...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ވަހުމު

އެވޭލޭ ޒަމާނުގެ ޔޫނާނުގެ ފަލްސަފާވެރިއެއްގެ ގެއަށް ދަނޑުވެރިކަން ކުރާ މީހަކު ދިޔައެވެ. އެ ވަގުތަކީ މެންދުރުގެ ކެއުމުގެ ވަގުތެވެ. އެހެންވެ، ފަލްސަފާވެރިޔާ ދަނޑުވެރިޔާއަށް މެންދުރު ކެއުމުގައި ބައިވެރިވުމަށް ދައުވަތު ދިނެވެ.

ދަނޑުވެރިޔާ ވަރަށް ޝުކުރުވެރިވެ، މެންދުރު ކެއުމުގައި ބައިވެރިވިއެވެ. މެންދުރު ކެއުމަށް ތައްޔާރުކޮށްފައި ހުރި ކުކުޅު ސުރުވާ ތަށި ބޮމުން ދިޔައިރު، ދަނޑުވެރިޔާއަށް ފާހަގަކުރެވުނީ ސުރުވާ ތަށީތެރޭ ކުޑަ ވަރެއްގެ ހަރުފައެއް އޮތް ކަމެވެ. ނަމަވެސް، އެއްޗެކޭ ނުބުނެ ސުރުވާ ތަށި ބޯލިއެވެ.

ކޮންމެއަކަސް، ދަނޑުވެރިޔާ އެނބުރި ގެއަށް ދިޔުމުން ވެސް، ސުރުވާ ތަށިން ފެނުނު ހަރުފަމަތިން ހަނދާން ނައްތާލެވޭ ގޮތެއް ނުވިއެވެ. ދެން، އިރުއޮއްސި ނިދަން އޮށޯތް ތަނުން، ބަނޑުގައި ރިއްސަން ވެސް ފެށިއެވެ. ދަނޑުވެރިޔާއަށް ގަބޫލުކުރެވުނީ ބަނޑުގައި ރިއްސަނީ ސުރުވާ ތަށިން ފެނުނު ހަރުފައިގެ ވިހައިގެ ސަބަބުން ކަމަށެވެ.

އަނެއް ދުވަހު ހެނދުނު ތެދުވެގެން، ފަލްސަފާވެރިއާގެ ގެއަށް ދާން ނިންމިއެވެ. ސުރުވާ ތަށިން ފެނުނު ހަރުފައިގެ ވާހަކައާއި އަދި އެ ސުރުވާ ބުއިމުގެ ސަބަބުން ބަނޑުގައި ރިއްސާ ވާހަކަ ވެސް ބުނެ، ބޭހެއް ހޯދުމުގެ ބޭނުމުގައެވެ.

ދަނޑުވެރިޔާގެ ވާހަކަތައް އަޑުއަހާފައި، ފަލްސަފާވެރިޔާ ބުންޏެވެ. އިނބައަށް ހަރުފައެއްގެ ގޮތުގައި ސުރުވާ ތަށިން އެ ފެނުނީ ތަށީ ތެރޭ އޮތް ހަރުފައެއް ނޫނެވެ. މަތީގައި ފަންގިފިލާގައި ކުރަހާފައި އޮތް ހަރުފައެއްގެ ސޫރައިގެ ހިޔަނި ތައްޓަށް އެޅިފައިވާ މަންޒަރެވެ. އަދިވެސް ބުންޏެވެ. ހަރުފަ އޮތީ އިނބަ ބުއި ސަރުވާ ތަށީގެ ތެރެއަކު ނޫނެވެ. އިނބަގެ ސިކުނޑިގެ ތެރޭގައެވެ. ކޮންމެއަކަސް އެ ހިސާބުން، ދަނޑުވެރިޔާގެ ބަނޑުގައި ރިއްސުން ވެސް ކެނޑުނެވެ.

އާދެ، ވަރަށް ގިނަ ފަހަރު، ހިތުގެ ތެރޭގައި އުފެދޭ ޝައްކާއި ވަހުމާއި ކުށްހީތަކަކީ ސިއްހަތަށް ވެސް ގެއްލުންދޭ ކަންކަމަށް ވެދެއެވެ. އިހުގެ މަޝްހޫރު ބޭސްވެރިއެއް ކަމުގައިވާ އިބްނު ސީނާ ބުނެފައި އޮވެއެވެ. "ބަލީގެ ދެބައިކުޅައެއްބައަކީ ވަހުމެވެ. ހިތްހަމަޖެހި ދިޔުމަކީ ފަރުވާގެ ދެބައިކުޅަ އެއްބައެވެ. ކެތްތެރިކަމަކީ ޝިފާ ލިބުމުގެ މަގުގައި އެޅޭ ފުރަތަމަ ފިޔަވަޅެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.