Support Us

ކިރު ވިއްކާ އިމާމު ގޮއްވާލި ވަޒަނުގެ ވާހަކަ

ތުރުކީވިލާތުގައި އޮތް އުސްމާނީ ދައުލަތް ވެއްޓި ފަރަންސޭސީން ދެކުނު ތުރުކީއަށް ވެރިވެގަތް ދުވަސްވަރެވެ. ތުރުކީގެ މުސްލިމުންގެ މައްޗަށް ބާރު ހިންގަމުން ދިޔައީ ފްރާންސާއި އަރްމީނިއާގެ އިސްތިޢުމާރީ ސިފައިންނެވެ. ތުރުކީވިލާތުގައި އޭރުވެސް މުސްލިމު އަންހެނުން ތިބީ ބުރުގާ އަޅައިގެންނެވެ. އެއް ދުވަހަކު ޕެޓްރޯލަށް ނުކުމެ އުޅުނު ފަރަންސޭސި – އަރްމީނިއާގެ ސިފައިންގެ ބަޔަކު މަގުމަތިން ހިނގާފައި ދަނިކޮށް ބުރުގާ އަޅައިގެން ހުރި އަންހެނަކާ ބައްދަލުވިއެވެ. އާދައިގެ މަތިން އެ ބައިމީހުން އެ އަންހެން މީހާއަށް ފުރައްސާރަކޮށް ދިމާކޮށް ހަދަމުން ދިޔައެވެ.

އެ ސިފައިންގެ މީހުން ބުންޏެވެ. "މިހާރު މުސްލިމުންގެ ދައުލަތް ނެތިހިނގައްޖެވެ. ކަލޭމެންގެ ވެރިކަން ވެއްޓިއްޖެއެވެ. މިހާރު ކަލޭމެން ތިޔަ ތިބީ ހުޅަނގުގެ ވެރިންގެ ބާރުގެ ދަށުގައެވެ. ތިޔަ ބުރުގާ ނަގާށެވެ."

އެކަމަށް އެ އަންހެން މީހާ ދެކޮޅު ހަދަމުން ދިޔަ މަންޒަރު ބަލަން މީހަކު ހުއްޓެވެ. އޭނާގެ ނަމަކީ "ކިރުވިއްކާ އިމާމް" އެވެ. އޭނާ އުފަންވީ 1872 ވަނަ އަހަރުއެވެ. އޭރު އޭނާއަކީ އުޒުނޮލޫކް މިސްކިތުގެ އިމާމު ވެސް މެއެވެ. އިމާމުކަން ކުރައްވަނީ ހިލޭ ސާބަހަށެވެ. އިމާމް ދިރިއުޅުއްވުމަށް ކުރެއްވި މަސައްކަތަކީ މަގުމަތީގައި ކިރު ވިއްކެވުމެވެ. ކިރު ވިއްކާ އިމާމުގެ ނަމުން މަޝްހޫރުވެ ވަޑައިގަތީ އެހެންވެއެވެ.

އަންހެން މީހާ އޭނާގެ ބުރުގާ ބާލަން އިންކާރުކުރުމުން ފަރަންސޭސި ސިފައިންގެ މީހަކު އެ އަންހެން މީހާގެ ބުރުގާގައި ހިފިއެވެ. އަތް އިސްކޮށް މަގުމަތީގައި އެ އަންހެން މީހާގެ ބުރުގާ ބާލަން މަސައްކަތްކުރިއެވެ. ބުރުގާ ފަޅާލިއެވެ.

އެ މަންޒަރު ބަލަން ހުރި ކިރުވިއްކާ އިމާމުގެ ޣީރަތްތެރިކަމުގެ ޖޯޝް އެ އަންހެން މީހާގެ ހިމާޔަތަށް ގޮވާލިއެވެ. މުސްލިމު އެންމެ އަންހެނަކު މަގުމަތީގައި އޮރިޔާން ކުރުމަކީ މުޅި އުންމަތް އޮރިޔާންކުރުން ކަމަށް އޭނާ ޤަބޫލުކުރިއެވެ. ވަގުތުން އިސްތިޢުމާރީ ބާރުގެ އެ ސިފައިންނާ އިމާމު ކުރިމަތިލިއެވެ. އަދި އަންހެން މީހާއަށް ހަމަލާދިން ސިފައިންގެ މީހާގެ ބެލްޓުގައި އޮތް ފިސްތޯލަ ދަމައިގަތެވެ. އަދި އެ އަންހެން މީހާ ހިމާޔަތްކޮށްދިނެވެ. މި ތާރީޚީ ހާދިސާ ހިނގީ 1919 އޮކްޓޯބަރު 31 ވަނަ ދުވަހުއެވެ.

އުސްމާނީ ޚިލާފަތުގެ ވެރިކަން ވައްޓާލައި ތުރުކީއަށް ވެރިވެގަތް ފަރަންސޭސީންގެ ކިބައިން ޤައުމު މިނިވަންކުރުމުގެ ހިތްވަރު ތުރުކީވިލާތުގެ ރައްޔިތުންނަށް ލިބިގެން ދިޔައީ ކިރު ވިއްކާ މި އިމާމު ގޮއްވާލި ވަޒަނުގެ ސަބަބުންނެވެ. މި ހާދިސާއަށްފަހު ފަރަންސޭސީން އެ ޤައުމުން ވަނީ ބޭރުކޮށްލައިފައެވެ.

މީލާދީން 1922 ވަނަ އަހަރު ޝަހީދުވި މި ކިރުވިއްކާ އިމާމުގެ ހިތްވަރާއި ޢަޒުމް މީހުންނަށް އަންގައިދިނުމަށް ވަރަށް ގިނަ ކަންތައްތައް ތުރުކީވިލާތުގައި ވަނީ ކޮށްފައެވެ. މިގޮތުން އިމާމު ވަޒަން ގޮއްވާލި އުޒުނޮލޫކް މައިދާނުގައި 1936 ވަނަ އަހަރު އިމާމްގެ ނަމުގައި ހަނދާނީ ބިނާއަކާއި ފެންއަރުވާ ވަޑާމެއް ހެދިއެވެ. އަދި ސުޓްޗޫ އިމާމްގެ ނަމުގައި "ލިބަރޭޝަން މޮނިއުމަންޓް" 1977 ވަނަ އަހަރު ބިނާކުރި އެވެ. އަދި ޗިނާރލީ މިސްކިތުގައި ހުރި އިމާމުގެ މަހާނަ 1980 ވަނަ އަހަރު ވަނީ ޒިޔާރަތަކަށް ހަދާފައެވެ. އޭގެ ފަހުން 1992 ވަނަ އަހަރު ސުޓްޗޫ އިމާމްގެ ނަމުން ނަންދީފައިވާ "ކަހްރަމަންމަރާޝް ސުޓްޗޫ އިމާމް ޔުނިވަރސިޓީ" ވަނީ އުފައްދާފައެވެ. އޭނާގެ ވާހަކަ މިއަދާ ހަމައަށްވެސް ސްކޫލުތަކުގައި ކިޔަވައިދެމުން އެބަދެއެވެ. އޭނާގެ ޒިކުރާ އެބަ އާކުރެވެއެވެ.

މަސްދަރު: އީއެން.އެކަޑެމިކް.ކޮމް އަދި އިމްޕީރިއަލް މުސްލިމް ބްލޮގް

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *