Support Us

ކޮލަމް ކޯދު: ޑިކްޓޭޓަރުންގެ ބައެއް ބުނުންތަކާއި އިތުރުކޮށްލުމެއް

ތިރީގައި މި ވަނީ ޑިކްޓޭޓަރުންގެ ބައެއް ބުނުންތަކާއި އިތުރުކޮށްލުމެކެވެ.

  1. ދޮގު ހަދާއިރު ވީހާ ވެސް ބޮޑު ދޮގެއް ހެދޭތޯ ބަލާށެވެ. އަދި، ވަރަށް ވެސް ސާދާކޮށް، އެންމެނަށް ވިސްނޭނޭހެން އެ ދޮގު ބުނާށެވެ. ދެން، އެ ދޮގު ތަކުރާރުކޮށް ކިޔަމުންދާށެވެ. އެންމެފަހުން މީސްތަކުން އެއީ ތެދެއް ކަމުގައި ބަލައި، އެކަން ގަބޫލުކުރާނެއެވެ.

މިއީ ޖަރުމަނުގެ ޑިކްޓޭޓަރު ހިޓުލަރަށް ނިސްބަތްކުރެވޭ ބަހެކެވެ. ވަރަށް ގިނަ ފަހަރު ކަން ހިނގާ ގޮތް ވެސް މެއެވެ. ނަމަވެސް، މާ ގިނަ ގިނައިން ދޮގު ހަދައި އަބަދުހެން އެންމެން މޮޔަ ހައްދަން އުޅެފި ނަމަ، އެފަދައިން ކަންތައް ކުރާ މީހާގެ ހަގީގަތް ހާމަވާ ގޮތް ވެއެވެ. މިސާލަކަށް ކޮންމެ ކަމެއް ދީނީ ހަރުކަށި ކަމާ ގުޅުވާލަން އުޅެފި ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ފަރުޟު ފަސް ނަމާދު ކުރާ މީހާއަކީ، ރޯދަ މަހު ރޯދަ ހިފާ މީހާއަކީ، ދީނުގައި އެ ކަންކަމާ މެދު އެއްވެސް ޚިޔާލުތަފާތު ވުމެއް ނެތް، ކަނޑައެޅިގެން ހަރާން ކަންކަމީ ހަރާން ކަންކަމޭ ބުނާ ބުނުމާއި މި ހުރިހާ ކަމަކީ ވެސް ދީނީ ހަރުކަށި ފިކުރާ ގުޅޭ ކަމެކޭ ބުނަން ވެއްޖެ ނަމަ، ހަމަ ގަބޫލުކުރާ އެކަކުވެސް އެ ވާހަކައެއް ގަބޫލެއް ނުކުރާނެއެވެ.

  1. މަރަކީ ހުރިހާ ކަމަކަށް ވެސް އޮތް ހައްލެކެވެ. މީހާ ދިރި ނެތުމުން، އޭނާ ދިރި ހުރެގެން ނިކުންނަ މައްސަލަތަކެއް ވެސް ނޯންނާނެއެވެ.

މިއީ ސޮވިއެޓް ޔުނިއަންގެ ލާއިލާހިއްޔަތުގެ ކޮމިޔުނިސްޓު ސަރުކާރުގެ ވެރިޔަކު ކަމުގައިވި ޖޯސެފް އިސްޓާލިންއަށް ނިސްބަތް ކުރެވޭ ވާހަކައެކެވެ. ޖޯސެފް އިސްޓާލިންއަކީ، އެމެރިކާގެ ޓިމޮތީ އިސްނައިޑަރ ފަދަ ބައެއް މުއައްރިޚުން ބަޔާން ކުރާ ގޮތުގައި ހަ މިލިޔަން މީހުން ގަސްދުގައި މަރާލި ޑިކްޓޭޓަރެކެވެ. މިހާ ގިނަ ބަޔަކު މަރާލަން އޭނައަށް ފަސޭހަވީ ކީއްވެ ހެއްޔެވެ؟ ޖަވާބުގައި، އަލީ އަތާއީ ފަދަ އިލްމުވެރިން މި އަމަލު ގުޅުވާލައްވަނީ އެފަދަ ޑިކްޓޭޓަރުންގެ ލާއިލާހިއްޔަތުގެ އަގީދާއަށެވެ. ކަލަކު ވޮޑިގެންނުވާ ކަމުގެ ގަބޫލުކުރުމާއެވެ. ކަލަކު ވޮޑިގެންވުން ގަބޫލު ނުކުރުމުން، އަޚުލާގިއްޔަތަކީ އޮންނަން ޖެހޭނޭ ކަމެއް ނޫނެވެ. އޭރުން، ރަނގަޅު ނުބައި ކަނޑައަޅާލުން އޮންނަނީ އަމިއްލަ އަތްމަތީގައެވެ. ތިމާއަށް ފައިދާ ހުރި ކަމަށްވަންޏާ މީހުން ވެސް މަރަންވީއެވެ. ފަހުން އެކަމާ މެދު މަސްއޫލުވާން ޖެހޭ ދުވަހެއް ނޯންނާނެ ކަމަށް ދެކޭތީއެވެ. އެހެންވެ، ފަރަންސޭސި ފަލްސަފާވެރިޔާ ވޯލްޓައަރ ބުނެފައި އޮވެއެވެ. "ކަލަކު ވޮޑިގެންނުވާ ނަމަ، އަހަރުމެން ކަލަކު އުފައްދަން ޖެހެއެވެ!" އަދި، ރަޝިޔާގެ ލިޔުންތެރިއެއް ކަމަށްވާ ޑޮސްޓޮއެވްސްކީ ބުނެފައި އޮވެއެވެ. "ކަލަކު ވޮޑިގެންނުވާ ނަމަ، ހުރިހާ ކަމެއް ވެސް ހުއްދައެވެ!" އާދެ، އިސްޓާލިން ފަދަ ލާއިލާހިއްޔަތުގެ އަގީދާގެ ޑިކްޓޭޓަރުންނަށް ހަ މިލިޔަން، އަދި ބައެއް އަންދާޒާތަކުގައި ނުވަ މިލިޔަން މީހުން މަރާލުން ކަމަކަށް ނުވީ އެހެންވެއެވެ. ކަލަކު ވޮޑިގެންވާކަން ގަބޫލު ނުކުރުމުން، ކޮންމެ ކަމެއް ކުރުމަކީ ވެސް ހުއްދަކަމަށް ހަދާލެވުނީއެވެ.

ހަމަ އެހެންމެ، ލާއިލާހިއްޔަތުގެ އަގީދާގެ މީހުންނަށް، ކޮންމެ ފަދަ ބަދުއަޚުލާގީ އަމަލެއް ހިންގާލުމަކީ ވެސް އެންމެ ރަނގަޅު ކަމެއް ކަމަށް ހަދާލުން ފަސޭހަވެއެވެ. އަދި، އެފަދަ ކަންކަން ކުރާ ކަމުގެ ތުހުމަތު ދުރުހިލޭ، ތިމާގެ ޚަސްމުންގެ ބޮލުގައި އަޅުވައި، ބައެއް ފަހަރު އެއީ ގޯސްކަމެއް ކަމުގައި ބުނެފާނެއެވެ. ނަމަވެސް، އެފަދަ އަމަލުތައް ކުރަނީ ތިމާގެ ގާތް މީހުން ކަމަށް ވެއްޖެ ނަމަ، އެ ފަދަ ބަދުއަޚުލާގީ އަމަލަކީ ބަދުއަޚުލާގީ އަމަލަކަށް ނުވެއެވެ! އަދި، އެކަން ކުށްވެރި ކުރާ މީހުންނަކީ ދީނީ ހަރުކަށި ފިކުރުގެ މީހުންނަށް ވެއެވެ. ފަހަރެއްގައި ވެސް، މީގެ ކުރިން، ތިމާ އަމިއްލައަށް، ތިމާގެ އަނގައިން، އެކަން ކުށްވެރި ކުރި ހަނދާނެއް ނުހުރެއެވެ. އާދެ، އަލީ އަތާއީ ފަދަ އިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި ލާއިލާހިއްޔަތުގެ އަގީދާގެ މީހުންގެ އަޚްލާގިއްޔާތު ގުޅެނީ އަމިއްލަ މަސްލަހަތާއެވެ. ކަމެއް ގޯސްކުރުން ތިމާގެ މަސްލަހަތާ ގުޅޭ ނަމަ، އެކަން ގޯސް ކުރެއެވެ. ހަމަ އެކަން ރަނގަޅު ކުރުން ތިމާގެ މަސްލަހަތާ ގުޅޭ ނަމަ، އެކަން ރަނގަޅުކުރެއެވެ!

  1. ބަޑީގެ އުންޑައަށް ވުރެ ބާރަށް ކަލެއަކަށް ނުދުވެވޭނެއެވެ.

މިއީ ޔުގެންޑާގެ މިލިޓަރީ ޑިކްޓޭޓަރު އީދީ އަމީންއަށް ނިސްބަތް ކުރެވޭ ބަހެކެވެ. އާދެ، މި ބަސް ތަފާތު ގޮތްގޮތަށް މާނަ ކުރެވިދާނެއެވެ. އެއް ގޮތަކީ، ކުށްވެރިޔާއަށް ފިލަން ތަންތަނަށް ދުވެދެވިދާނޭ ކަމެވެ. ނަމަވެސް، ގާނޫނު ހިންގާލެވޭ ތަނެއްގައި، ގާނޫނުގެ އަތްނުފޯރާ ތަނަކަށް ވަދެ ފިލައެއް އަބަދަކު ނޯވެވޭނެއެވެ.

  1. މުޅި ދުނިޔެއަށް ބަލާލި ކަމުގައި ވިޔަސް، ލީބިޔާ ފަދަ ޑިމޮކުރަސީގެ ވެރިކަމެއް ހިނގާ ގައުމެއް ދުނިޔެއަކު ނެތެވެ.

މިއީ ލީބިޔާގެ ޑިކްޓޭޓަރު ގައްޒާފީއަށް ނިސްބަތް ކުރެވޭ ބަހެކެވެ. ގައްޒާފީ ދުށް ގޮތުގައި ދުނިޔޭގައި ހުރި ހަމައެކަނި ޑިމޮކުރަސީގެ ވެރިޔަކީ އޭނާއެވެ. އަދި، ޑިމޮކުރަސީގެ ނިޒާމު ހިންގާލެވޭ ގައުމަކީ ވެސް ހަމައެކަނި ލީބިޔާއެވެ! މި ވާހަކަ ކިޔާލުމުން، ރާއްޖޭގައި ވެސް ގައްޒާފީ ފަދަ ޑިމޮކުރަސީގެ ވެރިން އުޅޭކަން ފާހަގަކުރެވޭނެއެވެ!

  1. ސިޔާސީވެރިންގެ ސިޔާސަތަކީ އެވެރިން، މުޅިން އެހެން ކަމެއް ކުރަން ނިޔަތްގަނެ، ތިމަންމެން މިއުޅެނީ މިވެނި ކަމެއް ކުރާށޭ އާންމުންގެ ގާތު ބުނުމެވެ. ދެން، ބާރު ލިބުމުން، ބުނި ކަމެއް ވެސް، އަދި ނިޔަތްގަން ކަމެއް ވެސް ނުކުރުމެވެ!

މިއީ އިރާގު ޑިކްޓޭޓަރު ސައްދާމު ހުސައިންއަށް ނިސްބަތް ކުރެވޭ ބަހެކެވެ. މި ބަސް ނިސްބަތް ކުރެވެނީ ސައްދާމު ހުސައިނަށް ކަމަށް ވިޔަސް، މި ކަހަލަ ސައްދާމީ ސިޔާސީ ވެރިން އަހަރުމެންގެ ތެރެއިން ވެސް ފެންނަމުން ދެއެވެ. އެއީ ހަގީގަތްކަމަށްވާ އިރު، އަހަރުމެންގެ ތެރެއިން ވެސް މިފެންނަނީ ހަމަ ހަގީގީ ޑިމޮކުރަސީއެކޭ ބުނެވިދާނެ ހެއްޔެވެ؟

  1. މިނިވަން ޚިޔާލަކީ ކަނޑި ބަޑިއަށް ވުރެވެސް ނުރައްކާތެރި އެއްޗެކެވެ. އަހަރުމެން، އަހަރުމެންގެ ދުޝމިނުން އަތަށް ކަނޑި ބަޑިއެއް ނުދެމެވެ. އެހެން ކަމަށްވާ އިރު، އެމީހުންނަށް މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމުގެ ހުއްދަ އަހަރުމެން ދޭނީ ކިހިނަކުން ހެއްޔެވެ؟

މިއީ ސޯވިއެޓް ޔުނިއަންގެ އިސްޓާލިންއަށް ނިސްބަތް ކުރެވޭ ބަހެކެވެ. އާދެ، އިސްތިބްދާދީ ވެރިކަމެއް އޮންނަ ތަނެއްގައި އެންމެ ވަރުގަދައަށް ހިފެހެއްޓިފައި އޮންނަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. މިކަން ހިފެހެއްޓިފައި އޮންނަނީ އެކި ސިފަސިފައިގައެވެ. ގަލަންތައް ގަނެ، ގަލަންތައް އަޅުވެތިކޮށްގެންނެވެ. ވަޒީފާތަކުން ދުރުކުރުމުގެ ބިރު ދައްކައިގެންނެވެ. ދެން، އެންމެނަށް ވެސް ވިސްނެނީ އެންމެ ރަނގަޅު ގޮތަކީ ދޮގު ތައުރީފުކުރުމާއި ޚުޝާމަދު ކުރުމެވެ. އެއްވެސް ހުނަރެއް ނެތް މީހެއް ވިޔަސް، އެހެން މީހެއްގެ ފައިސާ ބޭނުންކޮށްގެން ކޮށްލާ ދަތުރުކޮށްލުމަކީ ވެސް މޮޅުކަމަށް ވެއެވެ! ތަނބެއްހެން އަނގައިން ވެސް ނުބުނެ، ތަނެއްގައި އަހަރުތަކެއް ވަންދެން ހަނު ހުރުމަކީ ވެސް ހިކުމަތްތެރިކަމުގައި ބެލެވި، އެފަދައިން ހަނު ތިބޭ ތަނބުތަކަކީ ބުއްދިވެރި ފަލްސަފާވެރިންނަށް ހަދާލެވެއެވެ.

  1. އާންމު މީސްތަކުން އަމިއްލައަށް ނުވިސްނާކަމަކީ ސަރުކާރުތަކަށް ލިބޭ ކިހާ ބޮޑު ނަސީބުވެރިކަމެއް ހެއްޔެވެ؟

މިއީ ޖަރުމަނުގެ ޑިކްޓޭޓަރަށް ނިސްބަތް ކުރެވޭ ބަހެކެވެ. އިބިލީސް ބުންޏަސް ތެދެއްވާނީ ތެދަކަށްތާއެވެ. އެއްވެސް، ޝައްކެއް ނެތް ގޮތުގައި، އާންމު މީސްތަކުން، މާތްﷲ އެމީހުންނަށް ދެއްވި ސިކުނޑީގެ ބޭނުން ކޮށްގެން އަމިއްލައަށް ނުވިސްނާ ނަމަ، އެމީހުން އަޅުވެތިކޮށްލުމަކީ ދާދި ފަސޭހަކަމެކެވެ!

  1. ތާރީޚާ ބެހޭ އެއްވެސް މައުލޫމާތެއް ނެތް މީހަކީ ކަންފަތެއް ނެތް ބީރު އަދި ލޮލެއް ނެތް ކަނު މީހެއް ފަދަ މީހެކެވެ.

މިއީ ޖަރުމަނުގެ ޑިކްޓޭޓަރު ހިޓުލަރަށް ނިސްބަތް ކުރެވޭ ބަހެކެވެ. ވަރަށް ވެސް ތެދު ހަގީގަތެކެވެ. ތާރީޚަކީ ކޮންމެހެން އެނގެންޖެހޭ އިލްމެކެވެ. ޚާއްސަކޮށް، އެންމެ ފުރަތަމަ ދަސްކުރަން ޖެހެނީ ތިމާމެންގެ އަމިއްލަ ގައުމީ ތާރީޚެވެ. އަހަރުމެންގެ އިސްކޫލުތަކުގައި އަހަރުމެންގެ އަމިއްލަ ތާރީޚު ތަންގީދީ ގޮތެއްގައި ކިޔަވައިދެމުން އައި ނަމަ، އެތަކެއް ސަތޭކަ އަހަރުވޭތުވެ ދިޔައިރު ވެސް، އަހަރުމެންގެ ސިޔާސީ މަސްރަހުގައި، މުމައްސިލުން ބަދަލުކޮށްލައިގެން އެއް ތަމްސީލެއް ކުޅޭތަން ބަލާކަށް ނުޖެހުނީއެވެ.

  1. ސިޔާސީ މައިދާނުގައި ހައްގަކީ ކޮބައިތޯ ބަލާކަން ނުޖެހޭނެއެވެ. ބަލަން ޖެހޭނީ ކާމިޔާބު ލިބޭތޯއެވެ.

މިއީވެސް ހިޓިލަރަށް ނިސްބަތް ކުރެވޭ ބަހެކެވެ. އާދެ، އަހަރުމެންގެ ތެރޭގައި ވެސް މި ބަހުގެ މައްޗަށް އަމަލުކުރެވޭތަން ފެނެއެވެ. ޗައިނާގެ ދަރަނީގެ ދަންތުރަ މިއީ މިފަދަ އެއް މިސާލޭ ބުނެވިދާނެއެވެ. ޗައިނާގެ ދަރަނީގެ ދަންތުރައިގެ ވާހަކަ ދެއްކީ އެއިން ސަލާމަތްވާން ނޫންކަން މިހާރު މިއޮތީ ފެންނާށެވެ. އިންޑިޔާގެ ދަރަނީގެ ދަންތުރައިގައި މާ ވަރުގަދައަށް ވަނީ ތާށިވެފައެވެ. ބުނެވޭ ގޮތުގައި، ޗައިނާގެ ދަރަންޏަށް ދައްކަންޖެހޭ އިންޓަރެސްޓަށް ވުރެ އިންޑިޔާގެ ދަރަންޏަށް ދައްކަން ޖެހޭ އިންޓަރެސްޓު ބޮޑެވެ! އާދެ، ހައްގަކީ، ހަގީގަތަކީ ކޮބައިތޯ ބަލާކަށް ނުޖެހެއެވެ. ކޮންމެ ފަދަ ވާހަކައެއް ދައްކާފައި ނަމަވެސް، މުހިއްމުވަނީ އިންތިޚާބު ކާމިޔާބު ކުރުމެވެ. އަދި، ޖާދޫގެ ގޮނޑީގައި އިށީނުމެވެ. ދެން ހެއްޔެވެ؟ އެ ގޮނޑީގައި އިށީނދެވިއްޖެ ނަމަ، ޖާހިލު މީހާ ހުރިހާ މައިދާނެއްގެ ބޮޑުވެގެންވާ އިލްމުވެރިޔަކަށް ވެއެވެ. މޮޔަ މީހާ ބުއްދިވެރިޔަކަށް ވެއެވެ. އަދި، ވަކިން ޚާއްސަ ގޮތެއްގައި، ފަގީރު މީހާ މުއްސަނދިވެއެވެ. މިފަދަ ޖާދޫގެ ގޮނޑިއެއްގައި އިށީނދެވުމުން، ރުހުމުގައި އެ ގޮނޑިން ތެދުވާ ހިތްވާނީ ކާކު ހެއްޔެވެ؟

  1. އަސްމަތީގައި ދުނިޔެ ފަތަހަކުރުމަކީ މާ އުނދަގޫ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް، އަސްމަތިން ފައިބައި ތަނެއް ހިންގާލުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ.

މި ބަސް ނިސްބަތް ކުރެވެނީ މުޣުލް އެމްޕަޔަރގެ ބާނީ ގެންޖީސް ޚާންއަށެވެ. މި ބަހުގައި ވެސް ވަރަށް ބޮޑު ތެދެއް އެކުލެވޭ ކަމަށް ވެއެވެ. ވެރިކަމުގެ ގޮނޑިއާ ހަމައަށް އާދެވުމަކީ ފަސޭ ކަމަކަށް ވެދާނެއެވެ. ޚާއްސަ ގޮތެއްގައި، ރާއްޖޭގައި މިހާރު މިއޮތް ގިނަ ޕާޓީތަކުގެ ޑިމޮކުރަސީއޭ ކިޔާ ނިޒާމުގައި ވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭނޭ ސިފަތަކެއް ނޯންނަ ކަހަލައެވެ. ހިންގުންތެރިކަމާއި ފައިސާ ބަލަހައްޓައި ގެންގުޅުން ފަދަ ހުނަރަކީ ކޮންމެހެން ލާޒިމުކުރާ ކަންކަމެއް ނޫނެވެ. ބާރަށް އަޑުގަދަކުރުން، އެއީ ވެރިކަމަށް ވާސިލުވާން ލިބިފައި އޮންނަ އެންމެ މުހިއްމު ހުނަރުކަމުގައި ބެލެވެއެވެ. އެހެންވެ، އެ ހުނަރު ބޭނުންކޮށްގެން ވެރިކަމަށް އާދެވިދާނެއެވެ. ނަމަވެސް، އޭގެ މާނައަކީ ތިމާއަށް ތަން ހިންގާލުމުގެ ހުނަރު ލިބުމެއް ނޫނެވެ. އަދި، ވެރިއަކަށް ލިބިފައި އޮންނަން ޖެހޭ އެންމެ މުހިއްމު ހުނަރުކަމުގައިވާ އިޚްލާސްތެރިކަމާއެކު ފައިސާ ބެލެހެއްޓުމާއި ގެންގުޅުމާއި ގައުމު ބިނާކުރުމުގެ ހުނަރު، ހަޅޭލަވައިގެން ވެރިކަމަށް އައުމަކުން އަމުދުން ލިބިފައި ނޯވެއެވެ. ނަތީޖާއަކީ ހެއްޔެވެ؟ އިތުރު ވާހަކައެއް ދެއްކުމުގެ ބޭނުމެއް ނެތެވެ. ލަންކާއަށް ޖެހިފައި އޮތް ހާލަތަށް ބަލާލާށެވެ! އަދި، ރާއްޖެ ވެސް އޮތީ މާ ރަނގަޅު ހާލަތެއްގައެކޭ ނުބުނެވޭނެއެވެ. ކާޑު ފަދަ ބައެއް އަސާސީ އެއްޗެހި ގަތުމުގެ އަމިއްލަ ގާބިލުކަން ރާއްޖެއަށް ވެސް އަދު ލިބިފައި ނެތެވެ. އެކަން ކުރަން މިއަދު ޖެހެނީ ވެސް ދަރަންޏަށް ފައިސާ ނަގައިގެންނެވެ. ކީއްވެ ހެއްޔެވެ؟ އިޚްލާސްތެރިކަމާއެކު ފައިސާ ބަލަހައްޓައި ގެންގުޅެން ނޭނގޭ ބައަކު ގައުމުގެ ޚަޒާނާއާ ހަވާލުކުރެވުމުންނެވެ!