Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ޕާނޫރުގޭގެ ކަންބަޅިތައް

މީލާދީ ސަނަތުން 16 ވަނަ ގަރުނުގެ ފަރަންސޭސި ލިޔުންތެރިއެއް ކަމުގައިވާ ފްރާންސުވާ ރަބެލޭގެ ވާހަކަ ފޮތެއް ކަމުގައިވާ ގަރްގަންތުވާ އާއި ޕަންތާގްރުއެލްގެ ހަޔާތް މި ފޮތުގައި ޕާނޫރުގޭގެ ކަންބަޅިތަކުގެ ވާހަކަ ލިޔެފައިވެއެވެ.

އެ ވާހަކައިގައި ޕާނޫރުގޭ ކުރި ކަނޑު ދަތުރެއްގެ ވާހަކަ ލިޔެފައި ވެއެވެ. އެ ވާހަކައިގައި ބުނެފައި ވަނީ އެ ކަނޑު ދަތުރުގައި ބޯޓުމަތިން ޕާނޫރުގޭއާ ދިންދޫނޫ އޭ ކިޔާ މީހަކާ ބައްދަލުވިއެވެ. މި ދިންދޫނޫއަކީ ކަންބަޅީގެ ވިޔަފާރިކުރާ މީހެކެވެ. އެ ބޯޓުގައި ދިންދޫނޫގެ ކަންބަޅި އައިނެއް ވެސް އޮތެވެ.

ކޮންމެއަކަށް ދަތުރުމަތީގައި ޕާނޫރުގޭއާއި ދިންދޫނޫ ދެމެދު ދެބަސްވުމެއް އުފެދުނެވެ. ލިޔުންތެރިޔާ ރަބަލޭ ސިފަކޮށްދޭ ގޮތުގައި ދިންދޫނޫ އަކީ ވަރަށް ވެސް ދަހި ސާދާގަރެކެވެ. އޭނާއަކީ އޭނާގެ ކިބައިގައި ކުޑަވެސް އިންސާނިއްޔަތު ކަމެއް، އާދެ، އެހެން މީހުންގެ މައްޗަށް ރަހުމެއް ނެތް މީހެއް ކަމުގައި ރަބަލޭ ބަޔާންކޮށްފައި ވެއެވެ.

ޕާނޫރުގޭ ގަސްދުކުރީ ދިންދޫނޫއަށް ރަނގަޅު ފިލާވަޅެއް ދަސްކޮށްދޭށެވެ. މި ނިޔަތުގައި ދަހިވެތި ދިންދޫނޫއަށް ބޮޑު އަގު ދީފައި އޭނާގެ ކަންބަޅީގެ މައި ކަންބަޅި ގަތެވެ. ދެން، ބޯޓުގެ ކައިރި ފަށަށް ޖެހިލާފައި ޕާނޫރު އޭނާ ގަތް މައި ކަންބަޅި މޫދަށް އެއްލާލިއެވެ. ދެން، އޭތި މޫދަށް 'ފުންމާލިތަން' ފެނިފައި އެހެން ކަންބަޅިތައް ވެސް، އެއްޗަކަށް ފަހު އެއްޗެއް މައި ކަންބަޅި ކަންތައް ކުރި ގޮތަށް މޫދަށް ފުންމާލިއެވެ. މިތަން ބަލަން ކެތް ނުކުރެވިގެން، ދިންދޫނޫ އެންމެ ފަހު ކަންބަޅި ސަލާމަތް ކުރެވޭތޯ އޭތީގައި ބެއްދިއެވެ. ނަމަވެސް، އޭތި ވެސް، ދިންދޫނޫ ވެސް ގޮވައިގެން، މޫދަށް ފުންމާލައި ހުރިހާ ކަންބަޅިތަކާއި އަދި ދިންދޫނޫ ވެސް މަރުވެ ދިޔައީއެވެ.

މި ހާދިސާއާ ވިދިގެން ފަރަންސޭސި ބަހުގައި 'ޕާނޫރުގޭގެ ކަންބަޅިތައް’، މި މުހާވިރާ ބަސް އުފެދުނެވެ. އެއިން އިޝާރަތްކުރަނީ، މީހަކު ކަމެއް ކުރުމުން، އޭނާ ކުރި ކަމެއްގެ ރަނގަޅު ނުރަނގަޅާ މެދު ކުޑަކޮށް ވެސް އަމިއްލައަށް ވިސްނާލުމުގެ ބޭނުމެއް އޮތް ކަމަށް ނުދެކި، ކަންބަޅިތައް ކަންތައް ކުރި ފަދައިން، ކަންތައް ކުރާ މީހުންނަށެވެ.

އާދެ، އަޅުގަނޑުމެންގެ ތެރޭގައި ވެސް 'ޕާނޫރުގޭގެ ކަންބަޅިތައް' ފަދަ ކަންބަޅި ވަރަށް ގިނައިން ފެނެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ތިމާގެ ޕާޓީގެ ދިފާއުގައި، ހައްގާއި ބާތިލަށް، ހެވާއި ނުބަޔަށް ބެލުމެއް ނެތި، ކޮންމެ ފަދަ އެއްޗެއް ވެސް ބުނާތަން ފެނެއެވެ. ކަލޭމެން ވައްކަން ކުރަނީއޭ ބުނުމުން އެކަމުގެ ދިފާއުގައި ކަލޭމެން ވެސް ކުރިން ވައްކަން ކުރީ ނޫންހޭ ބުނުމުން ފުދެއެވެ. ގައުމު ދަރަނިވެރިވަނިއްޔޭ ބުނެފި ނަމަ، ކުރިން އެކަން ކުރީ ކަލޭމެންނޭ ބުނީމަ ނިމުނީއެވެ. މި ފަދަ އެންމެ ފަހުގެ ވާހަކައަކީ ދާދި ފަހުން ފެންމަތިވެގެން އުޅޭ މަކުނުކުޅީގެ ވީޑިޔޯގައި ޝާމިލުވާ މީހުންގެ މައްސަލަ ނުބެލުން ދިފާއުކުރުމުގެ ގޮތުން މީހަކު ބުނެފައި އޮތް ވާހަކައެކެވެ. އިދިކޮޅު މީހުންނާ މުޚާތަބުކޮށް އޭނާ ބުނަނީ 'ކަލޭމެންގެ އިރުގައި ކަލޭމެން ވެސް އެކަހަލަ ކަމެއް ނުކުރާކަން އެނގެނީ ކިހިނެއް ހެއްޔެވެ؟' އާދެ، ޕާނޫރުގޭގެ ކަންބަޅިއެއްގެ ލާމަލީސު މިސާލެކެވެ!