...

Support Us

ކޮލަމް މާޒީ: "ގަވާއިދެއް" ނޫނެވެ. ނުގަވާއިދެވެ.

ފުސްނަކަތުގެ މެދުތެރޭގެ ދުވަހެކެވެ. މި ނަކަތަކީ އުޑުމަތީގައި ފުސް ގިނަ ނަމަވެސް އާންމުކޮށް އެހާ ގިނައިން ވާރޭވެހޭ ނަކަތެއް ނޫނެވެ. ނަމަވެސް މި އަހަރު ފުސްނަކަތް އެހެން އަހަރުތަކާ ތަފާތެވެ. ދޭތެރެދޭތެރެއިން ކޮޅިގަނޑެއް އެބަ އާދެއެވެ. އަބަދު ވެސް ކޮޅިގަނޑެއް އޮންނަނީ ބޯމަތިވެފައެވެ. ހެނދުނުއްސުރެ ވެހެމުން ދިޔަ ބޯ ވާރޭ ހުއްޓައިލީ ދާދި ދެންމެއަކުއެވެ. މުޅިމަގު އޮތީ ފެންބޮޑުވެފައެވެ. މިއީ ބޯކޮށް ވާރޭ ވެހިއްޖެ ނަމަ މާލޭގެ ހާލަތެވެ. ގަބޫލުކުރާންޖެހޭ ހަގީގަތެކެވެ. މި ހަގީގަތާއެކު އަޅުގަނޑުމެންނަށް ޖެހޭނީ ދިރިއުޅޭށެވެ.

ޒައިލާން ވެސް ހަވީރު ހަތަރުގަޑި ބައިހާ އިރު ނުކުތީ އަނެއް ކޮޅިގަނޑު އައުމުގެ ކުރީން ހުޅުމާލޭގައި އޭނާ މަސައްކަތްކުރާ ފްލެޓެއްގެ މަސައްކަތް ހިނގާ ގޮތް ބަލައިލާން އެ ތަނަށް ޒިޔާރަތްކޮށްލާށެވެ. އަމީނީމަގުން ހުޅަނގަށް ގޮސް "ބިލަބޮންހައި"އާއި ބަނޑޭރިކޮށްޓާ ދޭތެރެއިން ބޮޑުތަކުރުފާނު މަގާ ދިމާއަށް ޒައިލާން ދިޔައީ ހެލްމެޓް ވެސް ބޮލަށް ފައްތައިގެންނެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ އޭނާގެ ޒަމާންވީ އެކުވެރިއެއް ކަމުގައިވާ ޙަސަން ޝަރީފު މަޑު ރާގަކަށް ހިންގަވައިފައި އެ މަގުން ދެކުނަށް ވަޑައިގަންނަވަނިކޮށެވެ. އެހެންޏާ ދުވަހަކު ވެސް އޭނާއަކީ ފައިމަގު ހިންގަވައިފައި އުޅުއްވާ ބޭފުޅެއް ނޫނެވެ. ޝަރީފަކީ ޒައިލާން ވަރަށް އިޙުތިރާމްކުރާ ރައްޓެއްސަކަށް ވެފައި ދިމާނުވާތާ އެތައް ޒަމާނެއް ވެފައިވާތީ، ޝަރީފު އަރިހަށް މަޑުކޮށްނުލައި ދާކަށް ޒައިލާންއަކަށް ނުކެރުނެވެ.

"އައްސަލާމް ޢާލައިކުމް، ޝަރީފު. ކޮންތާކަށްތޯ ހިންގަވައިފައި ތިޔަ ވަޑައިގަންނަވަނީ؟ ކޮބައިތޯ ސައިކަލު؟"

"ވާއަލައިކުމުއްސަލާމް ވަރަޙުމަތުﷲ! އަނހާ! ޒައިލާންތޯ؟ ހާދަ ޒަމާނެއް ކޮށްލައިފައި މި ދިމާވީ." ޒައިލާންގެ ސުވާލުތަކަށް ޖަވާބުދެއްވުމުގެ ބަދަލުގައި ޝަރީފުގެ ދުލުން ބޭރުވީ އުފަލާއި ޙައިރާންކަމުގެ ޝުޢޫރުތަކެކެވެ.

"ކޮންތާކަށްތޯ ތިޔަ ވަޑައިގަންނަވަނީ؟" ޒައިލާންގެ ސުވާލު އަނެއްކާ ވެސް ތަކުރާރުކޮށްލިއެވެ.

"މި ދަނީ ބަސްހުއްޓިއަށް. ހުޅުމާލެއަށް ދާންކަމަށް."

"އަވަހަށް އަރައިވަޑައިގަންނަވާ! އަޅުގަނޑު ވެސް މިދަނީ ހުޅުމާލެއަށް. ހުޅުމާލެ ދޭކަށް" ޒައިލާން ދަޢުވަތު އެރުވިއެވެ. "އެކަމަކު ކޮބައިތޯ ޝަރީފުގެ ސައިކަލު؟"

"ކުށްވެރިވެގެން ޖަލުގައި."

"ކީކޭތޯ؟"ޝަރީފު ދެއްވި ޖަވާބުން ޒައިލާނަށް ހުއްޓުންއެރިއެވެ. ނަމަވެސް ވަރަށް އަވަހަށް ހުޅުމާލެއަށް ދާން ބޭނުންވާތީ މަޑިދަށުގައި އޮތް އިތުރު ހެލްމެޓެއް ޝަރީފުގެ އަތްޕުޅަށް އަރުވަމުން ސުވާލުކޮށްލިއެވެ. "ސަމާސާ ނުކުރައްވައި ވިދާޅުވެބައްލަވާ!"

ސަމާސާއެއް ނޫން. ހަމަ ރަނގަޅަށް މި ދެންނެވީ."

ޒައިލާން އިތުރު އެއްވެސް އެއްޗެކޭ ނުދަންނަވައި ސައިކަލަށް އަރައި ދުއްވައިލައި މާލޭގެ ދެކުނު ފަރާތުން ވަށަމަގަށް ނުކުމެ ހުޅުމާލެއަށް މިސްރާބު ޖެހިއެވެ. ސިނަމާލޭ ބުރިޖުން ހުޅުލޭ ހަލިމަގުން ގޮސް ޒައިލާންގެ ސައިކަލު މަޑުކޮށްލީ ހުޅުމާލޭ ހޮސްޕިޓަލާ ކައިރި ހިސާބެއްގައި ހުންނަ މަންހަތަން ފިޝް މާކިޓްކައިރިއަށެވެ.

"ޝުކުރިއްޔާ! އަޅުގަނޑު ދާން ބޭނުންވަނީ "ހުޅުމާލެ -2″އަށް." ޝަރީފު ވިދާޅުވިއެވެ.

"އަޅުގަނޑު ވެސް މި އައީ ހަމަ ދެވަނަ ފިޔަވައްސަށް ދާން އިނގޭތޯ؟ އަޅުގަނޑުގެ ކޮއްކޮ ވެސް އުޅެނީ ދެވަނަ ފިޔަވަހީގައި. ނަމަވެސް މި ތަނުން ކުޑަ ގޮތެއް ހަދައިލައިގެން ދާންކަމަށް މި މަޑުކޮށްލީ. އަނެއްކާ ލަސްވާނެތޯ؟"

"ނޫން. ލަހެއް ނުވާނެ. މިއަދު ވަކި އިތުރު ކަމެއް ނެތީމާ ކޮއްކޮމެންނާ ބައްދަލުކޮށްލާން މި ދަނީ ވެސް." ޝަރީފު ހަމަޖެހިލައިފައި ޖަވާބު ދެއްވިއެވެ.

ދެން އިތުރުވާހަކައެއް ނުދައްކައި ފިޝްމާކިޓަށް ވަދެ، ލިފްޓުން މައްޗަށް އަރައި ދެ މީހުން ވެސް މޭޒެއްގެ ދޮށުގައި ހަމަޖެހިލިއެވެ. ދެމީހުން މަޝްވަރާކޮށްލައި ކާތަކެއްޗަށް އެދުމަށް ފަހު ވާހަކަދައްކާން ފެށިއެވެ.

"ޝަރީފް ސައިކަލަށް ކިހިނެއް ވީއްޔޭތޯ؟"

"ސައިކަލު ވަގަށް ނަގައިގެން މީހަކު ދުއްވަނިކޮށް ފުލުހުން އަތުލައިގެނެގެން ގެންދިޔައީ ކުށްވެރިވެގެން." ޝަރީފުގެ ހުންނަ ސަމާސާ ރާގުގައި ސާފުކޮށް ޖަވާބުދެއްވިއެވެ.

ސައިކަލުތޯ ކުށްވެރިވީ؟ މިހާރު ސައިކަލު ކޮބައިތޯ؟" ޒައިލާން ސީރިއަސްވެލިއެވެ.

"ސައިކަލު ހަމަ ކުށްވެރިވީ. މިހާރުވީ 15 ދުވަހަށް މުއްދަތުޖަހައިފައި ޖަލުގައި." ޝަރީފުގެ ސަމާސާ ރާގުގައި ސާދާކަމާއެކު ވިދާޅުވިއެވެ.

އަސްލު ކިހިނެއްތޯވީ؟" ވެގެން އުޅޭ ގޮތް އޮޅުން ފިލުވާން ޒައިލާން ވަރަށް ބޮޑަށް ބޭނުންވިއެވެ.

"މި ދަންނަވަނީ ހަމަ ވީ ގޮތް. އަޅުގަނޑު ސައިކަލް މީގެ ދެ ދުވަސްކުރީން ގެއްލުނީ."

"ހޯއްދަވާން އުޅުއްވައިފީންތޯ؟  ފުލުހަށް އަންގަވައިފީންތޯ؟"

"ސައިކަލު ފެނިއްޖެ މީގެ ދެ ދުވަސްކުރީން." ޝަރީފު ޒަވާބު ދެއްވިއެވެ.

"ދެން؟" ޒައިލާނަށް އިތުރު ތަފުސީލު ބޭނުންވެއެވެ.

"ދެން މިހާރު ސައިކަލުވީ ޖަލުގައި. 15 ދުވަސް ފަހުންނޯ ލިބޭނީ."

"ޖަލުގައޭތޯ؟ އެއީ ކީއްވެތޯ؟"

"ސައިކަލު ކުށްވެރިވީ ނޫންތޯ؟"

"ކޮބައިތޯ ސައިކަލު ކުރި ކުށަކީ؟"

"ސައިކަލު ވަގަށް ނަގައިގެން ދުއްވީ ލައިސަންސް ނެތް ކުއްޖެކޯ؟ އެހެންވީމާ އެއީ ސައިކަލްކުރި ކުށެއް ނޫންތޯ؟" ޝަރީފުގެ ސަމާސާ ރާގުން ވާހަކަ ކުރިއަށް ގެންދެވިއެވެ. "އަދި ކޮބައިތޯ، މި ވަރަކުން ނުފުދެޔޭ. އަޅުގަނޑު ވެސް ކުށްވެރިވޭ. އަޅުގަނޑު ވެސް 2،000ރ. ދެއްކީމަޔޯ 15 ދުވަސް ފަހުން ވެސް ސައިކަލު މިނިވަންވާނީ."

"ސީރިއަސްކޮށް ތިޔަ ވެގެން އުޅުއްވާ ގޮތެއް ތަންކޮޅެއް ތަފުޞީލުކޮށް ވިދާޅުވެދެއްވައިފާނަންތޯ؟" ޒައިލާން ވަރަށް ސީރިއަސްކޮށް ސުވާލުކޮށްލިއެވެ.

"އަޅުގަނޑަށް ދިމާވެގެން އުޅޭ މައްސަލައަކީ މިއީ. މި ދިޔަ އާދީއްތަ ވިލޭރޭ 12 ޖެހި އިރު އަޅުގަނޑު ސައިކަލު ބެހެއްޓީ އަޅުގަނޑުގެ ގެޔާ ތަންކޮޅެއް ދުރުގައި ސަރުކާރުން ޕާކުކުރާން ހަމަޖައްސަވައިފައި އޮންނަ ސަރަހައްދެއްގައި. ހެނދުނު އޮފީހަށް ދާންވެގެން ތައްޔާރު ވެގެން ސައިކަލު ބަހައްޓައިފައި ހުރި ތަނަށް ގޮސް ބެލިއިރު ސައިކަލް ނެތީ. އަޅުގަނޑު އެކަން ފުލުހަށް އަންގާންވެގެން ވަގުތުން ގުޅީ. ފުލުހުން ޖަވާބުދެއްވީ އެ ސައިކަލް މީހަކު ގަވާއިދާ ޚިލާފަށް ދުއްވަނިކޮށް ހިފަހައްޓައިފައި ޓޯޔާޑުގައި ބަހައްޓައިފައި އެބަ ހުރި ކަމަށް. އޮފީހަށް ގަޑި ޖެހުނު ނަމަވެސް ރަޖިސްޓަރީ ހިފައިގެން އަޅުގަނޑު އަވަހަށް ދިޔައީ ފުލުހަށް. ސައިކަލު ނަގާން. ފުލުހުން އެންގީ ސައިކަލު ލިބޭނީ ދެ ހަފުތާ ފަހުންކަމަށް. ދެ ހަފުތާ ފަހުން ރަޖިސްޓަރީއާއި އައިޑީކާޑާއި 2،000ރ. ހިފައިގެން ދާން އެނގީ. އެއީ ކޮން ދެ ހާސް ރުފިޔާއެއްތޯއޭ ދެންނެވީމާ ފުލުހުން ވިދާޅުވީ އެއީ ޖޫރިމަނާކަމަށް." ދިމާވެގެން އުޅޭ މައްސަލައިގެ ތަފްސީލު ޝަރީފު ވިދާޅުވެއްވިއެވެ.

"ޝަރީފު ޖޫރިމާނާ ކުރާންވީ ކޮން ސަބަބަކާ ހުރެތޯ؟ ކޮބައިތޯ ޝަރީފު ކުރެއްވި ކުށަކީ؟"

"ތިޔައީ އަޅުގަނޑަށް ވެސް ނޭނގެގިގެން މި އުޅޭ ކަމަކީ". ޝަރީފު ޙައިރާންކަމާއެކު ޖަވާބު ދެއްވިއެވެ. "މިއީ ޚިޔާލީ ވާހަކައެއް ނޫން. ނަމަވެސް މިއީ ހަމަ ހަގީގީ ހާދިސާއެއް. ގަވާއިދާ އެއް ގޮތަށް ސައިކަލުގެ ހުރިހާ ފީއެއް ދައްކައި، ގަވާއިދު މަގުތަކުގައި ދުއްވައި، ގާވައިދާ އެއް ގޮތަށް ޕާކުކޮށްފައި ހުއްޓައި ވަގަކު އެ ސައިކަލް ވަގަށް ނެގީމާ ކުށްވެރިމި ވަނީ އެ ސައިކަލާއި އެ ކަމުގައި ގެއްލުން ލިބުނު މަޒުލޫމު. މީހަކު ބުނެފާނެ އެއީ ގަވާއިދުގައި އޮންނަ ގޮތޭ. އެހެންވީމާ ގަވާއިދާ އެއް ގޮތަށް ޖޫރިމާނާ ދައްކާން ޖެހޭނެޔޭ." ވަރަށް ހިތްދަތިކަމާއެކު ޝަރީފުގެ ޝުޢޫރުތައް ބަންޑުންކޮށްލިއެވެ. "ތެދެއް. އެ ބުނާ ގަވާއިދެއްގެ 21 ވަނަ މާއްދާގެ (ށ)ގައި އޮންނަނީ މިހެން. ލައިސަންސް އޮވެގެން ދުއްވާންޖެހޭ އުޅަނދެއް ލައިސަންސް ނުނަގައި ދުއްވާ ފަރާތްތައް، މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާކޮށް، އެ ފަރާތުން ދުއްވި އުޅަނދު، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ހިފަހައްޓައި، އުޅަނދުގެ ވެރިފަރާތް 2,000/- (ދެހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. މި ދެންނެވި ގަވާއިދަކީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވައިފައިވާ ގަވާއިދު ނަންބަރު 2021/R-102." ގަވާއިދުގެ އެ މާއްދާ ވެސް ވަރަށް ރަނގަޅަށް، ޝަރީފު ވިދާޅުވެދެއްވިއެވެ.

"ތިޔައީ ގަވާއިދެއްތޯ؟ ކުރީ ޒަމާނުގައި ސަރުކާރުން އިއުލާންކުރާނެ، މިއާ ޚިލާފުވެއްޖެ މީހަކު ނަމަ މި މިނިސްޓްރީއަށް ފެނުނު ޢަދަދަކުން ޖޫރިމަނާ ކުރެވޭނެޔޭ. އެޔާއި މިޔާ ކޮބައިތޯ ތަފާތަކީ؟ ތިޔައީ ގަވާއިދެއްތޯ ނުވަތަ ނުގަވާއިދެއްތޯ. ނުވަތަ ކުރާ ޖެއްސުމެއްތޯ؟" ޖަޒުބާތުގައި ޒައިލާންގެ ޚިޔާލު ފާޅުކުރިއެވެ.

"ތިޔަހެން އަޅުގަނޑު ވެސް ހިތަށް މި އަރަނީ. އަޅުގަނޑު ނުކުރާ ކުށަކަށް، އަޅުގަނޑަށް އަދަބު ދިނުމަކީ ކޮންތާކު އޮންނަ އިންސާފެއްހޭ މި ހިތަށް އަރަނީ. އަޅުގަނޑުގެ ސައިކަލު އެހެންމީހަކު ވަގަށް ނެގީ. އަޅުގަނޑަށް މި އަނިޔާ ލިބެނީ. އަޅުގަނޑާއި އަޅުގަނޑުގެ ސައިކަލު މި ކުށްވެރިވަނީ." ޝަރީފުގެ ޚިޔާލު ވެސް ފާޅުކުރިއެވެ. "ހަގީގަތުގައި މި ދުވަސްކޮޅު އަޅުގަނޑު މި އުޅެނީ ވަރަށް ތާށިކޮށް. އަންހެނުން ބަލިވެގެން ވަރަށް ގިނަ ފަހަރު ބޭރަށް ދާންޖެހިގެން. މުސާރަ ނެތް ޗުއްޓީގައި އަހަރެއްހާ ދުވަހު އުޅެފައި އަދި މި މަހު ވަޒީފާއަށް މި ނުކުތީ. މުސާރަ ލިބޭނީ ވެސް މަސް ނިމުނީމާތާ. ދެން ކިހިނެއްތޯ ދެހާސްރުފިޔާ އަޅުގަނޑު ދައްކާނީ؟ ދެން ފައިސާ ނުދެއްކުނީމާ ސައިކަލު އެވީ ނައްތައިލާން. އަދި ދެ އަހަރު ނުވާ ސައިކަލެއް އެއީ." ހިތްދަތިކަމާއެކު ޝަރީފު ވާހަކަފުޅުދެއްކެވިއެވެ.

ޝަރީފާއި ޒައިލާން މި ވާހަކަދައްކަމުން ދިޔަ އިރު އެހެން މޭޒެއްގެ ދޮށުގައި ކަންފަތް ދީގެން އިން މޫސަ، ތެދުވެގެން އައިސް އެ މޭޒު ދޮށުގައި އިށީންދެއްޖެއެވެ. އަދި ޝަރީފުމެން ދައްކާ ވާހަކައިގައި ބައިވެރިވުމުގެ ގޮތުން ބުންޏެވެ. "ޝަރީފަށް ދިމާވެގެން އުޅޭ ކަހަލަ ކަމެއް އަޅުގަނޑަށް ވެސް ދިމާވެގެން މި އުޅެނީ. އަޅުގަނޑުގެ ސައިކަލު، ސަރވިސްކުރާން ގަރާޖަކާ ހަވާލުކުރީ މި ދިޔަ ބުދަ ދުވަހު. ބުރާސްފަތި ދުވަހު ނިމޭނޭ ބުނީމާ ސައިކަލް ބަލައި މި ދިޔައީ. ދިޔައިމާ ގަރާޖުން ބުނީ، ސައިކަލު ގެންގޮސްފިޔޯ ފުލުހުން. ކީއްވެގެންތޯ އެހީމާ ބުނީ، ސައިކަލު ހަދައި ނިންމައިލުމަށް ފަހު މައްސަލައެއް އުޅޭތޯ އެ ތާ އުޅޭ ޖަލްވާރު ކިޔާ ބޭރު މީހަކު ސައިކަލުގައި އެ ކޮށި ވަށައި ބުރެއްޖަހައިލާން ދިޔައީއްޔޯ. ފުލުހުން އޭނާ މަޑުކުރުވައިފައި ހިފަހައްޓައިފައި ލަންސަންސް ދައްކާށޭ ބުނީއްޔޯ. އެ ސޮރުގެ ނޯވެޔޯ ލައިސަންސެއް. އެހެންވެ ބުނީ ސައިކަލު ހިފެހެއްޓިއްޔޯ 15 ދުވަހަށް. އަދި ޖަލްވާރު އެއް ހާސް ރުފިޔާއިން ޖޫރިމާނާ ވީކަމަށް އެބަ އޮތޯ ޗިޓު ދީފައި ވެސް. ދެން އަޅުގަނޑު ރަޖިސްޓަރީ ހިފައިގެން ފުލުހަށް ދިޔައިން ސައިކަލު ހޯދާން. އެ ތަނުން ވިދާޅުވީ ދެ ހަފުތާ ފަހުން އަންނާށޯ ދެ ހާސް ރުފިޔާ ހިފައިގެން."

"ސުބްހާނަﷲ! ސަހަރޯ! ތިޔައިގައި ކޮބައިތޯ މޫސަގެ ކުށެއް. ގަވާއިދުން ރަޖިސްޓަރީކޮށްގެން ހިންގާ ގަރާޖަކުން ޚިދުމަތް ހޯދުމަކީ ކުށެއް ބާ؟" ޒައިލާނަށް ބުނެލެވުނެވެ. "މޫސަ ވެސް ނުވަތަ ޝަރީފު ވެސް ކުށްވެރިވާން އެންމެ ރަނގަޅު، ލައިސަންސް ނެތް މީހަކަށް ދުއްވައިލާން ސައިކަލު ދިން ނަމަ. އޭރުން ބުނެވިދާނެ ކުށެއް ކުރާން އެހީތެރިވެދިނީއްޔޭ. ނުވަތަ ހިތްވަރު ދިނީއްޔޭ. ނަމަވެސް ތިޔަ ކިޔައިދެއްވި ދެ ހާދިސާގައި ތިޔައިން ބޭފުޅަކު ކުރެއްވި ކުށެއް ނެތް. މީހަކު ނުކުރާ ކުށަކަށް އަދަބެއް ދޭނީ ކިހިނެއްތޯ؟ ތިޔަ ކަހަލަ ކަންކަމަށް އަނިޔާ ނޫން ކޮށް ނަމެއްތޯ ކިޔާން އޮތީ. ނުވަތަ ކިޔާންވީ ޒަމާނީ ފޭރުމޭތޯ؟ ދެން ނޭނގެ."

"އާދެ! އަޅުގަނޑު ވެސް އެއްބަސް. ތިޔައީ ހަމަ ކަނޑައެޅިގެން އަނިޔާ. ޒަމާނީ ފޭރުން." މޫސަގެ ޚިޔާލު ވެސް ފާޅުކޮށްލިއެވެ. މިހާ ހިސާބުން ކުޑަ ފައިލަކަށް ލައިގެން ބިލު ހިފައިގެން ވެއިޓަރު އައިސް މޭޒުމަތީގައި ބާއްވައިލުމާއެކު، ބިލު ދައްކާނީ އަޅުގަނޑޭ ވިދާޅުވެ މޫސަ ބިލާ ޙަވާލުވެވަޑައިގެންފިއެވެ.

މޫސައަށް ޝުކުރު އަދާކުރެއްވުމަށް ފަހު ޒައިލާނާއި ޝަރީފު "ހުޅުމާލެ-2″އަށް ދާން ސައިކަލު ދުއްވައިލި ތަނާ ބޯކޮށް ވާރޭ ވެހޭން ފަށައިފިއެވެ. އެހެންކަމުން އަވަސް އަވަހަށް އަނެއްކާ ސައިކަލު ބަހައްޓަވައިފައި ގޮސް ބޭންކްއޮފް މޯލްޑިވްސް ހުންނަ ޢިމާރާތުގެ ފެންޑާ މަތީގައި މަޑުކޮށްލައިގެން ތިއްބެވެ. ވާރޭ ހުއްޓައިލަންދެން މި ތާނގައި ތިބި އިރު ވެސް އެ ދެ މީހުން ފޫހިވުމެއް ނެތި އެ މީހުން މަޝްވަރާކުރަމުން ގެންދިޔައީ ޝަރީފާއި މޫސައަށް ދިމާވެގެން އުޅޭ ބޭއިންސާފާ ބެހޭ ގޮތުންނެވެ. ޙައިރާންކަމާއެކުގައެވެ.

ޝަރީފާއި ޒައިލާންގެ ނަޒަރުގައި ވެސް ގަވާއިދޭ ކިޔައިފައި ގެޒެޓްގައި ލިޔުމެއް ޝާއިޢުކޮށްލިޔަކަސް އެއީ ހަގީގަތުގައި ގަވާއިދަކަށް ނުވާނެއެވެ. ގާނޫނެއްގެ ދަށުން ހަދާ ގަވާއިދެކޭ ހަމައެކަނި ބުނެލިޔަކަސް ކަމަކު ނުދާނެއެވެ. އެ ގަވާއިދު ގަވާއިދަކަށް ވާނީ ޤާނޫނުއަސާސީއާއި ގާނޫނުތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި މިނިވަންކަމަށް ހުރަސް ނޭޅޭ ގޮތަށް ހެދޭ ގަވާއިދުތަކަށެވެ. ޤާނޫނާއި ޤަވާޢިދަކީ ރައްޔިތުން ކުށްވެރިކުރާން ހަދާ އެއްޗަކަށް ވެގެން ނުވާނެއެވެ. އޭގެ ބަދަލުގައި އެ ފަދަ ގާނޫނާއި ގަވާއިދުތައް ވާންޖެހޭނީ މުޖުތަމަޢާއި ރައްޔިތުންނަށް ޙިމާޔަތާއި އަމާންކަން ގެނެސްދޭ އެއްޗަކަށެވެ. އެއްވެސް މީހަކު ނުކުރާ ކުށަކަށް އަދަބު ލިބުމަކީ އިންސާފުގެ އެއްވެސް ހަމައަކުން އެއްވެސް މީހަކު ގަބޫލުކުރާނެ ކަމެއް ނޫނެވެ. އެހެންކަމުން ޝަރީފާއި ޒައިލާން ވެސް އަދި މޫސަ ވެސް އުންމީދުކުރަނީ މި ބާވަތުގެ ކަންކަމާމެދު ކަމާ ބެހޭ ފަރާތްތަކުން ވިސްނައި ވަޑައިގެން އިޞްލާޙުކުރައްވާނެ ކަމަށެވެ. ޝަރީފު ވެސް ޒައިލާން ވެސް އަދި މޫސަ ވެސް ދެކޭ ގޮތުގައި މި ބާވަތުގެ ބޭއިންސާފާއި އަނިޔާ މަޢުޞޫމު މީހެއްގެ މައްޗަށް ތަންފީޒުކުރާން އުޅުމަކީ އަނިޔާއެވެ. އަދި އެ ފަދަ ކަންކަމަށް ހަދައިފައި ހުންނަ ގަވާއިދަކީ ވެސް ހަގީގަތުގައި "ގަވާއިދެއް" ނޫނެވެ. އެއީ ނުގަވާއިދެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

One Response

  1. ވާހަކައެއްގެ ސިފައިގައި ޕްރެޒެންޓްކޮށްފައި އޮތަސް މިއީ ވަރަށް މުހިންމު މެސެޖެއް ދިން ލިޔުމެއް. ޝައުގާއެކު ކިޔައިލެވުނު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.