...

Support Us

ކޮލަމް އަތުކުށް: ހިއްޕެވުމާއި ބެއްލެވުމާއި ބައްލަވައިގަތުން

ދުނިޔޭގެ އެހެން ބަސްބަހެކޭ އެއް ފަދައިން ދިވެހިބަހުގައި ވެސް އަދަބު އިޙުތިރާމާއެކު މުޢާމަލާތު ކުރާނޭ ގޮތްތަކެއް ހުރެއެވެ. ދިވެހިބަހުގައި މި އުޞޫލަށް ކިޔަނީ ވާހަކަދެއްކުމުގެ ދަރަޖަތަކެވެ. މިއީ ތިޔަ ބޭފުޅުންނަށް އާ ވާހަކައަކަށް ނުވާނެތީ، މި ވާހަކައިގެ ތަފުސީލަށް ނުގޮސް އަސްލު މައުޟޫޢާއިގެން ކުރިއަށް ދާނަމެވެ.

"ހިއްޕެވުން" މި ލަފުޒުގެ ގިނަ މާނަތަކެއް ހުއްޓަސް، އެންމެ ޢާންމު ދެ މާނައަށް ބަލާއިރު، ބުއިމުގެ އެންމެ މާތް ގޮތުގައި ވެސް ބޭނުންކުރަނީ "ހިއްޕެވުން" މި ލަފުޒެވެ. (މިސާލަކަށް: އިބްރާހީމްދީދީ ދެންމެ ސައިފޮދު ހިއްޕަވައިފިއެވެ.) އާދައިގެ ދަރަޖައިގައި "ހިފުން" މި ލަފުޒުގެ މާތް ދަރަޖައާއި އެންމެ މާތް ދަރަޖައިގައި ވެސް "ހިއްޕެވުން" ބޭނުންކުރާނެއެވެ. (މިސާލަކަށް: (1) ތުއްތުމަނިކު މި ގެއަށް ދުރުވެ އެ ހަދިޔާ ހިއްޕަވައިގެން ދުރުވެއްޖެއެވެ. (2) މުހަންމައިދީއަށް އަޅުގަނޑު އެރުވި ވެދުމުގައި ހިއްޕެވުމަށް ފަހު ޝުކުރު އަދާކުރެއްވިއެވެ.)

ބެއްލެވުމުގެ ދެ މާނައެއް އޮވެއެވެ. ފުރަތަމަ މާނައަކީ ބެލުމެވެ. "ބެލުން" މި ލަފުޒުގެ މާތް ގޮތާއި އެންމެ މާތް ގޮތުގައި ވެސް ބޭނުންކުރާނީ "ބެއްލެވުން" މިހެންނެވެ. (މިސާލަކަށް: (1) ހަސަން ފުޅު އެ ދުރުވީ މި ގެ ބައްލަވައިލައްވާށެވެ. (2) މިނިސްޓަރ އަޅުގަނޑާ ދިމާއަށް ބައްލަވައިލެއްވީ މާނަ ފުން ނަޒަރަކުންނެވެ.)

"ބެއްލެވުން" މި ލަފުޒުގެ އެހެން މާނައަކަށް ބަލާއިރު، މިއީ "ބުއިން" މި ލަފުޒު މާތްކޮށް ބުނާ ގޮތެވެ. މިއީ ބެއްލެވުމުގެ ދެވަނަ މާނައެވެ. (މިސާލަކަށް: މި ގެއަށް ދުރުވި ފަހަރު ދެން ދުރުވާން ވާނީ މި ގެއިން ސައި ބައްލަވައިގެންނެވެ.)

ދެން އޮތީ "ބައްލަވައިގަތުން" މި ލަފުޒެވެ. މި ލަފުޒުގެ މާނަ ކުރީން ދެންނެވި ދެ ލަފުޒުގެ މާނައާ ވަރަށް ތަފާތެވެ. މިއީ އެއްޗެއް ގަންނަ ގަތުމަށް، މާތްކޮށް ވެސް އެންމެ މާތްކޮށް ވެސް ބުނާ ގޮތެވެ. ގަތުމުގެ މާތް ގޮތާއި އެންމެ މާތް ގޮތެވެ. (މިސާލަކަށް: (1) ހަސަންމަނިކު ވެސް އެއް ފަހަރާ ފައިސާ ދެއްވައިފައި ސައިކަލެއް ބައްލަވައިގެންފިއެވެ. (2) އެ ބޭފުޅުން ލަންޑަންގައި ދިރިއުޅުއްވަނީ ލަންޑަނުން ބައްލަވައިގަތް ގެޔެއްގައެވެ.)

ސުރުޚީގައި އެ އޮތް ތިން ލަފުޒު ބޭނުންކުރާ ގޮތް މި ދަންނަވައިލެވުނީއެވެ. މި ވާހަކަ މި ދެންނެވީ ދާދި މިދާކަށް ދުވަހަކު، ދުވަހު ނޫހަކުން ފެނުނު ޢިބާރާތެއްގައި ލިޔެފައިވާ އެއްޗެއް ހަގީގަތުގައި ރަނގަޅަށް ދޭހަ ނުވެގެންނެވެ. އެ ޢިބާރާތް އޮތް ގޮތަށް މި ދަންނަވަނީއެވެ.

"އިންޑިއާގެ ޕަންޖާބުގެ ޗީފް މިނސްޓަރު ބަގަވަންތު މަން ވަނީ އެ ކޯރުން ފެން ބައްލަވައިގެންފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ހޮސްޕިޓަލުގައި އެޑްމިޓުކުރީ އެ ފެން ބުއިމުންނެވެ. އޭނާ އެ ފެން ބައްލަވަމުން ގެންދެވި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ."

މި ޢިބާރަށް ވިސްނައިލުމުން ފާހަގަކުރެވުނު ފުރަތަމަ ކަމަކީ އެއް ޙާލަތެއްގައި އެއް ވަގުތެއްގައި އެކަކަށް ނިސްބަތްކޮށް ތިން ދަރަޖައަކުން ވާހަކަދައްކައިފައިވާކަމެވެ. މިއީ ވާހަކަދެއްކުމުގެ އަދަބުތަކާ ޚިލާފުކަމެކެވެ. ކުރީން އަޅުގަނޑު ދަންނަވައިފައިވާނޭ ފަދައިން ބައްލަވައިގަތުމުގެ މާނައަކީ ގަތުމެވެ. ގަތުމުގެ މާތް ގޮތާއި އެންމެ މާތް ގޮތެވެ. އެ ލަފުޒުގެ އެހެން މާނައެއް ރަދީފަކު ނޯވެއެވެ. އެހެން މާނައެއްގައި އެ ލަފުޒު ބޭނުންކޮށެއް ވެސް ނޫޅެއެވެ. އެހެންވީމާ އޭނާ އެ ކޯރުން ފެން ގަތީކަން މި ޢިބާރާތުން ދޭހަވެއެވެ. ދެން އޮތީ އެ ފެން ބުއި ވާހަކައެވެ. އަނެއް ޖުމުލައިގައި ވަނީ އެފެން އޭނާ "ބައްލަވަމުން" ގެންދިޔަ ވާހަކައެވެ. މާތް ދަރަޖައާއި އެންމެ މާތް ދަރަޖައިގައި ވާހަކަދައްކާއިރު ވެސް ބެލުމަށް ބޭނުންކުރަނީ "ބެއްލެވުން"އެވެ. މި ޢިބާރާތުގައި ވާހަކަދައްކާން މަސައްކަތްކޮށްފައިވަނީ އެންމެ މާތް ދަރަޖައިން ބޭނުންކުރާންކަން އެނގެއެވެ. އެހެންވީމާ އެ ޙާލަތުގައި ބެއްލެވުމުގެ މާނައަކީ "ބެލުން"އެވެ. އޭނާ ގަތް ފެން ބުއިމުގެ ކުރީން ބެލީއެވެ. ބަލައިލީއެވެ. މި ގޮތަށް  މާނަކުރާން ޖެހުނީ ކުރީ ޖުމުލައިގައި "ބުއިމަށް" ބޭނުން ކޮށްފައި ވަނީ، ހަމަ އާދައިގެ ދަރަޖައިން "ބުއިން"ކަމަށް ވާތީއެވެ. މި ޖުމުލައިގައި އެވާ ބެއްލެވުމަކީ "ބުއިން"ކަމަށް ނުބެލެވޭތީއެވެ. ބުއިމުގެ އެންމެ މާތް ދަރަޖައަކީ "ހިއްޕެވުމެވެ." "ބެއްލެވުން" އެއީ "ބުއިން"ކަމަށް މާނަކުރާނަމަ، އެއީ ދެވަނަ ދަރަޖައިގައި ބޭނުންކުރާ ގޮތެވެ. މީގެ ބައެއް މިސާލު އަޅުގަނޑު އިސްވެ ދަންނަވައިފައިވާނެއެވެ.

ކޮންމެ ގޮތަކަށް މާނަކުރިޔަސް މި ޢިބާރާތުގައި އެވާ "ބައްލަވައިގަތުން" މި ލަފުޒު މާނަކުރެވޭނީ "ގަތުން" މި މާނައިގައެވެ. އެހެނީ ގަތުމުގެ މާތް ގޮތާއި އެންމެ މާތް ގޮތުގައި ވެސް ބޭނުންކުރަނީ "ބައްލަވައިގަތުން"ކަމަށް ވާތީއެވެ. އަދި އެ ލަފުޒުގެ އެހެން މާނައެއް، ރަދީފުގައި ވެސް ނޯންނާތީއެވެ. އެހެންކަމުން އޭނާ އެ ފެން ބުއީ ގަނެގެންކަން މި ޢިބާރާތުން ވަރަށް ރަނގަޅަށް ސާފުވެއެވެ. އެހެންނަމަވެސް މުޅި ޚަބަރުގެ ހުރިހައި ޢިބާރާތްތަކަށް ނަޒަރެއްދީ، އޭގެ ވަށައިގެންވާ ކަންތައްތަކަށް ވިސްނައިލުމުން އަޅުގަނޑަށް ދޭހަވާން އުޅެނީ ލިޔުންތެރިޔާ މަސައްކަތްކުރައްވައިފައި އެ ވަނީ ބުއިމުގެ އެންމެ މާތް ގޮތަށް އެ ޢިބާރާތް ލިޔުއްވާންކަމެވެ. އެހެންވީމާ ބުއިމުގެ މާނަ ދޭހަވާ ގޮތަށް އެ ޢިބާރާތް ތިން ދަރަޖައިން އަޅުގަނޑު ލިޔެލާނަމެވެ. ފުރަތަމަ އެންމެ އާދައިގެ ދަރަޖައިންނެވެ. ދެން މާތް ދަރަޖައިންނެވެ. އެއަށްފަހު އެންމެ މާތް ދަރަޖައިންނެވެ.

"އިންޑިއާގެ ޕަންޖާބުގެ ޗީފް މިނިސްޓަރު ބަގަވަންތު މަން ވަނީ އެ ކޯރުން ފެން ބޮއިފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ހޮސްޕިޓަލުގައި އެޑްމިޓުކުރީ އެ ފެން ބުއިމު(ގެ ސަބަބުން އިންފެކްޓް ވެގެ)ންނެވެ. އޭނާ އެ ފެން ބޮމުން ގެންދިޔަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ."

"އިންޑިއާގެ ޕަންޖާބުގެ ޗީފް މިނިސްޓަރު ބަގަވަންތު މަން ވަނީ އެ ކޯރުން ފެން ބައްލަވައިފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ހޮސްޕިޓަލުގައި އެޑްމިޓުކުރީ އެ ފެން ބެއްލެވުމު(ގެ ސަބަބުން އިންފެކްޓް ވެގެ)ންނެވެ. އޭނާ އެ ފެން ބައްލަވަމުން ގެންދެވި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ."

"އިންޑިއާގެ ޕަންޖާބުގެ ޗީފް މިނިސްޓަރު ބަގަވަންތު މަން ވަނީ އެ ކޯރުން ފެން ހިއްޕަވައިފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ހޮސްޕިޓަލުގައި އެޑްމިޓުކުރީ އެ ފެން ހިއްޕެވުމު(ގެ ސަބަބުން އިންފެކްޓް ވެގެ)ންނެވެ. އޭނާ އެ ފެން ހިއްޕަވަމުން ގެންދެވި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ."

ބުރެކެޓު ތެރޭގައި އެ ވަނީ ޖުމުލައިގެ މާނަ ފުރިހަމަ ކޮށްލުމަށް ޓަކައި އަޅުގަނޑު އިތުރުކޮށްފައިވާ ބައެކެވެ.

ފާހަގަކޮށްލާން ޖެހޭ މުހިންމު ނުކުތާއަކީ "ބެއްލެވުން"އާއި "ބައްލަވައިގަތުން" މިއީ މުޅިން ތަފާތު ދެ މާނައެއް ދޭހަވާ ދެ ލަފުޒުކަމެވެ. ބެއްލެވުމަކީ "ބެލުން" މި ލަފުޒުގެ މާތް ގޮތާއި އެންމެ މާތް ގޮތެވެ. ނުވަތަ ބުއިމުގެ މާތް ގޮތެވެ. "ބައްލަވައިގަތުން" މިއީ "ގަތުން" މި ލަފުޒުގެ މާތް ގޮތާއި އެންމެ މާތް ގޮތެވެ. ނޫހުގައި އޮތް "ބައްލަވައިގަތުން" އެއީ ގަތުމުގެ އެންމެ މާތް ގޮތަށް ބޭނުންކުރައްވައިފައިވާ ލަފުޒެއް ނަމަ، އެ ޢިބާރާތް ލިޔެލާން އެންމެ ރަނގަޅީ މި ދަންނަވާ ގޮތަށެވެ.

"އިންޑިއާގެ ޕަންޖާބުގެ ޗީފް މިނިސްޓަރު ބަގަވަންތު މަން ވަނީ އެ ކޯރުން ފެން ބައްލަވައިގެންފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ހޮސްޕިޓަލުގައި އެޑްމިޓުކުރީ އޭނާ ބައްލަވައިގަތް އެ ފެން ހިއްޕެވުމުން ހަށިކޮޅަށް ޖަރާސީމުގެ އަސަރު ފޯރައިގެންނެވެ. އޭނާ އެ ފެން ހިއްޕަވަމުން ގެންދެވި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ."

އަޅުގަނޑު ނޫހުން ނަކަލުކުރި ޢިބާރާތުގައި އެ އޮތް "ބައްލަވައިގަތުން" ބޭނުންކުރައްވައިފައިވަނީ ގަތުމުގެ މާނައިގައިކަމަށް ވާނަމަ، އެއީ އެންމެ މާތް ދަރަޖައެވެ. އެހެންވީމާ ދެން ހުރި ލަފުޒުތައް ވެސް އެންމެ މާތްދަރަޖައިން ބޭނުންކުރައްވާންޖެހޭނެއެވެ. މި ޙާލަތުގައި "ބައްލަވައިގަތުން" މި ލަފުޒަކީ ރަނގަޅު ލަފުޒެކެވެ. ނަމަވެސް ބައްލަވައިގަތުން އެއީ ބުއިމުގެ މާނަ ދޭހަކޮށްދިނުމަށް ޓަކައި ބޭނުންކުރައްވައިފައި އޮތް ލަފުޒެއް ނަމަ، އެއީ ރަނގަޅު ލަފުޒެއް ނޫނެވެ. މި ޙާލަތުގައި އޮންނާންޖެހޭނީ ހިއްޕެވި ވާހަކައެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޯރުން ފެން ބުއިމަށް ޓަކައި ފެން ގަންނާކަށް ނުޖެހޭނެއެވެ. އެހެންވީމާ، "ބައްލަވައިގަތުން" މި ލަފުޒު ލިޔުންތެރިޔާ ބޭނުންފުޅުކުރައްވައިފައި އެ ވަނީ ގަތުމުގެ މާނައިގައި ނޫންކަމާއި އެކަމަކު، ބުއިމުގެ މާނައިގައިކަމަށް ބެލެވެއެވެ. އެހެންކަމުން "ބުއިން" އެންމެ މާތްކޮށް ބޭނުންކުރައްވާނެ ގޮތް ލިޔުންތެރިޔާއަށް އޮޅިވަޑައިގަތީކަމަށް ބަލާނެ ފުރުޞަތު އެބަ އޮތެވެ. ކޮންމެއަކަސް "ބައްލަވައިގަތުން" އެއީ ބުއިމުގެ މާނައިގައި އެއްވެސް ޙާލެއްގައި އެއްވެސް ދަރަޖައެއްގައި ބޭނުންކުރެވޭނެ ލަފުޒެއް ނޫނެވެ.

ދެން ފާހަގަކޮށްލާން ޖެހޭ އަނެއް ކަމަކީ މީހަކަށް ނިސްބަތްކޮށް ވާހަކަދައްކާއިރު އެއް ދަރަޖައެއް ހިފެހެއްޓުން މުހިންމުކަމެވެ. އެހެން ނޫނީ އެ ވާނީ މަލާމާތަކަށެވެ. އެ މީހަކު އެންމެ އާދައިގެ ދަރަޖައިން މީހަކަށް ނިސްބަތްކޮށް ވާހަކަދައްކާން ބޭނުންނަމަ، އާދައިގެ ދަރަޖަ ހިފަހައްޓާންޖެހޭނެއެވެ. އެންމެ މާތް ދަރަޖައިން ވާހަކަދައްކާނަމަ، ހުރިހާ ލަފުޒެއް ވެސް އެ ދަރަޖައިގައި ހިފަހައްޓާން ސަމާލުކަން ދޭންޖެހެއެވެ.

އާދޭހެވެ! ބަހަކުން މުޢާމަލާތުކުރާއިރު، އެ ބަހެއްގެ ޠަބީޢަތާއި ސަގާފަތާއި ބަހުގެ ހަމަތަކަށް ސަމާލުކަން ދޭން ޖެހޭނެއެވެ. އެހެންނޫނީ ލިޔުންތެރިޔާ ގަސްތުކުރައްވާ މާނައާއި ކިޔާ މީހުންނަށް ދޭހަވާ މާނަ ތަފާތުވެ، ނުރަނގަޅު މަޢުލޫމާތެއް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުވާނެއެވެ. ކޮންމެ ބަހެއްގައި ވެސް އެ ބަހުގެ އެކަށައެޅިފައިވާ ގަވާއިދުތަކަށް އެންމެން ވެސް އިޙުތިރާމްކުރާން ޖެހެނީ އެންމެންގެ ލާބައަށް ޓަކައެވެ. އޮޅުންބޮޑުން ކުޑަކުރުމަށް ޓަކައެވެ. ސާފުކޮށް ޞަރީޙަކޮށް މުޢާމަލާތުކުރާން މަގުފަހިކުރުމަށް ޓަކައެވެ.

"ބުއިން" މި ލަފުޒުގެ މާތް ގޮތަކީ "ބެއްލެވުން"އެވެ. އެންމެ މާތް ގޮތަކީ "ހިއްޕެވުން"އެވެ.

"ހިފުން" މި ލަފުޒުގެ މާތް ގޮތަކީ އަދި އެންމެ މާތް ގޮތަކީ ވެސް "ހިއްޕެވުން"އެވެ.

"ބެލުން" މި ލަފުޒުގެ މާތް ގޮތާއި އެންމެ މާތް ގޮތަކީ ވެސް "ބެއްލެވުން"އެވެ.

"ގަތުން" މި ލަފުޒުގެ މާތް ގޮތާއި އެންމެ މާތް ގޮތަކީ ވެސް "ބައްލަވައިގަތުން"އެވެ.

ވީމާ، އެންމެހައި ލިޔުންތެރީން، ޚާއްޞަކޮށް އަދުގެ ޒުވާން ނޫސްވެރީން މި ކަންކަމަށް ސަމާލުކަން ދެއްވައިގެން ލިޔުއްވާނެ ނަމަ ހާދަހާ ރަނގަޅުވީހޭ ހިތަށް އަރާވަރުން ހަމަ މި ހާސަރުތައް ދަމައިލެވުނީއެވެ. އެއްވެސް މީހަކަށް ހުރިހާ އެއްޗެއް ނޭނގޭނެއެވެ. ނަމަވެސް އެ މީހަކު ކުރާ މަސައްކަތަކާ ގުޅޭ ގޮތުން އަބަދު ވެސް ކަންކަން އޮޅުން ފިލުވައި ދަސްކުރުމުގެ ޝައުޤު ނުހުންނަ ނަމަ، އެ ކަމެއް ފުރިހަމައަކަށް ނުކުރެވޭނެއެވެ.

އަޅުގަނޑު މި ކަހަލަ ވާހަކަތައް ދޭތެރެދޭތެރެއިން މި ލިޔެލަނީ ހަމަ އިޞްލާޙަށް އެދޭތީއެވެ. ވަކި ނޫހެއް، ލިޔުނު ވަކި މީހެއް ފާހަގަނުކުރަނީ މިއީ މީހަކަށް ނުވަތަ ނޫހަކަށް ފާޑުކިޔާން ކުރާ ކަމަކަށް ނުވާތީއެވެ. ލިޔުންތެރިކަމާއި ދިވެހިބަހަށް ކުރިއެރުން އެދޭތީއެވެ. އަޅުގަނޑު އަބަދު ވެސް މަސައްކަތްކުރަނީ މައްސަލައެއް ފާހަގަކޮށް އެކަމުގެ ޙައްލު އޮޅުންފިލުވައިދެވޭތޯއެވެ. ވިދާޅުވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.