Support Us

ކޮލަމް ކޯދު: އަހަރެންގެ ވާހަކަ ކިޔައިދޭނީ ކާކަށް ހެއްޔެވެ؟

މިއީ ވެސް ފިލްމް ޝީރީން ފަރުހާދުގެ ލަވައެކެވެ. "ސުނާއޫނ ކިސްކޮ އަފުސާނާ" (އަހަރެންގެ ވާހަކަ) ކިޔައި ދޭނީ ކާކަށް ހެއްޔެވެ؟ މިލަވައިގެ ދިވެހި ތަރުޖަމާއެކެވެ. ޝީރީން ފަރުހާދުގެ އެންމެ ފުރަތަމަ ހުށަހަޅާލެވުނު ލަވަޔާ އެކު ޝީރީން ފަރުހާދުގެ ވާހަކައިގެ އަސްލުގެ މައްޗަށާއި އަދި ފިލްމުގައި އެވާހަކަ ބިނާވެފައިވާ ގޮތުގެ މައްޗަށް ބަލާލެވުނެވެ. އަދި، ފިލްމުގައި ފަރުހާދާއި ޝީރީނު ވަކިކުރެވި، ޝީރީނު ފާރިސް ކަރައަށް ފޮނުވާލާން ނިންމާލެވި، އެދަތުރަށް އެރުވުމުން، އެކަމުގެ ހިތާމައިގައި ޝީރީނު ކީ ލަވަ "ގުޒުރާ ހުވާ ޒަމާނާ އާތާ ނެހީ ދުބާރާ" (ފާއިތުވެ ދާ ޒަމާން، ދުވަސްތައް އަލުން އެނބުރިއެއް ނާދެއެވެ) ހުށަހަޅާލެވުނެވެ. މިފަހަރު ހުށަހަޅާ މިލަނީ ޝީރީނާ ވަކިވާން ޖެހުމުން، ފަރުޙާދުގެ ހިތުގައި އުފެދުނު ވޭނުގެ އިހުސާސުތަކުގެ ވާހަކައެވެ.

މިވާހަކަކޮޅު ފެށެނީ، އޭނާގެ ވާހަކައަކީ ކުރު، އުފަލުގައި ފެށިގެންދިޔަ، އެހެންނަމަވެސް ހިތާމަވެރި ގޮތެއްގައި ނިމުނު، ވާހަކަ އެކޭ ބުނަމުންނެވެ. އާދެ، ޝީރީނާ ވަކިވާން ޖެހުމުން، އޭނާގެ ހުރިހާ އެއްޗެއްވެސް ގެއްލިގެން ދިޔައީ ކަމުގައި އޭނާ ބުނެއެވެ. އެހެނީ އޭނާގެ މުޅި ދުނިޔެއަކީވެސް ޝީރީން ކަމަށް ވާތީއެވެ. ޝީރީން ގެއްލުމުން އޭނާގެ ހުރިހާ އެއްޗެއްވެސް ގެއްލުނީއެވެ. އަދި، އޭނާގެ ހިތަށް ތަސައްލީއެއް ދޭން، އެނާގެ ހިތާމަވެރި ވާހަކަ އަޑު އަހާނޭ އެކަކުވެސް ނެތެވެ. އެވާހަކަތައް އަޑުއަހާލާނޭ ގާތް ތިމާގެ ރައްޓެއްސެއް، ނޫނީ ދުރު ހިލޭ ބީރައްޓެއްސެއް ވެސް ނެތެވެ. އެހެންވެ، އޭނާގެ މިވާހަކަތައް ހަވާގެ ތެރަށް، ބޭރުކޮށްލުމަށްފަހު، ހަމަ ހިމޭންވާނޭ ވާހަކަ، ލަވަ ފަށަމުން، އޭނާ ބުނެއެވެ.

އޭނާ ބުނާގޮތުގައި، އެއްވެސް ޙައްގަކާ ނުލައި، ޝީރީން، އޭނާއާ ވަކިކޮށް، ދުރަށް ފޮނުވާލެވި، ޝީރީން، އޭނާއަށް ގެއްލުމުން، އޭނާ ގަބޫލު ކުރަނީ، އޭނާގެ ނަސީބުގައި ލިޔެވިފައި އޮތީ ހަމައެކަނި ނުހައްގު އަނިޔާ ލިބުން ކަމުގައެވެ. މިހާރު، އޭނާ، މިކަން ގަބޫލުކޮށް، ބަލައިގެންފިއެވެ. އަދި، އެ ހައްގު ނޫން އަނިޔާ ލިބުމުގައި އޭނާ ދެމިހުއްޓެވެ. ޝީރީން ގެއްލުމުގެ ހިތާމަ ބަރުދާސްތުކޮށް، ޝީރީނު މަތިން ހަނދާން ކުރުމުގައި، އޭނާގެ ހަޔާތް ވޭތުކޮށްލުމުގައެވެ. މިގޮތުގައި، ހަޔާތް ވޭތުކޮށްލުމަކީ ލޯބީގެ އިންތިހާ ކަމުގައި އޭނާ ދެކެއެވެ. އާދެ، މިއީ ލޯބީގެ އެއްމެ މަތީ ދަރަޖައެވެ. މީހަކު ދެކެ ލޯބިވެވި، އެލޯބީގައި، އެދަރަޖައަށް، ވާސިލު ވެވިއްޖެ މީހަކު ހުންނާނީ، ހަމަ ބުއްދި ފިލައިގޮސް، މޮޔަވެފައި ހުންނަމީހެއް ފަދައިންނެވެ. ފަރުހާދު، ދެކޭގޮތުގައި އޭނާއަށް، ޝީރީނުގެ ލޯބީގައި ޖެހި، އެދަރަޖައަށް، ވާސިލު ވެވިއްޖެއެވެ. އެހެނީ، ބުއްދިފިލާ މޮޔަވެފައި ތިބޭ މީހުންނަށްވެސް އޭނާ މިހާރު ފެންނަނީ މޮޔައެއްގެ ގޮތުގައެވެ. ޚުދް އެމީހުންވެސް، އޭނާއަށް ގޮވަނީ މޮޔަޔާއޭ ކިޔާފައެވެ. އޭނާގެ ވާހަކަކޮޅު ނިންމާލަނީ ޝީރީނަށް ހެޔޮ އެދެމުންނެވެ. ޝީރީނުގެ ހަޔާތަށް އުފަލާއި ބާއްޖަވެރިކަން އެދެމުންނެވެ. އޭނާގެ އަމިއްލަ ހަޔާތް ބަރުބާދުވެ ގޮސްފައި އޮތަސް ވެހެވެ. މިލަވަ ދިވެހި ތަރުޖަމާއާއި އެކު އަޑުއައްސަވާލެއްވުމަށް މަތީގައިވާ ލަވައިގެ ފޮޓޯގައިވާ ތީރަށް ފިއްތަވާލައްވާށެވެ.

***

ދޯ ހި ލަފްޒޯ ކާ ތާ ޔެ އަފުސާނާ

މިއީ މަދު ބަސްކޮޅެއްގެ މައްޗަށް އެކުލެވޭ ވާހަކައެކެވެ

ޖޯ ސުނާ ކަރް ޚަމޯޝު ހޯ ބައިޓާހ

މިވާހަކަ އިއްވާލުމަށްފަހު އަހަރެން ހިމޭންވެ ހަމަޖެހޭނަމެވެ

އިބްތިދާ ޔޭ ކެ ތުމްކޯ ޕާޔާ ތާ

(މިވާހަކަ) ފެށުނީ (ކަލާ ގެލޯބި) ހާސިލުވެ ނުހަނު އުފާވެރި ގޮތެއްގައެވެ

އިންތިހާނ ޔެ ކެ ޚުދް ކޯ ޚޯ ބައިޓާހ

(އަދި މިވާހަކަ) ނިމުނީ (ކަލާ ގެއްލި) އަހަރެން(ވެސް) ގެއްލި ނުލާހިކު ހިތާމަވެރި ގޮތެއް ގައެވެ

ސުނާއޫނ ކިސްކޮ އަފުސާނާ

(އަހަރެންގެ ވާހަކަ) ކިޔައި ދޭނީ ކާކަށް ހެއްޔެވެ

ނަ އަޕުނާ ހޭ ނަ ބޭގާނާ

(އެވާހަކަ އަޑުއަހާނެ) އަމިއްލަ މީހެއްވެސް އަދި ހިލޭ ބީރައްޓެއްވެސް އަހަރެންގެ ނެތެވެ

ލިކާހހޭ މޭރި ޤިސްމަތު މޭ

އަހަންނަށް ތަގުދީރުގައި ލިޔެވިފައިވަނީ

ޖަހާނ ކޭ ތޯހކުރޭ ޚާނާ

މިދުނިޔޭގައި ނަހައްގު އަނިޔާ ލިބުމަށެވެ

އަގަރް ޔޭ ބީހ ނެހީ ތޯ ޕިހރް

މިކަމަކީ އެއީ ނޫން ކަމަށް ވަންޏާ

ޖުނޫނ ކީ އިނތިހާނ ކިޔާ ހޭ

ލޯބީގެ ޖަޒުބާތުގައި ހައްދު ފަހަނަ އަޅައި ދިޔުމަކީ ކޮބާހެއްޔެވެ؟

ކެ ދީވާނޭ ބިހ އަބް ކެހެނޭ ލަގޭ ހެއި މުޖްހކޮ ދީވާނާ

މިހާރު މޮޔަވެފައިވާ މީހުންވެސް އަހަންނަށް ގޮވަނީ (މިހިރަ) މޮޔަޔާއޭ ކިޔާފައެވެ

ބަހރީ ދުނިޔާ މެ އިސް ދިލް ކޯ

މިއޮށް ބޮޑު ހާމަ ދުނިޔެއަށް، އަހަރެންގެ މި ހިތް

އަކޭ ލާ ޗޯހޅުނޭ ވާލޭ

އެކަނި ކޮށް ދޫކޮށްލާފާ ކަލާ ދިޔަ ސާހިބާއެވެ

ތުމޭހ ގުލްޝަން މުބާރަކް ހޯ

ކަލާގެ ހަޔާތުގެ މާބަގީޗާގައި ބަރަކާތް ލައްވާ ހުށިކަމެވެ

މުޖޭހ މޭރާ ޔެ ވީރާނާ

އަހަރެންގެ ހަޔާތް މުޅިން ވީރާނާވެ ބަރުބާދު ވެއްޖެއެވެ

ސުނާއޫނ ކިސްކޮ އަފުސާނާ

(އަހަރެންގެ ވާހަކަ) ކިޔައި ދޭނީ ކާކަށް ހެއްޔެވެ

ނަ އަޕުނާ ހޭ ނަ ބޭގާނާ

(އެވާހަކަ އަޑުއަހާނެ) އަމިއްލަ މީހެއްވެސް އަދި ހިލޭ ބީރައްޓެއްވެސް އަހަރެންގެ ނެތެވެ

ލިކާހހޭ މޭރި ޤިސްމަތު މޭ

އަހަންނަށް ތަޤްދީރުގައި ލިޔެވިފައިވަނީ

ޖަހާނ ކޭ ތޯހކުރޭ ޚާނާ

މިދުނިޔޭގައި ނަހައްގު އަނިޔާ ލިބުމަށެވެ

ސުނާއޫނ!

(މިވާހަކަ) އަޑު އަހާނު ހެއްޔެވެ!