...

Support Us

ހަގީގީ ހާދިސާއެއް: މަންމަގެ ބަދުދުޢާގެ ސަބަބުން ދަރިފުޅަށް ވީ ގޮތް

އުޚުތަކު ބުނެފައިވެއެވެ. އެއް ދުވަހަކު ތިމަން ގޭތެރެ ސާފު ކުރަމުން ދިޔައީމެވެ. ތިމަންގެ ކުޑަ ދަރިފުޅު އައިސް ބިއްލޫރީން ހަދާފައިވާ އަގުބޮޑު ވާސްއެއް ވައްޓައި ތަޅައިލިއެވެ. އެކަމާ ތިމަން ވަރަށް ބޮޑަށް ރުޅިއައެވެ. ތިމަންގެ މަންމަ ތިމަންގެ ރުޅި މަޑު ކުރުވިއެވެ. އެ ވާސްއަކީ އަހަރެން ވަރަށް ލޯބިކުރާ އަދި ވަރަށް އަގުބޮޑު ވާސްއެކެވެ. އައިސްފައިވާ ރުޅީގެ ބޮޑުކަމުން ތިމަން ދަރިފުޅުގެ މައްޗަށް ދުޢާކުރީމެވެ. ތިމަން ބުނީމެވެ.

"މާތް ﷲ ތިބާގެ ގައިމައްޗަށް ފާރެއް ވައްޓާލައި ކަށިތައް ޗިސްޗިސް ކުރައްވާށިއެވެ." އެ އުޚުތާ ބުނެފައިވެއެވެ.

ދުވަސްތައް ތަކުރާވަމުން ގޮސް ތިމަން ވެސް އެ ދުޢާގެ މަތިން ހަނދާން ނެތުނެވެ. އަދި އެކަމާ މާބޮޑަކަށް އަޅައެއްވެސް ނުލަމެވެ. އެ ދުޢާ ހުރިހާ ކަމެއް އައްސަވާ ވޮޑިގެންވާ ރަސްކަލާނގެ ޙަޟްރަތަށް އުފުލިގެން ދިޔަކަމެއް ތިމަން ހަނދާނެއް ނެތެވެ. އެ ދަރިފުޅާއި އޭނާގެ އެހެން އަޚުންނާއި އުޚުތުން ވެސް ބޮޑެތިވިއެވެ.

ތިމަންގެ ދަރިންގެ ތެރެއިން ވެސް، ތިމަން އެންމެ ލޯބިވަނީ އެ ދަރިފުޅު ދެކެއެވެ. ބާރު ވައިރޯޅިއެއް ވެސް އެ ދަރިފުޅުގެ ގައިގާ ބީހިދާނެތީ ތިމަން ބިރުގަނެއެވެ. އަދި ތިމަންނާގެ ދަރިންގެ ތެރެއިން އެންމެ ކިޔަމަންތެރީ ވެސް އެ ދަރިފުޅެވެ. ކިޔަވާ ނިމުމަށްފަހު އެ ދަރިފުޅު ވަޒީފާއަކަށް ވަނެވެ. އޭރު ތިމަން ދިޔައީ އެ ދަރިފުޅާ ދެވާނެ ރަނގަޅު ކުއްޖަކު ހޯދަމުންނެވެ.

އެ ކުދިންގެ ބައްޕަގެ ވަރަށް ދުވަސްވެފައިވާ ޢިމާރާތެއް ހުއްޓެވެ. އެ ޢިމާރަތް ތަޅާލުމަށްފަހު އަލުން ޢިމާރާތް ކުރުމަށް ބޭނުންވާތީ، އެދަރިފުޅާއި، ދަރިފުޅުގެ ބައްޕަ އެ ޢިމާރާތް ހުރި ތަނަށް ދިޔައެވެ. އޭރު މަސައްކަތު މީހުން ޢިމާރަތް ތެޅުމުގެ މަސައްކަތް ކުރަނީއެވެ. ޢިމާރާތް ތަޅާ މީހުން މަސައްކަތް ކުރިޔަށް ގެންދިޔައިރު ދަރިފުޅު އޭނާގެ ބައްޕަޔާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. މަސައްކަތް ކުރަން ތިބި މީހުންނަށް އެކަމެއް ފާހަގައެއް ނުކުރެވުނެވެ. ތަޅަމުން ދިޔަ ފާރުތަކުގެ ތެރެއިން ފާރެއް އެ ދަރިފުޅުގެ ގައިމައްޗަށް ވެއްޓުނެވެ. ދަރިފުޅު ކުއްލިއަކަށް ހަޅޭއްލަވައިގަތެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ދަރިފުޅުގެ އަޑުކެނޑުނެވެ. މަސައްކަތް ކުރަމުންދިޔަ މީހުން ވެސް މަސައްކަތް ހުއްޓާލިއެވެ. އެންމެނަށްވެސް ނުތަނަވަސްކަން ވެރިވިއެވެ. ދަރިފުޅުގެ ގައިމައްޗަށް ވެއްޓިފައިވާ ފާރުގެ ބައިތައް ވަރަށް މަސައްކަތްތަކުން ނަގާ ސާފުކުރުމަށްފަހު އެންބިއުލާސް ގެނައެވެ. ދަރިފުޅުގެ ހަށިގަނޑުގެ ހުރިހާ ކަށިތަކެއް މުގުރިފައިވުމުން އުފުލާލެވޭ ވަރެއް ނުވިއެވެ. ނަމަވެސް ވަރަށް މަސައްކަތުން އެންބިއުލާސަށް ލުމަށްފަހު ހޮސްޕިޓަލަށް ގެންދިޔައެވެ.

ފިރިމީހާ ގުޅާފައި އެ ޚަބަރު ދިނުމުން އަހަރެން ހޭނެތިގެން ވެއްޓުނެވެ. އަދި ހޭއެރުމާ އެކު އެތައް ޒަމާނެއްގެ ކުރިން ދަރިފުޅުގެ މައްޗަށް ކުރި ދުޢާގެ ހަނދާންތައް އާވެ އާލާވެގެން ދިޔައެވެ. އެކަމާ ދެރަވެ ރުއިމުގެ ސަބަބުން ދެވަނަ ފަހަރަށް ހޭނެތުނެވެ. ހޭ އެރީ ހޮސްޕިޓަލުގައި އޮއްވައެވެ. ހޭ އެރުމާ އެކު ދަރިފުޅު ދުށުމަށް އެދުނީމެވެ. އޭރު ދަރިފުޅުގެ ހިތުގެ ހިނގުން ހުއްޓި އެންމެ ފަހުގެ ނޭވާލަނީއެވެ. އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. އަދި ރޮއިގެންފައި ބުނީމެވެ. "ދަރިފުޅު ދެވަނަ ފަހަރަށް ދުނިޔެއަށް އަންނާނެ ނަމަ ކޮން ފަދަހެއްޔެވެ؟ އަދި ހުރިހާ ތުޙަފުތަކެއް ތަޅައިގެން ގޮސް އެ ދަރިފުޅު އަހަރެންގެ ކިބައިން ބީވެގެން ނުދިޔަ ނަމައެވެ. އަހަރެންނަކީ ވާހަކަ ނުދެއްކޭ މީހަކަށް ވީނަމައެވެ. އޭރުން އެފަދަ ދުޢާއެއް ނުކުރެވުނީހެވެ. ނަމައަކުންވާނެ ފައިދާއެއް މިހާރަކު ނެތެވެ."

(نوادر العرب الجميلة/أبو محمد القدسى)

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.