...

Support Us

ބުނެދޭންވީ ހަރާމާއި ހަލާލެވެ. ވަޒީފާގެ ނަމާއި ޔުނިފޯމުގެ ކުލައެއް ނޫނެވެ.

މި މުޖްތަމައުގައި ހަރާމް ގޮތުގައި ލާރި ހޯދިޔަސް ވަޒީފާގެ ނަން ރީތިވީމާ ނިމުނީއެވެ. ތިމަންނަގެ އަންހެން ދަރި އިނީ މަސްވެރިޔަކާއޭ ބުނަން ލަދުގަންނައިރު ރިސޯޓެއްގެ މަސައްކަތު މީހެކޭ، ކުނި ނަގާ މީހެކޭ، ފިހާރައެއްގެ ސޭޓެކޭ، މަޖޫރީއެކޭ ނުވަތަ ޑްރައިވަރެކޭ ބުނެފިނަމަ ތިޔަށްވުރެ ރަނގަޅު މީހަކު ނުވީހޭ އަހާނެއެވެ.

ހޮޓަލެއްގެ ވެއިޓަރަކަށް އުޅުމާއި ކައްކާއަކަށް އުޅުމާއި ތަންތަނުގެ ސެކިޔުރިޓީއަކަށް ހުރުމާއި އޮފީސްތަކުގެ މަސައްކަތު މީހުންނަކީ ދަށު ދަރަޖައިގެ ބަޔަކަށް ހެދީ މުޖްތަމައުގެ ދޫތަކެވެ.

ދޭހާ އަތްވެއްގައި ވެހޭހާ ވާރެއެއްގައި ހަމުގެ ކުލަ އަންދައިގެން ލޯބޯ ފިއްސައިގެން ދަރިންނަށް ކާންދީ ބޯންދީ ހެދި މައިންބަފައިން ކުރި ބުރަ މަސައްކަތަށް ހުދު އެ ދަރިންގެ ދަރިން ހަޖޫ ޖަހާލާއިރު ލަދުވެތިކަން ކޮބައިބާވައެވެ؟

ކޮއްކޮ ވާންވީ ޕައިލެޓަކަށް، ސިފައިންގެ މީހަކަށް، ފުލުހަކަށް، ޑޮކްޓަރަކަށް ނަރުހަކަށްކަން ނާސަރީން ފެށިގެން ބުނެދިނީމަ ކުދިންނަށް މި ވިސްނައިދެވެނީ ވަޒީފާ ގިންތި ކުރުން ނޫންދެން ކޮންކަމެއްހެއްޔެވެ؟

ހަލާލު ހަރާމް މަސައްކަތް ކޮށްގެން ފައިސާ ހޯދުން ކިޔަވައިދިނުމުގެ ބަދަލުގައި ބުނެދެވެނީ ޔުނިފޯމާއި ލިބޭ މުސާރައާއި މަސައްކަތު މާހައުލުގެ ސަޅިކަމެވެ.

ވަކި ނަމެއް ކީމާ ވަޒީފާ ރީތިވެފައި ނަލަވެފައި މީހާ މޮޅުކަމަށް ދަސްކޮށްދެނީ އަހަރެމެންގެ މައިންބަފައިންގެ ދޫތަކެވެ.

ތުއްތު ދަރިން ގެންގުޅުމަކީ ހަމައެކަނި އަންހެނުން ކުރާ ކަމެއްކަން ބުނެދިނުމުގެ ނަތީޖާއަކީ ޕްރީސުކޫލް ޓީޗިންގެ ދާއިރާއަށް ފިރިހެނުން ނުކުންނަން ފަސްޖެހުމެވެ.

މަސްވެރިކަމަކީ ހަޑި މަސައްކަތެއް ކަމާއި މީހާގެ ސިފަ ހުތުރުވާ ކަމެއް ކަމަށް ބުނެދިނީމާ ހުލްގުހެޔޮ، ލަފާ ޒުވާނުން މަސްވެރިކަން ކުރާތީވެ ކައިވެނިކުރާނެ އަންހެން ދަރިންނެއް ނެތެވެ.

ފިރިމީހާގެ އަހުލާގާއި އުޅުން ކަނޑައަޅާނީ ވަޒީފާގެ ނަމާއި އަޅާ ޔުނިފޯމަކުންކަން ކިޔައިދިނުން ވެގެންދިޔައީ އާއިލާތަކުގައި ވަކި ދަރިއެއްގެ ފިރިން ވަކި ނަމެއް ކިޔާ ވަޒީފާއެއްގައި އުޅޭތީވެ ހާއްސަވެ ލަގަބުދީ ނަންކުރެވި އަނެކުން ދަރަޖަ ދަށްކޮށްލެވުނު ކަމަކަށެވެ.

ސަރުކާރުގެ ވަޒީފާ ވީމާ ރީތިވެފައި ރިސޯޓުވީމާ ހުތުރުވެފައި ކަނޑުފަޅުފީނީމާ ޗީޑި ކިޔަން ދަސްކޮށްދިނީ ސަރުކާރު ތަކުންވެސް މަސައްކަތުގެ ދަރަޖަ ކުރުން ގެންގުޅޭތީއެވެ.

އަދުގެ ޒުވާނުންނަށް ބުނެދޭންވީ ހަރާމާއި ހަލާލެވެ. ވަޒީފާގެ ނަމާއި ޔުނިފޯމުގެ ކުލައެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ތީހަމަ ވަރަށް ބޮޑު ތެދެއް. ޙަލާލު ކޮންމެ މަސައްކަތެއްކުރާ މީހަކީ ޢިއްޒަތްތެރިއެއް. ޙަރާމް ޙަލާލެއް ނުބަލާ ބޮޑު މުސާރައަށް ބަލައިގެން ހޯދުނު ގޮތަކުން މުއްސަނދިކަންލިބިގަތުމަށް މަސއްކަތްކުރާ މީހަކީ އަގެއް ނެތް މީހެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *