Support Us

ކިރުގެ ފައިސާ ކިރަށެވެ. ފެނުގެ ފައިސާ ފެނަށެވެ.

ބުނެވޭ ގޮތުގައި މީހަކު ކިރު ވިއްކަން އުޅުނެވެ. އެ މީހާއަކީ އެންމެ ފުރަތަމަ އެއްވެސް އޮޅުވާލުމެއް ނެތި ސާފު ކިރު ވިއްކަމުންދިޔަ މީހެވެ. އެހެންވުމުގެ ސަބަބުން އޭނާގެ އަތުން ކިރުގަންނަން ވަރަށް ގިނައިން މީހުން އާދެއެވެ. އޭނާގެ އަތުން ފިޔަވާރިކުރާ މީހުން ވަރަށް ގިނައެވެ. ދުވަސްތައް ތަކުރާރުވަމުން ގޮސް، ކިރު ވިއްކާ މީހާ ލިބޭ ފައިދާ އިތުރު ކުރުމަށް، ވިއްކާ ކިރުގެ ދެބައިކުޅަ އެއްބަޔަށް ފެން އަޅައިގެން އޭނާގެ އާދަޔާ އެއްގޮތްވާ ގޮތުގެ މަތިން ބާޒާރަށް ގޮސް އެ ކިރު ވިއްކަމުން ދިޔައެވެ. އޭނާ އެގޮތަށް ކަންކުރާ ކަމެއް އެއްވެސް ކަސްޓަމަރަކަށް ނޭނގެއެވެ. އެއީ އެމީހުން އެއަށްވުރެ ބޮޑަށް އޭނާއަށް އިތުބާރު ކުރާތީއެވެ.

ކޮންމެ ދުވަހަކުވެސް އެގޮތަށް ކިރު ވިއްކަން ފެށުމުން އޭނާއަށް ދެގު ނަފައިދާ ލިބެއެވެ. އެގޮތުން އެއް ދުވަހަކު، އެކަމާ އުފާކުރަމުން ގެއަށްދާން ދިޔަ މަގުމަތީގައި އަރާމުކޮށްލުމަށްޓަކައި ގަހެއްގެ ހިޔަލުގައި އިށީނެވެ. އެ ގަސް ހުރީ އެތާ އޮތް ކޯރެއްގެ އައްސޭރީގައެވެ. އޭނާ އެ ގަސްދޮށުގައި އިންދާ ގަހުން ފޭބި ރާމާމަކުނެއް އޭނާ ފައިސާ އަޅާފައިވާ ދަބަސް ނެގިއެވެ. އެ ދަބަސް ރައްދުކުރޭތޯ އެތައް މަސައްކަތެއް ކޮށް ހަޅޭލަވާ ހެދުމުންވެސް އެ ފައިސާ ދަބަސް ލިބޭގޮތެއް ނުވިއެވެ.

ގަހުގެ މައްޗަށް އަރާ ރާމާމަކުނު ފައިސާ ދަބަސް ހުޅުވާލުމަށްފަހު ކޯރަށް ފައިސާ ފޮއްޗެއް، އޭނާ ދިމާޔަށް ފައިސާ ފޮއްޗެއް އެއްލަމުން ގޮސް ދަބަހުގައި ހުރި ހުރިހާ ފައިސާއެއް ހުސްކޮށްލިއެވެ. ކިރު ވިއްކާ މީހާ ރާމާމަކުނު އެއްގަމަށް އުކި ފައިސާ ފޮތިތައް ނަގައިގެން ގުނި އިރު އަސްލު ކިރު ވިއްކައިގެން ލިބޭނެ އަގަށް ވާވަރަށް އޭގައި ފައިސާ ހުއްޓެވެ.

ކިރު ވިއްކާ މީހާ ހިނިތުންވެލުމަށްފަހު ބުންޏެވެ. ޙައްޤަކާ ނުލައި އަތުލާ ކޮންމެ އެއްޗަކީ ބާޠިލް އެއްޗެކެވެ. ކިރުގެ ފައިސާ ކިރަށެވެ. ފެނުގެ ފައިސާ ފެނަށެވެ. މި ބަހަކީ އެތައް ޒަމާނަކަށް މިސާލެއްގެ ގޮތުގައި މީހުން ބޭނުން ކުރަމުންދާ މިސާލަކަށް ވިއެވެ.