Support Us

ރުހުމުގެ ބަހެއް ނުބުނެވެނީ ހަސަދަވެރިވާތީ…

އަނެކުން ދިރިއުޅުމުގައި އެއްޗެއް ހޯދައިިފިނަމަ "އެއީ ދެން ކޯއްޗެއްހޭ؟ ތިއަށްވުރެ މާސަޅި އެއްޗެހި މިވެނިތަނެއްގައި ހުރެޔޭ" ބުނެލެވެއެވެ. "ތިޔަ ރަނގަޅުވާނީ ހަލާކުވިއްޔާއޭ އެހާ ކޮލިޓީ ދަށް އެއްޗެކޭ، ތިއީ ދެން އެއްވެސް ބޭނުމެއް ނެތް އެއްޗެއްނޫންހޭ؟ އަހަރެންނަމަ ތިޔައަށްވުރެ މާރަނގަޅު މާ މޮޅު އެއްޗެއް ގަންނާނަމޭ" ބުނެވެއެވެ.

މި ކަހަލަ ބަސްތައް ބުނާއިރު ފަހުމްނުވަނީ ހަސަދަވެރިވެވެނީކަމެވެ.

ތުއްތު ދަރިފުޅު ލައްވާ ހެދުމާއި ކުޅޭ ތަކެއްޗާއި، ކާންދޭން ބޭނުންކުރަނީ ކޮން އެއްޗެއްތޯ މަންމަކުރެން އޮޅުންފިލުވާނެއެވެ. ރައްދުގައި އެތަކެތިން މަންފާއެއް ނެތް ކަމާއި އެއީ ދަރިފުޅަށް ގެއްލުން ހުރި އެއްޗެތިކަން ދޭހަވާ ގޮތަށް ވައްބަހުން ޖަހާނެއެވެ. ހަމަ އެހެންމެ އަނެކާގެ ދިރިއުޅުން ގިންތިކޮށް ތިމާގެ ދިރިއުޅުމުގެ ފެންވަރާ އަޅާކިޔައި އަނެކުންގެ ނިކަމެތިކަން ދޭހަވާ ގޮތަށް ބަސްތައް ރައްދުކުރެއެވެ.

އިލްމާއި ފައިސާއާއި ހަސަބާއި ނަސަބު ދިމާވާ ކޮންމެ ފަހަރަކު ބުނެލަދީ ތިމަންނާއީ ރަޙުމަތްތެރިންގެ ތެރޭގައި މާ ފުރިހަމަ މީހެއްކަން ކިޔާލަދެވެއެވެ.

ކިބުރުވެރިކަމާއި ބޮޑާކަމާއެކު އާއިލީ ގުޅުން ފުރިހަމަކަން ސާބިތުކޮށްދޭން އާއިލީ އެއްވުންތަކުގެ ވާހަކަ ދައްކާ ފޮނިކަނޑާލެވެއެވެ. އަނެކުންގެ އާއިލީ ގުޅުމުގެ ކުޑަކަމާއި ޕާޓީތަކާއި ދަތުރު ގޮސް ކުރާ ކަންކަން މިނެކިރާލައެވެ.

އޮފީސް މާޙައުލުގައިވެސް އަނެކުން ރަނގަޅަށް ކަމެއް ކޮށްފިއްޔާ ތީ ދެން އެންމެންނަށްވެސް ކުރަން އެނގޭ ކަމެއްނޫންހޭ ބުނެ ހާއްސަކަމެއް ނޫންކަން ދޭހަކޮށްދޭ ގޮތަށް ބަސްބަސް ބުނެއެވެ.

ހަނދާން ނެތެނީ ހަސަދަވެރިކަމަކީ ހަމައެކަނި ރުޅިއާއި ނަފްރަތުގެ ބަސް ބުނުން ނޫންކަމެވެ. ގަސްތުގައި ކުރާ ކަންކަން ކަމުނުދާ ކަމަށް ދެއްކުމާއި އަނެކުންނަކީ ދެރަ ބައެއްކަން ދޭހަވާ ފަދަ މޭރުމުން ބަސްބުނެ ދެއްކުންތެރިކަމަކީވެސް ހަމަ ހަސަދަވެރިކަމެވެ.

އޮތީ ތެދުވެރިކަމާއެކު އަނެކުންނަށްޓަކައި ހިތްސާފުކުރުމެވެ. ސާފު ހިތެއްގެ ވެރިއަކަށް އަނެކުންނަށް ދެރައެއް ލިބުމަށް އަދި ކަންދެއްކުމުގެ ގޮތުންވެސް ބަހެއް ބުނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *