެ. އަޅުގަނޑުމެން ތިން މީހުންވެސް ތިބީ (ކޮންބައެއްކަން އަންގައިދޭ) ކާޑު އަޅައިގެންނެވެ. ބޯޑާ ހަމައަށް ދެވުމާއެކު އެތާ ހުރި މީހާއާއި ލިއެޒަން އޮފިސަރާ (ސިންހަޅަ ބަހުން) ވާހަކަތަކެއް ދެއްކިއެވެ. އެއަށްފަހު އެތާ ހުރި މީހާ އިނގިރޭސިބަހުން ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެން މިއައީ ރާއްޖޭގައި ހަ އަހަރު ދުވަހު ޓީޗަރެއްގެ ވަޒީފާ އަދާކޮށްފައި،" ލަންކާ މީހާ މިހެން ބުނުމާއެކު ރާއްޖޭގެ ތަޖުރިބާ ކިހިނެއްތޯ އަހައިލެވުނެވެ. އެއާއެކު އޭނާގެ އުދާސްތައް ބަންޑުންކޮށްލިއެވެ.

"މާލެއަކީ މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ މުޖުތަމަޢެއް. ވަރަށް ގިނަ ކަންކަން ހުރީ އިޞްލާޙް ކުރަންޖެހިފައި. މަގުމަތީގައިވެސް ވަކި ހަމައެއް ޤަވާޢިދެއް ނެތް. ދެރަ މީހާއަށް ދެރަގޮތް. މޮޅު މީހާއަށް މޮޅު ގޮތް. ކޮރަޕްޝަން އިންތިހާ،" މިހިސާބަށް ދިޔައިރަށް އަޅުގަނޑަކަށް ކެތެއް ނުކުރެވުނެވެ. އަމިއްލަ ވަޠަނަށް ކުޑައިމީސް ވާތީއެވެ. ދިވެހިންނަށް ބަދުބަސް ރައްދުވާތީއެވެ. ކަނޑުވެފައި އޮންނަ މީހާވެސް އަޑިއަށް ނުގޮސް ފެންމަތީ އޮވެވޭތޯ މަސައްކަތް ކުރެއެވެ. އެބީދައިން ފަށައިގެންފީމެވެ.

"ތިޔަ ބުނާ ރަނގަޅު ޤައުމަކީ މިއަދު ކޮބައިތޯ؟ ކޮރަޕްޝަން ނެތް ޤައުމެއް އެބައޮތްތޯ؟ މިޤައުމުގެ ހުރިހާ ކަމެއް ހަމަ ރަނގަޅީތޯ؟" އަޅުގަނޑު އޭނާއާ ސުވާލު ކޮށްލީމެވެ. "މިޤައުމުގެ ކަންކަން އެއަށްވުރެ ހާސްބައި ރަނގަޅުވާނެ. ކުށެއް ކޮށްފިއްޔާ އަދަބު ލިބޭނެ. ޤާނޫނަށް ބޯލަނބަން ޖެހޭނެ. އެހެން ނޫނީ އެކަން ކަމަށް ފިޔަވަޅު އަޅާނެ،" އޭނާ އަޅުގަނޑަށް ޖަވާބު ދިނެވެ.

"ތިޔައީ ހަމަ ހުރިހާތާކުވެސް ތިކަން އޮތްގޮތް. ރާއްޖެއިން ވަކިން އިތުރަށް ފެނުނީ ކޮންކަމެއް؟" ދިފާޢުވުމުގެ ގޮތުން އަޅުގަނޑު ބުނެލީމެވެ. ދެނަކާ ދެނެއް ނެތެވެ. އޭނާގެ އަޞްލު ވާހަކަ ފެށުނީ އެހާ ހިސާބުންނެވެ.

"ރާއްޖޭގެ އެއްމެންނަށްހެން ލިޔަންކިޔަން އެނގޭ. ހަމަ ގައިމުވެސް މިތަނަށްވުރެ ލިޔަންކިޔަން ދަންނަ ނިސްބަތް މަތިވާނެ. އެކަމަކު ނޯއެންޓްރީ ސައިންއެއް ނޭނގޭނެ. ނޯޕާކިން ސައިންއެއް ނޭނގޭނެ. އަދި ކޮބާ ޓްރެފިކް ލައިޓްގެ ކުލަތަކެއްވެސް ވަކިކުރާކަށް ނޭނގޭނެ. ބަލާބަލަ! ގެރިކޮށީ ދޮރުގައި ނޯއެންޓްރީ ސައިން ބެހެއްޓިޔަސް އެއީ ކޮން އެއްޗެއް ކަމެއް އެސޮރުމެނަކަށް ނޭނގޭނެ. އެހެންވެ ގެރިތައް ނުކުތަނުދޭން ގެރިކޮށީ ދޮރު ހުރަހަށް އަޅަނީ ދަނޑިއެއް. އެދަނޑި އެއްލާލާފައި އެސޮރުމެނެއް ނުނުކުމޭ. ރާއްޖޭގައި ރެޑްލައިޓް ދިއްލިފައި ހުއްޓަސް ޓްރެފިކް ހުރަސްކުރާ ވެހިކަލްތައް ހުރަސްކުރޭ. ނޯ އެންޓްރީ ބޯޑު ހުއްޓަސް އެތަން ގިރާކޮށް ވެހިކަލްތައް ދަތުރުކުރޭ. އަދި އެއްމެ ފައްކާ ކަމަކީ ނޯޕާކިން ސައިން ހުއްޓަސް ޕާކުކުރާތީ އެތާ ބާއްވާފައި އޮންނަ ޕެލަޓް އެއްލާލާފައި އެތާވެސް ޕާކުކުރަނީ. ބުނެބަލަ! ބުއްދި ނެތް މިތިބަ ޖަނަވާރުންތަ ރަނގަޅީ އެމީހުންތަ ރަނގަޅީ؟ ބުއްދިހުރެ، ލިޔަންކިޔަންވެސް އެނގިތިބެ އަދި، ތިޔަބުނާ ޤާނޫނާއި ޤާވާޢިދުވެސް އެނގިތިބި ބައެއްގެ ޙާލަތަކީ މިއީ. ތިޔަބުނަނީ ހަމަ މިކަންކަން  ރަނގަޅޭތަ؟"

ލަންކާމީހާ އަޅުގަނޑާ ސުވާލުތައް ކޮށްލުމާއެކު އަނެއްކާވެސް އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އަހަރެންގެ ރައްޓެއްސަކު މަގުމަތީ އޮތް ޕެލަޓެއްގައި ތާށިވެ، ފައި ބިނދުނު. އެފަކީރު އުޅުނު ޙާލު އަހަރެން ދުށިން. ޙަޤީޤަތުގައި އެތާނގައި ޕެލަޓް ބޭއްވުމަކީވެސް މަނާކަމެއް. އެކަމަކުވެސް އެތާ އެބޭއްވި މީހުނަށް ވީ ހަމަ އެއްކަމެއްވެސް ނެތް. ގެއްލުން ލިބުނު މީހާ ބާރުވެރި ފަރާތަކަށް ނުވާތީ. ކޮބައިތޯ ހަމައާއި އިންސާފު؟" އަނެއްކާވެސް އޭނާ އަޅުގަނޑާ ސުވާލުކޮށްލުމާއެކު ހުއްޓުމެއްނެތި އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ދުނިޔޭގައި މިދަރަޖައިގައި އޮތް ތަނަކީ ކޮބާ؟ މިޤައުމަށް ބަލާބަލަ! އެއަށްވުރެ ހަބައި ރަނގަޅުވާނެ. މަގުމަތީ ކަންކަން ޓްރެފިކް ބަލަހައްޓާ ފުލުހުންގެ ކޮންޓްރޯލުގައި ތިއޮތީ ފެނެއެއްނު."

މި ހިސާބަށް ވާހަކަ ދިޔަތަނާ "ސަރ ޕޯލިން ސެންޓަރގެ މަސައްކަތް ފަށާގަޑި ކައިރިވެއްޖެއޭ. އަންނާށޭދާން" ބުނަމުން ލިއެޒަން އޮފިސަރ އަޅުގަނޑުގެ އަތުގައި ހިފައި އެތެރެއަށް ހިނގައިގެންފިއެވެ. ޙަޤީޤަތުގައި ލިއެޒަން އޮފިސަރ އެ ދަންމަޅިން އަޅުގަނޑު ސަލާމަތްކޮށްދިނީއެވެ. އެއިރު އަޅުގަނޑަށް ހުރެވުނީ ރަކި ހިނިތުންވުމަކުން ހިނިތުންވެވި ހަތަރު އުދަރެސް ފެނުޖެހިފައެވެ. ހިތުގެ ވިންދު ވަނީ ބަބުރުލަވައެއްގެ ފުނަޖަހާބެރަށް ބަދަލުވެފައެވެ. ބިންފަޅާ އަޑިއަށް ދާނަމައޭ ކިތައްމެ ފަހަރަކު ހިތަށް އެރިއެވެ. ވަރަށް އެއްޗިހި ގޮވާލާނަމޭވެސް ހިތަށް އެރިއެވެ. ބާރަށް ހަޅޭލަވައި ނުގަނެވުނީ ނުވަތަ، ބާރަށް ރޯން ނުފެށުނީ ހަމަ ކިރިޔާއެވެ. ވާނީވެސް އެހެންތާއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އުފަން ފަސްގަނޑު ދެކެ ލޯބިވާނެއެވެ. އަމިއްލަ ޢާއިލާއާއި ނަފުސަށް އެދޭ ހެޔޮގޮތް ޤައުމަށްވެސް އެދޭނެއެވެ. އެހެންކަމުން އަމިއްލަ ޤައުމު ބަދުނާމުވަންޏާ ލަދުގަންނާނެއެވެ. ޤައުމު ހަލާކުވަންޏާ ދެރަވާނެއެވެ. އަނެކާ ކުރިމަތީ ތިމާ ފަޟީޙަތްވާން ނޭދޭ ފަދައިން އަނެކުން ކުރިމަތީ ތިމާގެ ޤައުމު ފަޟީޙަތްވާތަން ދެކޭކަށް ބޭނުމެއްވެސް ނުވާނެއެވެ.

އޭގެ ކުރީގައި ރާއްޖެއާމެދު ބިދޭސީންގެ ފަރާތުން އަޅުގަނޑު އަހަނީ ތަޢުރީފުގެ ބަސްތަކެވެ. ހިތްގައިމު އަޑުތަކެވެ. ރާއްޖޭގެ ރީތިކަމާއި ދިވެހީންގެ ހިތްހެޔޮކަމާއި، ރާއްޖޭގެ ހިމޭން މާހައުލުގެ ވާހަކައެވެ. ނަމަވެސް މިފަހަރު ކަންދިމާވީ އެއާ މުޅިން ތަފާތު ކޮށެވެ. ކީއްވެބާއެވެ؟ ސަބަބަކީ ކޮބައިހެއްޔެވެ؟ އެއީ ހަމަ ޙަޤީޤަތް ހެއްޔެވެ؟

އާނއެކެވެ! އެއީ އަދު ދިވެހި މުޖުތަމަޢުން ހަމަ ފެންނަ ކަންކަމެވެ. ރަނގަޅަށް ކަންކަން ހުރިއިރު އިވެނީ ހެޔޮބަހެވެ. ނަމަވެސް ކަންމަގު ބަދަލުވެ، ގޯހުން ދާންފެށީމާ އިވޭ އަޑުތައްވެސް ތަފާތު ވަނީއެވެ. މިހުރިހާ ކަމެއްވެސް މިކުރަނީ ހަމަ އަޅުގަނޑުމެން އަމިއްލައަށެވެ. މިކަންކަން ބަދަލުކޮށް، ދިވެހިރާއްޖޭގެ ޤަދަރާއި ޝަރަފު ހިފަހައްޓާނީ ހަމަ އަޅުގަނޑުމެން ދިވެހީންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ޤައުމު ބަދުނާމުކުރީވެސް ހަލާކުކުރީވެސް ފަސާދަ ކުރަނީވެސް އެންމެ މީހެއްގެ ނުފޫޒު. އެކަން ނުހުއްޓުވެނީވެސް އޭނާއާށް ހިތްވަރުދޭން ބަޔަކު ނުކުމެވޭގޮތަށް ވެރިކަން ލިބޭމީހުންގެ އަމަލުތައް ބަދަލުވަމުންދާތީ. މިތަން ރަނގަޅު ކުރަން ނުކުތް ޢަދާލަތަށްވެސް ފައިސާއާއަ ވެރިވަންތަކަން ލިބުނީމާ ރައްޔިތު އަހަންމަދަށް ވީގޮތްވެ ނިމިއްޖެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *