Support Us

ކޮލަމް ކޯދު: ޒުހައިރު ބިން އަބީ ސުލްމާގެ ހޮވާލެވިފައިވާ ހިކުމަތުގެ ބަސްކޮޅެއް

ޒުހައިރު ބިން އަބީ ސުލްމާ އަކީ ޖާހިލީ ޒަމާނުގެ އަރަބި ޝާއިރެކެވެ. މީލާދީ ސަނަތުން ހަވަނަ ގަރުނާއި ހަތްވަނަ ގަރުނުގައި އުޅުއްވި ޝާއިރެެކެވެ. އަވަހާރަވީ މީލާދީ ސަނަތުން 609 ވަނަ އަހަރުއެވެ. އިސްލާން ދީނައިގެން ކީރިތި ރަސޫލާ ވަޑައިގަތުމުގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

ޒުހައިރު ބިން އަބީ ސުލްމާއަކީ އަރަބި ޖާހީލީ ޅެންވެރިންގެ އެންމެ ބޮޑު ތިން ޝާއިރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އަނެއް ދެ ޅެންވެރިންނަކީ އިމްރުއުލް ޤައިސްއާއި އައްނާބިޣާ އައްޛުބްޔާނީއެވެ.

ޒުހައިރުގެ ދަރިކަލުން ކައުބު ބިން ޒުހައިރަކީ ވެސް މޮޅު ޅެންވެރިޔެވެ. އޭނާގެ ޅެންތައް ކީރިތި ރަސޫލާއަށް އިިއްވި ޅެންވެރިޔެކެވެ. ޒުހައިރު މަޝްހޫރުވެފައިވަނީ ޅެންވެރިންގެ ހަކީމުގެ ގޮތުގައެވެ. އާދެ، ހިކުމަތުގެ ޅެން ލިޔުއްވި ޅެންވެރިޔެއްގެ ގޮތުގައެވެ. ޒުހަރު ޅެން ހައްދަވައި ޅެންތައް އިސްލާހުކުރައްވައި ރީތި ކުރެއްވުމުގައި އަހަރެއްހާ ދުވަސް ނަންގަވާ ކަމަށް ވެއެވެ. އެހެންވެ، އޭނާގެ ޅެންތަކަށް ހައުލިއްޔާތޭ ނުވަތަ އަހަރީ ޅެންތަކޭ ކިޔެއެވެ. އޭނާގެ ޅެންތަކުގެ ތެރެއިން ޅެމެއް މުއައްލަގާތުގެ ތެރޭގައި ހިމެނެއެވެ. އެއީ ޖާހިލީ ޒަމާނުގައި މޮޅު ޅެންތައްކަމުގައި ބެލެވި ކައުބާގައި އެލުވުނު ޅެންތަކެވެ. ތިރީގައިވާ ބައިތުކޮޅު ނެގިފައިވަނީ ޒުހައިރުގެ މުއައްލަގާތުންނެވެ.

  1. وأعلم مافي اليوم والأمس قبله * ولكنني عن علم ما في غد عم

މިއަދުވާ ކަންތައްތަކާއި އިއްޔެވީ ކަންތައްތައް ކިޔައިދޭން އަހަންނަށް އެނގިދާނެއެވެ. ނަމަވެސް، މާދާމާ ވާނޭ ކަންތައްތަކުގެ ޚަބަރު އަހަންނަށް ފެނި، އެނގިގެން ނުވެއެވެ.

މާޒީވެ ދިޔަ ކަންތައްތަކާއި މިހާރު ހިނގަމުންދާ ކަންތައްތަކުގެ ވާހަކަ އިންސާނާއަށް ބުނެދެވިދާނެއެވެ. ނަމަވެސް، ޣައިބުގައި ފޮރުވިފައިވާ ކަންތައްތައް އިންސާނުންނަކަށް ނޭނގެއެވެ. އޭނާ ކުރިއަށް އޮތްތާގައި ކުރިމަތިލާން ޖެހޭނީ ކޮންކޮން ކަންތައްތަކާ ކަމެއް އޭނާއަށް ބުނެދޭކަށް ނޭނގޭނެއެވެ.

  1. ومهما يكن عند امرئ من خليقة * وإن خالها يخفى على الناس تعلم

މީހެއްގެ ކިބައިގައި ނުބައި ސިފައެއް ނުވަތަ ސިފަތަކެއް ހުރެ، އެކަން އޮތީ ފޮރުވިފައި ކަމަށް ހީކުރި ނަމަވެސް، އެކަން ކޮންމެ ވެސް ދުވަހަކުން އެންމެނަށް ވެސް އެނގި ފާޅުވާނެއެވެ.

އާދެ، ތިމާގެ ކިބައިގައ ނުބައި ސިފައެއް ހުރެ. ކިތަންމެ ވަރަކަށް އެކަން ފޮރުވައިގެން އުޅުނަސް، އެކަން ފަޅާއަރާނޭ ދުވަހެއް އަންނާނެއެވެ. މިސާލަކަށް އަމާނާތެއް ހަވާލުކުރެވިފައިވާ މީހަކު އެ އަމާނާތަށް ޚިޔާނަތްތެރިވެ، އެކަން ފޮރުވުނީ ކަމުގައި ހީކޮށްގެން، ދުވަސް ކޮޅަކު ހުރެވުނަސް، އެކަން ފަޅާއަރާނޭ ދުވަހެއް އަންނާނެއެވެ.

  1. وكائن ترى من صامت لك معجب * زيادته أو نقصه في التكلم

މީހަކަށް ހަނުހުރި މީހަކު ފެނީ، އޭނާއަކީ މޮޅު މީހެއް ކަމުގައި ބެލެވި) އޭނާއާ މެދު ގަޔާވެ، އޭނާ ކަމުހިނގައިދާނެއެވެ. (ނަމަވެސް، ހަނދާންކޮށްލަން ޖެހެނީ) މީހާގެ މޮޅުކަމާއި ދެރަކަން، އިތުރުކަމާއި އުނިކަން، އެނގި ފާޅުވަނީ އޭނާ ދައްކާ ވާހަކައިންނެވެ. (އޭނާ ހަނުހުންނަ ހުރުމަކުން ނޫނެވެ.)

ބައެއް ފަހަރު، އެއްވެސް އެއްޗެއް ނުބުނެ، މަޑު މަޑުން ހުންނަ މީހަކީ ބުއްދިވެރިއެއް ކަމުގައި ބެލެވިދާނެއެވެ. ނަމަވެސް، މީހާގެ ހަގީގަތް، އޭނާގެ ސިކުނޑިގެ ހުރި ނަމަ ހުރި ތެތް ކަމެއް ފާޅުވެ، އެނގިގެން ދަނީ އޭނާ އެއްޗެއް ބުނުމުންނެވެ. އިހުގެ ފަލްސަފާވެރިޔަކު ބުނެފައިވާ ފަދައިންނެވެ. "އެއްޗެއް ބުނެބަލާށެވެ! އަހަންނަށް ކަލޭ ފެންނާނީ އޭރުންނެވެ!"

  1. لسان الفتى نصف ونصف فؤاده * فلم يبق إلا صورة اللحم والدم

އިންސާނާގެ ދެބައި ކުޅަ އެއްބަޔަކީ އޭނާގެ ދުލެވެ. އަނެއް ބައަކީ އޭނާގެ ހިތެވެ. ދެން، މަހާއި ލޭ ނޫން އެހެން އެއްޗެއް އޭނާގެ ކިބައިގައި ނުވެއެވެ.

އިންސާނާއަކީ ކާކުކަން އަންގައި ދެނީ ދެކަމެކެވެ. އޭނާގެ ދުލާއި އޭނާގެ ހިތެވެ. އޭނާގެ ހިތަކީ – އޭގެ އެންމެ ފުޅާ މާނައިގައި – އޭނާގެ ހުރިހާ އިހުސާސުތަކާއި ޝުއޫރުތަކާއި ފިކުރުތަކުގެ މަރުކަޒެވެ. ދުލަކީ އެ މަރުކަޒުގެ ވާހަކަތައް، އެ ވާހަކަތައް ބިނާވަނީ އިހުސާސުތަކާއި ޝުއޫރުތަކުގެ މައްޗަށް ކަމަށް ވިޔަސް ނޫނީ ވިސްނުމުގެ މައްޗަށް ބިނާވާ ފިކުރުތަކާއި ޚިޔާލާތުތަކުގެ މައްޗަށް ވިޔަސް، ބޭރަށް ނެރެ ހާމަކޮށްދޭ އާލަތެވެ. ދެން، ބާކީ އިންސާނައިގެ ކިބައިގައިވަނީ ލެޔާއި މަހެވެ. އިންސާނާ އެހެން މީހުންނާ ތަފާތުކޮށްދެނީ އޭނާގެ ހިތުގެ އިހުސާސުތަކާއި ޝުއޫރުތައް އަދި ފިކުރުތަކާއި ޚިޔާލުތަކާއި މިކަންކަން ބަޔާންކޮށްދޭ އޭނަގެ ދުލުގެ ކުޅަދާނަ ކަމެވެ. އޭނޭގެ ކިބައިގައި ވާ މަހާއި ލެޔެއް ނޫނެވެ.

  1. وإن سفاه الشيخ لا حلم بعده * وإن الفتى بعد السفاهة يحلم

މުސްކުޅިވާ ދުވަހު، މުސްކުޅިޔާގެ މޮޔަކަން ފިލައި، އޭނާގެ އަޚުލާގެ ރަނގަޅު ނުވެއްޖެ ނަމަ، ދެން އޭނާ ހޭޖެހި އޭނާގެ އަޚުލާގު ރަނގަޅު ވާނޭ ދުވަހެއް ނާންނާނެއެވެ. ނަމަވެސް ޒުވާނާ، އޭނާގެ މޮޔަކަން ނުފިލައި އަދި އޭނާގެ އަޚުލާގު ރަނގަޅު ނުވިޔަސް، ފަހުން އޭނާގެ މޮޔަކަން ފިލައި އަޚުލާގު ރަނގަޅުވެދާނެއެވެ.

ޒުވާން، ޝަބާބުގެ ދުވަސް ވަރު، މޮޔަ ސޭކުކަންތައް ކުރެވިދާނެއެވެ. ނަމަވެސް، ދުވަސްވެ، ހަރުވުމުން، އެފަދަ ކަންކަމީ މޮޔަކަންކަމުގައި ވިސްނި، އެފަދަ ކަންކަމާ ދުރުވެ، ޒުވާނާ ހޭޖެހޭ ގޮތް ވެއެވެ. ނަމަވެސް، މުސްކުޅިވާ ދުވަހު ވެސް، އިންސާނާ ހޭވެރި ނުވެއްޖެ ނަމަ، ދެން އޭނާ ހޭވެރިވާނޭ ދުވަހެއް ނާންނާނެއެވެ.