Support Us

އެމް.އެން.ޕީގެ ބައްދަލުވުމުގައި ނާޒިމް (މ) ވާހަކަ ދައްކަވަނީ -ފޮޓޯ: އެމް.އެން.ޕީ

"މި ފެންނަނީ ނޫސްވެރިކަމުގައި ކަސްތޮޅު އަޅުވައި ނޫސްވެރިންތަކެއް ހުރަގެއަށް ލާން ދިމާކުރާތަން"

ހިޔާލު ފާޅުކުރުމާއި މިނިވަން ނޫސްވެރިކަމެއްގެ ވައުދަކީ ކޮންމެ ސަރުކާރެއް ވެސް ވެރިކަމަށް އައުމަށް ކުރާ ގިނަގުނަ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދެވެ. ނަމަވެސް މަދު ފަހަރެއްގައި ނޫނީ އެ މިނިވަންކަން ލިބިދޭ ތަނެއް ނުފެނެ އެވެ. އެގޮތުން ދާދިފަހުން މިވަނީ ނޫސްރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރުވާ ފަދަ ގޮތަކަށް އޮތް ހެއްކާ ބެހޭ ބިލް ތަސްދީގު ކުރައްވައި، އަނެއްކާވެސް އެ މިނިވަންކަމަށް ހިޔަނިއެޅިފައެވެ. އެ ގާނޫނުގައި މަސްދަރު ހާމަކުރޭނެ ގޮތްތައް ކަނޑަޅާފައި އޮތުމުން އެކަމުގެ ކަންބޮޑުވުން މީޑިއާތަކުން ގެންދަނީ ފާޅުކުރަމުންނެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ) ފަރާތުން މިދިޔަ ހަފުތާގައި މީޑިއާއާއެކު ބޭއްވި ހަވީރެއްގައި އެ ޕާޓީގެ ރައީސް ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވަނީ މަސްދަރު ހާމަކުރެވޭ ގޮތަށް އޮތް މި ގާނޫނަށް އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދޭނެ ކަމަށް ބުނެ، ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ގެނައި މި ސަރުކާރުން އެއާ ދެކޮޅަށް މަސައްކަތް ކުރަމުން ގެންދާކަން ނާޒިމް ފާހަގަކުރެއްވި އެވެ. އަދި މަސްދަރު ހާމަކުރެވޭނެ ގޮތްތައް ކަނޑައަޅާފައިވާ ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރުމުގެ މަސައްކްތައްތައް އެ ޕާޓީގެ ފަރާތުން މަޖިލިސް ތެރެއިން ކުރިއަށް ގެންދާނެ ކަމުގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި ގައުމީ ސަލާމަތަށޭ ކިޔާފަ މަސްދަރު ހާމަކުރަންޖެހޭ ގޮތަކަށް ކަންކަން ބޭއްވުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ނުދެކެން،" ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން މިސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ހުދޫދުގެ ތެރެއިން މިނިވަންކަމާ އެކު ނޫސްވެރިންނަށް މަސްކަތްކުރެވޭނެ ކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓާނެ ކަމަށް ބުނެފައިވާއިރު މިހާރު ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެއް ކަމަށް ވިދާޅުވެ އެކަމަށް ނާޒިމް ފާޑުވިދާޅުވި އެވެ. އެގޮތުން ތަސްދީގުވެގެންދިޔަ ގާނޫނުން މި ފެންނަނީ ނޫސްވެރިކަމުގައި ކަސްތޮޅު އަޅުވައި ނޫސްވެރިންތަކެއް ހުރަގެއަށް ލާން ދިމާކުރާތަން ކަމުގައި ވިދާޅުވި އެވެ. ދިވެހި ރާއްޖޭގައި މިއޮތް މިނިވަން ނޫސްވެރިކަން ނެތިގެންދާން އެމްއެންޕީން ފުރުސަތު ނުދޭނެ ކަމާއި އެޕާޓީގެ ވެރިކަމެއްގައި ނޫސްވެރިކަމަށް ހުރަސް ނާޅާނެ ކަމުގެ ޔަގީންކަން ނާޒިމް ދެއްވި އެވެ.

ހެއްކާ ބެހޭ ގާނޫނު ތަސްދީގުވެގެން ދިޔަ ނަމަވެސް އެ ގާނުނަށް އަމަލް ކުރަން ފަށާނީ ގާނޫނު ތަސްދީގު ކުރާތާ ހަ މަސް ފަހުން ކަމުގައިވާއިރު އެ ގާނޫނުގައި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް މާއްދާއެއް ސަރުކާރުން ހިމެނި ސަބަބާއި އެކަމުގެ ބޭނުން ނޫސްވެރިންގެ ކަންބޮޑުވުންތައް ހާމަކުރުމަށް މޯލްޑިވްސް ޖާނަލިސް އެސޯސިއޯޝަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް ސޯލިހް ވަނީ ހާމަކޮށްދެއްވާފަ އެވެ.

އެ ބައްދަލުވުމުގައި މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަން ކަމަށާއި މީޑިއާތަކުގެ މިނިވަން ކަމަށް ހުރަސްނާޅާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ހެއްކާބެހޭ ގާނޫނުގެ ދަށުން މަސްދަރު ހާމަކުރަންޖޭހޭ ހާލަތްތަކުގައި ހިމެނޭ ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތައް، ގާނޫނުގައި ސާފުކޮށް ބަޔާކޮށް، އެގާނޫނު އިސްލާހުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވަނީ ވިދާޅުވެފަ އެވެ.

ހެއްކާ ބެހޭ ގާނޫނުގައި ހިމަނާފައިވާ މިމާއްދާގެ ސަބަބުން މިނިވަން ކަމާ އެކު ނޫސްވެރިކަން ކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ހަނިވެގެން ގޮސް، ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިގެންދާނެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ހޯދައި ލިބިގަތުގައި ގިނަގުނަ ހުރަސްތަކެއް ކުރިމަތިވެގެންދާއިރު މި މާއްދާގެ ސަބަބުން ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ގިނަ ބަޔަކު ޖެހިލުންވާނެ ކަމާއި މިއީ ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ދެމެހެއްޓުމަށް ފަހަތަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ބައިނަލްއަގުވާމީ ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ވެސް ދެކެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *