...

Support Us

ކޮލަމް: ހަވާސް

ޝަހީބުގެ ކޮލަމް: ހެލޯ! ރައީސް ނަޝީދުގެ ފޯނު އިނގިރޭސިވިލާތުގައި ފޭރިގަތީއޭ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހިލޭ އަންހެނަކާއެކު ބަދުއަޚުލާގީ އަމަލް ހިންގަވާތަން ފެންނަ ހަތަރު ފޮޓޯ ލިބިވަޑައިގެންފި ކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިތާ ދެތިން ހަތަރު ދުވަހެއްގެ ތެރޭގައި، ދެން އިވުނު އަޑަކީ އިނގިރޭސިވިލާތުގެ ލަންޑަންގެ ރެސްޓޯރެންޓެއްގައި އާއިލާއާއެކު ފަރިއްކުޅުއްވަން އުޅުއްވުމުގެ ތެރޭގައި އެމަނިކުފާނުގެ ފޯނު މީހަކު ފޭރިގަނެގެން ދުވެ ފިލި ވާހަކައެކެވެ. މިއީ އެންމެނަށް ވެސް ކުއްލި ހައިރާންކަމަކާއި ވަރަށް ބޮޑު ސިހުމެއް ލިބިގެންދިޔަ ކަމެކެވެ. އަމުދުން ލަންޑަން ކަހަލަ، ދުނިޔޭގެ ނިސްބަތުން ވެސް ކުރިއަރައިފައިވާ ސިޓީއެއްގެ ރެސްޓޯރަންޓެއް ތެރޭގައި، އެފަދަ ނާތަހުޒީބު ކަމެއް ހިނގީމައެވެ. އަނެއްކާ ގައުމެއްގެ ކުރީގެ ރައީސެކެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސެވެ.

އަމިއްލަ ދަތުރުފުޅެއްގައި ކަމަށް ވިޔަސް، ރައީސް ނަޝީދު ލަންޑަނަށް ކުރައްވާ ދަތުރުފުޅުގައި، އެ މަނިކުފާނަށް އެކަށީގެންވާ ސެކިއުރިޓީ ލަންޑަންގައިވެސް ދޭނެ ކަމަށް ބެލެވެއެވެ. މަޖިލީސްގެ ރައީސަށް ވުމުގެ އިތުރުން އެ މަނިކުފާނަކީ ކުރީގެ ރައީސަކަށް ވީތީ ވެސް، އިނގިރޭސި ސަރުކާރުން އެ މަނިކުފާނަށް ހިމާޔަތް ދެއްވާނެ ކަމަށް ބެލެވެއެވެ. އަނެއްކާ ލަންޑަންގައި ރައީސް ނަޝީދު ފަރިއްކުޅުވަން ވަޑައިގަންނަވާނީ "ގަލޮޅު ކަންމަތި" ކަހަލަ އާދައިގެ ހޮޓަލަކަށް ކަމަކަށް ވެސް ނުބެލެވެއެވެ. އަދި އެ ތަންތަނަކީ ފޭރޭ މީހުން ވަދެ އުޅޭ ކަހަލަ ތަނަކަށް ވުމަކީ ވެސް ވަރަށް ދުރު ކަމަކެވެ. އަދި އެތަނުގައި ސެކިއުރިޓީންނާއި ސީ.ސީ ކެމެރާތައް ވެސް ހުންނާނެ ކަމަށް ބެލެވެއެވެ. އެކަމަކުވެސް އެ މަނިކުފާނުގެ ދަރިކަނބަލުންގެ މެސެޖަކުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާއަށް އަންގަވައިފައި އޮތީ "ބައްޕަގެ ފޯނު ފޭރިގަނެގެން މީހަކު ފިލައިފި" ކަމަށާއި އެ ނަންބަރު ބްލޮކު ކުރުކަމަށެވެ. އެ މެސެޖް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވަޓްސްއަޕް ގްރޫޕަށް އީވާ ލެއްވުމާއެކު އެ ގްރޫޕުން އެ ނަންބަރު ބޭރުކޮށްލިއެވެ. އެ މެސެޖްތައް ހުރި ސްކްރީން ޝޮޓެއް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ރައްޔިތުންގެ މަޖިލިސްގެ ވަޓްސްއަޕް ގްރޫޕަށް އީވާ ފޮނުއްވި މެސެޖް -ފޮޓޯ: މީސްމީޑިއާ

މި ސްކްރީން ޝޮޓު ލީކުވުމާއެކު ހުރިހައި ނޫހެއްގެ ސުރުޚީއަށް އެ ވާހަކަ އެރިއެވެ.

ރައީސް ސޯލިހުގެ އިސްތަށިފުޅުގައި ރައީސް ނަޝީދު އަޅުއްވައިފައިވާ ލަދުވެތި، ދަށުދަރަޖައިގެ ތުހުމަތުގެ ސަބަބުން، ނަޝީދަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. މަޖިލީސްގެ ރައީސްކަމުން ނަޝީދު ވަކިކުރަން ވެސް އެމް.ޑީ.ޕީގެ ތެރޭގައި މަސައްކަތް ފަށައި ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ވަނީ ފަށައިފައެވެ.

ރައީސް ސޯލިހުގެ މި ފޮޓޯތަކުގެ ވާހަކަ ނަޝީދު މި ދެއްކެވީ، ބަންގްލަދޭޝްގެ ފިރިހެނާއެކު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް މުޅި ރާއްޖެއަށް ލީކުވެ، އެ މައްސަލައިގެ ތަހުގީގަށް، ރިސޯޓެއްގައި ފިލައި ހުއްޓާ ފުލުހުން ގޮސް ނާޒިމް ހައްޔަރުކުރުމާ ވިދިގެންނެވެ. އެ ފޮޓޯތަކުގެ ވާހަކަ ނަޝީދު ދައްކަވައިފައި ވަނީ އެ ހައްޔަރުކުރުމާ ދެކޮޅަށް، އެމް.ޑީ.ޕީގެ ގައުމީ މަޖިލިސްގެ ހުރިހައި މެމްބަރުން ތިބޭ ވަޓްސްއަޕް ގްރޫޕުގައެވެ. އެ ގްރޫޕުގައި ރައީސް ސޯލިހުވެސް އިންނަވައެވެ.

ނަޝީދު ވިދާޅުވެފައި ވަނީ ސީޝެލްސް ދަތުރުފުޅަށްފަހު ލަންޑަނަށް ވަޑައިގެންނެވިތަނާ ރައީސް ސޯލިހާއި ކޮންމެވެސް އަންހެން ކުއްޖަކާ ބަދުއަޚުލާގީ ގުޅުން ހިންގަވާ ހަތަރު ފޮޓޯއެއް ފޯނަށް ލިބިވަޑައިގެންފި ކަމަށެވެ. އެއީ އާއިލީ ގުޅުމެއް އޮންނަ އަންހެން ކުއްޖެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި އެ ފޮޓޯތައް ގްރޫޕަށް ލައްވަންވީތޯ ވެސް އެއް ފަހަރަކު ސުވާލު ކުރައްވައިފައިވެއެވެ. ނަމަވެސް އެ ފޮޓޯތައް ގްރޫޕަށް ލައްވައިފައެއް ނުވެއެވެ.

ނަޝީދުގެ މި ތުހުމަތުތައް ރައީސް ސޯލިހުގެ ފަރާތްޕުޅުން، ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަގުތުން ދޮގު ކުރެއްވިއެވެ. އެހެންކަމުން، އެ މެސެޖްތައް ރައީސް ސޯލިހުވެސް ގެންދެވީ ވަގުތުން ބައްލަވަމުންކަން އެނގެއެވެ.

ދެހާސް އަށާރައިގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތީ، ޖަލު ހުކުމެއްގައި ނަޝީދު ހުންނެވުމުން، ރިޔާސީ އިންތިހާބުގައި ނަޝީދަށް ކުރިލަތިލެއްވޭ ގޮތް ނުވެގެންނެވެ. އޭރު ނަޝީދު ހުންނެވީ ބޭސްފަރުވާ ކުރުމުގެ ނަމުގައި ރާއްޖެއިން ބޭރުގައެވެ. ނަމަވެސް ރައީސް ސޯލިހު ހުވާކުރެއްވިތާ ގިނަ ދުވަހެއް ނުވެ، ސުޕްރީމް ކޯޓުން ނަޝީދު މިނިވަންކުރުމުން، އެ މަނިކުފާނު ރާއްޖެ ވަޑައިގަތެވެ. އަދި ޖެހިގެން އައި އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވައި، ގޮނޑިއެއް ހޯއްދަވައި، މަޖިލީސްގެ ރައީސްކަމުގެ މަގާމަށް ވަޑައިގަތެވެ. ނަމަވެސް، ނަޝީދުގެ އަބަދުވެސް ހުވަފެންފުޅަކީ އަލުން މުލީއާގެއަށް ވަޑައިގަތުން ކަމަށް ވާތީ، އެކަމަށްޓަކައި އެކި ގޮތްގޮތުން ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ. ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ގާނޫނު އަސާސީ ބަދަލުކުރަންވެސް މަސައްކަތް ކުރެއްވިއެވެ. އޭރުން މަޖިލިސްގެ ތެރެއިން ބޮޑުވަޒީރަކަށް އިންތިހާބުވެގެން، މުލީއާގެއަށް ވަޑައިގަތުމަށެވެ. ނަމަވެސް އެކަމަށް ރައީސް ސޯލިހު ތާއީދެއް ނުކުރެއްވިއެވެ. މަޖިލިސްގެ ފުރިހަމަ ކޮންޓްރޯލް އޮތީ ވެސް ރައީސް ސޯލިހުގެ އަތްޕުޅުގައެވެ.

މި ފޯރިގަނޑުގެ ތެރޭގައި އުޅެނިކޮށް އެމް.ޑީ.ޕީގެ ޗެއަރޕަރސަންގެ އިންތިހާބު މި އަހަރު ކުރިމަތިވިއެވެ. އެއީ އެމް.ޑީ.ޕީގެ ހުރިހައި މެމްބަރުންގެ ވޯޓުން ހޮވާ މަގާމެކެވެ. ޗެއަރޕަރސަންގެ މަގާމަށް ރައީސް ސޯލިހުގެ ފަޅިން ކުރިމަތިލެއްވީ އެ މަނިކުފާނަށް އެންމެ ވަފާދާރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. ނަޝީދުގެ ފަޅިން ކުރިމަތިލެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

ޗެއަރޕަރސަންގެ އިންތިހާބަކީ ފައްޔާޒާއި އިންތިގެ އެކަނި ވާދަކުރުމަކަށް ވުރެ ބޮޑަށް ފެނިގެންދިޔައީ ރައީސް ސޯލިހާއި ނަޝީދުގެ ގަދަހިފުމެއްގެ ގޮތަށެވެ. ދެ ފަޅީގެ އިސް ބޭފުޅުންނާއި އާންމު މެމްބަރުން މީސްމީޑިއާ އާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ދެއްކި ވާހަކަތަކުންނާއި ކުރަމުންގެންދިޔަ ތުހުމަތުތަކުން ބިތުފަންގި ނެގި، ދެ ފަޅީގައި އަނދަމުންދިޔަ އަލިފާނުގެ ގިނިތައް ބުރަބުރައިގެން ދިޔަތަން ކިތަންމެ ރަނގަޅަކަށް ވެސް ފެނުނެވެ.

ކޮންމެހަކަސް ޗެއަރޕަރސަންގެ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރެއްވީ ފައްޔާޒެވެ. އެއީ ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ރައީސް ސޯލިހަށް އޮތް ބޮޑު އިތުބާރު ހާމަވެ، ނަޝީދަށް އޮތް ތާއީދު ފަނޑުވެއްޖެ ކަމަށް ގަބޫލްކުރަން ފުރުސަތު ލިބިގެންދިޔަ ނަތީޖާއެއް ކަމަށް ގިނަ ބަޔަކު ގަބޫލްކުރިއެވެ. (އެ މީހުން އެހެން ބުންޏަސް، ވޯޓު ކަރުދާސްކޮޅުގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ނަން އޮވެއްޖެނަމަ ވާނެގޮތެއް ކަށަވަރެއް ނޫނެވެ.)

ނަޝީދު ދެންވެސް ގޮތެއް ދުލެއް ނުކުރައްވައެވެ. އެ މަނިކުފާނު ހުންނެވީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިގެންނެވެ. އެކަން ޓީވީއެމް ލައިވް ޕްރޮގްރާމެއްގައި އިއުލާންކުރެއްވިއެވެ. އެމް.ޑީ.ޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން، އެމް.ޑީ.ޕީގެ ޓިކެޓްގައި ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަކަށް ވެސް، ޕްރައިމަރީއަކާ ނުލައި އޮޓޮމެޓިކުން ދެ ވަނަ ދައުރެއްގެ ޓިކެޓް ދޭ ގޮތަކަށް މިހާރަކު ނޯވެއެވެ. ޖެހޭނީ ޕްރައިމަރީއަކަށް ވަޑައިގެން، ކުރި ހޯއްދަވާށެވެ. އެހެންކަމުން ދެ ވަނަ ދައުރަކަށް ވަޑައިގަންނަވަން ބޭނުންފުޅު ނަމަ، ރައީސް ސޯލިހަށް އޮތް ފުރަތަމަ ހުރަހަކީ ރައީސް ނަޝީދެވެ. އެމް.ޑީ.ޕީގެ އަސާސީ ގަވައިދު ބަދަލުނުކުރާހާ ހިނދަކުއެވެ.

ބަންގްލަދޭޝްގެ އެމް.ޑީ އަލަމްގީރާއެކު، ނަޝީދުގެ ކޮއްކޮ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ލީކުވުމުން އެ ވީޑިއޯގެ ދިފާއުގައިވެސް ނަޝީދު ތަފާތު ވާހަކަތައް ދެއްކެވިއެވެ. ނަމަވެސް ފުލުހުންގެ ތަހުގީގަށް ބޭނުންވެގެން ނާޒިމް ހައްޔަރުކުރީ ރަސްމީ ދަތުރުފުޅެއްގައި ނަޝީދު ސީޝެލްސްގައި ހުންނަވަނިކޮށެވެ. އެއީ ކިހާ ބޮޑު އިއްތިފާގެއް ކަމެއް ނޭނގެއެވެ. ރައީސް ސޯލިހު އަރިހުގައި ނަޝީދު އައްސަވަމުން ގެންދެވީ އެކަހަލަ ފޮޓޯތައް ހުރި އެހެން އެންމެން ހިމާޔަތްކޮށްފައި ހަމައެކަނި ނާޒިމް ހައްޔަރުކުރީ ކީއްވެގެންތޯއެވެ؟ (އެކަމަކު ލީކުވެފައިވާ އަލަމްގީރުގެ ވީޑިއޯގައި ފެންނަ އެންމެނާއި އެހެން ވީޑިއޯއެއްގައި ފެންނަ މީހަކު ވެސް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.) އެއީ ރައީސް ސޯލިހުގެ ކޯލީޝަން ސަރުކާރުގައި ހިމެނޭ ދީނީ ގޮތުން ހައްދަފަހަނަޅައިފައިވާ ބަޔަކު ރުއްސަން ރައީސް ސޯލިހު ކުރެއްވި ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އެއީ އިންޑިއާ ސަރުކާރުން ރާއްޖޭގައި ފަތުރަމުންދާ ޔޯގާއަކީ ޝިރުކެއް ކަމަށް ބުނެ ފަތުވާ ނެރުނު، ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲގެ އަދާލަތު ޕާޓީއަށް ނަޝީދު އެއްލެވި ގާގަނޑެއް ކަމަށް ބެލެވެއެވެ.

ސްކޫލް ދައުރުއްސުރެ ވަރަށް ގާތްކޮށް އުޅުއްވި ސޯލިހާއި ނަޝީދާ ދެމެދުގައި އުފެދިފައި އޮތް ސިޔާސީ ވާދަވެރިކަން، ހޫނުވަމުން އަނދަމުންދިޔަ ދަނޑިވަޅުގައި، ކުއްލިއަކަށް މުޅި ގައުމަށް ގުޑުން އަރައިގެން މި ދިޔައީ ރައީސް ސޯލިހު ހިލޭ އަންހެނަކާއެކު ބަދުއަޚުލާގީ އަމަލް ހިންގަވާތަން ފެންނަ ހަތަރު ފޮޓޯ ލިބިވަޑައިގެންފި ކަމަށް ނަޝީދު ވިދާޅުވުމުންނެވެ. ކޮއްކޮ ހައްޔަރުކުރުމާ ވިދިވެގެން ކޯފާ ގަދަވެފައި، ލަންޑަންގައި ހުންނަވައިގެން، ގައުމީ މަޖިލިސްގެ ވަޓްސްއަޕް ގްރޫޕަށް ނަޝީދު ކުރައްވަމުން ގެންދެވި މެސެޖްތަކުގައި، ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އެޅުއްވި އިލްޒާމަކީ، މިނިވަން ތަހުގީގަކުން ތަހުގީކުރަންޖެހޭ، ވަރަށް ސީރިއަސް ކަމެއް ކަމުގައި އިދިކޮޅު ޕާޓީ، ޕީ.ޕީ.އެމުން ވަގުތުން ގޮވައިލިއެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު ކުރިން އޮތީ ހަމައެކަނި ސިޔާސީ ވާދަވެރިކަމެއް ކަމަށް ވިޔަސް، ނަޝީދު މިހާރު ވަނީ ރައީސް ސޯލިހާ ވަރަށް ބޮޑަށް ޒާތީވެފައި ކަމަށް ބެލެވެއެވެ. އެހެން ނޫން ނަމަ، އެންމެ ގާތް ރަހުމަތްތެރިޔާއަށް ވުމުގެ އިތުރުން ގައުމުގެ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް އެހާ ދަށުދަރަޖައިގެ ތުހުމެއް ނުކުރެއްވީސްކަން ކަށަވަރެވެ. އެއީ ދޮގަކަށްވެއްޖެނަމަ ނަޝީދު ގަޒުފުކުރަންޖެހޭ ވަރުގެ ތުހުމަތެއް ކަމަށް ދީނީ ބޭފުޅުން ވިދާޅުވެތެވެ.

އެމް.ޑީ.ޕީގެ ގައުމީ މަޖިލިސްގެ ވަޓްސްއަޕް ގްރޫޕަށް ނަޝީދު ފޮނުއްވި ބައެއް މެސެޖް -ފޮޓޯ: މީސްމީޑިއާ

"ރައީސް ސޯލިހުގެ ފޮޓޯއެއް ނަޝީދުގެ އަތަކު ނެތް"

ގިނަ ބަޔަކު ގަބޫލްކުރާ ގޮތުގައި، ނަޝީދު އެ ގޮތަށް މެސެޖްކުރެއްވި ނަމަވެސް ރައީސް ސޯލިހުގެ އެ ބުނާ ކަހަލަ އެންމެ ފޮޓޯއެއް ވެސް ނަޝީދުގެ އަތްޕުޅަކު ނެތެވެ. ހުރި ނަމަ ނަޝީދު ކަންތައް ކުރައްވާނީ އެހެނެއް ނޫން ކަމަށް ނަޝީދުގެ ގާތް ބައެއް ބޭފުޅުން ވިދާޅުވެއެވެ.

އަނެއްކާ ރައީސް ސޯލިހަކީ އެއްވެސް އިރެއްގައި އެ ޒާތަށް އުޅުއްވާ ބޭފުޅެއް ނޫން ކަމަށް ރައީސް ސޯލިހުގެ ގާތް ބޭފުޅުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެންވެ ނަޝީދުގެ ހަމައެކަނި ބޭނުމަކީ ކޮއްކޮ ހައްޔަރުކުރުމުން ކޯފާ އިސްކުރެވި، ހަމައިން ނެއްޓުނު ވަގުތު، ރައީސް ސޯލިހުގެ އަގުވައްޓާލުން ކަމަށް ވެސް ބުނެވެއެވެ. (އެންމެނަކު ކޮންމެހެން އަބަދު ހަމައިގައި ތިބޭނެ ކަމަށް ހަމައިގައި ތިބޭ މީހުން ދެކޭނެ ކަމެއް ނެތް ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.)

ރައީސް ނަޝީދު ފޯނުން ވާހަކަދައްކަވަނީ -ފައިލް ފޮޓޯ: އޭ.އެފް.ޕީ

ނަޝީދުގެ ފޯނު ފޭރިގަތްކަމަށް ބުނާ ވާހަކަ

ލަންޑަންގެ ރެސްޓޯރަންޓެއްގައި އާއިލާއާއެކު ފަރިއްކުޅުއްވަން އިންނަވަނިކޮށް ރާއްޖޭގެ ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ ފޯނު ފޭރިގަނެގެން މީހަކު ފިލި ނަމަ، އެއީ އިނގިރޭސި ސަރުކާރުވެސް އެކަމާ ލަދުވެތިވާންޖެހޭ ބޮޑު ކަމެކެވެ. އެއީ ކުރީގެ ރައީސަކަށް ފޯރުކޮށްދޭންޖެހޭ ސެކިއުރިޓީ ފެއިލްވުމެކެވެ. އެ ވާހަކަ އިނގިރޭސި ނޫސްތަކަށްވެސް އަރާންޖެހޭނެއެވެ. ނަމަވެސް ދިވެހި އޮންލައިން ނޫސްތައް ފިޔަވައި އެހެން ނޫހެއްގައި އެ ވާހަކަ އޮތް ތަނެއް އަދި ނުފެނެއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ.

ޔަގީނުން ވެސް އެނގޭ އެއްޗަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ ފޯނު ފޭރިގަތް މައްސަލަ އިނގިރޭސި ފުލުހުން ވެސް ބަލާނެ ކަމެވެ. ނުވަތަ ބަލަންޖެހޭނެ ކަމެވެ. އަދި އެކަން ބަލަން ދިވެހި ސަރުކާރުން ލަންޑަންގައި އެދެންޖެހޭނެ ވެސް ކަމެވެ. ލަންޑަނަކީ ދުނިޔޭގައި އެންމެ ކުރިއަރައިފައިވާ ސިޓީތަކުގެ ތެރޭގައި ހިމެނޭ ތަނަކަށްވާއިރު، ސީ.ސީ ކެމެރާތައް ވެސް އެތަނުގައި ލައްކަ ގިނަވާނެއެވެ. ވީއިރު ފޯނު ފޭރިގަނެގެން، އެ މީހާ ދުވެގޮސް ފިލަން ވަން ތަނެއްވެސް ވަރަށް ރަނގަޅަށް ހޯދޭނެއެވެ.

ހަމަ ގައިމުގެ ވެސް، ލަންޑަންގައި ހުންނެވި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ ފޯނު ފޭރިގަތް މައްސަލައިގައި އެކަން ކުށްވެރިކޮށް، ނުވަތަ އެ މައްސަލަ ތަހުގީކުރުމަށް ގޮވާލައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް، އަދި ލަންޑަންގައި ހުންނަވާ ދިވެހި ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވެސް މިހާތަނަށް އެއްވެސް ޓްވީޓެއް ކުރައްވައިފައެއް ނުވެއެވެ. (ޓްވިޓަރގައި "ނަޝީދު ފޯން" ޖެހީމާ ފެންނަނީ "އެކިއެކި ގުނަވަންތައް ވަކިވަކިން ހޭލާނޭ" ނަޝީދު ވިދާޅުވެ މާރިޔާ ދީދީއާ ފޮށިވަޑައިގަންނަވާ އޯޑިއޯއެކެވެ.)

ނަޝީދުގެ މިޒާޖާއި، އެ މަނިކުފާނު މިހާތަނަށް ކުޅުއްވައިފައިވާ ޝައުގުން ފުރިފައިވާ ޑްރާމާތަކަށް ބަލާއިރު، ނަޝީދުގެ ފޯނު ފޭރިގަނެގެން މީހަކު ފިލިކަމަށް ބުނާ ބުނުމުގެ ފަހަތުގައި އެތައްއެތައް ކަމެއް ފޮރުވިފައި އޮވެދާނެ ކަމަށް، މި ކަހަލަ ކަންކަމުގެ ހަގީގަތް ދަންނަ ބައެއް މީހުން ބުނެއެވެ. ނަމަވެސް މިއީން އެއްވެސް ކަމަކީ ކުޑަވެސް ޔަގީން ކަށަވަރުކަމެއް ނެތް، އެހެނަސް ވެދާނެ ކަމަށް ލަފާކުރެވޭ ގޮތްތަކެކެވެ.

ވެދާނެ ގޮތް- 1

އާއިލާއާއެކު ލަންޑަންގައި ހޭދަކުރެއްވި ޗުއްޓީ ނިންމަވައިލެއްވުމަށްފަހު ނަޝީދު ވަރަށް އަވަހަށް މާލެ ވަޑައިގަންނަވާނެއެވެ. ނަމަވެސް ރައީސް ސޯލިހާ މެދު ކުރެއްވި ދަށުރަދައިގެ ތުހުމަތުގެ ސަބަބުން، އަމުދުން އެކަމުގައި ހަގީގަތެއް ނެތްކަން ރައީސް ސޯލިހަށް ކަށަވަރުވާ ނަމަ، އެކަމުގެ ތަހުގީގެއް ފުލުހުން ލައްވާ ކުރައްވައި، ރައްޔިތުންގެ ކުރިމަތީގައި ވެސް އަބުރުފުޅު ސަލާމަތްކުރައްވަން ރައީސް ސޯލިހު ބޭނުންފުޅު ވާނެއެވެ. ނަޝީދުގެ "މުރައިދޫގޭ ގަނޑުވަރަ"ށް ފުލުހުން ވަންނަން މަސައްކަތްކުރި ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. އެހެންކަމުން ނަޝީދު މާލެ ފައިބައިވަޑައިގަންނަވާ ތަނުން ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައިފާނެއެވެ. އަދި އެ މަނިކުފާނުގެ ފޯނު، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓާވެސްފާނެއެވެ. ނަމަވެސް، ފޯނު ފޭރިގަތް ސުރުހީ ކުރިން ނޫސްތަކަށް ނާރުވައި، "ފޯނެއް ނެތޭ، ފޯނު ގެއްލިއްޖެއޭ" ނަޝީދަށް ވިދާޅެއްނުވެވޭނެއެވެ. (ރައީސް ޔާމީނުގެ ވެރިކަމުގެ ފަހުކޮޅުގައި ބޭބެ ރައީސް މައުމޫން ޖަލަށް ލެއްވީވެސް ފޯނު ނުދެއްކެވުމުން ކަމަށް ވެއެވެ. "ހިބަރުވަދު އަމުރާ" ގުޅޭ މައުލޫމާތު ހުރީ އެ ފޯނުގައި ކަމަށް ވެއެވެ.)

ބައްޕަގެ ފޯނު ފޭރިގަތް ކަމަށް ވިދާޅުވެ ނަޝީދުގެ ދަރިކަނބަލުން މެސެޖް ކުރެއްވީ، އެގޮތަށް އީވާއަށް މެސެޖެއް ކޮށްލަން ބައްޕަ ވިދާޅުވެގެން ކަމަށް ވެސް ވެދާނެއެވެ. ނޫން ނަމަ، ގާތް ރައްޓެއްސަކު ލައްވާ އެކަމަނާގެ ކުރިމަތީގައި އެކަހަލަ ޑްރާމާއެއް ރެސްޓޯރަންޓްތެރޭގައި ކުޅުއްވީ ކަމަށް ވެސް ވެދާނެއެވެ.

"ނަޝީދުގެ މިޒާޖުފުޅު ހުންނަ ގޮތުން، އެ މަނިކުފާނުގެ ފޯނު ފޭރިގަނެގެން މީހަކު ދާއިރު ބަލަހައްޓަވައިގެން އެމަނިކުފާނު ނުހުންނަވާނެ. އެމީހެއް ފަހަތުން ދުވެވަޑައިގެން، ފޯނު އަތުލައްވާނެކަން ޔަގީން. އެ މީހާ ސަލާމަތެއް ނުވާނެ،" ނަޝީދުގެ މިޒާޖު ދަންނަ މީހަކު ބުންޏެވެ.

ރާއްޖެ ވަޑައިގަންނަވާ ތަނުން ފުލުހުން ފޯނު އަތުލަފާނެތީ ނަޝީދު ފޯނު ބަދަލުކުރެއްވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ފުލުހުންނަށް ފޯނެއް ލިބިއްޖެ ނަމަ، ޑިލީޓްކޮށްފައި ހުންނަ މެސެޖްތަކާއި ފޮޓޯތަކަށް ދާންދެން ވެސް އެ މީހުން ހޯދައިގަންނާނެކަން ނަޝީދަށް އެނގިވަޑައިގަންނަވާނެތީއެވެ.

އެހެންވެ ފޯނު ފޭރިގަތް ކަމަށް ފެތުރި ޚަބަރަކީ ރައީސް ސޯލިހު ދެކެ ބިރުން ނަޝީދު ކުޅުއްވި ޑްރާމާއެއް ކަމަށް ވެދާނެއެވެ.

ވެދާނެ ގޮތް- 2

ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އެހާ ބޮޑު އިލްޒާމެއް ނަޝީދު އަޅުއްވައިފައިވާތީ، އެކަމުގެ ސިއްރު ހޯދުމަށް އިންޑިއާ، އެމެރިކާ، އިޒްރޭލް ނުވަތަ އިނގިރޭސި ޖާސޫސުން ރާވައިގެން ފޯނު ދަމައިގަތުމުގެ ފުރުސަތު ވެސް އެބައޮތެވެ. (އެއީ ކޮންމެހެން ދިވެހި ސިއްރު ފުލުހުންގެ އިޝާރާތަކަށޭ ދަންނަވާކަށް ނެތީމެވެ.) ނަޝީދުގެ ފޯނު ފޭރިގަތް ހާދިސާ ހިނގީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސް ސޯލިހު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގައި ހުންނަވަނިކޮށް ކަމަށްވުން އެއީ ކޮންކަހަލަ އިއްތިފާގެއް ކަމެއް ނޭނގެއެވެ.

އެހެންވެ ނަޝީދުގެ ފޯނު ފޭރިގަތީ އިންޑިއާ، އެމެރިކާ، އިޒްރޭލް ނުވަތަ އިނގިރޭސި ޖާސޫސުންގެ ބަޔަކު ކަމަށް ވެސް ވެދާނެއެވެ.

ވެދާނެ ގޮތް- 3

ނަޝީދުގެ ފޯނު ފޭރިގަތީ ރައީސް ސޯލިހުގެ ވިޔާނުދާ ފޮޓޯތަކެއް ހުރީތީ، ދިވެހި ސިއްރު ފުލުހުން އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް ދައްކަންވެގެން، ނަޝީދު ކުރެއްވި ކަމަކަށް ވެސް ވެދާނެއެވެ. އޭރުން، ރައީސް ސޯލިހާމެދު ނަޝީދު ކުރެއްވި ތުހުމަތު، ޔަގީނާ ގާތަށް ކަށަވަރުވީއެވެ. "ފޮޓޯތައް ލީކުކޮށްލަފާނެތީ ފޯނުވެސް ފޭރިގަތީއޭ" ބުނުމުގެ ފުރުސަތު ލިބުނީއެވެ. ދެން ހަމަ ގައިމު ވެސް ނަޝީދަކަށް އެ ފޮޓޯތައް ދައްކަވާކަށް ޖެހިވަޑައެއްނުގަންނަވާނެއެވެ.

އެހެންވެ ފޯނު ފޭރިގަތް ކަމަށް ފެތުރި ޚަބަރަކީ ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އެކަން އެޅުވުމަށް ނަޝީދު ކުޅުއްވި ޑްރާމާއެއް ކަމަށް ވެސް ވެދާނެއެވެ.

މި ޑްރާމާގެ އިތުރު އެޕިސޯޑުތަކަށް އިންތިޒާރުކުރާ މީހުން ތިބީ ކެތްމަދުވެފައެވެ. ފޯނަށް ބަލަހައްޓައިގެންނެވެ. އެކަމަކު ދެން ތިބެންވާނީ ފޯނު ފޭރިގެންފާނެތީ ވިސްނައިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
6221

6 Responses

  1. ރައީސް ނަޝީދަށް އެ ފޮޓޯތައް ފޮނުވި މީހާ ހޯދަންޖެހޭ އޭރުން ތީގެ ތެދު ދޮގު ހޯދޭނީ

  2. ފޯނު ގެއްލުމުން ފޯނުގަހުންނަ ފޮޓޯތައް ގެއްލިގެންދާ ޒަމާނެއް ނޫންމީކީ. ގޫގަލް ފޮޓޯސް ގަ އޮޓޯއިން ވަގުތުންވަގުތައް ސޭވް ވަމުންދާނީ.

  3. މަޖިލިސްގެ ރަސްމީ ދަތުރެއްގައި އެފްރިކާ ބައްރުގައި އޮންނަ ސީޝެލް ކިޔާ ޤައުމަކަށް ދިޔަ ބޭފުޅަކު ކުއްލިއަކަށް ޔޫރަޕް ބައްރުގެ އިގިރޭސިވިލާތުގެ ލަންޑަނުގެ ރެސްޓޯރެންޓެއްގައި ފޯނާއިކުޅެން ހުއްޓާ ފެނުނު މާރީތި ފޮޓޯއެއް ފެނިގެން އެފޯން ކާޅެއް ޖަހައިގަތީޔޯ 😀

  4. ޥެދާނެގޮތް 4: އެހެންމީހަކަށް ފޯނު ދިނީ ކަމަށް ވެދާނެ
    ފޮޓޯތަކެއް ހުރި ނަމަ އެމީހާ ފޮޓޯތައް ލީކް ކުރާގޮތަށް އޭރުން ނަޝީދު ލީކް ކުރީ ކަމަކަށް ނުވާނެތާ!

  5. ފޯނު ގެއްލުނުކަމުގައި ވީނަމަވެސް ފޮޓޯ ފޮނުވި މީހަކީވެސް ކުށެއް ކޮށްގެން ހުރި މީހެއްނު. އެމީކުވެސް ނަޝީދަށް އެނގިލައްވާނެނޫންތަ؟ މިހާރު މީ މަސްދަރާ ކޮއްތުދަރުވެސް ހޯދިގޮތެއް ބުނެދެންޖެހޭ ޒަމާނެއްވިއްޔަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *