Support Us

މުޖޭ (ވ): އެކުވެރިންނާއެކު ސެލްފީ ނަންނަގަވަނީ

ލޮބުވެތި މުޖޭ- ކުޑަ ހިނދުކޮޅަކަށް ހިތްތަކަށް އުފާދިން ބުލްބުލެއް

އެކުވެރި މުޖޭ، ގއ. ދެއްވަދޫ ބުލްބުލާގޭ އަޙްމަދު މުޖުތަބާ ނިޔާވިކަމުގެ ކުއްލި ޚަބަރު އަޅުގަނޑަށް ފެނުނީ ހަމަ ކުއްލިޔަކަށެވެ. އާދައިގެމަތިން އެފްބީގެ ހާލަތުތައް ބަލަން ހުޅުވައިލުމާ އެކުއެވެ. ލިބުނީ ސިހުމެކެވެ. ހިތްދަތިކަމެކެވެ. ބަޔާންކުރަން ދަތި ތަކުލީފެކެވެ.

މުޖޭއާ އަޅުގަނޑާ ސީދާ ދިމާވީ ހުވަދު އަތޮޅު އުތުރުބުރީ ވެރިކަންކުރާ ރަށް، ވިލިނގިލީގައި މިދިޔަ އަހަރުގެ ނޮވެންބަރު 19އިން 20އަށް އޮތް ދެކުނުހުވަދޫ ތަރައްގީގެ މަހާސިންތާއިންނެވެ. މުޖޭ އަޅުގަނޑާ ބައްދަލުކުރެއްވިއެވެ. އަޅުގަނޑާ ބައްދަލުވެ ވާހަކަދައްކަން ބޭނުންފުޅުވެފައި ހުންނަވާތާ އެތައް ދުވަހެއް ވެއްޖެކަމަށާއި އަޅުގަނޑު ހުވަދޫ މީހަކަށް ވީތީ ވަރަށް އުފާފުޅުކުރައްވާ ކަމާއި އަޅުގަނޑު ބަހާއި އަދަބަށް ކުރާ ޚިދުމަތްތަކަށް ތާރީފުކުރައްވައި މި ކަހަލަ ބައިވަރު ދެއްކެވިއެވެ. އަތޮޅުގެ ތަރައްގީގެ ތަދުބީރުތައް ކުރެވޭ އިރު އަތޮޅުގެ މުއްސަނދި ސަގާފަތާއި ތަރިކައާއި ބަހުރުވައާއި އެއްބައިވަންތަ ހަމަތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވަން ވާނެކަމަަށް އަޅުގަނޑު އެރުވި މަޝްވަރާއަށް ވަރަށް ބޮޑަށް އިހުތިރާމުކުރައްވައި އެ ކަމުގެ އަސާސްތައް އެންމެ އަސާސީ ކަންކަމުގެ ތެރޭ ހިމެންވާނެކަމަށް ވެސް ވިދާޅުވިއެވެ. މުޖޭއަކީ މާލީކަންކަމާއި އޭގެ ތަދުބީރުތައް ކުޅައުމާއި އިގުތިސާދީ ތަރައްގީގެ އިސްތިރާތީޖީ ތަދުބީރުތައް ރޭއްވެވުމުގައި ވަރަށް ޤާބިލް ޒުވާނެކެވެ.

 

މިއަދު އަޅުގަނޑުމެންގެ އަތޮޅާއި މުޅި ގައުމުން އެ ގެއްލުނީ ހުނަރުވެރި ގާބިލް ޒުވާނެކެވެ. ވަރަށް ޅައުމުރުގައެވެ. އެންމެ 39 އަހަރުގައެވެ.

މުޖޭއަކީ ފެންނަ ފެނުމަށް ދުޅަހެޔޮ ހަށިހެޔޮ ޒުވާނެކެވެ. ކަސްރަތާއި ކުޅިވަރުން ހަށިގަނޑަށް ފައިދާ ހޯއްދަވާ ބޭފުޅެއް ވެސްމެއެވެ. ހަމަ އެހެންމެ ފުމެ ބަރާބަރަށް ނަމާދުތައްކުރައްވާ ހިތްޕުޅުހެޔޮ ހެޔޮލަފާ އިންސާނެއް ވެސް މެއެވެ.

މުޖޭ އޭނާގެ އޮފީސް އެކުވެރިންނާ ސަމާސާ ކުރައްވަމުން ނިކަން ގިނައިން ވިދާޅުވާ ކަމަށް ވެއެވެ.

"ކޮއްކޮމެންނޭ ބޭބެ ވަރަށް ބަލި. މަރުވެދާނެހެން ހީވަނީ ވަރަށް އަވަހަށް. އެކަމަކު ބޭބެ ހަމަ ތައްޔާރު!"

މިއީ ބަލަން ތިބީންނަށް ސަމާސާއަކަށް ވާހެން ވިދާޅު އުފާކޮށްދެއްވައި ހިތްތައް ހެއްވައިލައްވަން މުޖޭ ކުރައްވާ ކަމަކަށް ވެދާނެއެވެ. އެހެނަސް އޭނާގެ މެސެޖު ސީރިޔަސްއެވެ. އަސަރު ގަދައެވެ. މާނަފުނެވެ.

ހަޔާތުގެ ކޮންމެ ފަދަ ވަގުތަކު ވެސް އިންސާނާ އޭނާގެ ދަންފަޅި ހަމަކޮށް ދާއިމީ ދުނިޔެއަށް ދާން ޖެހިދާނެ ކަމެވެ. އަބަދުވެސް އެ ކަމަށް ތައްޔާރަށް ހުންނަން ޖެހޭ ކަމެވެ.

މިއަދު އަޅުގަނޑުމެން އެންމެނަށް މި ވަރުގަދަ މިސެޖު ދެއްވައި ތިޔަ ވަޑައިގަތީއެވެ. ހިތްތައް ހެއްވައިފައެވެ. ހިތްތައް ރޮއްވައިފައެވެ. ކުޑަ ހިނދުކޮޅަކަށް ތަސައްލީގެ ރާގުތަކުން ހިތްތައް އުފާކޮށްދިން ބުލްބުލެއް ފަދައިންނެވެ.

މުޖޭ ޒިކުރާ އަބަދުމެ އާވާނެއެވެ. ހުވަދުއަތޮޅަށާއި ގައުމަށް އޭނާ ކޮށްދެއްވި ޚިދުމަތްތަކުން އޭނާގެ ހަނދާންތައް އާވާނެއެވެ. އޭނާގެ ލޮބުވެތި އުފަން ފަސްގަނޑު، ދެއްވަދޫން އެ ހަނދާންތަކެއް ނުފިލާނެއެވެ. ބުލްބުލާގެއިން އަބަދުމެ އެ ބުލްބުލްގެ އަޑު އިވޭށިއެވެ. މުޅި ދިވެހިރާއްޖެއިން ވެސް އިވޭށިއެވެ. މާލީ ވުޒާރާއިންނާއި އޭނާގެ އެކުވެރިންގެ ހިތްތަކުގެ އަޑިން އޭނާގެ ހަނދާނީ ޒިކުރާތައް އާވެއާލާވާށިއެވެ.

މާތްރަސްކަލާނގެ ހެޔޮ ރަހުމަތާއި ނިއުމަތް މުޖޭއަށް މިންވަރު ކުރައްވާށިއެވެ. މަތިވެރިވެގެންވީ ޖަންނަތުލްފިރުދައުސްގައި ލައްވާށިއެވެ. ލޮބުވެތި ތުއްތު ބޭފުޅުންނާއި އަނބިކަނބަލުންނާއި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1112
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *