Support Us

ކޮލަމް މާޒީ: ޗައިނާ މީހުންގެ "ނިދިބޮޅު"

ޗައިނާ މީހުން އިސްކޫލް ދައުރުން ފެށިގެން، އިސްކޫލާއި މަސައްކަތުގެ މާޙައުލުގައި ވެސް މެންދުރު ކެއުމަށް ފަހު ކުޑަކޮށް ނިދައިލައި އަރާމުކޮށްލުމަށް ޓަކައި ހުސް ވަގުތުކޮޅެއް ހޭދަކޮށްލުމަކީ އެބައިމީހުންގެ އާދައެއްކަމަށް ބުނެވެއެވެ. މެންދުރު ހުސް ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ވަރަށް ސައެންސީ ކަމެއްކަމަށް ބުނެވެއެވެ. ހުސް ވަގުތުކޮޅެކޭ މި ދެންނެވީ ބަރާބަރު މެންދުރު ޖެހޭ ވަގުތާއި އަސުރުވަގުތާ ދެމެދުގައި އަރާމުކޮށްލާން ހޭދަކުރާ ވަގުތުކޮޅަކަށެވެ. މި ވަގުތުކޮޅު މަދުވެގެން 15 މިނިޓަށް ނުވަތަ ގިނަވެގެން ގަޑި ދެ ގަޑިއިރަށް ދެމިގެން ހިނގައިދާނެއެވެ.

އޭޝިއާ ސަރަހައްދުގެ މީހުންގެ ޢާންމު ކާނާއެއްގެ ގޮތުން އާންމުކޮށް ބޭނުންކުރަނީ ހަނޑުލާއި ގޮދަން ފާޑުގެ ކާބޯހައިޑްރޭޓް ގިނައިން ލިބޭ ބާވަތްބާވަތުގެ ކާނާގެ ބާވަތްތަކެވެ. އެހެންކަމުން މެންދުރު މި ފަދަ ކާނަ ކެއުމުން އެއާ ގުޅިގެން އަންނަ ވަގުތުތަކުގައި ހަށިގަނޑުގެ ލޭގައި ހަކުރު (ނުވަތަ ގުލުކޯޒު)ގެ މިންވަރު ކުއްލިއަކަށް އިތުރުވާނެއެވެ. ނަތީޖާއެއްގެ ގޮތުން މެންދުރު ކެއުމަށް ފަހު ނިދި އަންނަ ގޮތް ވާނެއެވެ.

އޭޝިއާ ސަރަހައްދުގައި އާންމު ގޮތެއްގައި މި އަންނަ ދެ މޫސުމުގެ އާބުހަވާ ހުންނަ ގޮތުން މެންދުރު ވަގުތަކީ ހޫނު އެންމެ ގަދަވާ ވަގުތެވެ. އެހެންކަމުން މެންދުރު ދަޅައިގައި ކުޑަކޮށް ނިދައިލުމަކީ މި ހޫނުން ސަލާމަތްކޮށްދޭނެ ކަމެކެވެ.

ކާބޯހައިޑްރޭޓް ނުވަތަ ތަތްކަން ހުންނަ (ފުށް ހުންނަ ޒާތުގެ) ކާނާ އެމެރިކާއާއި ވިލާތު މީހުންގެ މެންދުރު ކޮއްތުގައި ހިމެނޭ މިންވަރު އޭޝިއާގެ ގައުމުތަކާ އަޅައި ބަލާއިރު، ވަރަށް ބޮޑަށް މަދުވާނެއެވެ. ޗައިނާގައި އިސްކޫލް ކުދީން އިސްކޫލަށް ދާ ގަޑިއަށް ވުރެ މާ އަވަހަށް އެމެރިކާއާއި ވިލާތު ސަރަހައްދުގައި އިސްކޫލަށް ދާން ނައްޓައިލާނެއެވެ. އަދި އޮފީސްތަކަށް ދާ މީހުން ވެސް އޮފީސްތަކަށް ދާ ގަޑި ވެސް ޗައިނާގައި އޮފީސްތަކަށް ދާ ގަޑިއަށްވުރެ އަވަސްވާނެއެވެ. ވީމާ އޮފީސް ނިމޭ ގަޑި ވެސް އަވަސްވާނެއެވެ. އެހެންވީމާ މެންރުރު އަރާމުކޮށްލައި "ނިދިބޮޅެއް ޖަހައިލާން" ޗައިނާ މީހުން ބޭނުން ވިޔަސް ވިލާތާއި އެމެރިކާގައި މި ކަމުގެ މުހުތާދެއް ނޯންނަކަމަށް ބުނެވެއެވެ.

އެހެންކަމުން އިސްކޫލް ކުދީންނާއި ވަޒީފާތަކުގައި އުޅޭ މީހުންނަށް ވެސް އިސްކޫލާއި އޮފީސްތަކުގައި މި ވަގުތުކޮޅު ހޭދަކޮށްލާނެ ފުރުޞަތު ފަހިކޮށްދޭކަމަށްވެއެވެ. މިކަމުގެ ސަބަބުން ސިކުނޑިއަށް އަރާމު ލިބި ކިޔެވުމާއިގެން ރަނގަޅަށް ކުރިއަށް ދެވޭނެކަމަށްވެއެވެ. އަދި އޮފީސްތަކުގެ މުއައްޒިފުންގެ މަސައްކަތަށް ވެސް ހަލުވިކަމެއް އަންނާނެ ކަމަށް ބެލެވެއެވެ.

މެންދުރު ކެއުމަށްފަހު އަރާމުކޮށްލައި ކުޑަކޮށް ނިދައިލާން ވަގުކޮޅެއް ދިނުމަކީ ސައެންސީ ސަބަބުތަކެއް އެކަމުގައި އެކުލެވޭ ކަމެއްކަމަށް މި ކަމުގެ މާހިރުން ބުނެއެވެ. ޗައިނާގައި ސްކޫލްތަކާއި އޮފީސްތަކުގައި ދަރިވަރުންނާއި މުވައްޒަފުންނަށް މި ފުރުޞަތު ފަހިކޮށްދީފައިވަނީ އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށާއި މުވައްޒަފުންގެ މަސައްކަތަށް ފަހިކަމެއް އަންނާނެތީކަމަށް ބެލެވެއެވެ. ނަމަވެސް އަޅުގަނޑު ޗައިނާގައި ހޭދަކުރި 12 ވަރަކަށް ދުވަހުގެ ތެރޭގައި މި ފަދަ ކަމެއް ފާހަގަކުރެވިފައެއް ނެތެވެ. ނަމަވެސް ޅަފަތުއްސުރެ ޗައިނާގައި އޮންނަ އާދައެއްކަމަށް ބުނެވެއެވެ. އަދި މިއީ ކިންޑަރގާޓްންގެ ދުވަސްވަރުން ފެށިގެން ޗައިނާގައި ގެންގުޅޭ ސަގާފަތެއް ކަމަށް ވެސް ބުނެވެއެވެ.

މެންދުރު ނިދައިލައި އަރާމުކޮށްލާން ފުރުޞަތު ފަހިކޮށްދެނީ އެ ވަގުތުކޮޅު ގެޔަށް ދާކަށް ނޫނެވެ. ދަރިވަރުން އެ ވަގުތު އަރާމުކޮށްލަނީ އިސްކޫލުގައި އެ ކުއްޖަކު އިންނަ ގޮނޑިއެއްގައި ނުވަތަ ޑެސްކު ދަށުގައެވެ. އޮފީހުގައި ވެސް މަސައްކަތުގެ މާޙައުލުގައެވެ. މުވައްޒަފުން އޮފީހަށް އަންނަނީ އަދި ދަރިވަރުން އިސްކޫލަށް އަންނަނީ ވަރަށް ދުރު ހިސާބުހިސާބުންކަމަށްވާތީ، މި ގޮތަށް ލިބޭ ހުސްވަގުތުކޮޅުގައި ގެޔަށް ދިޔުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އެހެންނަމަވެސް މި ވަގުތުކޮޅުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފާނަމަ، އެއީ އެ ކަމަށް ޓަކައި ތައުދީބީ ފިޔަވަޅު ވެސް އެޅޭ ކަމެއްކަމަށްވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

One Response

  1. އާޓިކަލްގައި ސުންނަތުގައި ތިކަން އޮންނަށް ގޮތް އަލިއަޅުވާލި ނަމަ ފުރިހަމަވީސް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *