Support Us

މަރުގެ އަޖަލް އައުމުން…

އައް ޝައިޚް އަލީ އައްތަންތާވީ ވިދާޅުވެފައިވެއެވެ. އެއް ދުވަހަކު ސީރިއާގެ މަގެއްގައި ޓްރަކެއް ދުއްވަމުން ދަނިކޮށް، ހިނގައިފައި ދިޔަ މީހަކު އެ ޓުރަކު ހުއްޓުވާފައި އޭނާ ވަކި ހިސާބަކަށް ގެންގޮސްދިނުމަށް ޑުރައިވަރުގެ ގާތުގައި އެދުނެވެ. ފަހެ ޑުރައިވަރު އެކަމަށް އެއްބަސްވެ އެމީހާ ޓުރަކަށް އެރުވިއެވެ. އޭނާ އިނީ އެއްވެސް ހިޔާވަހިކަމެއް ނެތް ޓުރަކުގެ ފަހަތުގައެވެ. އިސާހިތަކު ބޯކޮށް ވާރޭވެހެން ފެށިއެވެ. އޭރު ޓުރަކުގެ ފަހަތުގައި މީހުން ވަޅުލާ ކަހަލަ، ހުހަށް އޮތް ބޮޑު ސަންދޯކެއް ބާއްވާފައި އޮތެވެ. އެހެން ކަމުން މި މީހާ ވާރޭ ހިޔާވާންވެގެން ސަންދޯއް ތެރެއަށް އެރި ހިޔާވަހިކަން ހޯދިއެވެ.

އިރުކޮޅަކުން ވާރޭ ހުއްޓާލިއެވެ. އަދި އެ ތަންވަޅު ހިނގައިފައިދިޔަ ދެވަނަ މީހަކުވެސް އެހީއަކަށް އެދުމުން ޑުރައިވަރު އޭނާވެސް ޓުރަކަށް އެރުވިއެވެ. ދެވަނަ މީހާވެސް ގޮސް ޓުރަކު ފަހަތުގައި އޮތް ސަންދޯއް ކައިރީގައި ހުރި ގޮނޑިއެއްގައި ހަމަޖެހިލައިގެން އިށީނދެއްޖެއެވެ. އޭނާ ހީކުރީ ޓުރަކުގެ ފަހަތުގައި އިނީ އޭނާ އެކަނި ކަމަށެވެ. ނަމަވެސް ކަންތައްވީ އޭނާ ހީވެސް ނުކުރާ ގޮތަކަށެވެ. ކުއްލިއަކަށް ސަންދޯއް ތެރޭގައި އޮތް މީހާ، ވާރޭ ހުއްޓާލިތޯ ބަލާލަންވެގެން، އެއްވެސް އިޝާރާތެއް ކުރުމެއް ނެތި، އޭނާގެ އަތް ސަންދޯއް ތެރެއިން ބޭރަށް ނެރެލިއެވެ. އެ ހިނދު މަރުވެފައި އޮތް މީހަކު ދިރިގެން ތެދުވަނީ ކަމަށް ހިތައި ދެވަނައަށް އެރި މީހާ ސިއްސައިގެން ގޮސް ޓްރަކުން ވެއްޓި، ޕޭވްމަންޓް މަތީގައި ބޯޖެހި، ވަގުތުން މަރުވިއެވެ.

މިފަދަ އެހެން ހާދިސާއެއްވެސް ޝައިޚް އައްތަންތާވީ ކިޔައިދެއްވިއެވެ. އެގޮތުން އެއް ދުވަހަކު މީހުން ފުރި ބާރުވެފައިވާ ބަހެއް ދުއްވަމުން ދަނިކޮށް ޑްރައިވަރު ކުއްލިއަކަށް ބްރޭކަށް ފިތާލިއެވެ. އެހިނދު ފަސިންޖަރުންތައް އޭނާ ކުރެން ސުވާލުކުރިއެވެ. ކޮން ކަމެއް ގޯސްވީތޯއެވެ؟ ޑުރައިވަރު ބުންޏެވެ. "އަހަރެން މި މަޑުކުރީ ބަހަށް އެރުމަށްޓަކައި އަތްހޫރުވަމުން އެ އަންނަ މުސްކުޅި މީހާ އެރުވުމަށްޓަކައެވެ."

އެހިނދު ފަސިންޖަރުން ހައިރާންކަމާއެކު ބުންޏެވެ. "އަހަރެމެންނަށް އެއްވެސް މީހަކު ނުފެނެއެވެ." ޑުރައިވަރު އަތުގެ އިޝާރާތުން މީހަކު ދައްކާފައި ބުންޏެވެ. "އެހެންނަކުން ނުވާނެއެވެ. ކަލޭމެން އެ ދިމާލަށް ބަލާބަލާށެވެ. އެހެރަ އަންނަނީ ނޫންހެއްޔެވެ؟"

ފަސެންޖަރުން އަނެއްކާވެސް ތަކުރާރުކޮށް ބުންޏެވެ. "އަހުރެމެންނަށް އެއްވެސް މީހަކު ނުފެނެއެވެ."

އެހިނދު ޑުރައިވަރު ވަރަށް ޔަޤީންކަމާ އެކު ބުންޏެވެ. "މިހާރު ބަލާބަލާށެވެ. އޭނާ އެ އަންނަނީ ބަހަށް އަރާށެވެ."

ފަހެ ފަސިންޖަރުންތައް ޚައިރާންވެ އަންތަރީސްވެފައި ގޮވައިގަތެވެ. "الله ގަންދީ ބުނަމެވެ. އަހަރެމެންނަށް އެއްވެސް މީހަކު ނުފެނެއެވެ."

އެއަށްފަހު ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދެން ފެނުނީ ޑްރައިވަރު އޭނާގެ ގޮނޑީގައި މަރުވެފައި އިންދައެވެ.

ނިކަން ވިސްނާލަބަލާށެވެ. މަރު އޭނާއާ ބައްދަލު އެ ކުރީ ހީވެސް ނުކުރާ ވަގުތެއްގައެވެ. އޭނާ އެންމެ ބިޒީ ވަގުތުގައެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވެއެވެ. فَإِذَا جَاءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ މާނައީ: ފަހެ، އެއުރެންގެ أجل އައުމުން، އެންމެ ހިނދުކޮޅަކަށްވެސް އެއުރެންނަކަށް ލަހެއްނުކުރައްވާ ހުށްޓެވެ. އަދި އަވަހެއްވެސް ނުމެކުރައްވާ ހުށްޓެވެ. ]7:34]

  • މަސްދަރު: ޑޯންޓް ބީ ސެޑް (މަރުގެ ބާބު)/ އާއިދް ބުނު ޢަބްދުﷲ އަލްޤަރްނީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *