...

Support Us

ކޮލަމް ކޯދު: ދެ ލިޔުންތެރިއެއްގެ އިދިކޮޅު ދެ ވާހަކައެއް

އަލްޑޫސް ހަކްސްލީ އާއި ޖޯޖް އޯވެލް އަކީ 20 ވަނަ ގަރުނުގެ މަޝްހޫރު އިނގިރޭސި ދެ ލިޔުންތެރިންނެވެ. ޖޯޖް އޯވެލް ނުވަތަ އޭނާގެ ރަސްމީ ނަމުން ނަމަ އެރިކް އާތަރ ބްލެއަރ، މަޝްހޫރުވީ ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައްޔާއި އަދަބިއްޔާތުގެ ނާގިދެއްގެ ގޮތުގައެވެ. އޭނާ އުފަންވީ 1903ގައެވެ. އަދި ނިޔާވީ 1950 ގައެވެ. އޭނާގެ އެންމެ މަޝްހޫރު ފޮތްތަކުގެ ތެރޭގައި 'އެނިމަލް ފާމް' އާއި '1984′ ހިމެނެއެވެ. އޭނާގެ އެންމެ ބޮޑު ބިރެއްކަމުގައި އޭނާ ދުށީ ކޮމިނިޔުސްޓުންގެ ބާރު ފެތުރި ފަރުދީ މިނިވަންކަން ގެއްލިގެން ދިޔުމެވެ.

އަލްޑޫސް ހަކްސްލީއަކީ ވެސް މަޝްހޫރު ލިޔުންތެރިއެކެވެ. އަދި ފަލްސަފާ ވެރިއެއް ވެސް މެއެވެ. އޭނާ އުފަންވީ 1894ގައެވެ. ނިޔާވީ 1963ގައެވެ. އޭނާގެ މަޝްހޫރު ފޮތްތަކުގެތެރޭގައި 'ދަ ޑޯސް އޮފް ޕާސެޕްޝަން، ބްރޭވެ ނިޔު ވާރަލް އަދި ދަ އައިލެންޑް ހިމެނެއެވެ. ހަކްސީ ފާހަގަކުރެވިފައިވަނީ ހަނގުރާމަކުރުމާ އިދިކޮޅު މީހެއްގެ ގޮތުގައެވެ. އަދި، ހޭލުންތެރިކަން ކުޑަ ރައްޔިތެއްގެ މައްޗަށް އަމިއްލަ އެދުމުން ފުރިފައިވާ ސިޔާސީ ވެރިން ބާރުވެރިވުމާ މެދު ވެސް އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ. އަދަބިއްޔާތުގެ ރޮނގުން ނޯބެލްގެ އިނާމު ދިނުމަށް އޭނާގެ ނަން އެތަކެއް ފަހަރަކު ހުށަހެޅުނެވެ.

ކޮމިޔުނިސްޓު ފިކުރާއި އަދި އެ ނޫންވެސް މީހުންގެ ވިސްނުމާ ފިކުރުކުރުން ކޮންޓުރޯލު ކުރުމުގެ ފިކުރުގެ ބާރު ގަދަވެ، މުސްތަގުބަލުގައި ފޮތްފޮތް މަނާކުރެވިދާނެތީ އޯވެލް ކަންބޮޑުވިއެވެ. މިއާ ޚިލާފަށް، ހަކްސީލް ދުށީ މުސްތަގުބަލުގައި ފޮތް ފޮތް މަނާކުރަން ޖެހޭނޭ ސަބަބެއް ނޯންނާނޭ ކަމެވެ. އެހެނީ، އޭނާ ދުށް ގޮތުގައި ފޮތް ފޮތް ކިޔުމާ މީހުން ދުރުވާނެއެވެ. އަދި، ފޮތް ކިޔުމުގެ ބޭނުމެއް އޮތްކަން ދެކޭނޭ މީހުން ނޫޅޭނޭ ކަމެވެ.

އޯވެލްގެ ބިރަކަށް ވެފައި އޮތީ ބާރުވެރި ފަރާތްތަކުން އާންމު މީސްތަކުންނަށް މައުލޫމާތު ލިބިދިނުމުގައި ހުރަސް އަޅައި އެކަން ހުއްޓުވަން މަސައްކަތްކޮށްފާނެތީއެވެ. ނަމަވެސް، ހަކްސްލީ ދުށީ މައުލޫމާތު ފޯރުކޮށްދޭނޭ މީސްތަކުން ގިނަވެ، އެކަމުން ހެޔޮ އަސަރެއް އާންމުންނަށް ނުކުރާނޭ ކަމެވެ. އަދި، ކޮންމެ މީހަކުވެސް، މަވެތިވެ، އެމީހެއްގެ އަމިއްލަ ކަންކަމައިގެން އުޅޭނޭ ކަމެވެ.

އޯވެލްގެ ބިރަކަށް ވެފައި އޮތީ ހައްގަކީ ކޮބައިކަން އޮންނާނީ އާންމުންނަށް ފޮރުވިފައިކަމެވެ. ނަމަވެސް، ހަކްސްލީ ދުށީ ބޭކާރު އެތައް އެތައް ވާހަކަތަކެއްގެ ކަނޑެއްގެ ތެރޭގައި ހައްގު އޮންނާނީ ފޮރުވި ޣަރަގު ވެފައެވެ.

އޯވެލް ދުށީ އިންސާނުންވާނީ ހުޅަނގުގެ ސަގާފަތުގެ އަޅުން ކަމުގައެވެ. ނަމަވެސް، ހަކްސްލީ ދުށީ ހުޅަނގުގެ ސަގާފަތުގެ ބާރު ނެތިދާނޭ ކަމެވެ.

އޯވެލް އޭނާގެ 1984، މި ފޮތުގައި، ބުނެފައިވަނީ އާންމު މީސްތަކުން ކޮންޓުރޯލު ކުރެވޭނީ ވޭންދެނިވި އަނިޔާތައް ދީގެން ކަމެވެ. ނަމަވެސް، ހަކްސްލީ އޭނާގެ ބްރޭވެ ނިޔު ވޯލްޑް، މި ފޮތުގައި ބަޔާން ކުރަނީ މީސްތަކުން ކޮންޓުރޯލު ކުރާނީ އެމީހުން އެދޭ ޝަހުވާނީ ލައްޒަތުތަކުގެ ތެރެއަށް އެމީހުން ގަންބާލައިގެން ކަމެވެ. އާދެ، އޯވެލްގެ ނަޒަރުގައި އަހަރުމެންގެ ދުވަސްދުއްވާލާނީ އަހަރުމެން ނަފުރަތު ކުރާ ކަންކަމެވެ. ނަމަވެސް، ހަކްސްލީގެ ނަޒަރުގައި އަހަރުމެންގެ ދުވަސް ދުއްވާލާނީ އަހަރުމެންގެ ހިތްއެދޭ ކަންތައްތަކުގެ ސަބަބުންނެވެ.