Support Us

މަރުހޫމް މޫމިނާ އަލިދީދީ އާއި މުހައްމަދު ޝާކިރު

ލޮބުވެތި މަންމަ އާއި ބައްޕަ އަވަހާރަވުމުގެ އެ ހިތްދަތި ހަނދާންތައް.. 31 އަހަރަށްފަހު

އަޅުގަނޑުގެ ލޮބުވެތި ބައްޕަ، ގ. ޕެންޒީމާގޭ މުހައްމަދު ޝާކިރާއި މަންމަ މޫމިނާ އަލިދީދީ އެހެން އަހަރު ތަކެކޭ އެއްފަދައިން މިއަހަރުވެސް ޖުލައި 26ގެ ޗުއްޓީއަށް ވ. އަދި މ. އަތޮޅަށް ވަޑައިގަތުމަށް ދަތުރު ތައްޔާރު ކުރައްވަމުން ގެންދެވިއެވެ. އަޅުގަނޑާއި އަންހެނުންނާއި އަދި ތިން އަހަރުގެ ކުޑަ ދަރިފުޅުވެސް ނިންމައިގެން ތިބީ އެ ދަތުރުގައި މަންމަ އާއި ބައްޕަ އަރިހުގައި ދާގޮތަށެވެ.

އަޅުގަނޑު އޭރު މަސައްކަތް ކުރަމުން ދިޔައީ ބޭންކް އޮފް މޯލްޑިވްސްގެ މެއިން ބްރާންޗްގައެވެ. އަދި އެންމެ ފަހު ވަގުތު އެ ދުވަސްކޮޅާ ދިމާކޮށް ބޭންކަށް އެމެރިކަން އެކްސްޕްރެސްގެ ވަފުދެއް ޒިޔާރަތްކުރަން ހަމަޖެހުމާ އެކު އަޅުގަނޑަށް ޗުއްޓީ ލިބޭގޮތެއް ނުވިއެވެ. އެކަމާ ވަރަށް ދެރަވިއެވެ. އެހެނީ އަޅުގަނޑު އަބަދުވެސް މަންމަ އާއި ބައްޕަ އަރިހުގައި ވަރަށް ދަތުރު ކުރާހިތްވެއެވެ. އަދި އަޅުގަނޑުގެ ކުޑަކުޑަ ދަރިފުޅަކީ ވަރަށް މޫދަށް އެރެން ވަރުހުންނަ ކުއްޖެކެވެ. އޭރު އޮތީ ޖެހިގެން އަންނަ ދުވަހު ފުރާގޮތަށް ހުރިހާކަމެއް ހަމަޖެހި ނިމިފައެވެ. އެހެންކަމުން ހަވީރު ބޭންކު ނިންމާލާފައި ގެއަށް އައިސް ބައްޕަ ކޮބާތޯ ބަލައިލީމުއެވެ. އަދި ފެންޑާ މަތީގައި ހުރި މޭޒެއްގެ ކައިރީގައި ބައްޕަ އިންނެވިތަން ފެނުނެވެ.

މަޑުމަޑުން އައިސް މޭޒުގެ އަނެއް ފަރާތުގައި ހުއްޓިލުމުން ހިނިފުޅު އައިސްފައި، ކޮންމެވެސް އެއްޗެއް ލިޔުއްވަން އިންނެވި ފޮތެއް ބައްޕަ ލައްޕަވާލެއްވެވިއެވެ. އެ ހިނދު އަޅުގަނޑަށް ބޭއިޚްތިޔާރުގައި އެފޮތާ ދިމާލަށް ބަލައިލެވުނެވެ. އެއީ ތާނަ ލިޔާ އާދައިގެ ފޮތެކެވެ. އަދި ފޮތުގައި ނަން ޖަހަން އޮންނަ ދިމާލުގައި ވޮންޑަރމާކަކުން "އެސްޓިމޭޓް" މިހެން ޖަހައިފައި އޮތް ހަނދާނެއްވެއެވެ. ކޮންމެއަކަސް އެފޮތް ލައްޕަވާލެއްވުމަށްފަހު ބައްޕަ އެއްސެވިއެވެ.

"ކިހިނެއްވީހެއްޔެވެ؟" ދެން ވެގެން އުޅޭގޮތާއި ދަތުރު ދެވެން ނެތްކަން ދެންނެވީމާ ވިދާޅުވިއެވެ.

"އާ ވަޒީފާ އަށް ކަމޭހިތަން ވާނެއެވެ. ދެން ފަހަރަކުން ބައްޕަމެނާ އެކު ދާނީދޯއެވެ؟"

އޭގެ އަނެއް ދުވަހު ފުރަން ނުކުމެ ވަޑައިގަންނަވަމުންވެސް އަޅުގަނޑުގެ ދަރިފުޅު ކައިރީގައި މާމަޔާއެކީ މޫދަށްދާން ދާން ހިނގާށޭ ވިދާޅުވެ ވިދާޅުވެ ހަމަ ހިލާ އެމަންޖެ ދާން އެއްބަހެއްނުވިއެވެ. އެހެންކަމުން މަންމަ އާއި ބައްޕަގެ އެ ދަތުރުގައި އަޅުގަނޑާއި އާއިލާއަށް ބައިވެރިއެއް ނުވެވުނެވެ. އެހެންވެ މަންމަ އާއި ބައްޕަ ދަތުރައިގެން ކުރިޔަށް ވަޑައިގެންނެވިއެވެ.

ދުވަހަކީ އުޑުމަތި ސާފު ދުވަހެކެވެ. ޖުލައި 28، 1991 ވަނަ އަހަރުގެ އާދީއްތަ ދުވަހެވެ. ދުވަހުގެ ވަޤުތުތައް ގުނަމުން ދިޔައިރު ގޭތެރެ ފެންނަނީ ވަރަށް ފަޅުކޮށެވެ. މަންމަ އާއި ބައްޕަ ނެތުމުންނެވެ. އެ ދެ ބޭފުޅުން ވަޑައިގެންވީ އާދައިގެ މަތިން، ކޮންމެ ޗުއްޓީއެއްގައިވެސް ވަޑައިގަންނަވާ ފަދައިން ވ. ކެޔޮދޫ، ރަކީދޫ އަދި މ. ދިއްގަރުގައި ތިބި ޒަމާންވީ ރައްޓެހިންނަށް ޒިޔާރަތް ކޮށްލެއްވުމަށެވެ. އަޅުގަނޑުގެ ތިން އަހަރަށްދާ ދަރިފުޅުވެސް ހުރީ މާމަ އަދި ކާފަ އެނބުރި ވަޑައިގަންނަވާ ވަގުތަށް ކެތްމަދުވެފައެވެ. ވާނީވެސް އެހެންތާއެވެ. ކޮންމެ ދުވަހެއްގެ މެންދުރުގެ ވަޤުތަކީ އެމަންޖެ މާމައާ އެކު ވާހަކަ ކިޔުމުގައި ކޮޓަރީގައި ހޭދަކުރާ ވަޤުތެވެ.

ދުވަހުގެ ވަގުތު ފާއިތުވަމުން ގޮސް އިރު އޮއްސިއްޖެއެވެ. މޫސުން ހަމަ އާދައިގެ މަތިން ރީއްޗެވެ. އަޅުގަނޑުވެސް އިރު އޮއްސުމުން މަޣްރިބު ނަމާދުން އަވަދިވެ ކޮޓަރީގައި އަރާމުކޮށްލުމަށް މަޑުކޮށްލީމެވެ. މިހެން އޮއްވާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް ގޭ ފުރާޅުގެ ޓިނުތައް ތަޅުވައިގަތް އަޑަށެވެ. ގޭގެ ކުރިމަތީ ހުރި ޖަންބުގަހުގެ އޮފިތައް ގަދަ ވަޔާއެކު ދެއަތް ދެއަތަށް ހޫރިގަތެވެ. އަދި ބޯކޮށް ވާރޭ އޮއްސާލިއެވެ. އެވަޤުތު ވަރަށް ނޭނގޭ އިހުސާސެއް ކުރެވުނެވެ. ހިތުތެރޭގައި ނޭނގޭ، ނުތަނަވަސްކަމެއް އުފެދުނެވެ. ނަމަވެސް ހަމަ ކުޑަ ހިނދުކޮޅެއް ތެރޭގައި ވާރޭ ހުއްޓާލައި ވައިމަޑުވެއްޖެއެވެ. ދެން އެރޭގެ އިޝާނަމާދަށް ގޮވުމުން ނަމާދުން އަވަދިވެ ކެއުމަށްފަހު ނިދަން ކަމަށް ކޮޓަރި އަށް ވަދެ ޖައްސާލީމެވެ. މިހެން އޮއްވާ ކޮޓަރީ ދޮރުގައި މީހަކު ވަރަށް ބާރަށް ޓަކިޖަހަމުން އަންހެނުންނަށް ގޮވާލިއެވެ. އަދި އަންހެނުން ދޮރުހުޅުވާލުމުން އަޅުގަނޑު ކޮބައިތޯ ސުވާލުކުރިއެވެ. އަދި އަޅުގަނޑު ބޯދިއްކޮށްލުމުން އެއްޗެހި ބަދަލުކޮށްލައިގެން ތިމަންނައާ އެކު އައިސްބަލާށޭ ބުންޏެވެ.

އޭރު ގަޑިން ރޭގަނޑު 10 ޖަހާ ބޮޑުވެދާނެއެވެ. އަޅުގަނޑު އަވަސްއަވަހަށް އެއްޗެހި ބަދަލުކޮށްލައިގެން ކޮޓަރިން ނިކުތުމުން ތިމަންނައާ އެކު ދޯންޏަށް އައިސްބަލާށޭ ބުންޏެވެ. އޭނާ އަކީ ބަނޑޮސްގެ ދޯންޏެއްގައި މަސަައްކަތްކުރާ ކުއްޖެކެވެ. އަދި ދޯނި އޮތީ ބޭންކް އޮފް މޯލްޑިވްސް ކައިރީގައި ކަމަށް ބުންޏެވެ. ދެން ދެ މީހުން އެކުގައި ދޯންޏަށް ދާން ހިނގައިގަނެފީމުއެވެ. އެ ދިޔަ މަގުމަތީގައި ތިގޭން އެއްވެސް ބަޔަކު ދަތުރު ގޮސްގެން އެބަ އުޅޭތޯ އަޅުގަނޑާ ސުވާލު ކޮށްލިއެވެ. އަދި ޖަވާބުގައި އާނއެކޭ މަންމަ އާއި ބައްޕަ ވީ ވ. އަދި މ. އަތޮޅަށް ކުރައްވާ ދުތުރެއްގެ މަތީގައޭ އެހެނެއް ކަމަކު އެދަތުރު ނިމި މާލެ ވަޑައިގަންނަވާ މަގުމަތީގައި ކަމަށް ބުނީމެވެ. އަދި ތިޔަ ސުވާލުކުރީ ކިހިނެއްވެގެންތޯ އެހުމުން އިތުރު އެއްވެސް އެއްޗެއް ނުބުނެ ދޯންޏަށް ހިނގާށޭ ބުންޏެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތަށްވެފައި 10 ޖަހާ ބޮޑުވުމުން މަގުމަތީގައި ދުއްވާ އެއްޗެހި އެހާ މަދެވެ. އެހެންކަމުން ދޯންޏާ އަރާ ހަމަވިއިރު ދޯނީގައި ހުރި ސެޓުން ބަޔަކު ވާހަކަ ދައްކާ އަޑުއިވެއެވެ. އަދި ދޯނީގެ ފަޅުވެރިން އެ ސެޓު ކައިރީގައި ތިބިތަން ފެނުނެވެ.

ދެން ދޯންޏަށް އެރުމަށް ފަހު އޭނާ ގޮސް މަޑުކޮށްލީ ސެޓުކައިރީގައި ކަމުން އަޅުގަނޑުވެސް އެތާ މަޑުކޮށްލީމެވެ. އޭރުވެސް ވެގެން އުޅޭކަމެއް ނުވަތަ އަޅުގަނޑު އެތަނަށް ގެންދިޔަ ސަބަބެއް ހަމަ ކުޑަކޮށްވެސް ފަހުމުވާ ގޮތެއް ނުވެއެވެ. އެ ހިސާބުން ދޯނީގެ ސެޓުން ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަން ހުއްޓުނެވެ. އަދި ވާހަކަ ދައްކަމުން ދަނީ ކޯސްޓުގާޑާއި އެހެން ބަޔަކާކަން ދެނެގަނެވުނެވެ. އެ ހިސާބުން ކޯސްގާޑުން ވާހަކަ ކުރިޔަށް ގެންދިޔައެވެ.

ކޯސްޓުގާޑު: މިހާރު މިތިބީ ދޯނި ކައިރީގައި. މި ދޯންޏަކީ ވ. ކެޔޮދޫން ފުރައިގެން މާލެ ދިއުމަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް. ދޯނި މިވަނީ ގުޅީ ފަޅުމައްޗަށް ބަންޑުން ޖަހާލާފައި. މިހާތަނަށް ދެ މީހަކު ނިޔާވެފައި ވާކަން ކަށަވަރު. މާލޭގައި ކޮންސްޓަރަކްޝަން މަސައްކަތް ކުރާ ފަރާތަކާއި އޭނާގެ އަންހެނުން ކަމަށް ލަފާކުރެވެނީ. ދޯންޏަކީ އޭނާ ކުއްޔަށް ހިފައިފައިވާ ދޯންޏެއް.

ނިޔާވެފައިވާ ދެ މީހުންގެ ސިފަ ކިޔައިދިންއިރު ތަސްވީރެއް ކުރެހޭ ފަދައިން އަޅުގަނޑުގެ ލޯބިވާ މަންމަ އާއި ބައްޕަގެ ސޫރަ ކުރެހި ފުރިހަމަވަމުން ދިޔައެވެ.

މަރުހޫމް މޫމިނާ އަލިދީދީ އާއި މުހައްމަދު ޝާކިރު

އެ ހިސާބުން އަޅުގަނޑުގެ ގައިން ވަރުދޫވާކަން އިހުސާސްވިއެވެ. ނޭވާ ހާސްވާގޮތްވިއެވެ. ދުނިޔޭގެ ހަތަރު ބިތް އެކުވާހެންހީވިއެވެ. އަނގައިން ބަސްހުސްވިއެވެ. ފިޔަވަޅު އަޅަންވީ ދިމާލެއް ނުއެނގުނެވެ. އެ ހިސާބުން އަޅުގަނޑުގެ ރަހުމަތްތެރިޔާ އަޅުގަނޑުގެ އަތުގައި ހިފާ ތަޅުވާލިއެވެ. އަދި ގެއަށްދާން ހިނގާށޭބުންޏެވެ. ދެން އޭނާއާ އެކު ދޯނިން ފައިބައިގެން ގެޔާ ދިމާލަށް ހިނގައިގަނެފީމެވެ. ރަހުމަތްތެރިޔާ އަޅުގަނޑުގެ އަތުގައި ހިފި ގޮތަށް ދޫނުކޮށް އަޅުގަނޑާއެކު އައިއިރު ހިތްވަރު ގަދަ ކުރުމަށާއި ކެތްތެރިވުމަށް ނަސޭހަތްދެމުން ދިޔައެވެ. އަދި އަޅުގަނޑުގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެރެމުން ދިޔައެވެ. ނަމަވެސް ގެޔާ ކައިރި ވީވީހެން ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ދިޔައީމެވެ. ހިތާހިތުން އަމިއްލަ ނަފުސަށް ކެތްތެރިވުމަށް ބާރު އަޅަމުން ދިޔައީމެވެ. ގެއަށް އައިސް ވަންނަމުން ދެލޯ ފުހެލުމަށްފަހު އަޅުގަނޑަށް އެއްވެސް ކަމެއް އެނގޭކަމަކަށް ނުހަދަމެވެ. އަދި ގެއަށް ވަންއިރު ކޯސްޓުގާޑުން ގެއަށް ގުޅާ މަންމަ އާއި ބައްޕަ ދަތުރު ކުރައްވަމުން ވަޑައިގެންނެވި ދޯނި ގުޅީ ފަޅަށް ބަންޑުން ޖަހާލައިފި ކަމާއި އިތުރު މައުލޫމާތު ލިބުނުލިބުނުހެން ހިއްސާ ކުރަމުން ގެންދާނެ ކަމަށް އަންގާފައިވެއެވެ. އެހެންކަމުން ބައްޕައާއި މަންމަ ނިޔާވި ޚަބަރު ނުދޭކަމުން އަޅުގަނޑުވެސް އެކަން ނޭނގޭ ކަމަށް ހަދައިގެން ހުރީމުއެވެ. އޭރު ގޭތެރެވަނީ މޮޅިވެރިކަމުގެ ކިއްލާއަކަށް ބަދަލުވެފައެވެ. މަންމަ އާއި ބައްޕަ ހެޔޮ ހާލުގައި ލަހައްޓަވާތޯ ދުޢާ ކުރެވެމުންދެއެވެ. ބައްޕަ އާއި މަންމަ ނިޔާވެފައިވާކަން ކޯސްޓުގާޑުން ހިއްސާ ކޮށްފައިނުވާތީ އަޅުގަނޑު ނޫން އެއް ކުއްޖަކަށްވެސް އެކަމުގެ ހަޤީޤަތާއި ހުރި ހިތާމަވެރިކަމެއް ނުއެނގެއެވެ. ނަމަވެސް އެ ވަޤުތު ހާލަތު އަޅުގަނޑަށް މަޖުބޫރު ކޮށްފައިވަނީ އެކަން ވަންހަނާކޮށް ހުރިހާ ކުދިންނަށް ހިތްވަރުދިނުމަށެވެ.

އެ ހާދިސާ ހިނގިއިރު އަޅުގަނޑުމެން ފަސް ކުދިންގެ ތެރެއިން ކައިވެނި ނުކޮށް ހުރީ ހަމައެކަނި އެންމެ ހަގަށް ހުރި ފިރިހެން ކޮއްކޮއެވެ. އެހެންކަމުން އެންމެ ހާލުދެރަވެ އަސަރުކޮށްފައިވަނީ ވެސް ކޮއްކޮއަށެވެ. އެހެނީ ކޮއްކޮގެ ހުރިހާކަ މެއްވެސް ކޮށްދެއްވަނީ މަންމައެވެ. އެހެންކަމުން އެކަނިވެރިކަން އެންމެ ބޮޑަށް އިހުސާސްވާނީ ކޮއްކޮއަށްކަން ޤަބޫލު ކުރަމެވެ. ވަޤުތު ފާއިތުވަމުން ގޮސް ފަތިސް ނަމާދަށް ގޮވައި އިރުކޮޅެއް ވީތަނާ ފޯނު ރަނގަބީލު އަޅަން ފަށައިފިއެވެ. އެއީ ހާމަ ހީކުރި ފަދައިން ކޯސްޓުގާޑުންނެވެ. މަންމަ އާއި ބައްޕަގެ އިތުރުން އާއިލާގެ އިތުރު ތިން ބޭފުޅަކު ނިޔާވެފައިވާ ކަމާއި މި ގޭގައި ކިޔަވަން ހުރި މ. ދައްގަރު އަހުމަދު މޫސާ ވީނުވީތަނެއް ނޭނގި ގެއްލިފައިވާ ކަމާއި އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓު ގާޑުން ކުރިޔަށް ގެންދާ ކަމާއި، ނިޔާވެފައިވާ ހުރިހާ ބޭފުޅުންގެ ހަށިކޮޅުތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާކަމުގެ މައުލޫމާތު ދިނެވެ. މިހާ ހިސާބުން ކޮއްކޮގެ ހެޔަށް ގޮތްވެ ހަސްފަތާލުހައި އެނދުމަތި ކުރިއެވެ.

ޖުލައި، 29، 1991 ވަނަ ދުވަހަށް އިރު އެރިއިރު ގޭދޮށަށް ވަނީ ގާތް ތިމާގެ ބޭބޭފުޅުންނާއި ރައްޓެހިންނާއި އަވައްޓެރިން ޖަމާވާން ފަށައިފައެވެ. މުޅި ހިސާބުގަނޑަށް ވަނީ ހަމަހިމޭންކަމާއި ހިތާމަވެރިކަން ވެރިވެފައެވެ. މަންމަ އާއި ބައްޕަ އަދި އެހެނިހެން ބޭފުޅުންގެ ހަށިކޮޅުތައް ވަނީ ހަސްފަތާލަށް ގެންގޮސްފައެވެ. ހަސްފަތާލުގައި އެއިރު ޑިއުޓީގައި ޑޮކްޓަރަކަށް ހުންނެވީ އަޅުގަނޑާއި މަންމަ ފަރާތުން ދެބެންގެ ދެދަރި ބޭފުޅެއް ކަމުގައިވާ މއ. ކޮމްރެޑްވިލާ ޑޮކުޓަރު މުހަންމަދު ޑީޑީއެވެ. މަރު ސާބިތުކުރެއްވުމަށްފަހު މަންމަ އާއި ބައްޕަގެ ފުރާން ނެތް ހަށިކޮޅު ގެއަށް ގެނައީ އިރު އެރި ފަހުންނެވެ.

ބައްޕަ އާއި މަންމަ ހިނަވަން ހަމަޖައްސާފައި އޮތީ ގޭގައި ވަކިން ހުރި ދެ ކޮޓަރީގައެވެ. ދެ ކޮޓަރީގެ ދޮރު ހުޅުވާލުމުން އެއް ކޮޓަރިން އަނެއް ކޮޓަރި ފެންނަ ގޮތަށް ހުރި ދެކޮޓަރިއެވެ. ބައްޕަގެ ފުރާނަ ނެތް ހަށިކޮޅު ހިނަވަން އަޅުގަނޑު ވަނީމެވެ. އަދި ހޮސްޕިޓްލުން ގެނައި ސްޓްރެޗަރ އިން ނަގާ ހިނަވާ އެނދުގައި ބޭއްވުމަށް އަޅުގަނޑު ބައްޕަގެ އިސްތަށިފުޅު ދަށުގައި ހިފެހެއްޓީމެވެ. އަދި ހިނަވާ އެނދުގައި އިސްތަށިފުޅު މަޑުމަޑުން ބޭއްވުމަށްފަހު އަތް ނެގުމަށްފަހު ބަލައިލިއިރު ދެއަތްތިލައިގައި ލޭގެ އަސަރާއި، ކަޅުތެޔޮ އަދި ވެލީގެ އަސަރު ކޮންމެވެސް ވަރަކަށް ހުއްޓެވެ. އަދި އިތުރަށް ބެލުމުން އިސްތަށިފުޅުގެ ނާށިގަނޑަށް ގެއްލުން ލިބިފައި ހުރި ކަމާއި ހަސްފަތާލުން ލޭމަނާ ކުރުމަށް ޕްލާސްޓަރ ބޭނުންކޮށްފައި ހުރިކަންވެސް ފާހަގަވިއެވެ.

ކޮންމެއަކަސް ބައްޕަގެ ހަށިކޮޅު ހިނަވާ ނިމުމަށްފަހު މަޑުކޮށްލައިގެން އިނީމެވެ. ލޮލުން ހަމަ އެންމެ ކަރުނަ ތިއްކެއްވެސް ނުޖެހިއެވެ. ރޭއްސުރެ ކަރުނަ ހިފަހައްޓައިގެން ހުރުމުގެ ނަތީޖާއަށްވެސް ވެދާނެއެވެ. މިހެން އިންދާ ކޮންމެވެސް މީހަކު އަޅުގަނޑުގެ ކޮނޑުގައި ހިފާލިއެވެ. އަދި ބައްޕަ އަރިހު އިންނަތާ އެތައް އިރެއް ވެއްޖެނޫންހޭ މަންމަ ވެސް ހިނަވާ ނިމިއްޖޭ އެތަނަށް ގޮސްލަންވީނޫހޭ ބުނެލިއެވެ. އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމަށްފަހު އަޅުގަނޑު ތެދުވެއްޖައީމެވެ. އަދި ވަރަށް ފުންކޮށް ލޯބިވާ ބައްޕަގެ މޫނަށް ބަލާލުމަށްފަހު އެ ކޮޓަރިން ނިކުމެ މަންމަ ހިނަވާފައި އޮތް ކޮޓަރިކޮޅަށް ވަދެ ވަރަށް ފުންކޮށް މަންމަ އަށް ބަލައިލީމެވެ. އަދި ނިތްކުރިފުޅަށް ބޮސްދިނުމަށްފަހު މަންމަ އަރިހުގައި އިށީނދެލީމެވެ. އަދި އެއާ އެކު ހުއްޓުމެއްނެތި ދެލޮލުން ކަރުނަތައް އޮހެންފެށިއެވެ. އާދެ ގިސްލާރޮވެންފެށިއެވެ. މިއީ ލޯބިވާ މަންމަ އާއި ބައްޕަގެ އެންމެ ފަހުގެ ފެނިލުންކަން ޔަޤީންވިއެވެ. އެ ލޯބި ފިރުމުންތަކާއި ހިނިތުންވުމާއި ބައްދާލުންތަކުގެ ނިމުންކަން އިހުސާސްވިއެވެ. ކޮންމެ އިންސާނަކަށްވެސް އަންނާނެ ދުވަހެއްކަން އިހުސާސްކުރެވުނެވެ. ހިތްކުދި ކުދިވިއެވެ. ލޯބިވާ މަންމަ އާއި ބައްޕައަށް ތާއަބަދަށް އަލްވަދާޢު ކިޔަންޖެހޭ ވަޤުތު އައިސް ޖެހުނީއެވެ.

އަސްރު ވަޤުތު އައިސް ކައިރިވަނީއެވެ. ގޭތެރެ ވަނީ ފުރިބާރުވެފައެވެ. ހިތާމައިގެ ހިޔަންޏަކުން ހިޔަނި އެޅިފެއެވެ. ބައްޕަ އާއި މަންމަ މޫނު ދެކެލަން އައިސް ތިބި ހެޔޮ އެދޭ ގާތް ތިމާގެ އަވައްޓެރިންނާއި ރައްޓެހިންނެވެ. ދައުލަތުގެ ވަޒީރުންނެވެ. އެއިރުގެ ރައީސުލްޖުމްހޫރިއްޔާވެސް މެއެވެ. ކޮންމެއަކަސް ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކާ އެކު ލޯބިވާ ބައްޕަގެ މޫނު އެޅުމުގައި ބައިވެރިވީމެވެ. އެންމެ ފަހު ވަޤުތު މަންމަ އަދި ބައްޕަގެ ސަންދޯއްވެސް އުފުއްލަން ބޭނުންވިއެވެ. ކުރާނީ ކީއްތޯއެވެ؟ ހިފެން އޮތީ އެންމެ ސަންދޯކެއްގައެވެ. ކޮންމެއަކަސް ދެ ސަންދޯއް ގެއިން ނެރެގެން ގެންދިޔައީ ބާއިންޖީނުގޭ މިސްކިތަށެވެ. ޖުލައި 29، 1991 ވަނަ ދުވަހުގެ އަސްރު ނަމާދަށްފަހު ލޯބިވާ މަންމަ އާއި ބައްޕަގެ ކަށުނަމާދަށް ގޮވާލެވުނެވެ. ދެބޭފުޅުންގެ މައްޗަށް ކަށުނަމާދުކޮށް އަވަދިވެގެން ގެންދިޔައީ ގަލޮޅު ސަހަރާއަށެވެ.

ގަލޮޅު ސަހަރާގައި ދެ ބޭފުޅުން ވަޅުފުޅުލައި ހުރިހާ ކަމެއް ނިމުމަށްފަހު އެނބުރި ދަމުން ފަސް ބަލާލީމެވެ. އަދި ހިތާހިތުން އަލްވަދާޢު ކިޔަމުން ބުނެލީމެވެ. ލޯބިވާ މަންމާއެވެ. ލޯބިވާ ބައްޕާއެވެ. ވަރަށް ލޯބިވެއެވެ. ވަކިވާން ޖެހުމުން ހިތްކުދި ކުދިވެއްޖެއެވެ. އެކަމަކު އިންޝާﷲ ދުނިޔޭގައި ހުރިހާ ދުވަހަކު މަންމަ އާއި ބައްޕަ އަށް ހެޔޮ ދުޢާ ކޮށްދޭނަމެވެ.

އަޅުގަނޑު ކުޑަކުއްޖެއް ކަމުގައި ވީހިނދު ތިޔަ ލޯބިވާ މަންމަ އާއި ބައްޕަ އަޅުގަނޑު ބަލައި ބޮޑުކުރެއްވި ފަދައިން ތިޔަ ލޯބިވާ މަންމަ އާއި ބައްޕައަށް ﷲގެ ތަނަވަސް ރަހުމަތުން ހެޔޮ ރަހުމަތްލައްވާ ލޯބިވާ މަންމަ އާއި ބައްޕަގެ ކުއްތައް އަފޫ ކުރައްވާ، ކަށްވަޅުގެ އަޒާބުން ސަލާމަތް ކުރައްވާ، ނަރަކައިން މިންޖު ކުރައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ، ތިޔަ ލޯބިވާ މަންމަ އާއި ބައްޕަގެ ކަށްވަޅަކީ ސުވަރުގޭގެ ތަނަވަސް ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއް ކަމުގައި ލައްވާ، ލޯބިވާ މަންމަ އާއި ބައްޕަގެ ކަށްވަޅުގައި ﷲގެ ނޫރުފުޅުތަކުން އަލިގަދަ ނޫރެއްލެއްވުން އެދިއެވެ. ވަރަށް ލޯބިވެއެވެ. ޖަންނަތުގައި އެކުގައި ލެއްވުން އެދެމެވެ.

ކޮންމެއަކަސް މަންމަ އާއި ބައްޕަގެ ޖަނާޒާގެ ހުރިހާ ކަމެއް ނިމިގެން ގެއަށް އައުމަށްފަހު ބައްޕަގެ އަލަމާރި ހުޅުވާލީމެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އެންމެ މަތީގައި ބާއްވަވާފައި އޮތް ފޮތެކެވެ. އާދައިގެ ތާނަލިޔާ ފޮތެކެވެ. ފޮތުގެ ބޭރުގައި ނަން ޖަހަން ހާއްސަ ކޮށްފައި އޮންނަ ޖާގައިގައި ވޮންޑަރމާކަކުން "އެސްޓިމޭޓް" މިހެން ލިޔެފައި އޮތްތަން ފެނުމުން އެއީ ކޮން ފޮތެއްކަން ހަނދާންވެއްޖެެވެ. އެއީ ބައްޕަ އާއި މަންމަ ފުރާވަޑައިގަތް ދުވަހުގެ ކުރީ ރޭ ބައްޕަ އެއްޗެއް ލިޔުއްވަން އިންނެވި ފޮތެވެ. އަވަސްއަވަހަށް އެފޮތް ހުޅުވާލީމެވެ. އަދި ބަލާލުމުން މާކަ ގިނަ އެއްޗެއް ލިޔުއްވާފައި ނެތްކަން ފާހަގަވިއެވެ. ނަމަވެސް ފުރަތަމަ އެލި ޔުއްވަން ފެއްޓެވި އެއްޗެއް އެތައް ސަފުހާއެއް ފަތަހަކޮށްފައިވާކަން އެނގުނެވެ. އެ ހިސާބުން އެލިޔުން ކިޔަންފެށީމެވެ. އަދި ކިޔަމުން ދިޔަވަރަކަށް ކަރުނުން ދެލޯ ފުރެމުން ދިޔައެވެ. ހިތަށް ތަދުވަމުން ދިޔައެވެ.

އާދޭހެކެވެ. އެ ލިޔުމުގެ ކުޑަކުޑަ ތަންކޮޅެއް ހިމަނާލާނަމެވެ. "ދަރިފުޅާއެވެ. ދަރިފުޅުމެން ބައްޕަގެ މި ލިޔުން ކިޔަމުންދާއިރު ބައްޕަވާނީ ތިޔަކުދިންނާއި އަބަދުގެ އަބަދަށް ވަކިވެ ގޮސްފައެވެ." މީގެ އިތުރުން މަންމަ އަށް ހެޔޮކޮށް ހިތުމަށާއި އަބަދުގެއަބަދަށް ލޯތްބާއި އިހުތިރާމާ އެކު މަންމަ ބެލުމަށް އެދި ވަޑައިގެންފައިވެއެވެ. ހެޔޮ ނަސޭހަތްތަކާއި އިރުޝާދުތަކުން ފުރިފައިވާ ލިޔުމެކެވެ. އާދެ ވަސިއްޔަތެކެވެ. އެ ވަސިއްޔަތް ކިޔާލުމަށްފަހު ހިތަށް އެރިއެވެ. ﷲގެ ކުޅަދުންވަންތަކަމެވެ. ބައްޕައަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުންނެވި ބޭފުޅެކެވެ. އެއްވެސް ބޮޑު ބައްޔެއް ހުރިކަން ފާހަގަކުރެވިފައެއްނުވެއެވެ. އަދި އެއްވެސް ބައްޔަކަށްވެސް އެވަޤުތު ފަރުވާ ހޯއްދަވަމަކުން ވެސް ނުގެންދަވައެވެ. ދެން ބައްޕަ އެފަދަ ވަސިއްޔަތެއް ލިޔުއްވަން ޖެހުނީ ކީއްވެބާއެވެ؟ އަދި އެފޮތް އެހާ ފަސޭހައިން ފެންނަ ގޮތަށް ބާއްވަވައިފައި އޮތީ ކީއްވެބާއެވެ؟ ހައްތާހާވެސް ސުވާލެވެ. އޭގެ ޖަވާބު ލިބުމެއްނުވާ ސުވާލުތަކެކެވެ.

މަރުހޫމް މޫމިނާ އަލިދީދީ އާއި މުހައްމަދު ޝާކިރު

މަންމަ އާއި ބައްޕަ އަވަހާރަވީތާ މިއަދަށް 31 އަހަރު ފުރުނީއެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ ހަނދާންތައް އިއްޔެ ވީކަމެއްހެން ހަނދާން ހުރެއެވެ. އަޅުގަނޑުގެ ދުޢާ އަކީ އެއްވެސް އާރެއް ބާރެއް ނެތް ކުޑަ ކުއްޖެއްގެ ގޮތުގައި އަޅުގަނޑު ވީހިނދު، ލޯބިވާ މަންމަ އާއި ބައްޕަ އަޅުގަނޑު ބަލާ ބޮޑުކުރެއްވި ފަދައިން ލޯބިވާ މަންމަ އާއި ބައްޕައަށް ﷲ ތަނަވަސް ރަހުމަތުން ހެޔޮ ރަހުމަތްލައްވާ، މަންމަ އާއި ބައްޕަގެ ކުއްތައް އަފޫކުރައްވައި، ފާފަ ފުއްސަވައި، ކަށްވަޅުގެ އަޒާބުން ސަލާމަތް ކުރައްވައި، ނަރަކައިގެ އަޒާބުން މިންޖު ކުރައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތްތައް މިންވަރު ކުރައްވައި، ލޯބިވާ މަންމަ އާއި ބައްޕަގެ ކަށްވަޅަކީ ސުވަރުގޭގެ ތަނަވަސް ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއް ކަމުގައި ލައްވައި، ﷲގެ ނޫރުފުޅުތަކުތެރެއިން އަލިގަދަ ނޫރެއް އެކަށްވަޅުތަކުގައި ލެއްވުމެވެ! އާމީން!

އެޑިޓަރުގެ ނޯޓު:

މި ހާދިސާއާ ގުޅިގެން، އުސެއިދުގެ ބޭބެ ޕެންޒީމާގޭ މައުސޫމް ޝާކިރު އޭރު ވަނީ "އެ ރޭ ހާދަ ރުއިމޭ.." މި ނަމުގައި ވަރަށް އަސަރުގަދަ ޅެމެއް ހައްދަވައިފައެވެ. ވަރަށް އަސަރު ގަދަ ރާގަކަށް މި ލަވަ ކިޔައިފައި ވަނީ މަޝްހޫރު ލަވަކިއުންތެރިޔާ އުމަރު ޒާހިރެވެ.

އެރޭ ހާދަ ރުއިމޭ…

ޅެން: މައުސޫމް ޝާކިރު

އެރޭ ހާދަ ރުއިމޭ ހަނދާންވޭ އެ މަންޒަރު،
ދުށީން ދާދި ކައިރީން ނިދާލާފަ ވާތީ

ހިތަށް ކެތް ނުވީއޭ، ފުރާ ލޯބި ކަރުނުން
ހުރީ ރޯލަރޯލާ ހަނދާން އާވަނީއޭ

ހީނލާނުހޭ އެއްފަހަރު ހީނލަދީ
ހިތް ހީވިއޭ ކިޔާ ރޮނީ ވަކިނުވޭ

ނުލިބޭނެ އަލުން ހިތަކަށް އުފަލެއް
ހިނިތުންވެ ގޮވާހެން ހީވެ ދުރުން

ބަލާލީމާ ތަސްވީރު ހަނދާން އާވަނީއޭ
ދުށީން ދާދި ކައިރީން ނިދާލާފަ ވާތީ

ވިއްސާރަ ތޫފާނަކަށް ވީ އެރޭ
ގިސްލާ ރޮވޭ ވީ ގޮތުންނޭ އެރޭ

ފެނުމެއް އަލަކުން ހަމަ ގައިމު ނުވޭ
ގެންދާށެ ރޮމުން ބުނެލީމެ އެކީ

ހުރީ ކާކުހޭ އަދު މިތާ ހެޔޮ އެދޭނޭ
ދުށީން ދާދި ކައިރީން ނިދާލާފަ ވާތީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
116
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *