Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކައެއް

މަތީގައި އެ ފެންނަނީ ހަނގުރާމައިގެ ތެރޭގެ މަންޒަރެކެވެ. ޖަޕާނުގެ ކުޑަކުއްޖަކު އޭނާގެ މަރުވެފައިވާ ކޮއްކޮ ވަޅުލުމަށްޓަކައި އުފުލައިގެން ގެންދާ މަންޒަރެވެ.

މި މަންޒަރު، ޖަޕާނުގެ ސިފައިންގެ މީހަކަށް ފެނުމުން، އެ ކުއްޖާއަށް ހަމްދަރުދީވުމުގެ ގޮތުން ބުންޏެވެ. "ކޮއްކޯއެވެ. މަރުވެފައި ތި އޮތް ކުއްޖާ އުފުލުން ކޮއްކޮއަށް ބުރަ ނޫން ހެއްޔެވެ؟ އެހެންވެ، އެ ކުއްޖާ އެއްލާލައިފައި ދާށެވެ!"

ޖަވާބުގައި އެ ކުއްޖާ ބުންޏެވެ. "މިއީ އަހަރެންގެ އަޚެކެވެ! އޭނާ އުފުލުން ފަހަރެއްގައި ވެސް އަހަންނަށް ބުރަކަމަކަށް ނުވެއެވެ."

ދެން، އެ ސިފައިންގެ މީހާއަށް ކުއްޖާގެ ހިތުގެ އިހުސާސު ވިސްނި ރޮވުނެވެ.

އާދެ، ބުނެވޭ ގޮތުގައި މި ތަސްވީރު ވެގެންދިޔައީ ޖަޕާނުގެ ވަހުދަތު، އެއްބައިވަންތަކަން، ރަމްޒުކޮށްދިން ތަސްވީރަކަށެވެ! ކޮންމެ މީހަކީ ވެސް އަނެކާގެ އަޚެއްކަމާއި ތިމާގެ އަޚާ ހާލުގައި ޖެހުމުން އޭނާ 'އުރާލައި އުފުލުމަކީ' އެކަކަށް ވެސް ބުރަކަމަށް ވެގެން ނުވާނޭ ކަމެވެ!

އާދެ، މިއަދު އަޅުގަނޑުމެން ވެސް ވަނީ މިފަދަ ޝިއާރަކަށް ބޭނުން ޖެހިފައެވެ. ތަނުގައި އޮތް ބައިބައިވުން ނެތިކޮށްލައި، އެއްބައިވަންތަކަމާއި ވަހުދަތު ގެނެސްދޭނޭ ޝިއާރަކަށް ބޭނުންވެފައެވެ. އަނެކާއަކީ ތިމާގެ އަޚެއްކަމާއި، ތިމާއެކޭ އެއްފަދައިން، އޭނާއަށް ވެސް ހެޔޮ ދިރިއުޅުމެއް ލިބިދޭން ޖެހޭނޭކަން ހިތުގެ އަޑިން ގަބޫލުކުރުން މެދުވެރިކުރުވާނޭ ފަދަ ޝިއާރަކަށެވެ.